ޑރ. އަޙްމަދު ޝަމްހީދު -- ފޮޓޯ: މަޖިލީސް
ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަށް އެމްއައިބީން ދޫކުރި ލޯނެއްގެ ގެރެންޓީގައި ސޮއިކުރެއްވުމުން ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ދަރަނި އަދާކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.
ޝަމްހީދު މި ވާހަކަ ހާމަކުރެއްވީ، އެ ކުންފުންޏަށް ބޭންކުން ދޫކުރި 500,000 ޑޮލަރުގެ "ސޭލް އެންޑް ލީސްބެކް ފެސިލިޓީ"އަށް ފައިސާ ނުދެއްކި މައްސަލައިގައި، ޝަމްހީދު ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް މީހެއްގެ މައްޗަށް މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ. ހުކުމުގައި ބުނެފައިވާ ގޮތުން، އެ ފަސް ފަރާތުން ހަ މަސް ދުވަހުގެ ތެރޭގައި 36,647.76 އެމެރިކާ ޑޮލަރާއި، ގަވާއިދުން ފައިސާ ނުދެއްކުމުން ކޮންމެ މަހަކު އަރަމުންދާ ޖޫރިމަނާ އާއި "ޗެރިޓީ"ގެ ފައިސާ ވެސް ދައްކަންޖެހެއެވެ.
ބަޔާނުގައި ޝަމްހީދު ވިދާޅުވީ، ޑުޕްލެކްސް އަކީ ކުރީގެ ރައްޓެހިންތަކަކާ ގުޅިގެން ވިޔަފާރިއެއް ހިންގަން އުފެއްދެވި ކުންފުންޏެއް ކަމަށާއި، އެ ލޯނު ނެގީ ކުންފުނީގެ ބައެއް ހިއްސާދާރުންގެ އަމިއްލަ ބޭނުމަކަށް ކަމަށެވެ. ނަމަވެސް ލޯނު ނެގޭ ގޮތް ހެދުމަށް ގެރެންޓީ ދެއްވީ ކަމަށް ވިދާޅުވިއެވެ. ލޯނަށް ފައިސާ ނުދައްކާ ކަން އެނގިވަޑައިގެންނެވި ހިސާބުން ކުންފުނީގެ ފައިނޭންސާ ހަވާލުވެ ތިބި ފަރާތްތަކާ ވާހަކަ ދައްކަވައި، ދެއްކުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވިއެވެ.
"ނަމަވެސް އެ ފަރާތްތަކުން ފައިސާ ނުދައްކާތީވެ، އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން އެ ހިސާބުން ފެށިގެން މިއަދާ ހަމައަށް މިގެންދަނީ ފައިސާ ދައްކަމުންނެވެ،" ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، ކޯޓަށް މައްސަލަ ހުށަހެޅުމުން ވެސް ޑުޕްލެކްސް ކުންފުނީގެ ހިންގުމާ ހަވާލުވެ ތިބި ބައެއް ފަރާތްތަކުން ޖަވާބުދާރީވެފައެއް ނުވެއެވެ. އަދި އެ ކުންފުނީގެ ހިންގުމުގައި އިސްކޮށް ތިބި މީހުން މިހާރު ސިޔާސީ ގޮތުން ވާދަވެރި ކެންޑިޑޭޓަކަށް ތާއީދުކުރާ ކަމަށާއި، އެ މީހުން މި މައްސަލައިގެ ބޭނުންކޮށް އޭނާގެ އަބުރު ނަގައިލަން މަސައްކަތް ކުރާ ކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ.
"މި ލޯނަކީ އަޅުގަނޑުގެ ބޭނުމަކަށް ނެގި ލޯނަކަށް ނުވި ނަމަވެސް ގާނޫނީ ގޮތުން އަޅުގަނޑާ މަތިކުރި މި ދަރަނި މާތް ﷲ ގެ ވާގިފުޅާއެކު ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކައި ހަލާސް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ޝަމްހީދު ވިދާޅުވިއެވެ.
2028 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ވެސް މަސައްކަތް ކުރައްވާ ޝަމްހީދުގެ މައްޗަށް ދަރަނި ދެއްކުމަށް ހުކުމް ކުރީ އަންގާރަ ދުވަހުން ފެށިގެން ހަ މަސް ދުވަސް ތެރޭ އެ ފައިސާ ދެއްކުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް