N/A
އަރަބި ކަނޑާއި ބަންގާޅު ކަނޑުގައި ކޮޅިގަނޑުތަކެއް އުފެދިފައިވަނިކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރައި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެ އިދާރާއިން މިއަދު ހަވީރު 18:00 އާ ހަމައަށް ނެރެފައިވާ މޫސުމުގެ ލަފައިގައިވާ ގޮތުން، ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން ވެސް އެކަށީގެންވެއެވެ.
ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ތިން ފޫޓާއި ހަތް ފޫޓާ ދެމެދު ހުންނާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ނިއު ދިއްލީގައި ހުންނަ މޫސުމާ ބެހޭ ސަރަޙައްދީ މަރުކަޒުން އިއްޔެ ނެރުނު ބަޔާނުގައިވާ ގޮތުން، އިންޑިއާގެ ދެކުނު ކޮންކަން ސަރަޙައްދާ ދިމާލުން، އަރަބި ކަނޑުގެ މެދުތެރޭގެ އިރުމަތީ ބައިގައި އައު ކޮޅިގަނޑެއް ވަނީ އުފެދިފައެވެ. އަދި ދެކުނު އަރަބި ކަނޑުގައި، ރާއްޖެ ހިމެނޭ ސަރަޙައްދުގައި ބޯވިލާ އުފެދި، ބައެއް ހިސާބުތަކުގައި ވަރުގަދަ ވިލާގަނޑުތައް ހުރި ކަމަށް އެ ބަޔާނުގައިވެއެވެ.
ބަންގާޅު ކަނޑުގެ އުތުރުގައި އުފެދުނު ކޮޅިގަނޑު އިއްޔެ ވަނީ ބަންގާޅު ކަނޑުގެ އުތުރު ހުޅަނގާއި މެދުތެރޭގެ ހުޅަނގު ބަޔަށާއި، އިންޑިއާގެ ދެކުނު އޮޑިޝާ އާއި އުތުރު އަންދްރަ ޕްރަދޭޝްގެ ގޮނޑުދޮށްތަކާ ހަމައަށް ޖެހިލައިފައެވެ. ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ހުޅަނގު އުތުރަށް ޖެހިލައި، އިންޑިއާގެ އިރުމަތީ ސަރަޙައްދު ހުރަސްކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ މަރުކަޒުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް