އައްޑޫ ސިޓީގެ ގެއެއްގައި ވެލިބަސްތާ ޖަހާފައި - ފޮޓޯ: އެންޑީއެމްއޭ
އިއްޔެ ފެށިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިއަދު ހެނދުނާ ހަމައަށް އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ފެންބޮޑުވުމުގެ ސަބަބުން ދިރިނޫޅެވޭ މިންވަރަށް ހާލަތު ގޯސްވި އެއް ގެއެއްގައި ތިބި އަށް މީހަކު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވެއެވެ. ފޭދޫގެ އިތުރުން ސ. މަރަދޫގެ ދެ ގެއަކަށް ވެސް ފެންވަދެގެން ރިޕޯޓުކޮށްފައިވެއެވެ.
އައްޑޫ ސިޓީގެ ރަށްތަކުގެ އިތުރުން ފުވައްމުލައް ސިޓީ ގއ. އަތޮޅު ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވެސް މެދުނުކެނޑި ވާރޭ ވެހެމުންދެއެވެ. ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހި ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވެއެވެ.
މި ރަށްތަކުގައި ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ހުއްޓުމެއް ނެތި ކުރަމުންދާ އިރު ގެތަކާއި ފިހާރަތަކާއި އޮފީސްތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖެހުމާއި ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް ވެސް އަޅަމުންދެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ ދަތުރުފަތުރު ކުރުމުގައާއި ފެންބޮޑުވެގެން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް