ހޮންގކޮންގ އަތުން ރާއްޖެ ބަލިވެއްޖެ

ވަރލްޑް ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ އާއި ހޮންގކޮންގ މިއަދު ބައްދަލު ކުރި މެޗު ހޮންގކޮންގ އިން ކާމިޔާބު ކޮއްފިއެވެ. މާލޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކުރީ 1 ލަނ...

12 Nov 2015 | 14:01

ވަރލްޑް ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ އާއި ހޮންގކޮންގ މިއަދު ބައްދަލު ކުރި މެޗު ހޮންގކޮންގ އިން ކާމިޔާބު ކޮއްފިއެވެ.

މާލޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކުރީ 1 ލަނޑު 0 ލަނޑުންނެވެ. މިލަނޑު އެޓީމުން ކާމިޔާބުކުރީ 13ވަނަ މިނެޓުގައި ރާއްޖޭ ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޕައުލޯ ކަރެއިރޯ ބޯޅަ ހިފައިގެން ދާންއުޅުމުން ރާއްޖޭ ކީޕަރު އިމްރާން މުހައްމަދު ބޯޅަ ހޯދަން ޑައިވްކުރި ވަގުތު އިމްރާންގެ އަތުން ޕައުލޯގެ ފައިގައި ޖެހި އޭނާ ވެއްޓުމުން ލިބުނު ޕެނަލްޓީއަކުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެޓީމަށް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބި، ވަނީ ބޭކާރުވެފައެވެ.

އެއް ވަނައިގައި އޮތީ 15 ޕޮއިންޓާއެކު ގަތަރު އޮތް އިރު، މި ނަތީޖާއާއެކު ގްރޫޕް ސީގެ ދެވަނައިގައި އޮތް ހޮންގކޮންގ އަށްވަނީ 13 ޕޮއިންޓު ލިބިފައެވެ. ގްރޫޕްގެ ތިން ވަނައިގައި އޮތް ޗައިނާއަށް 10 ޕޮއިންޓް ލިބިފައި ވާއިރު މިއަދު އެޓީމު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 12-0 ލަނޑުންނެވެ. ގްރޫޕުގެ ހަތަރު ވަނައިގައި ރާއްޖެ އޮތީ 3 ޕޮއިންޓާއެކުއެވެ. ބޫޓާން އޮތީ ގްރޫޕުގެ ފުލުގައި ޕޮއިންޓެއް ނުލިބި އެވެ.

މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން  ކޯޗު ރިކީ ހާބަޓް ބުނެފައިވާ ފަދައިން އޭނާވަނީ ޒުވާން ކުޅުންތެރީން ބޭނުންކުރުމުގެގޮތުން މެޗުގެ 80 ވަނަ މިނެޓުގައި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ ބަދަލުގައި ޒުވާން ފޯވަރޑް ހަސަން ނާއިޒާއި ވައިސް ކެޕްޓަން މުޙައްމަދު އާރިފް (ބަކާ)ގެ ބަދަލުގައި އަލީ ފާސިރު ސެންޓޭއަށް ފުރުސަތު ދީފައެވެ. އަދި  87 ވަނަ މިނެޓުގައި ހަމްޒާ މުޙައްމަދު (ހަމްޕު)ގެ ބަދަލުގައި އަންސާރު އިބްރާހީމަށްވެސް ވަނީ ފުރުސަތު ދީފައެވެ.

މި މުބާރާތުގައި ރާއްޖެ ދެން ކުޅޭ މެޗުގައި ޗައިނާ އާވާދަކުރާނީ އަންނަ އަހަރުގެ މާރޗު މަހުގެ 24ވަނަ ދުވަހު ޗައިނާގައެވެ. އަދި މި މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މާރޗު މަހުގެ 29 ވަނަ ދުވަހު ކުޅޭނީ ބޫޓާނާ ދެކޮޅަށް ކުޅޭނީ ރާއްޖޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް