ހަމަލަތަކުގައި ޓްރެއިނިންގ ސްކޫލްގެ މިސްކިތުގެ އިމާމުގެ ފުރާނަވެސް ގެއްލުނު ކަމަށް ޕާކިސްތާނުން ބުނޭ -
ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގައި
ހުންނަ ފުލުހުން ތަމްރީނުކުރާ މަރުކަޒަކަށް ހަނގުރާމަވެރިން ދިން ހަމަލާއެއްގައި ފުލުހުންގެ
ހަތް މީހަކު މަރުވެ، 13 މީހަކު ޒަޚަމްވެއްޖެކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
ހުކުރު ދުވަހުގެރޭ މި ހަމަލާ ދިނީ ތެހެރީކޭ ތާލިބާން
ޖަމާއަތަކަށް ނިސްބަތްވާ އަށެއްކަ ހަނގުރާމަވެރިން ގުޅިގެންކަމަށްވެއެވެ. ފުލުހުންގެ
މަރުކަޒުގެ ޕެރިމީޓަރ ބްރީޗްކުރުމަށް ގޮވާތަކެތި ބަރުކޮށްފައި އޮތް ޓްރަކެއް، ޓްރެއިނިންގ
ސެންޓަރގެ މައި ގޭޓު ކައިރީގައި ހަނގުރާމަވެރިން ވަނީ ގޮއްވާލާފައެވެ. މި ގޮވުމުގައި
ފުލުހުންގެ އެކަކު މަރުވި އިރު، އަނެއް ހަ މީހުން މަރުވީ ހަނގުރާމަވެރިންނާ ހަމަލާ
ބަދަލުކުރުމުގެ ތެރޭގައެވެ. ފަސް ގަޑިއިރަށް ދިގުދެމިގެންދިޔަ މި ހަމަލާ ބަދަލުކުރުންތަކުގައި
ހަނގުރާމަވެރިންގެ ހަ މީހަކުވެސް ވަނީ މަރާލާފައެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ މިހަމަލާ ބަދަލުކުރުންތަކުގައި
ހަނގުރާމަވެރިން އާދައިގެ ބަޑިއަށްވުރެ ރަނގަޅު ހަތިޔާރު ގެންގުޅުނު ކަމަށެވެ. އެގޮތުން
ދޭތެރެ ދޭތެރެއިން ހޭންޑް ގްރެނޭޑްވެސް ފުލުހުންނާއި ދިމާއަށް އުކިކަމަށްވެއެވެ. ހަނގުރާމަވެރިންގެ
ހަމަލާތަކުގައި ޓްރެއިނިންގ ސްކޫލްގެ އެތެރޭގައި ހުރި މިސްކިތަށް އަމާޒުކޮށް ހަމަލާތައް
ދިންކަމަށާއި، މިސްކިތުގެ އިމާމު މަރުވެފައިވާކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން
ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް