މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ކެއްކުމުގެ މުބާރާތް "ރަހަވަރު" ގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 19 ވާ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލައިފިއެވެ.
މިއީ މި މުބާރާތް ބާއްވާ ތިންވަނަ ފަހަރު ކަމަށްވާއިރު، މުބާރާތް އޮންނާނީ އަންނަ މަހުގެ 12 ވާ ހޮނިހިރު ދުވަހު ހުޅުމާލޭގައެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނާއި ކެއްކުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމާއި، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް ކާބޯތަކެތީގެ ރައްކާތެރިކަމަށް އެ ދާއިރާއިން ހިއްސާކުރާ މިންވަރު ފާހަގަކޮށް، އައު އުފެއްދުންތަކަށް ހިތްވަރު ދިނުމެވެ.
މި އަހަރުގެ މުބާރާތުގައި ތައްޔާރުކުރަން ޖެހެނީ ބޯވަދިލަމަސް ބޭނުންކޮށްގެން ތައްޔާރުކުރާ އެއް ސްޓާޓަރ އަދި ކުރުމަސް ބޭނުންކޮށްގެން ތައްޔާރުކުރާ އެއް މެއިން ކޯހެވެ.


މުބާރާތުން އެއްވަނައަށް ދާ ޓީމަކަށް 15،000 ރުފިޔާ، ދެވަނައަށް 10،000 ރުފިޔާ އަދި ތިންވަނައަށް 7،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅާފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު (https://forms.gle/mhq59qjJrvNKdTkGA) މެދުވެރިކޮށް ހުށަހެޅޭއިރު، އިތުރު މަޢުލޫމާތާއި ޤަވާޢިދު ވުޒާރާގެ ލިންކު (https://fishagriocean.gov.mv/dv/media/announcements/341) އިން ލިބެން ހުންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް