ޒުވާނުންނަށް ތަފާތު ފުރުސަތު ތަކަކާއެކު އެސްޓީއޯގެ ކެރިއާ ޑޭ އަންނަ ހުކުރު ދުވަހު

ތަފާތު ގޮތަކަށް ތަފާތު ހަރަކާތްތަކަކާއެކު ތަފާތު ފުރުސަތު ތަކަކާއެކު އެސްޓީއޯގެ "ކެރިއާ ޑޭ" އަންނަ ހުކުރު ދުވަހު ބާއްވަން ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ނިންމައިފި އެވެ. އެސްޓީއޯގެ ކެރިއާ ޑ...

12 Nov 2014 | 04:40

ތަފާތު ގޮތަކަށް ތަފާތު ހަރަކާތްތަކަކާއެކު ތަފާތު ފުރުސަތު ތަކަކާއެކު އެސްޓީއޯގެ "ކެރިއާ ޑޭ" އަންނަ ހުކުރު ދުވަހު ބާއްވަން ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ނިންމައިފި އެވެ.

އެސްޓީއޯގެ ކެރިއާ ޑޭ އާ ބެހޭގޮތުން ރޭ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީނިއާ މެނޭޖަރު ފާތިމަތު އަޝާން ވިދާޅުވީ އެސްޓީއޯގެ ކެރިއާ ޑޭ ކުރިއަށް ގެންދިއުމަށް ނިންމީ އެ ކުންފުނީގެ 50 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ހަރަކާތެއްގެ ގޮތުންނާއި ރާއްޖޭގެ ވަޒީފާގެ ފުރުސަތު ތައް ހުރި މިންވަރު ޒުވާނުންނަށް އަންގައިދީ އެ ވަޒީފާތަކަށް ކުރިމަތިލާ ކާމިޔާބު ކުރާނެ މަގު ކޮށައިދިނުމަށް ބާއްވާ ހާއްސަ ހަރަކާތެއް ކަމަށެވެ.

"50 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުން އަންނައިރު އަޅުގަނޑުމެން ބަލަމުން މިދަނީ ޒުވާނުންނަށް ކޮށްދެވޭނީ ކޮން ކަމެއްތޯ؟، ވަޒީފާ ނުލިބި އެބަތިބި ކިޔަވާ ނިމިފައިވާ ކުދިންނާއި، ވަކި ހިސާބަކުން ކިޔެވުން ހުއްޓާލާފަ ތިބި ކުދިން، އަޅުގަނޑުމެން ބޭނުންވަނީ އެ ކުދިންނަށް މަގު ދައްކައިދޭން، ވަޒީފާ ހުރީ ކޮން ކޮން ދިމާލެއްގައި ކަން އަންގައިދޭން" ފާތިމަތު އަސާން ވިދާޅުވި އެވެ.

އެސްޓީއޯއިން ބުނީ ކެރިއާ ޑޭ އިވެންޓްގައި ޖުމްލަ 15 ދާއިރާއަކުން ޒުވާނުންނަށާއި ކިޔަވާ ކުދިންނަށް އަދި އިވެންޓަށް ހާޒިރުވާ ފަރާތްތަކަށް މައުލޫމާތު ދޭނެ ކަމަށެވެ. އަދި 14 ދާއިރާއަކުން އިންޓަވިއު ބޫތުތައް އިވެންޓް ތެރޭގައި ހުންނާނެ ކަމަށާއި އިންޓަވިއު އަކަށް ތައްޔާރު ވާނެ ގޮތާއި އިންޓަވިއު އެއް ކާމިޔާބު ކުރުމަށް ކުރަންވީ އަދި ނުކުރަންވީ ކޮން ކޮން ކަންތައް ތަކެއްތޯ ބުނެދެވޭނެ ކަމަށެވެ.

"އިންޓަރެކްޓް ކޮށް ކުދިންނަށް މައުލޫމާތު ސާފު ކޮށްދޭނެ، މިސާލަކަށް އައިސީޓީ ޖޮބް އިންޑަސްޓްރީގައި ހުރީ ކޮންކަހަލަ ފުރުސަތު ތަކެއްކަން ބުނެދެވޭނެ، މާސް ކޮމިއުނިކޭޝަން ސްޓޯލުން ފުރުސަތު ދޭނަން އިސްތިހާރެއް ހަދާލަން، އެ އިސްތިހާރު އެސްޓީއޯގެ ޕޭޖް މެދުވެރިކޮށް އާންމުންނަށް ދައްކާލެވޭނެ، ހަފްތާއެއްވަރު ބަލާފަ އެންމެ ކަމުދާ އިސްތިހާރަކަށް އިނާމެއް ކަނޑައެޅުގެން ދާނެ" އެސްޓީއޯގެ ސީނިއާ މެނޭޖަރު ފާތިމަތު އަޝާން ވިދާޅުވި އެވެ.

އެސްޓީއޯއިން ބުނީ ޒުވާނުންނަށް ތަފާތު ފުރުސަތު ތަކެއް ހޯދާދިނުމަށް އެސްޓީއޯއިން ތައްޔާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުގައި ދަތުރު ކުރަމުން އަންނަ އެސްޓީއޯގެ މުދާ އުފުލާ ބޯޓު ތަކަށް ގޮސް އޭގައި މަސައްކަތް ކުރުމުގެ އިންޓާންޝިޕް ފުރުސަތު ޒުވާނުންނަށް ހުޅުވާލާނެ ކަމަށެވެ. އަދި ހެވީ ވެހިކަލްސް ދުއްވަން 10 ކުއްޖަކަށް ވަޒީފާ ދޭނެ ކަމަށްވެސް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން އިތުރަށް ބުނީ އެކުންފުނީގެ ކެރިއާ ޑޭ އިވެންޓް ކުރިއަށްދާނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި ކަމަށާއި މި އިވެންޓްގައި ތަފާތު ކަންތައް ތަކެއް ކުރިއަށް ދާނެ ކަމަށެވެ. އަދި ކުދިންނާއެކު އެކުދިންގެ ބެލެނިވެރިން އިވެންޓަށް ވަޑައިގަތުމަށް އެދޭ ކަމަށްވެސް އެސްޓީއޯއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް