ވާހަކަ: މަންޒިލް ތިޔޭ – ސާޅީސް ހަވަނަބައި

ކުރީގެ އަދަދާއި ގުޅޭ... ރިޒާ ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނުއިރު ދުއާއަށް ރޮވިއްޖެއެވެ. ހާޖަރުގެ ހަޤީޤަތް އެނގުމުން ކުރިއަށްވުރެ ބޮޑަށް އޭނާގެ މަންމައާ ބައްދަލުކުރުމަށް އެހިތް ތެޅިގަތެވެ. **********...

12 Oct 2022 | 10:23

ކުރީގެ އަދަދާއި ގުޅޭ...

ރިޒާ ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނުއިރު ދުއާއަށް ރޮވިއްޖެއެވެ. ހާޖަރުގެ ހަޤީޤަތް އެނގުމުން ކުރިއަށްވުރެ ބޮޑަށް އޭނާގެ މަންމައާ ބައްދަލުކުރުމަށް އެހިތް ތެޅިގަތެވެ.

**************

" ދެދުވަސް ވީއިރު މިގެއިން އެއްގޮތަކަށްވެސް ނުކަން.. ކިތައް ފަހަރު އެމީހުން އަހަރެމެން ކާން ބަލާ އައީ.." ޑްރެސިންގް ޓޭބަލް ކައިރީ ތައްޔާރުވާން ހުރި އަމާން އެނދުމަތީގައި އިން ހާޖަރަށް ބުނެލިއެވެ. އެމީހުން ތައްޔާރުވަމުން ދިޔައީ ބޭރަށް ކާން ދިއުމަށެވެ.

" އެމީހުންނާ އެއްތަށި މަތިން ކާން އަހަރެން ބޭނުމެއް ނޫން.. އެހެންނޫނަސް ރަޔަންއާއި ރާނީ އެމީހުންނާއެކު ކައެއްނު.. އަމާން ކައިރީވެސް އަހަރެން ބުނީމެއްނު ކާން ދާށޭ.. " ހާޖަރު ބުންޏެވެ.

" އަހަރެންނަށް ކެރޭތަ ދާން ހާޖަރު ބައިންދާފައި.. " އަމާން ބުންޏެވެ. އެވަގުތު ކޮޓަރީ ދޮރުގައި ޓަކި ޖެހި އަޑުއިވުނެވެ. އަމާންއަށް ބަލާލާފައި ގޮސް ދޮރު ހުޅުވީ ހާޖަރެވެ. ކުރިމަތީގައި ހުރީ ސާރާއެވެ. އޭނާގެ އަތުގައިވާ ބޮޑު ތަބަށް ތެރޭގައި އެކި ވައްތަރުގެ ކާއެއްޗެހި ހުއްޓެވެ. ސާރާގެ ފަހަރުގައި ރަފާވެސް ހުއްޓެވެ.

" ސާރާއްތާ!! ކީއްކު... ވަދޭ އެތެރެއަށް.. " ސާރާ ވަންނަން ތަން ދައްކަމުން ހާޖަރު ބުންޏެވެ.

" ކޮންމެ ދުވަހަކު ތިގޮތަށް ބޭރުން ކެއުމަކީ އަހަރެން ވަރަށް ދެރަވާ ކަމެއް.. " އެތެރެއަށް ވަންނަމުން ސާރާ ބުންޏެވެ. އެހިނދު ޑްރެސިންގް ޓޭބަލް ކައިރީގައި ހުރި އަމާން ސާރާއަށް ހިނިތުންވެލިއެވެ. ސާރާގެ ފަހަތުން ވަން ރަފާގެ އަތުގައި ހާޖަރު ހިފަހައްޓައިލިއެވެ.

" މީ ދޯ ސާރާއްތަގެ ދަރިފުޅު!! މާޝާﷲ.. ވަރަށް ބޮޑަށް ސޮރީ އެހާ ވަރަށް ކާން ގޮވަން އަންނައިރުވެސް ދެކޮޅު ހަދަން ޖެހޭތީ.." ރަފާ ގަޔާ ކައިރިކޮށްލަމުން ހާޖަރު ބުންޏެވެ.

" އެއީ އެހާވަރު ކަމެއް ނޫން.. " ރަފާ ބުނެލިއެވެ.

" މީ އަހަރެންގެ ލާރިން އަހަރެން އަމިއްލައަށް ކެއްކި އެއްޗެހި.. ބޭރަށް ދާން ތައްޔާރުވެގެން ދޯ މިހާރުވެސް ތިހުރީ.. އެކަމަކު މިއަދު ލާހިކެއް ނޫން ދާކަށް.. " ސާރާ ތައްޓަކަށް ކާއެއްޗެހި އަޅައިގެން ގެންގޮސް އެނދުގައި އިން އަމާންއަށް ދިއްކޮށްލިއެވެ. ޝުކުރުއަދާކުރަމުން އަމާން އޭގައި ހިފިއެވެ.

" ކޮންދުވަހެއް މިކަހަލަ ގޭ ކެއުމަކަށް ދަހިވެފައި ހުންނަތާ..؟ " ކާންފެށުމުގެ ކުރިން އަމާން ބުންޏެވެ. ހާޖަރާއި ސާރާ ހިނިތުންވެލަމުން އެކަކު އަނެކަކަށް ބަލައިލިއެވެ.

" އަޅެ ކީއްކުރަންތަ ސާރާއްތަ އެހާ ބުރައެއް ތިއުފުލީ.. ރާނީ ނޫނީ ރަޔަން އަތަށް ދީފައި ފޮނުވިނަމަ.. " ސާރާގެ އަތުގައި ހިފައިގެން ގޮސް އެނދުގެ އަނެއްފަރާތުގައި އިށީންނަމުން ހާޖަރު ބުންޏެވެ. ރަފާ ގޮސް އިށީނީ އެތަނުގައި ހުރި ސޯފާގައެވެ.

" މިދެން އެހާވަރު ކަމެއްތަ.. އެހެންނޫނަސް އަހަރެން މިހުންނަނީ ހާޖަރާ ވާހަކަދައްކާލަން އަންނަން ބޭނުންވެފައި.. އައި ފަހުން އަދި ރަނގަޅަށް ވާހަކަދައްކާ ނުލެވޭތީ.. " ސާރާ ބުންޏެވެ. " ކިހިނެއްތަ ހާޖަރު..؟؟ އަސްލުވެސް ވަރަށް އުފާވެއްޖެ މިހާ ދުވަސްކޮށްފައި ހާޖަރާ ބައްދަލުވީމަ.. ހާޖަރު ދެލޮލަށް ފެނުނީމަ.. ދުވަހަކުވެސް އުއްމީދުކޮށްގެނެއް ނޫން ހުރީ ހާޖަރާ ދިމާވާނެކަމަށް.. "

" އަހަރެންވެސް ހިޔެއް ނުކުރަން މިފަދަ ގޮތަކަށް މިތަނަށް އަންނަން ޖެހިދާނެ ކަމަކަށް.. އަސްލު ހުރީވެސް އެއްގޮތަކަށްވެސް ރާއްޖެއަށް ނާންނަން ނިންމައިގެން.. އެކަމަކު ރާނީގެ އެންމެ ނިންމުމެއްގެ ސަބަބަން މިތަނަށް އަންނަން މަޖުބޫރުވީ.. އަސްލު އެންމެ ރަނގަޅަށް ކަންނޭނގެ ކަންތައް އެވީވެސް.. އަހަރެން އަތުން އަތުލައިގެން ގެންދިޔަ ދަރިފުޅު އަނބުރާ ހޯދަން އަހަރެންނަށް ލިބުނު ހިތްވަރެއް މީ.. ދެން ބުނެބަލަ! ސާރާއްތަމެން ރަނގަޅުތަ؟ ބިލާލްބެ ނިޔާވީކަން އެނގުނީ މިގެއަށް އައި ފަހުން ރާނީގެ ފަރާތުން.. ވަރަށް ދެރަވި ، ވަރަށް ރޮވުނު.. މިހުރިހާ ދުވަހު ކޮންމެވެސް ގޮތަކުން ސާރާއްތަމެންގެ ހަބަރު ބަލާލެވުނުނަމަ އެނގުނީސް ކަންނޭނގެ.. ވަރަށް ބޮޑަށް މާފަށް އެދެން ސާރާއްތަމެންގެ އެއްވެސް ކުށެއް ނެތި ޙަބަރު ބަލައިނުލެވުނީމަ.. " ބިލާލްގެ ވާހަކަ ދައްކަންފެށުމުން ސާރާއަށް ރޮވުނެވެ.

" ވީކަމެއް ވެނިމިއްޖެ.. ހާޖަރު ދިޔަތާ މާގިނަދުވަހެއް ނުވާނެ.. ފާޑެއްގެ ހުމެއް އައީ.. ދެން އެވާޙަކަ ނުދައްކާ.. ދެން އެދަރިފުޅު ހޯދަން މަސައްކަތް ފަށާ.. މިފަހަރު ހާޖަރު ދެރަވިޔަކަ ނުދޭނަން އިރާދަކުރެއްވިއްޔާ.. އަހަރެމެން އެންމެން މިތިބީ ހާޖަރުއާ އެކު.. ހާރޫންބެއަށް ވެސް ހެޔޮ ވިސްނުން ލިބިއްޖެ.. އަލްޙަމްދުލިﷲ.." ހާރޫންގެ ނަން އިވުމާއެކު ހާޖަރުގެ މޫނުމަތީގެ ކުލަވަރު އޮއްސުނެވެ.

" އަހަރެންނަށް އެނގޭ އޭރު ހާރޫންބެ ކަންތައްކުރީ ވަރަށް ގޯސްކޮށް ކަން.. އެކަމަކު މިހާރު ހާރޫންބެއަށް ހެޔޮ ވިސްނުން ލިބިފައި ހުރިހެން ހީވަނީ.. އެނގޭތަ؟؟ ހާޖަރު އައި ފަހުން ނީޒާ ކޮޓަރިން ނުވެސް ނިކުމޭ.. އަޑުއެހިން އަނޫޝާއަށްވެސް މަނާކޮށްފައޭ އޮތީ ހާޖަރާ ހާޖަރުގެ އާއިލާ މީހުންނާ ވާހަކަ ދެއްކުން.. ޔާނިޝްއަށް ވެސް.. އެކަމަކު ހިޔެއް ނުވޭ އެކުދިން ނީޒާގެ ބަސް ޤަބޫލުކުރިހެނެއް.. ޔާނިޝްއާއި އަނޫޝާ މިއަދުވެސް ރަޔަންއާ އެކީ ވަރަށް މަޖާކޮށް ވަގުތު ހޭދަކުރި.. " ސާރާ ކިޔައިދިނެވެ.

" އަހަރެންގެ ކުދިންނަށްވެސް އަދި ފިރިމީހާއަށްވެސް އަހަރެން މަނައެއް ނުކުރާނަން އެމީހުންނާ ވާހަކަދައްކަން.. އާނ އެކަމަކު އަހަރެންގެ ހިތްހެޔޮ އެހާ އަވަހަކަށް ނުވާނެ.. ކުރިން އަހަރެންނާ އަހަރެންގެ ދަރިންނަށް އެމީހުން ބޭނުން ގޮތެއް ހެދިޔަސް މިހާރަކު ނުހެދޭނެ.. ކުރިން އަހަރެންގެ ރާނީއަށް ކަމެއް ވެދާނެކަމަށް ބިރުން އުޅުނިން އެކަމަކު މިހާރު ބިރެއް ނުގަނޭ.. މިތަނުން އެނބުރި ދިއުމުގެ ކުރިން އަހަރެން ބޭނުން ދެކަމެއް އެބައޮތް.. އެއީ އަހަރެންގެ ދުއާ އަނބުރައި ހޯދުމާއި އުފާގެ މަރުގެ ހަޤީޤަތް ހޯދުން.. " ހާޖަރު ބުންޏެވެ. ސޯފާގައި އެމީހުންގެ ވާހަކަތައް އަޑުއަހަން އިން ރަފާއަށް ދުއާގެ ނަން އިވުމާއެކު ސިކުނޑީގެ ކަނެއްގައި ކޮއްޓާލިއެވެ. ރާނީ އަބަދުވެސް ދުއާއެއްގެ ވާހަކަ އޭނާ ކައިރީގައި ވަނީ ދައްކާފައެވެ. ހާޖަރު އެބުނާ ދުއާ އާއި ރާނީ އެބުނާ ދުއާ އަކީ އެކަކަށް ވެދާނެބާއޭ ހިތަށް އެރިއެވެ.

****************

އަނޫޝާ ހުރީ ރާނީ ގެއަށް އާދޭތޯ ބަލަ ބަލައެވެ. ރާނީގެ އަތުގައި ހިފައިގެން އޭނާ ހިނގައިގަތީ ގޯތިތެރެއާ ދިމާލަށެވެ. ރާނީ އަކީ ދެބެއިންގެ ދެދަރި ކުއްޖެކަން އެނގުނު ފަހުން އަނޫޝާ ރާނީއާ މެދު ދެކޭގޮތް ބަދަލުވެއްޖެއެވެ.

" އަޅޭ އަނޫ!! ކީއްކުރަންތަ؟ ވަރަށް ބޮޑަށް ވަރުބަލިވެ ދާހިއްލާފަ މިހުރީވެސް.. އަންނާނަން ފެންވަރައިގެން.." ރާނީ ބުންޏެވެ.

" ފެންވެރިދާނެ ފަހުންވެސް.. މިގަޑީ ހިނގާބަލަ.. " އަނޫޝާ ރާނީ އަތުން ދޫކޮށްލާކަށް ނޫޅުނެވެ. އެމީހުންގެ ހަރަކާތްތަކަށް ބަލަން ސޯފާގައި އިން ބަދޫރާއާއި ސާރާ ހިނިތުންވެ އިނީ އަނޫޝާ ކުރަން އެއުޅެނީ ކީއްކަން އެނގޭތީއެވެ. ގޯތި ތެރެއަށް ނިކުމެވުމާއެކު ރާނީއަށް ހައިރާންކަމެއް ލިބުނެވެ. ކުޑަވަރެއްގެ ޕާޓީއެއް ކަހަލެވެ. ބޮޑު ޗެރީ ބްލަސަމް ގަހުގެ ދަށުގައި ބެހެއްޓިފައިވާ ވަށް މޭޒުކައިރީގައި ރަފާއާއި ޔާނިޝްގެ އިތުރުން ރަޔަން އިނެވެ. މޭޒުމަތި ފަޅުފިލުވާލާފައިވީ ފިހުނު ކުކުޅާއި ފިހުނު ޕާން އަދި ބޭކްޑް ޕޮޓޭޓޯ އާއި ސޮސެޖުންނެވެ. ވާހަކައެއްގައި މަޝްޢޫލްވެ ތިބި ރަފާއާއި ރަޔަން ރާނީއަށް ބަލާލާފައި ހިނިތުންވެލިއެވެ. ޔާނިޝްވެސް ފޯނާއި ކުޅެން އިނދެފައި ބަލައިލިއެވެ. ރާނީއަށް ހިނިތުންވެލާކަށް އޭނާއަށް ނުކެރުނެވެ. ކަންތައްވެދިޔަ ގޮތުންނެވެ.

" މީ.. ކޮންކަމެއް..؟ " ހިނިތުންވެހުރެ އެދިމާލަށް ދަމުން ރާނީ އެހިއެވެ. ރާނީއަށް ވުރެ ކުރިން ދުވެލާފައި އަނޫޝާ ގޮސް ރަފާއާ ކައިރިން އިށީނެވެ. ރާނީ އިށީންނަން ޖެހުނީ އަނޫޝާއާއި ޔާނިޝްގެ ދެމެދުން ހުސްކޮށް ހުރި ގޮނޑީގައެވެ.

" މީ ރާނީއާއި ރަޔަންއަށް އަހަރެމެން ދޭ ކުޑަ ޕާޓީއެއް.. ކަޒިންސް އޮންލީ ޕާޓީއެއް.. " ރަފާ ބުންޏެވެ.

" އެއީ ތެދެއް.. އައިމް ސޯ ހެޕީ އައި ހޭވް ޓޫ އަދަރ ކަޒިންސް.. " އަނޫޝާ ޖޯޝާއެކު ބުނެލިއެވެ. ރާނީގެ މޫނުމަތިން ހިނިތުންވުމެއް ނުފެނުނެވެ.

" ނޮޓް ޓޫ އަނޫ.. ތިނެއް.. އަދި އެކަކު އެބަހުރި.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އޭނާއާ އެކު މިކަހަލަ ޕާޓީއެއް އޮންނަންވާނެ.. " ރާނީ ބުނެލިއެވެ. އެންމެންވެސް ރާނީއާ އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ.

" ދެން އިހަށް މިވަގުތު އެންޖޯއީ ކޮށްލަމާ.. " ޔާނިޝް ބުނެލިއެވެ. ކުރިން ކާންފެށީވެސް އޭނާއެވެ.

" ގައިޒް ގައިޒް.. އައި ހޭވް އަ ނިއުޒް... " ކެއުމުގެ މެދު ތެރެއިން ރަފާ ބުނެލިއެވެ. އެއާއެކު އެންމެންގެ ނަޒަރު ރަފާއަށް އަމާޒުވެލިއެވެ.

" އަހަރެން އެބަ ވިސްނަން ވަރަށް އަވަހަށް މެރީ ކުރަން... " ރަފާގެ ވާހަކައިން ޔާނިޝްއަށް ސިހުމެއް ލިބުނެވެ. ރަޔަންއާއި އަނޫޝާ މަރުޙަބާ ކިޔަމުން އަތްޖަހަން ފެށި ހިނދު ރާނީ ލޮލުގެ ހިމަކޮޅުން ޔާނިޝްއަށް ބަލައިލިއެވެ. އޭނާ ހީކުރީ އަދިވެސް ރަފާ އެކުޅެނީ ހުޝާމްގެ ޑްރާމާ ކަމަށެވެ.

" ނޮޓް ފަނީ ރަފާ!! އަނެއްކާވެސް އެއްކަލަ ޑްރާމާ ކުޅެން ފެށީތަ؟ މިފަހަރުވެސް ހަމަ ހުޝާމްތަ ޑްރާމާގައި އުޅެނީ..؟ " ޔާނިޝް ހިތްހަމަނުޖެހިފައި ބުންޏެވެ. ރާނީއަށް އެއްފަހަރު ޔާނިޝްއަށް އަނެއްފަހަރު ރަފާއަށް ބަލައިލެވުނީ ހައިރާންވީ ވަރުންނެވެ. ރަފާގެ ދޮގު ޔާނިޝްއަށް ފަޅާއެރީ ކޮންއިރަކުހޭ ހިތަށް އެރިއެވެ. ޔާނިޝްއަށް އެނގުނުކަން ރަފާ އޭނާއަށް ސިއްރުކުރީ ކީއްވެ ހެއްޔެވެ؟

" އަހަރެން އެއްވެސް ޑްރާމާއެއް ނުކުޅެން ޔާން.. ހަމަ އަސްލަށްވެސް މެރީ ކުރަން މިއުޅެނީ... ކްލާސް ކުއްޖެއް.. ރާއިދް.. އަހަރެންނަށް ކައިވެންޏަށް ހުށައެޅިތާ ކިތަންމެ ދުވަހެއް.. ހިތަށް މިއަރަނީ އާނބަސް ބުނަން.. އަހަރެން އާނ ބަސް ބުނިހާ އަވަހަކަށް އޭނާގެ މައިންބަފައިން ފޮނުވާނެ މާމައާއި މަންމައާ ވާހަކަ ދައްކަން.. މިހާރު ދެން ކިޔަވަންވެސް ކިޔެވިއްޖެ.. ދެން ބޭނުންވަނީ އަވަހަށް މީހަކާ އިނދެގެން ސެޓްލްވާން.." ރަފާގެ މޫނުމަތިން ފެނުނީ ސީރިއަސްކަމެވެ. ޔާނިޝްއަށް ބުނާނެ ބަހެއް ނޭނގުނެވެ. އޭނާގެ ހިތަށް އެހާ އުނދަގޫއެވަނީ ކީއްވެބާއޭ ހިތަށް އެރިއެވެ. އެބަ އަންނަމޭ ބުނުމަށްފަހު ރާނީ ތެދުވިއެވެ. ރަފާ ގޮވައިގެން އޭނާ އެއްފަރާތަކަށް ޖެހުނެވެ.

" ރަފް ކީކޭ ތިކިޔަނީ..؟ ކޮން ރާއިދެއް.. ވަޓް އެބައުޓް ހުޝާމް ޕްލޭން.. ޔާނިޝްއަށް ކޮންއިރަކު އެނގުނީ..؟ ރާނީ އެހިއެވެ.

" ރާއިދް އަހަރެންދެކެ ވަރަށް ލޯބިވޭ ރާނީ.. އަހަރެން ބޭނުން އޭނާއަށް ފުރުސަތެއް ދޭން.. ދެން ހުރީ ޔާން.. ހީ ޑަޒަންޓް ލަވް މީ.. ޔާން ލޯބިވަނީ ކާކުދެކެ ކަން ރާނީއަށްވެސް އެނގެއެއްނު.." މޮޅިވެރިކަމާއެކު ރަފާ އެހެން ބުނުމުން ރާނީ ދެރަވިއެވެ. ރަފާ ގަދަކަމުން ހީނލުމަށްފަހު އެނބުރި ގޮސް ގޮނޑީގައި އިށީނެވެ. ރާނީއަށް ކުށްވެރިވެއްޖެ ކަމުގެ އިހުސާސް ކުރެވުނެވެ. ކުރިން ރަފާ ކައިރީގައި ޔާނިޝްގެ ވާހަކަ ނުދެއްކުނީތީއެވެ. ރަފާ ޔާނިޝްއަށް އޭނާގެ ހިތުގެ ހާލު ބަޔާންކޮށްދީފި ކަމާއި ނަމަވެސް ރަފާ ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެކަން ވިސްނާލުމުން ރާނީއަށް އެނގުނެވެ. އެނބުރި އައިސް ގޮނޑީގައި އިށީންނަމުން ރާނީ ވާހަކައިގެ މިސްރާބު ބަދަލު ކުރެވޭތޯ އެހެން ވާހަކައެއް ފެށިއެވެ.

ކައި ނިމިގެން އެންމެ ކުރިން އެތެރެއަށް ވަނީ ރަފާއެވެ. އެސައިމެންޓް ނިންމަންޖެހޭ ވާހަކަ ބުނަމުންނެވެ. ފިލާވަޅެއްގެ ވާހަކަ ދައްކަމުން އަނޫޝާ އާއި ރަޔަންވެސް އެތެރެއަށް ވަނެވެ. ރާނީ އިނީ ޔާނިޝްއާއެކު އެކަނިވެލާނެ ފުރުސަތަކަށް ބޭނުންވެފައެވެ. ޔާނިޝް ތެދުވެގެން ދާން އުޅުމުން ވާހަކަ ދައްކާލަން ކަމަށް ބުނެ މަޑުކުރަން ރާނީ އެދުނެވެ.

" ކީކޭ މިސް ކަޒިން.. " ހިނިތުންވާން މަސައްކަތް ކުރަމުން ޔާނިޝް ބުންޏެވެ. " ކީއްވެ ކަޒިންއެއްކަން އަހަރެންނަށް ސިއްރުކުރީ..؟ "

" އެއީ ހާލަތުގެ ގޮތުން.. އަހަރެން ބޭނުން ވާހަކައެއް ބުނެލަން.. ރަފާގެ ހިތުގެ ހާލު ޔާނިޝްއަށް ސިއްރުވެފައި ނެތްކަންނޭނގެ މިހާރު.. " ރާނީ ވާހަކަ ފެށިއެވެ.

" އަހަރެން އެފަދަ ގޮތަކަށް ރަފާއާ މެދު ނުދެކެން.. " ޔާނިޝް އިސް ޖަހައިލަމުން ބުންޏެވެ.

" ހަމަ ޔަގީންތަ؟ އެކަމަކު އަހަރެންނަށް ޔާނިޝްގެ މޫނުމަތިން ފެންނަނީ ތަފާތު މަންޒަރެއް.. ޔާނިޝްއަށް ތިވަނީ އަމިއްލަ އިހުސާސްތައް ދެނެގެންނަން އުނދަގޫވެފައި.. ޔާނިޝް ރަފާއާ މެދު ބަހައްޓާ ގާތްކަން އެހެން މީހުންނަށް ތަފާތުކަން ހަމަގައިމުން އަހަރެންނަށް އިހުސާސްވޭ.. އެހެން މީހުންނަށް ޔާނިޝް ބަލާ ގޮތާއި ރަފާއަށް ބަލާގޮތް ހާސްބައި ތަފާތު.. ރަފާ އާ ޔާނިޝް ވާހަކަ ދައްކާ މަޖާކޮށް ހީ ހަދާއިރު މޫނުމަތީގައި އެހުންނަ އުޖާލާކަން އެހެން މީހުންނާ ވާހަކަދައްކާއިރު ފެންނާކަށް ނުހުރޭ..؟ ޔާނިޝް އަޅެ ވަރަށް ފުން ކޮށް މިކަންތައްތަކާ ވިސްނާލަބަލަ..!! މުސީބާތެއް ކުރިމަތިވިއްޔާ އެންމެ ފުރަތަމަވެސް ޔާނިޝް ދާން ބޭނުންވަނީ ކާކު ކައިރިއަށް.. އެންމެ ވަގުތު ހޭދަ ކުރާހިތްވަނީ ކާކާ އެއްކޮށް؟ އެމީހަކު ރުޅި އައުމުން ޔާނިޝް އެންމެ ދެރަވަނީ ކާކު ރުޅި އައުމުން.. އެމީހެއްގެ އުފާވެރިކަން ޔާނިޝްއަށް އެންމެ މުހިންމުވަނީ ކާކުގެ އުފާވެރިކަން..؟ އެމީހެއްގެ އުފަލައްޓަކާ ޔާނިޝް ކޮންމެ ފަދަ ކަމެއް ކުރަން ތައްޔާރަށް ހުރީ ކާކު އުފަލައްޓަކާ..؟ އަޅެ ވިސްނާލަބަލަ.. ހުޝާމްއޭ ކިޔައިގެން އެހުރިހާ ވާހަކައެއް ދެއްކިއިރު ޔާނިޝްގެ ހިތަށް ބުނެދޭން ނޭނގޭ އުނދަގޫތަކެއް ނުވޭތަ؟ ހުޝާމްގެ ވާހަކަ އަބަދު ރަފާ ދައްކާތީ ޔާނިޝް ކައިރިއަށް ދެރައެއް ނާރާތަ؟ ދެންމެވެސް ރަފާ ރާއިދުއާ އިންނަން ބޭނުންވާ ވާހަކަ ބުނުމުން ޔާނިޝްއަށް ވެގެން ދިޔަ ގޮތް އަހަރެން ދުށީމޭ.. ހަމަގައިމުންވެސް އެއީ ގާތް އެކުވެރިއަކަށް ވާނެ ގޮތެއް ނޫން.. ނޫނީ ދެބެންގެދެދަރި މީހަކަށްވެސް ވާނެ ގޮތެއް ނޫން.. " ރާނީގެ ވާހަކަ އެހިސާބަށް ދިޔަތަނާ އޭނާގެ ފޯނު ރިންގުވާން ފަށައިފިއެވެ. ހާޖަރުގެ ނަން އަރާ އޮތުމުން ރާނީ ފޯނުނެގިއެވެ. މިދަނީ އޭ ބުނުމަށްފަހު ފޯނު ބޭއްވިއެވެ.

" އަޅެ އަހަރެން މިދެއްކި ވާހަކަތަކާ މެދު ފުންކޮށް ވިސްނާލަބަލަ.. " މިހެން ބުނެ ޔާނިޝްގެ އަތުގައި ޖަހައިލުމަށްފަހު ރާނީ އެތެރެއަށް ދާން ހިނގައިގަތެވެ.

*****************

" ކިހިނެއްވީ މަންމާ..؟ " ހާޖަރުގެ ކޮޓަރިއަށް ވަންނަމުން ރާނީ އެހިއެވެ. އޭރު ސޯފާގައި ފޯނުން ގޭމު ކުޅެން ރަޔަން އޮތެވެ. އަމާން ކޮބައިތޯ ރާނީ އެހުމުން ޖަވާދުއާ އެކީ ބޭރަށް ގޮސްފައި ވެއްޖެކަމަށް ބުންޏެވެ.

" ޒިލާލް ކުރިން އުޅުނު ގެއަށް މަންމަ ދިޔައިން.. އެކަމަކު އެގޭ ހުރީ ބޮޑު ތަޅު އަޅުވާފައި.. ދެން ކިހިނެއްބާއޭ މިހިތަށް އަރަނީ އެގެ ހޯދާނީ.. " ހާޖަރު ކަންބޮޑުވެފައި އިނދެ ވާހަކަ ދެއްކިއެވެ. ނަމަވެސް އެކަންބޮޑުވުން ރާނީގެ މޫނުމަތިން ނުފެނުނެވެ.

" ދުއާ އުޅޭ ގެ އަހަރެންނަށް އެނގޭ މަންމާ..!!" ރާނީ ބުންޏެވެ.

" އެއީ..؟ ކިހިނެއް ރާނީ އެނގެނީ.." ހައިރާންވެފައި ހާޖަރު އެހިއެވެ.

" މިވެސް އަހަރެން މަންމައަށް ސިއްރުކޮށްފައިވާ ވާހަކައެއް.. އެނގޭތަ އަހަރެން މަސައްކަތްކުރާ ހޮސްޕިޓަލަށް ކިޔާ ނަން.. " ރާނީ އެހިއެވެ. ހާޖަރު ކޮން ނަމެއްތޯ ސުވާލުކުރިއިރު އޭނާގެ މޫނުމަތިން ހައިރާންކަން ނުފިލައެވެ.

" އުފާ ކެއަރ ހޮސްޕިޓަލް... " ރާނީ ބުނެލިއެވެ. ހުރިހާ ކަމެއް ވިސްނައިގަންނަން ހާޖަރު ހިނދުކޮޅެއް ނެގިއެވެ.

" ޒިލާލްގެ ބައްޕަގެ ހޮސްޕިޓަލްގެ ނަން ބަދަލު ކުރީތަ؟ އެހެންވެތަ އެނަން ކިޔާ ހޮސްޕިޓަލެއް ގޫގްލް ސާޗްކޮށްގެން ނުފެނުނީ.. އެމީހުންނަށް އެނގޭތަ ރާނީ ގެ ގޮތް.. ތީގެ މާނައަކީ ރާނީއާ ޒިލާލް ބައްދަލުވެއްޖެއޭތަ؟ ދުއާ އާ ވެސް.. " ހާޖަރު އެހިއެވެ.

" އާނ މަންމާ!! ދުއާ އަކީ އަހަރެންގެ ދައްތަކަން އެނގުމުގެ ކުރިން އެއީ އަހަރެންގެ ވަރަށް ގާތް ރަޙުމަތްތެރިއެއް.. މަންމައަށް އެނގޭތަ؟ އަހަރެމެން ފަދައިން ދުއާ އަކީވެސް  ޑޮކްޓަރެއް.. އަހަރެން ފަދައިން އަންހެނުންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއް.. " ރާނީ ކިޔައިދިނެވެ. ދުއާ އާ ބައްދަލުކުރުމަށް ހާޖަރުގެ ހިތްތެޅިގަތެވެ. އެދުނީ ހަމަމިހާރު މިވަގުތު އޭނާ ގޮވައިގެން އެގެއަށް ގެންގޮސް ދިނުމަށެވެ.

***************

ސިޓިންގްރޫމްގައި ދެކެވެމުން ދިޔައީ ދުއާ އާއި ލޫކަންގެ ކައިވެނީގެ ވާހަކައެވެ. ތަނުގައި ހާޒިރުވެ ތިބީ ދުއާ އާއި ރިޒާގެ އިތުރުން ދުންޔާއެވެ. ސާރޖަރީއަކަށް ވަންނަން ޖެހުމުން ލޫކަންއަށް އާދެވޭ ގޮތް ނުވީއެވެ.

" ދުއާ އަދިވެސް ކުލައެއް ނުބުނަމެއްނު..؟ " ދުންޔާ އެހިއެވެ.

" ނޫ ކުލަ.. " އެންމެ ފުރަތަމަ ހިތަށް އައި ކުލައެއް ދުއާ ބުނެލިއެވެ. ދޮރުގައި ބެލް ޖަހައިލި އަޑަށް ދުއާ ނޯކަރަކަށް ގޮވައިލިއެވެ. އެއްވެސް ނޯކަރެއްގެ ހަބަރެއް ނުވުމުން ދޮރު ހުޅުވަން ހިނގައިގަތީ ދުއާ އެވެ. ބޮޑު ދެދޮރު ހުޅުވާލުމާއެކު ކުރިމަތީގައި ހުރި ރާނީ ފެނި ދުއާ ހިނިތުންވެލިއެވެ. ރާނީ ކައިރީގައި ފިރިހެންކުއްޖާއަށްވެސް ބަލައިލަމުން ހނިތުންވެލިއެވެ.

" ރާނީ!! ކާފައަށް ގޮވާލަން ދޯ ތިއައީ... ؟ " ދުއާ އަހައިލިއެވެ.

" މިއައީ.... މަންމަ ގޮވައިގެން.. " ރާނީ ބުނެލިއެވެ.

" އެހެންތަ ރާނީގެ މަންމަ ދޯ.. ކޮ...........؟ " ދުއާ އަހާލަން އުޅުނު ހިނދު ރާނީގެ ފުރަގަހުން ނިކުތް އަންހެންމީހާ ފެނުނެނެވެ. ރޮވިފައިވާ އެމީހާ ފެނުމާއެކު ދުއާއަށް ހައިރާންކަމެއް ލިބުނީ ކޮންމެވެސް ތާކުން ދުށް ހަނދާނެއްވާތީއެވެ. ޒިލާލް ދެއްކި ފޮޓޯ ހަނދާނަށް އައީ ކުއްލިއަކަށެވެ. އެއީ ކާކުކަން އެނގުނު ހިނދު ދުއާގެ މޫނު ހުދުވެގެން ދިޔުމާއެކު ހަތަރެސްފައި ފިނިވިއެވެ.

ކުރިމަތީގައި ހުރި އަންހެން ދަރިފުޅުގެ މޫނުން ހާޖަރަށް ނަޒަރު ވަކިކޮށްނުލެވުނެވެ. ދުއާ އެފެނުނީ އެތައް އަހަރަކަށް ފަހުގައެވެ. ފުރަތަމަ ފެނިލުމާއެކުވެސް ހާޖަރަށް ދަރިފުޅު އިނގިއްޖެއެވެ. ހަނދާނަށް އައީ ޒިލާލްގެ ޅައުމުރު ދުވަސްތަކެވެ. ދެބަފައިންގެ ސިފަ އެހާ އެއްގޮތެވެ. ހާޖަރަށް ދުއާ އާ ގާތަށް ފިޔަވަޅެއް އެޅުނެވެ. އޭނާގެ ދެއަތުގެ ތެރެއަށް ދުއާ ގެންނަހިތުން ހިތް ތެޅިފޮޅެންފެށިއެވެ. ދެލޮލުން ކަރުނައިގެ އަސަރު ފާޅުނުވިޔަސް މޭގެ ތެރޭގައި އޮތް ހާޖަރުގެ ހިތް ކަރުނައަޅަމުން ދިޔަ އެވެ. އޭނާގެ އަނގައިން އަޑު ބޭރުނުވިޔަސް އަޑުންއަޑުނަގާ ހިތް ރޮމުން ދިޔައެވެ. ދުއާގެ ކުރިމަތީގައި ހާޖަރު ހުއްޓުނެވެ. ދެއަތް އުފުލާލެވުނީ ބޭއިހްތިޔާރުގައެވެ.

ދުއާއަށް އިސްޖަހާލެވުނެވެ. ހީވީ ދެލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނަތައް މަންމައަށް ސިއްރުކުރަން އުޅުނު ހެންނެވެ. އެހެންނަމަވެސް ދުއާއަށް ކަރުނަތަކެއް ނުފޮރުވުނެވެ. އިސްޖަހާލައިގެން ހުއްޓާ އޭނާގެ ދެކޯތާފަތުން ރޮނގަކަށް ކަރުނަތައް ފައިބައިގަތެވެ. ދުއާއަށް އިސްއުފުލާލެވުނީ ހާޖަރުގެ ދެއަތްތިލަ މޫނުގައި ޖެހުނުކަން އިނގުނު ހިނދުގައެވެ. މައެއްގެ އަތުގެ ފިރުމުން ފަޅި ސިކުންތެއްގެ ތެރޭގއި ދުއާއަށް އިހުސާސްވެއްޖެއެވެ. ހިތުގައިޖެހި ދުއާއަށް ރޯންފެށުނެވެ. ހާޖަރުގެ ދެއަތްތިލައިގައި ދުއާއަށް ހިފާލެވުނެވެ. ކަރުނަތަކާއެކު ބަރާވެފައިވާ ދެލޮލަކުން ހާޖަރުގެ މޫނަށް ދުއާ ބަލައިލިއެވެ. ދުއާގެ ދެތުންފަތް ފިއްތާލެވުނުއިރު ހާޖަރަށް ހީވީ ހަމަހުގެ ކުޑަކުޑަ ދުއާ ފެނިލިހެންނެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 13 އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް