ރޭޕް ކުރި މީހާއާ ކައިވެނި ކުރަން މަޖުބޫރުވި އަންހެން ކުއްޖަކު ވަރިވާން އެދުމުން ރޭޒަރުން ހަމަލާ ދީފި

މޮރޮކޯގައި ރޭޕް ކުރި މީހާއާ ކައިވެނި ކުރަން މިދިއަ އަހަރު މަޖުބޫރުވެ ކައިވެނިކޮށްގެން އުޅުމަށްފަހު ވަރިވާން ކޯޓަށް ހުށަހެޅުމުން އިދެނގެން އުޅޭ މީހާ އެ އަންހެން މީހާއަށް ރޭޒަރުން ހަމަލާދީ ވަރަށް ބޮޑަށް...

12 Nov 2014 | 03:15

މޮރޮކޯގައި ރޭޕް ކުރި މީހާއާ ކައިވެނި ކުރަން މިދިއަ އަހަރު މަޖުބޫރުވެ ކައިވެނިކޮށްގެން އުޅުމަށްފަހު ވަރިވާން ކޯޓަށް ހުށަހެޅުމުން އިދެނގެން އުޅޭ މީހާ އެ އަންހެން މީހާއަށް ރޭޒަރުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފި އެވެ.

އޭއެމްޑީއެޗް ކިޔާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއަކާ ހަވާލާދީ ޕެރިހުގެ ޓެލް ކުއެލް ވީކްލީގައި ބުނެފައިވަނީ އުމުރުން 17 އަހަރުގެ ޚައުލާއަށް ރޭޒަރުން ހަމަލާދިނީ އޭނާގެ ފިރިމީހާ ކަމަށާއި ޚައުލާއަށް މޮރޮކޯގެ ހަސްފަތާލެއްގައި ފަރުވާދެމުން އަންނަ އިރު ޚައުލާގެ ހަށިގަނޑުގެ އެކި ތަންތަނުގައި 40 ތަނެއް ރޭޒަރުން ކަފާލާފައިވާކަމަށެވެ.

ޚައުލާއަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލްގެ ޑޮކްޓަރަކާ ހަވާލާދީ މޮރޮކޯގެ އަލް އައޫލާ ޓީވީން ބުނެފައިވަނީ ޚައުލާގެ މޫނު މަތީގައި އެކަނިވެސް 50 ތަނަކަށް ރޭޒަރުން ހަމަލާ ދީފައިވާކަމަށެވެ. އަދި ޚައުލާގެ ފިރިމީހާ ހަމަލާ ދިން އިރު "އިތުރު މީހަކު ކަލެއާ ކައިވެނި ނުކުރާ ވަރު ކޮށްލާނަން" ކަމަށް ޚައުލާއާ ދިމާލަށް ބުނިކަމަށް ޚައުލާއާ ހަވާލާދީ އަލް އައޫލާ ޓީވީން ރިޕޯތް ކޮށްފައި ވެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އޭއެމްޑީއެޗް ގްރޫޕުން ބުނެފައިވަނީ ޚައުލާގެ ކަންކަން މިހާރު ބަލަހައްޓަމުން އަންނަނީ އެ ގްރޫޕުން ކަމަށާއި ޚައުލާއަށް އިންސާފު ހޯދާދީ ޚައުލާގެ ފިރިމީހާ އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

މޮރޮކޯގައި ކުރީއްސުރެ އަމަލު ކުރަމުން އައި އަދި މިއަހަރުގެ ޖަނަވަރީ މަހު އުވާލާފައިވާ ގާނޫނެއްގައި ބުނެފައިވަނީ ރޭޕް ކުރާ މީހަކު އެމީހަކު ރޭޕް ކުރި ފަރާތަކާ ކައިވެނި ކޮށްފި ނަމަ ރޭޕް ކުރާ މިހާއަށް އެއްވެސް އަދަބެއް ނުދެވޭނެ ކަމަށެވެ.

އެފަދަ ހާދިސާއެއްގައި 2012 ވަނަ އަހަރު ރޭޕްކުރި މިހާއާ ކައިވެނިކުރި އުމުރުން 16 އަހަރުގެ އާމިނާ ފިލާލީ ކިޔާ އަންހެން ކުއްޖަކު ވަނީ އަމިއްލަ އަށް ދަންޖެހިހެން މަރުވެފަ އެވެ. އެ ގާނޫނު އުވާލީ މިފަދަ ހާދިސާތަކަށް ރިއާޔަތް ކޮށް ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް