ވާހަކަ: މަންޒިލް ތިޔޭ – ސާޅީސް ފަސްވަނަބައި

ކުރީގެ އަދަދާއި ގުޅޭ... "އަހަރެންނަށް ރާނީއާ ވަކިން ނޫޅެވޭނެ.. އަހަރެން ބޭނުން ދެވަނަ އަނތްބެއްގެ ގޮތުގައިވެސް ރާނީ އަހަރެންނާ ކައިވެނިކުރަން.. " ލޫކަން ބުނެލިއެވެ. އެހިނދު ރާނީ ލޫކަން އަތުން ދޫކޮށްލަ...

09 Oct 2022 | 17:21

ކުރީގެ އަދަދާއި ގުޅޭ...

"އަހަރެންނަށް ރާނީއާ ވަކިން ނޫޅެވޭނެ.. އަހަރެން ބޭނުން ދެވަނަ އަނތްބެއްގެ ގޮތުގައިވެސް ރާނީ އަހަރެންނާ ކައިވެނިކުރަން.. " ލޫކަން ބުނެލިއެވެ. އެހިނދު ރާނީ ލޫކަން އަތުން ދޫކޮށްލަމުން ދުރަށް ޖެހިލިއެވެ.

" ނޫން ލޫކް.. !! އެންމެ ރަނގަޅުވާނީ ލޫކް ދުއާ އާ ކައިވެނި ކުރުން. އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.. ދުއާއަށްޓަކައި އަހަރެން ހުންނާނީ އުފަލުން.. " ރާނީ ބުނެލިއެވެ. ލޫކަންއަށް ލިބުނީ ހައިރާން ކަމެކެވެ. އިއްޔެއާ ހަމައަށް ރާނީ ދެއްކީ އެއްވެސް ހާލެއްގައި އޭނާއާ ވަކިވާން ބޭނުން ނުވާ ވާހަކައެވެ. ނަމަވެސް މިއަދު ރާގު ބަދަލުވީ ކީއްވެ ހެއްޔެވެ؟

" ތިކިޔޭ އެއްޗެއް އެބަ އެނގޭތަ ރާނީ؟؟! ރާނީއެއް ނޫންތަ ބުނީ އެއްވެސް ހާލެއްގައި ދެން އަހަރެންނާ ދުރުވާކަށް ބޭނުމެއް ނޫނޭ.. ދެމީހުން ވެގެން ދުއާއަށް ވިސްނައި ދޭނީއޭ.. ކަންތައްތައް ވެފައި އޮތް ގޮތުން އަހަރެންނަށް ދުއާ އާ އިންނަން މަޖުބޫރުވިޔަސް ރާނީ  ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނޫން. ރާނީއާ ވަކިން އަހަރެންނަކަށް ނޫޅެވޭނެ. ދުއާ އެއްބަސް ވިޔަސް ނުވިޔަސް އަހަރެން ބޭނުން ރާނީ އަހަރެންގެ އަނތްބަކަށް ހަދަން.. ރާނީ ބޭނުމިއްޔާ އަހަރެން ބޭނުމީވެސް އަހަރެންގެ ފުރަތަމަ އަނބިމީހާއަށް ރާނީ ވާން.. " ރާނީއަށް ވިސްނައި ދޭން މަސައްކަތް ކުރަމުން ލޫކަން ބުންޏެވެ. ކުރިއަށް ފިޔަވަޅެއް އަޅާލައި އަނެއްކާވެސް ރާނީގެ އަތުގައި ހިފަން އޭނާ އުޅުނެވެ. ނަމަވެސް ރާނީ ލޫކަންއަށް ފުރަގަސް ދިނެވެ.

" ތިކަމެއް ނުވާނެ ލޫކް.. ލޫކްއަށް އިނދެވޭނީ އަހަރެމެން ދެމީހުން ކުރެ ކޮންމެވެސް އެކަކާ.. މީ ކޮންމެހެން އަހަރެން ލޫކްއާ ދެއަނތްބަށް އިންނަން ނުޤަބޫލުވީމައެއް ނޫން.. އަހަރެމެންގެ ދީން އެގޮތަށް ކަންތައް ކުރަން ތަން ނުދޭތީ.. " ރާނީ ބުނެލިއެވެ. ލޫކަންގެ ކުރިމަތީގައި ހަޤީޤަތް ހާމަކުރުމުގެ ވަގުތު އައިސް ޖެހުނީއެވެ.

" ތިބުނީ؟ ނުވިސްނުނު.. ދީން؟ " ރާނީ އެބުނި އެއްޗެއް ހަޤީޤަތުގައިވެސް ލޫކަންއަށް ނުވިސްނުނެވެ.

" އެއްވެސް ފިރިހެނަކަށް އެއްބަނޑު ދެއަންހެނުންނާ ކައިވެނި ކުރުމުގެ ޙުއްދައެއް އިސްލާމްދީން ނުދޭ.. " ރާނީގެ ޖުމްލައިން ލޫކަންއަށް ލިބުނީ ސިހުމެކެވެ. އަޑުއިވުނު ގޮތް ބާއޭވެސް ހިނދުކޮޅަކަށް ހިތަށް އެރިއެވެ. އޭނާ ގޮސް ރާނީގެ އަތުގައި ހިފާ އޭނާއާ ދިމާލަށް އަނބުރުވައިލިއެވެ. ރާނީގެ ދެލޮލުން އޮހެމުން ދިޔަ ކަރުނަ ލޫކަންއަށް ފެނުނީ އެވަގުތުއެވެ.

" ކީކޭ ތިކިޔަނީ ރާނީ؟؟ އެއްބަނޑު ދެއަންހެނުންނޭ.. ؟ ތީގެ މާނައަކީ ކޮބާ..؟ ދުއާ އަކީ ރާނީގެ....." ލޫކަން ބުނަން އުޅުނެވެ.

" އާނ !! ދުއާ އަކީ އަހަރެންގެ އެއްބަނޑު އެއްބަފާ  ދައްތަ.. އެކަން އަހަރެންނަށް އެނގުނީ ރޭގައި.. ކުރިން އެނގުނުނަމަ އަހަރެން އަލުން ލޫކްއާ ނުގުޅުނީމުސް.. ވީ ޝެއަރ ސޭމް މޮމް އެންޑް ޑޭޑް.. އަހަރެންގެ އަސްލު ބައްޕައަކީ ޒިލާލް.. އަހަރެންގެ މަންމައަކީ ދުއާގެވެސް މަންމަ.. މިހޮސްޕިޓަލަށް ނަން ދީފައި މިވަނީ އަހަރެމެންގެ ދައްތަ އުފާގެ ނަމުން.. އުފާ ވަނީ މީގެ އަހަރުތަކެއް ކުރިން މަރުވެފައި.. އެކަމުގެ ސަބަބުން ޒިލާލް ކޯޓަށް ގޮސް ދުއާ ގެ ކަސްޓަޑީ ހޯދީ.. އެހިތާމައަށް ކެތްނުވެގެން މަންމަ ޑުބާއީ އަށް ދިރިއުޅުން ބަދަލުކުރިއިރު އަހަރެންނަށް ބަނޑުބޮޑު.. ހުދު ދުއާއަކަށްވެސް ނޭނގޭނެ އަދި އަހަރެންމީ އޭނަގެ ކޮއްކޮ ކަމެއް.. އަހަރެންގެ މަންމައަކަށްވެސް ނޭނގޭނެ ދުއާ އެއީ އަހަރެން ދަންނަ މީހެއް ކަމެއް.. " ރާނީ ކިޔައިދިން އިރު ލޫކަން ހުރީ އެދައްކާ ވާހަކަ ޤަބޫލުނުކުރެވިފައެވެ. ކުއްލިއަކަށް މިއެނގުނު ވާހަކަތައް ސިކުނޑިއަށް ނަގައިގަންނަށް އުނދަގޫވެފައެވެ. އެހެން ހުއްޓާ ދެންވެސް ވާހަކަ ދައްކަން ފެށީ ރާނީއެވެ.

" އޭރު ދުއާ ދޫކޮށްލާފައި ދެވުނީތީ އަހަރެންގެ މަންމަ ވަރަށް ހިތާމަ ކުރޭ.. ދުއާއަށްޓަކައި ފައިޓް ނުކުރެވުނީ މަންމައަތުން އަހަރެންވެސް އަތުލައިގެން ގެންގޮސްދާނެތީ.. ދުއާގެ އެއްވެސް ކުށެއް ނެތި މައެއްގެ ލޯބިން އޭނާ މަޙުރޫމްވީ.. ﷲގެ އިރާދަފުޅުން އަހަރެން ބޮޑުވީ އަރާމާ، ތަނަވަސްކަމާ އުފަލާއެކު.. ބަދުނަސީބު ކުއްޖަކަށް ވީ ދުއާ.. އެހެންވީމަ އަހަރެން ބޭނުން ދުއާއަށް އޭނާއަށް ހައްޤުވާ ހުރިހާ އުފަލެއް ދޭން. މިހުރިހާ ދުވަހު އޭނާ އުޅުނު އެކަނިވެރި ދިރިއުޅުމާއި ކުރި ހިތާމައިގެ ބަދަލެއްގެ ގޮތުން  އެވަރުގެ ޤުރުބާނީއެއް އަހަރެންނަށް ވެވިދާނެ.. " ރާނީ ދެލޯ ކައިރި  ފޮހެލިއެވެ.

" ދެން އަހަރެންގެ ހިތްހަމަޖެހުމާ އުފާ ކޮބާ..؟ އަހަރެން ކިހިނެއް މިގޮތަށް ދުނިޔެ އުމުރު އުޅޭނީ.. ހެޔޮނުވާނެ ރާނީ ތިހެން ނުބުނޭ.. އަހަރެން ރާނީ ބޭނުން.. ހާދަ ލޯތްބެއްވެޔޭ އަހަރެން ރާނީ ދެކެ.. " ލޫކަންގެ އަޑު ކުރެހިގެން ދިޔައެވެ. އޭނާގެ ދެލޯ ކަރުނުން ފުރުނުތަން ފެނި ރާނީގެ ހިތް ކުދި ކުދިވިކަހަލައެވެ. އެހެންނަމަވެސް ރާނީ ކެތްތެރިވިއެވެ. ދުއާ އަށްޓަކައެވެ. ރާނީ ކުރިއަށް ޖެހިލާ ލޫކަންގެ ކުރިމަތީގައި ދެއަތް ހުޅުވައިލިއެވެ.

" އާދޭސްކޮށްފަ މިބުނަނީ ލޫކް.. ދުއާ އާ ކައިވެނި ކުރޭ! ދުއާ ހިތުގައި ޖެހޭ ފަދަ ކަމެއް ނުކުރޭ.. އަހަރެންދެކެ ލޯބިވަންޏާ އެލޯބި ސާބިތު ކޮށްދީ!! ދުއާގެ އުފަލަށް އެދި އަހަރެން ލޫކް ކައިރީގައި ސަލާން ޖަހަން.. " ރާނީއަށްވެސް ރޮވިއްޖެއެވެ. ލޫކަން ޖެހުނީ ފަހަތަށެވެ. ރާނީ ދޫކޮށްލާފައި ދުއާ އާ އިންނަން އެއްބަސްވާން އޭނާއަށް އުނދަގުލެވެ. ރާނީ ދެވަނަ ފަހަރަށް ހަޔާތަށް ނައި ނަމަ މިހެން ނުވީހޭ ހިތަށް އެރިއެވެ. ލިބިފައިވާ ހިތާމައާއި ކުއްލިއަކަށް އައި ރުޅި އެކުވި ހިނދު ލޫކަން ރާނީގެ ދެއަތުގެ ފަލަމަސްގަނޑުގައި ހިފައިފިއެވެ. ރާނީއަށް ލިބުނު ސިހުމާއެކު ދެއަތް ތިރިކޮށްލެވުނެވެ. ލޫކަންގެ ދެލޮލުން ވިދަމުންދިޔަ ކަރުނައިގެ ފަހަތުގައިވާ ރުޅި ފެނުމުން ރާނީގެ ހަތަރެސްފައި ފިނިވިއެވެ. އެދެއަތުން ރާނީ ފިއްތައިލި ގޮތުން ތަދުވެސް ވިއެވެ.

" އަހަރެން މީ ބުދެއް ނޫނޭ ރާނީ ހެދި ހާ ގޮތެއް ހަދަން.. ބޭނުންވީމަ އަހަރެން ދުރުކޮށްލާފަ ބޭނުންވީމަ ގުޅެން.. ރާނީމެން ބުނިހާ ގޮތެއް ހަދަން އަހަރެންގެވެސް އޮންނަނީ ހިތެއް.. އެހިތުގައި އަޅާވޭން ނުފެންނަނީ ކީއްވެތަ؟ އަހަރެންގެ މިދެލޯ ރާނީއަށް ފެނޭތަ؟ ކީއްވެތަ އަހަރެންނަށް މަޖުބޫރު ތިކުރަނީ..؟ އަހަރެން ބޭނުންވަނީ ކޮންކަމެއްތޯ ބަލަން އެއްވެސް މީހަކު ބޭނުންނުވަނީ ކީއްވެ؟ ކަލޭމެންގެ ލޯމައްޗަށް އަހަރެން މިހެން ކިތަންމެ ރީތިކޮށް ހުއްޓަސް އެތެރެއަށް ހާދަ ވޭނެއް އަޅައޭ.. ހިތަށް އަޅާ ވޭން މުޅި ހަށިގަނޑަށް ފެތުރިފައިވާ ކަހަލަ.. " މިހާރު ހަމަ ރީތިކޮށް ލޫކަންއަށް ރޮވިއްޖެއެވެ. ރޮމުން އޭނާ ދައްކަމުން ދިޔަ ވާޙަކަ އިވި ރާނީގެ ކެތްތެރިކަން ކޮޅުންލާ ރޯން ފަށައިފިއެވެ.

" ސޮރީ ލޫކް..!! ތަޤުދީރުގައި އަހަރެމެން ދެމީހުން ގުޅެން ނެތީ.. ލޫކް ބޭނުން ގޮތެއް ހަދަންވީ ބޭނުން ވަރަކަށް އަނިޔާ ކުރަންވީ.. އެކަމަކު އަހަރެންނަށް ލޫކްއާ ގުޅެވޭކަށް ނެތް. ދުއާގެ އުފާތައް ފޭރިގަނެގެން އުފާ ހޯދާކަށް އަހަރެން ބޭނުމެއް ނޫން.. " ރާނީ ގިސްލަމުން ރޯންފެށިއެވެ. އެމަންޒަރު ފެނި ލޫކަން ރާނީ ގައިން ދޫކޮށްލައިފިއެވެ. ރާނީ ރޯތަން ފެނި ލޫކަންގެ ހިތުގައި އަޅާ ވޭން ދެގުނަ އިތުރުވި ކަހަލައެވެ. ރޮމުން ރޮމުން ރާނީ ތިރީގައި އިށީނީ ހަށިގަނޑުގެ ވަރުދޫވާހެން ހީވެގެންނެވެ. ރާނީއަށް ފަސްދެމުން ލޫކަން ގޮސް މޭޒު ކައިރިއަށް ހުއްޓުނެވެ. ބާރު އަޑަކުން ހަޅޭއްލަވައި ގަންނަމުން މޭޒުމަތީގައި ހުރިބާރެއް ލާފައި ދެއަތުން ޖަހައިފިއެވެ. ހުރިހާ ވަރެއް އޭގެއަށް ބޭލި ކަހަލައެވެ. މޭޒުގައި ދެއަތް އަޅައިގެން ހުރެ އޭނާވެސް ރޮނީއެވެ.

" ރާނީއާ އެކު ލޯބިން ހޭދަވި ދުވަސްތައް އަހަރެން ހަނދާނުން ފޮހެލާނީ ކިހިނެއް..؟ ރާނީ އަހަރެން ހޯދަން މިތަނަށް ނައި ނަމަ މާރަނގަޅޭ ހިތަށް އަރާ... އޭރުން މިއަށްވުރެން އަހަރެންގެ ހިތަށްވާ ތަދު ކުޑަވީސް.. ރާނީ އާ ނުލާ އަހަރެންގެ މުސްތަޤުބަލު އަހަންނަށް ފެންނަނީ އަނދިރިކޮށް.. އަހަރެންގެ ހުރިހާ އުފަލަކީ ތިއީ ކަމަށްވާއިރު ހުރިހާ އުފަލެއް ބީވެގެން ދިޔައީ.. އެކަމުގެ ހިތާމައިގައި އުމުރު ދުވަހު އުޅުންތަ އަހަރެންނަށް އޮތް ގޮތަކީ.. އަދި އަމުދުން އެއް އާއިލާއެއްގެ ތެރޭގައި އެހެންމީހެއްގެ ފިރިއަކަށްވެގެން އަހަރެން ކިހިނެއް އުޅޭނީ.. ހަމަ އެއްވެސް ގޮތެއް ނެތީތަ ރާނީ..؟ އަހަރެންނަށް މިނޫން ގޮތެއް ނެތްތަ؟ ބުނެބަލަ ޕްލީޒް.. ؟ ރާނީ އަހަރެންނާ ދުރުނުވާނެ ހަމަ އެއްވެސް ގޮތެއް ނެތްތަ؟ " ލޫކަންގެ އަޑުގައިވީ ރިހުމާއި އާދޭހެވެ. ރާނީއަށް ޖަވާބެއް ނުދެވުނެވެ. ރޯލާ ރޯލާ އިނދެވުނީ އެވެ. ދޭނީވެސް ވަކި ކޮންޖަވާބެއް ހެއްޔެވެ؟ އޭނާއަށް މަޖުބޫރުވެފައިވާވަރާއި އެހިތަށް ކުރަމުންދާ އަސަރު ހެއްދެވި ފަރާތް ދެނެވޮޑިގެންވާނެއެވެ. ލޫކަންގެ ހިތަށް ތަސައްލީއެއް ދެވޭނީ ޙުދު އޭނާގެ ހިތަށް ތަސައްލީއެއް ލިބިގެނެއް ނޫންހެއްޔެވެ؟

*********************

ރިޒާއާ އެކު ހޭދަކުރުމަށްޓަކައި މިއަދު ދުއާ ހޮސްޕިޓަލަކަށް ނުދެއެވެ. ރިޒާއަށް ގޮވައިލަން ކަންސާއާއި އޭނާގެ ފިރިމީހާ ޖަވާދު އަދި ތާރާ އައިސް އުޅުނެވެ. ރިޒާ އާއި ޖަވާދު އަދި ކަންސާ ވާހަކައެއްގައި މަޝްޢޫލްވުމުން ދުއާ ގޮވައިގެން ތާރާ އެއްފަރާތަކަށް ޖެހުނެވެ.

" އާރ ޔޫ އޯކޭ ދުއާ... އެނގޭ ކާފަގެ ބަލިހާލަތު ހުރިގޮތުން ދުއާ ދެރަވާކަން.. އެކަމަކު އަހަރެންނަށް ކީއްވެ ހީވަނީ ދުއާ ލޫކްއާ ކައިވެނި ކުރެވެން އުޅޭތީ އެހާ ހެޕީއެއް ނޫނޭ.. " ތާރާ ބުންޏެވެ. ދުއާ ހިންދިރުވައިލިއެވެ. މޫނުމަތިން ހިތާމަ ފޮރުވުމަށް އޭނާ ކުރި މަސައްކަތް ކާމިޔާބު ނުވީތާއޭ ހިތަށް އެރިއެވެ. އެހާ ފަސޭހައިން ތާރާއަށް އެއެނގުނީ އެހެންވެއެވެ.

" ނޫން.. ތީ ހީވާ ގޮތް.. އަހަރެން ހަމަ ވަރަށް ހެޕީ.. " ހިނިތުންވާން މަސައްކަތް ކުރަމުން ދުއާ ބުންޏަސް އޭނާގެ ހިތް ރޮނީއެވެ.

" އައި ކާންޓް ބްލީވް!! އަހަރެންގެ ކައިވެންޏަށް ވުރެ ކުރިން ދުއާގެ ކައިވެނި ކުރެވޭނެކަމަށް އުއްމީދެއްވެސް ނުކުރަން.. އަޅެ ދެމީހުންގެ ކައިވެނި އެއްދުވަހެއްގައި ކުރެވޭނެ ނަމަ ކިހާ ރަނގަޅު ދޯ.. ހަމަދް ކުއްލިއަކަށް އޭނަ މަންމަ ބަލާ ދާން ނުޖެހުނުނަމަ ރަން ކިޔުނީސް ދޯ.. " ތާރާ ޝަކުވާކޮށްލިއެވެ.

" ކޮންއިރަކު ހަމަދް އަންނަނީ..؟ " ދުއާ ބޭނުންވީ ވާހަކައިގެ މިސްރާބު ބަދަލުކޮށްލާށެވެ. ކައިވެނީގެ ވާހަކަ ދެކެވުމުން އެހިތަށް ލިބޭ ތަކުލީފު އިތުރުވުން ނޫން ގޮތެއް ނުވާނެއެވެ.

" ދެދުވަހެއްގެ ތެރޭގައި އަންނާނެ.. އަދި އަޔަސް ރަނެއް ނުކިޔޭނެ.. ހަމަދް ބައްޕައަށް އާދެވޭނީ ހަފްތާއެއް ފަހުން.. މަންމަ އެއަންނަނީ ކައިވެނި ޝޮޕިން ކޮށްލާ ހަދާލަން.. އެމީހުން ބޭނުންވަނީ ކައިވެނި ހެދުން މިކޮޅުން ފައްސަން.. " ތާރާ ބުނެދިނެވެ. " އެހެން ބުނީމަ މި ހަނދާންވީ..ދުއާމެންގެ ކައިވެނި ކޮން ކުލައަކުން އޮތީ.."

" ވަކި ހާއްސަ ކުލައެއް ނެތް.. އެހާ ކުލަގަދަކޮށް ބާއްވަން ގަސްދެއް ނުކުރަން.. " ދުއާ ބުނެލިއެވެ.

" ދުއާ!! އަހަރެންނަށްވެސް އެނގޭ ކައިވެންޏަށް މީ އެންމެ ރަނގަޅު ވަގުތަށް ނުވެދާނެކަން.. އެކަމަކު ދުއާގެ ކައިވެނި ކުލަގަދަކޮށް ކުރުވުމަކީ ކާފަގެ ވަރަށް ބޮޑު އުއްމީދެކޭ އަބަދުވެސް ބުނަމެއްނު.. އަނެއްކޮޅުން ލޫކް.. ކައިވެންޏާ ބެހޭގޮތުން ތިދެމީހުން އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަންތަ؟ " ތާރާ ބުންޏެވެ. އެހެންކަމެއް ވާނީ އާރަވްގެ ނަން ހިތުން ފޮހެވިގެން ނޫންހޭ ބުނަން ދުއާ ބޭނުންވިއެވެ.

" ދުންޔާ މަންމަ މިއަދު ހަވީރު ލޫކްއާއެކު އަންނާނެ މިގެއަށް.. އައިމަ އެވާޙަކަ ދައްކާނީ.. " ދުއާ ބުންޏެވެ.

" ތިދެމީހުން އަނެއްކާ އޯކޭތަ؟ މިހާރު ވަރަށް އެއްކޮށް ނުފެނޭ.. ލޫކްވެސް ހުންނަނީ މުޅިން އެހެން ފާޑަކަށް.."

" ތީ ހަމަ ތާރާއަށް ހީވާ ގޮތޭ.. އަހަރެންވެސް ލޫކްވެސް ހަމަ ބަރާބަރު.. ދެން މިތާ ނުތިބެ ހިނގާ އެތަނަށް.. އަހަރެން ބޭނުމެއްނޫން ހިނދުކޮޅަކުވެސް ކާފައާ ދުރުގައި ހުންނާކަށް.. " ތާރާގެ އަތުގައި ހިފައިގެން ދުއާ އެދިމާލަށް ހިނގައިގަތެވެ.

**********

ޖަވާދުއާއި އޭނާގެ އާއިލާ ދިޔުމުން ކޮޓަރީގެ ދޮރުލައްޕާފައި އައިސް ކައިރީގައި އިށީނުމަށް ދުއާ ކައިރިން ރިޒާ އެދުނެވެ. ރިޒާ އެދުނު ފަދައިން ކަންތައް ކުރުމަށްފަހު ދުއާ ރިޒާ އޮތް އެނދުގެ ތަންކޮޅެއްގައި އިށީނެވެ.

" ކާފަ މިއުޅެނީ ދަރިފުޅު ކައިރީ ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެން.. ކޮންމެވެސް ދުވަހަކުން ދުއާ ކައިރީ މިވާހަކަ ބުނަން ހުއްޓާ ކާފަ ބަލިވީ.. އަލުން މިފުރުސަތު ލިބުނުކަމަށްޓަކައި ހެއްދެވި ފަރާތަށް ޙަމްދު ކުރަން.. " ރިޒާ ބަލި އަޑަކުން ވާހަކަ ދެއްކިއެވެ.

" އަހަރެންވެސް މިހުންނަނީ ކާފަ ކައިރީ ވަރަށް މުހިންމު ވާހަކައެއް އަހާލަން ބޭނުންވެފައި.. އަހަރެންގެ މަންމައާ ބެހޭގޮތުން.. ކުރިން އެއްވެސް ގޮތަކުން ނާހަން ނިންމައިގެން ހުރީ.. އެކަމަކު މިހާރު؟ ނޭނގެ.. މަންމަ ދެކިލަން ވަރަށް ބޭނުން.. މަންމާއޭ ކިޔާ ގޮވާލަންވެސް ބޭނުން.. މަންމަ އަހަރެން ކައިރީ ހުރުމަށް އަބަދުވެސް މިހިތް އެދޭ.. " ދުއާ އޭނާގެ ހިތް ހުޅުވައިލިއެވެ.

" ކާފަވެސް މިއުޅެނީ ހަމަ ތި ވާހަކަ ދައްކަންވެގެން.. ދުއާގެ މަންމަގެ ވާހަކަ.. ކުޑައިރު ދަރިފުޅު މަންމަ ކޮބައިތޯ ސުވާލުކުރުމުން އެސުވާލަށް ޖަވާބު ނުދެވެނީ ދައްކަން ހުރި ވާހަކަތައް ގިނަކަމުންނާ އެވާހަކަތައް ދަރިފުޅަށް ވިސްނައިނުގަނެވޭނެތީ.. ފަހުން ފަހުން އައިސް ދުއާ އެވާހަކަ ނުދައްކާތީ ކާފައަށްވެސް ހުރެވުނީ.. އެކަމަކު ކާފަގެ ހަޔާތުގައި ބާކީ މިއޮތް މަދު ދުވަސްކޮޅުގައި މިވާޙަކަތައް ދަރިފުޅު ކައިރީގައި ދައްކަން ބޭނުން.."

" ތިހެން ނުބުނޭ ކާފާ.. " ދުއާ އަށް ބުނެވުނެވެ.

" ދުއާ!! ދުއާގެ މަންމައަށް ކިޔަނީ.......... ހާޖަރު..... އެއީ ވަރަށް އަހުލާޤު ރަނގަޅު މާތް އިންސާނެއް.. ފަހަރެއްގައިވެސް ހީނުކުރާތި އެއްވެސް ރަޙުމެއްނެތި ދުއާ ދޫކޮށްލާފައި ދިޔައިއްޔޭ.. ހުރިހާވެސް ގޯހެއް ހެދީ ދުއާގެ ބައްޕަ.. ހާޖަރަށް ހާދަ ވަރަށް ކޮށްލިޔޭ ޒިލާލް..!! ކިތަންމެ ދުވަހަކު ހާޖަރަށް އަނިޔާ ކުރާ މަންޒަރު ކާފަ މިދެލޮލުން ދުށިން.. ވަރަށް ކެތްކޮށްފަ އެންމެފަހުން ކާފަ ދިން ނަސޭހަތަކަށް ހާޖަރު ދުއާ އާއި ދުއާގެ ދައްތަ އުފާ ގޮވައިގެން މިގެއިން ދިޔައީ.. ދުވަސްކޮޅެއް ފަހުން އިވުނީ ވަޅަކަށް ވެއްޓިގެން އުފާ މަރުވި ޙަބަރު.. ކުރިންވެސް ޒިލާލްއަކީ އުފާ އާއި ދުއާ އަށް އެހާ ބޮޑަށް އަޅާލައި ލޯބިވެގެން އުޅުނު މީހެއް ނޫން. އެކަމަކު އުފާގެ މަރާއެކު އޭނަ މޮޔަވެގެން އުޅުނު ކަހަލަ.. ދުއާގެ ކަސްޓަޑީ ހޯދަން ކޯޓަށް ގޮސް މީހުންނަށް އެތައް ރިޝްވަތެއް ދީގެން އޭނަ ދުއާ ހޯދީ.. އަދިވެސް ކާފަ ހަނދާން އެބަހުރި ޒިލާލް ކޯޓުން ނިކުމެގެން ދުއާ ގަދަކަމުން ކާރަށް އަރުވައިގެން ގެންދިޔައިރު ފަހަތުން ހާޖަރު ރޮމުން އާދޭސްކުރަމުން ދުވެފައި ދިޔަ.. ދެދަރިންވެސް އެފަކީރު އަތުން ބީވެދިޔައީ.. އެކަމުގައި ކާފައަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް.. އަހަރެންގެ ލޮލަށް އެންމެ ފަހު ފަހަރަށް ހާޖަރު ފެނުނީވެސް އެދުވަހު.. ކާފަ ވަރަށް މަސައްކަތް ކުރިން ހާޖަރު ހޯދަން.. އޭނަ ހުރިތޯ ބަލަން އޭނާގެ އާއިލާ މީހުން ކައިރިއަށްވެސް ދިޔައިން.. ނަމަވެސް އެގެއިން އަހަރެންނާ ބައްދަލުކުރި ޒީލަގަދަ އަންހެނެއް ބުނީ އެމީހުންނަށްޓަކައި ހާޖަރު މަރުވިތާ ކިތަންމެ ދުވަހެކޭ.. ދުއާގެ ވާހަކަވެސް ބުނިން.. ބުނިން މަންމަ ކޮބައިތޯ ކޮންމެ ދުވަހަކުހެން ސުވާލު ކުރެއޭ.. އެކަމަކު އެއަންހެންމީހާގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރި.. އަހަރެންގެ މޫނުމައްޗަށް ދޮރުލެއްޕީ.. އެދުވަހު ކާފަ އަށް އެނގުނު އެގޭ މީހުންވެސް ދުއާ ބޭނުންނުވާކަން.. އެހެންވެ ކާފަ ބޭނުންވީ ދުއާއަށް ދެވުނު ހުރިހާ ލޯތްބެއް ދީގެން އުފަލުގައި ބޮޑުކުރަން.. " ރިޒާ ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނުއިރު ދުއާއަށް ރޮވިއްޖެއެވެ. ހާޖަރުގެ ހަޤީޤަތް އެނގުމުން ކުރިއަށްވުރެ ބޮޑަށް އޭނާގެ މަންމައާ ބައްދަލުކުރުމަށް އެހިތް ތެޅިގަތެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ 11 އޮކްޓޯބަރ ވާ އަންގާރަދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް