ކުދި ޑްރޯން ތަކުން ފެށިގެން ވަރުގަދަ ބެލިސްޓިކް މިސައިލްތައް ދެނެގަނެވޭ ވަރުގެ ވަރުގަދަ ރާޑަރު ސިސްޓަމެއް އީރާނުން ގާއިމްކޮށް އިފްތިތާހް ކޮށްފައިވާކަމަށް އެގައުމުގެ "ފާ ނޫސް އޭޖެންސީ"ން ހާމަކޮށްފި އެވެ.
ފާ ނޫސް އޭޖެންސީގެ އިއްޔެގެ ރިޕޯޓްގައި ބުނެފައިވަނީ އަލަށް ގާއިމް ކުރި ރާޑަރު ސިސްޓަމަށް ކިޔަނީ ސަބަހުރް ނޫނީ ސްކައި ކަމަށެވެ. އަދި އާ ރާޑަރު ސިސްޓަމަކީ 2500 އާއި 1550 ކިލޯ މީޓަރުގެ ރޭންޖެއް ކަވަރު ކުރެވޭ ވަރުގެ ސިސްޓަމެއް ކަމަށްވެސް ފާ ނޫސް އޭޖެންސީން ބުނެ އެވެ.
އީރާނުގެ ސެކިއުރިޓީ ނިޒާމަށް ތަފާތު ކުރިއެރުނަތައް ގެންނަކަމަށް ތެހެރާނުން ދޭތެރެ ދޭތެރެއިން އިއުލާނު ކުރެއެވެ. ނަމަވެސް އެ ކަންކަމަކީ އެހެން ގައުމަކަށް ނުވަނަ މިނިވަން އެއްވެސް ފަރާތަކަށް ކަށަވަރު ކުރެވޭ ކަންކަމެއް ނޫނެވެ.
1992 އިން ފެށިގެން އީރާނުން ވަނީ އެ ގައުމުގައި ބޭނުން ކުރުމަށް އަސްކަރީ ހަތިޔާރުތައް ތައްޔާރު ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ފަށާފަ އެވެ. އެގޮތުން ލުއި އަދި ބަރު ހަތިޔާރާއި މޯޓަރު ބަޑީގެ އިތުރުން ޓޭންކާއި ސަބްމެރިން ތައްޔާރު ކުރަމުން އަންނަނީ 1992 އިން ފެށިގެން އެކަމަށް އެކުލަވާލާފައިވާ ވަކި އިންތިޒާމެއްގެ ދަށުންނެވެ.
އީރާނުގައި އިޒްރޭލާއި އެމެރިކާއަށް ފޯރާ ވަރުގެ ދުރުރާސްތާ މިސައިލް ސިސްޓަމްތައް ގާއިމް ކޮށްފައިވާކަން އެގައުމުން މީގެ ކުރިން ވަނީ އިއުލާނު ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް