ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ ބޭންކުން މާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފި

ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން މާލޭގައި ފުރަތަމަ ފަހަރަށް ބިޒްނަސް ސެންޓަރެއް ބޮޑުތަކުރުފާނު މަގުގައި ހުންނަ ފަސްމީރު ބިލްޑިންގ ގައި ހުޅުވައިފިއެވެ. ބިޒްނަ...

12 Nov 2019 | 16:43

ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން މާލޭގައި ފުރަތަމަ ފަހަރަށް ބިޒްނަސް ސެންޓަރެއް ބޮޑުތަކުރުފާނު މަގުގައި ހުންނަ ފަސްމީރު ބިލްޑިންގ ގައި ހުޅުވައިފިއެވެ.

ބިޒްނަސް ސެންޓަރު ހުޅުވައިދެއްވީ މިކަމަށް ހާއްސަ ކުރެވިގެން މިރޭ ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއިލް އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މައުލޫމާތުދޭގޮތުގައި މި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތިބޭނެއެވެ. ވިޔަފާރި އާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ ފަދަ މަރޗަންޓް ހިދުމަތްތަކަށް އެހީތެރިކަން މި މުވައްޒަފުންގެ ފަރާތުން ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް ގެ ލޯން ޕޯޓްފޯލިއޯ އަށް ބަލާއިރު މިހާރުވެސް އެކި އެކި ދާއިރާގެ ވިޔަފާރި ހިންގާ 1300 ވިޔަފާރި ތަކަށް 800 މިލިއަން އަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރެވިފައިވާކަމަށާއި މި އާ ބިޒްނަސް ސެންޓަރު މެދުވެރިކޮށް ބޭންކްގެ ތަޖްރިބާކާރު މުވައްޒަފުންގެ ފަރާތުން ވިޔަފާރިތަކަށް އެންމެ އެކަށޭނެ މާލީ އެހީތެރިކަން ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަރަމުން އަންނަ ވިޔަފާރިތަކުގެ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުން" އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިގޮތުން، ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރު ތެރޭގައި އައްޑޫ ސިޓީ ގައި ބިޒްނަސް ސެންޓަރެއް ވަނީ ހުޅުވާފައެވެ. ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކައިރި މުސްތަގްބަލެއްގައި މިފަދަ ސެންޓަރުތައް ހުޅުމާލެ އަދި ކުޅުދުއްފުށީގައި ވެސް ހުޅުވިގެންދާނެ ކަމުގައި ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް