ލޯނެއް ނުދައްކާ އޮތުމުން މެމްބަރު ޝަމްހީދަށް ގޮނޑި ގެއްލުމުގެ ބިރު!

11 Nov 2026 | 20:30
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޝަމްހީދު -- ފޮޓޯ: މަޖިލީސް

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޝަމްހީދު -- ފޮޓޯ: މަޖިލީސް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 281,474.28 އެމެރިކާ ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޝަމްހީދުގެ މައްޗަށް އިއްޔެ ޙުކުމްކޮށްފިއެވެ.

އެމްއައިބީން ދޫކުރި ފަސް ލައްކަ ޑޮލަރުގެ ފެސިލިޓީއެއްގެ ފައިސާ ނުދެއްކި ދެ ކުންފުންޏަކާއި ޒިންމާވާ އަމިއްލަ ފަރުދުންގެ މައްޗަށް ބޭންކުން ދައުވާ ކުރި މި މައްސަލައިގައި ޝަމްހީދު ހިމެނިވަޑައިގަންނަވައެވެ. ކޯޓުގެ ޙުކުމުގައި ކަނޑައެޅީ ނުދައްކައި ހުރި 244,826.52 ޑޮލަރާއި ޗާޖަސްގެ ގޮތުގައި އެރި 36,647.76 ޑޮލަރު — ޖުމްލަ ގާތްގަނޑަކަށް 4.3 މިލިއަން ރުފިޔާ — ކަނޑައެޅި މުއްދަތުގެ ތެރޭގައި ބޭންކަށް ދައްކައި ޚަލާސް ކުރުމަށެވެ.

Advertisement

މި ދަރަންޏަކީ ޝަމްހީދު ހިމެނިވަޑައިގަންނަވާ ގޮތަށް ދައުވާ ލިބޭ ހުރިހާ ފަރާތުން ވަކިވަކިންނާއި އެކީ ޒިންމާ އުފުލަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކޯޓުން ކަނޑައެޅިއެވެ.

މި ޙުކުމާ ގުޅިގެން ޝަމްހީދުގެ މެންބަރުކަމުގެ ޝަރުތާ މެދު ސުވާލު އުފެދެއެވެ. ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ގައި ބުނާ ގޮތުން، ސާބިތު ދަރަންޏެއް އޮތް މެންބަރަކު ކޯޓު ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާ ނުކުރާ ނަމަ މެންބަރުކަމުން ވަކިވާނެއެވެ. ޝަމްހީދު ކަނޑައެޅި މުއްދަތުގައި ފައިސާ ނުދައްކަވައިފި ނަމަ ގޮނޑި ގެއްލުމުގެ ފުރުޞަތު ބޮޑެވެ.

މި ޙުކުމް އައިއިރު ޝަމްހީދު ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.

ހަމަ މި 20 ވަނަ މަޖިލީހުގައި، ދަރަންޏެއް އަދާނުކޮށް ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާންގެ ގޮނޑި މިދިޔަ އެޕްރީލް މަހު ސުޕްރީމް ކޯޓުގެ ހުކުމަކުން ގެއްލިފައިވެ އެވެ. ސިނާންގެ ގޮނޑި ގެއްލުނީ އެމްއައިބީން ނެގި 3.8 މިލިއަން ރުފިޔާގެ ލޯނެއް ޙުކުމާ އެއްގޮތަށް ގަވާއިދުން ދެއްކެވި ކަމަށް ސާބިތުނުވެގެންނެވެ.

އެ ދާއިރާއަށް ފަހުން ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް، އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް (ސޯބެ) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް