"ހަމަ ސަހާދެއްފަތަ ތެދެއް އަހަރިން އެސޮރަ ފެނިއްޖައްވާ އަހާން 'ޅޭއް ކޮބައިދޯއޭ އިނބޭން އެހައިވަރަށް މި ޤައުމުދެކެ ވީލޯބި.'" ފޮނަދޫގެ އުމުރުން ދުވަސްވެފައިވާ ބޭބެއެއް މިއަދު އަހަންނާ ދިމާވެގެން ދެއްކި ވާހަކަތަކުން ވަރަށް އަޅައިގަންނަ ޖުމްލައެއް ބުންޏެވެ. އެމީހާ އެބުނާ 'އެސޮރަކީ' ކާކުކަން ދެނެގަންނާން އަހަންނަށް އުނދަގޫ ނުވީ ދެއްކި ވާހަކައިގެ ގޮތުންނެވެ.
ދެބައި އުމުރަށް ގޮސްފައިވާ އެބޭބެ އެބުނީ ދޮގުވާހަކައެއްވެސް ނޫނެވެ. ދެއިރު ދެދަޅައަށް ކާބޭހެއް ފަދައިން، ނޫސްވެރިންގެ ބައްދަލަވުންތައް ބާއްވާފައި އިއްޔެއާއި ޖެހެންދެން އެބުނާ އެސޮރެއް ވެސް، އަދި އެސޮރު ނިސްބަތްވާ ޕާޓީގެ މީހުންވެސް ދެވަނަ އެހެން ވާހަކައެއް ނުދައްކައެވެ. 'ޤައުމިއްޔަތޭ، ޤައުމުދެކެ ލޯބިވަމޭ، ދީނާއި ޤައުމަށްޓަކައޭ' ކިޔައިގެން ވާހަކަތައް ދެއްކިއިރު ހީވީ 'ބިޓެއް ސެޓްކުރަން' ވެގެން އަންހެން ކުއްޖާ ކައިރީގައި ވަމުންދިޔަ ހުވާތަކެއްހެންނެވެ. އަހުދުތަކެއް ހެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައިވެސް ނިމެމުންމިދާ ސަރުކާރަށް ތާއިދުކޮށްގެން ތިބި ޢިއްޒަތްތެރި މެންބަރުންވެސް 'ކަރަށް ނާރު ނަގާފައި' ދެއްކީ ހަމަ އެވާހަކަތަކެވެ. އެމީހުން މި ލޮބުވެތި ދިވެހި ޤައުމުދެކެ ލޯބިވާ ވާހަކައެވެ. ލޮބުވެތި ފަސްގަނޑުގެ ހިމާޔަތުގައި އެންމެ ފަހު ވިންދާ ޖެހެންދެންވެސް ތިބޭނެ ވާހަކައެކެވެ. މާތްވެގެންވާ އިސްލާމް ދީނާއި ލޮބުވެތި ޤައުމުގެ ދިފާޢުގައި ކެރިގެން މޭ އައްޑަނައަކަށް ދިއްކޮށްގެން ތިބޭނެ ވާހަކައެވެ. ނަމަވެސް ދެއްކިހާވާހަތައް ތޮޅިއަށް ހިނގައްޖެކަން މިއަދު މި ލޮބުވެތި ޤައުމުގެ މަގެއް މައްޗަށް ބަލައިލިޔަސް ހެކިދޭނެއެވެ. ކިޔިހައި ޅެމެއް ފަރިއްސަށް ވެގެން ހިނގައްޖެކަން އެނގޭނެއެވެ.
'މާ ވަރަކަށް ގަޓް ހުރި ކަމު ޓެގް' އަޅުވައިގެން އުޅުއްވާ ރައީސް މީހާގެ ހިލަމެއް، ކަމާބެހޭ ވުޒާރާއެއްގެ ހިލަމެއްނުވެ، ޖުމްހޫރީ ދުވަހުގެ މެންދުރު ފަހަށް އެޅިއިރުވެސް، އެބުނާގޮތަށް މި ޤައުމުދެކެ މާބޮޑަކަށް ލޯބިވާކަމަށް ބުނަމުން އައި ބުނުމުގެ އެއްވެސް ކުލަވަރެއް ނުފެނުނެވެ. ނަމަވެސް 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ފަތްފުށްތައް ހާވާލުމުން 'ސުރުޚީ ހެދުމަށް ކުޅަދާނަ ސަރުކާރުން' ހަދާފައިވާ ވަރަށް ކުލަގަދަ ސުރުޚީއެއް ފެންނަން އެބައޮތެވެ.
”ޖުމްހޫރީ ރަންޔޫބިލް ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފި"
ސުރުޚީގެ ދަށުން ލިޔެފައިވަނީ ސަރުކާރުގެ ވަލިއްޔުލްއަމްރުގެ ވިދާޅުބަސްފުޅަކާއި ހަވާލާދީފައެވެ. "ރާއްޖޭގެ ޖުމްހޫރިއްޔާ އަށް އަންނަ އަހަރު 50 އަހަރު ފުރޭތީ އެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ." ކިހައި ފަށުވި، ކިހައި ކުލަގަދަ ސުރުޚީއެއްހެއްޔެވެ. މީގެ އަހަރެއްހައި ދުވަސްކުރިން ރާއްޖޭގެ ވެރިކަމުގައި ތިއްބެވި މި ޤައުމުދެކެ އެންމެ ލޯބިވާ ފަރާތްތަކުން ދެއްކެވި ވާހަކަ ހުރީ މިހެންނެވެ. ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމުގައި ބޭނުންކުރާނޭ ރަސްމީ ލޯގޯ އާއި ލަވަތައްވެސް އޭރު ތައްޔާރުކުރިއެވެ. ނަމަވެސް ދިވެހިރާއްޖޭގެ އެންމެ މަތީ ބާރުކަމަށްވާ ރައްޔިތުންގެ ބާރުން، މިހާރު ނިމެމުންމިދާ ވެރިކަމަށް މިދިޔަ ސެޕްޓެމްބަރ 23ގައި ނެގި ވޯޓުގައި ފިސާރި ބޮޑުތަނުން ނޫނެކޭ ބުނި ހިސާބުން ދެން ކަންތައް ވަމުންދާގޮތް ކޮންމެ ދުވަހަކު މި އަންނަނީ ފެންނަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގުދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވާހެން މި ނިމެމުންދާ ސަރުކާރަކީ 'އިދިކީއްޔަށް ބަޅުކޮށް ހިނގާ ސަރުކާރެއްކަމަށް' ހެކިވާނެ މިއަށްވުރެން ވަކީން ބޮޑު ކާފީ ހެއްކެއް ބޭނުންވާނެހެއްޔެވެ؟ އުޞޫލެއްގެ ގޮތުން ބަލާނަމަ، މިއަދަކީ މުޅި ޤައުމު އެކުގައި ކުލަބޮކިލައި، ފެއްސާރަތާއިހުދުގެ ދިދަތަކުން ޖަރީކޮށްފައި އޮންނާން ލާޒިމު ދުވަހެކެވެ. ނަމަވެސް ޤައުމަށް ޙަޤީޤީ ލޯތްބަކާއި ކުލުނެއް ހުރިބައެއް ނެތްތަނެއްގައި 'ނުލަފާ ދޮންއަމަޔަކު، އޭނާގެ ދޮންދަރިއަށް ހިތާނެ ވަރަށްވެސް' ނުހިތާނެކަން މިއަދު މިދަނީ ފެންނަމުންނެވެ.
ޤައުމުދެކެ ޙަޤީޤީ ލޯބިވާ ވެރިއެއްނަމަ، ގަޓްހުރި ވެރިމީހާ ހުންނަވާނީ މިއަދު އެއްކައިރިއަށް ޖެހިވަޑައިގެން އަލަށް ހޮވުނު ރައީސް ހުވާކުރެއްވުމަށް 'ކަންފަހި' ކުރައްވައިގެންނެވެ. އިސްތިޢުފާ ނުދެއްވިޔަސް، ޤައުމުގެ އެންމެ މަތީ ކޯޓު މެދުވެރިކޮަށްގެން އެމަގަށް މަގުކޮށުމަކީ ނުކުރެވޭނެކަމެއް ނޫންކަން ކަށަވަރެވެ. ކުރާނޭ ކަމެއްނެތެވެ. ދައްކަވަން ހުރިތަނެއް ދައްކަވާނެއެވެ. ޤައުމުދެކެ ޙަޤީޤީ ލޯބިވާ ދަރިންގެ ހިތުގެ އަޑިން ވޭނީ އާހް އިވިގެން ދިޔަޔަސް، ޤައުމާއި ރައްޔިތުންދެކެ ގިރިޓީ ލޯބިވާ ވެރިންނާއި އެވެރިންގެ ސަރުކާރުގެ މަދަދުގާރުންނަށް ކޮންމެގޮތެއްވެސް ވަރިހަމަވާނެ އެވެ. ޤައުމާއި ވަޠަނިއްޔަތުދެކެ ލޯބިވާ ދަރީންގެ ހިތުގެ ޝުޢޫރުތައް އެކި ގޮތްގޮތަށް މިއަދު ބަންޑުންވަމުންދަނީ ހިތާމައިގެ 'އާހް' ތައް ކަޅު ފިލާގައި ލިޔެގެންނެވެ.
"މިއަދަކީ ދިވެހި ޖުމުހޫރިއްޔަތަށް 50 އަހަރުފުރުނުތާރީޚީ ދުވަހެވެ. ޖުމުހޫރީ އުފާވެރި ރަންޔޫބީލެވެ. ރަންތަރިތަކުން ދިވެހިފަޒާ ޒީނަތްތެރިކުރާންޖެހޭ ދުވަހެކެވެ. އެހެނަސް، އެހެނަސް....އާހް..އާހް.."
– އަޝްރަފް ޢަލީ (ދިވެހިބަހުގެ އެކެޑެމީގެ ރައީސް) –
މިއީ ދިވެހި ޤައުމުދެކެ ޙަޤީޤީ ލޯބިވާ ހަމަ ކޮންމެ ދަރިއެއްގެ ހިތުގައިވެސް މިއަދު އުފެދޭ ވޭނީ 'އާހް' އެކެވެ. އެސޮރު ނިސްބަތްވާ ރަށުން ދިމާވި ބޭބެ އެބުނީވާ ދޮގެއް ނޫނެވެ. "ޅޭއް އިނބޭން އެހައިވަރަކަށް ޤައުމުދެކެ ވީލޯބި ކޮބައިދޯ؟" މިއީ ހަމަ އެވެރިންނާއި މިއަދު ކޮށްލުން ވަރަށް މުނާސަބު ސުވާލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް