ވާހަކަ: ޑައިރީ – ސާޅީސްނުވަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.. "ފެންވެސް ނުވަރާ އަދި މިހިރީ..! ފެންވަރައިގެން ކާނީ...! ފެންވަރާލައިގެން އައިސް ކައިގެން ތަށިތައް ނަގާނަން...!" ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ނާޒިމާ ބުންޏެވެ. އައިލީންމެން...

12 Sep 2024 | 06:17

ކުރީގެ އަދަދާއި ގުޅޭ..

"ފެންވެސް ނުވަރާ އަދި މިހިރީ..! ފެންވަރައިގެން ކާނީ...! ފެންވަރާލައިގެން އައިސް ކައިގެން ތަށިތައް ނަގާނަން...!" ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ނާޒިމާ ބުންޏެވެ.

އައިލީންމެންގެއިން ނުކުމެގެން ދުވަސްތަކަކަށްފަހު މިފްޒާލް ދިޔައީ ގެއަށެވެ. ގެއަށް ނުގޮސް ގިނަ ދުވަސް ވުމުން މިފްޒާލްގެ މަންމަހުރީ އެކަމާ ހިތްހަމަ ނުޖެހިފައެވެ.

"މިހާރު މަންމައަކަށް ނޭނގެ މިފްޒާލް އުޅޭނޫޅޭ ގޮތެއް...! އަންބަކު ނެތަސް ގައިމު ގޭގައި ބަލަންޖެހޭ މުސްކުޅި މަންމައަކު އިންކަން ހަނދާން ކުރަންޖެހޭނެހެން މަންމައަށް ހީވަނީ...! އެކަމަކު އެވަރުވެސް މިހާރު ހަނދާނެއް ހުރިހެނެއް ހީއެއްނުވޭ...! ގުޅާލީމަ ފޯނު ނަގަނީކީ ނޫން...! ތިއީ އުޅެންވާނެ ގޮތެއް ނޫނެއްނު...! މީގެ ކުރިންވެސް ދަރިފުޅު އުޅުނު ގޮތެއް ނޫނޭ ތިއީކީ...!" މިފްޒާލް ގެއަށް އައިސްވަނުމާއެކު މަންމަ ޝަކުވާ ކުރަން ފެށިއެވެ.

"މަސައްކަތުގައި މާބޮޑަށް ބިޒީވީއޭ...! ހަމަ ވަގުތެއް ލިބޭއިރަށް މިއައީނު...! މަންމަ ކީއްކުރަންތަ އެވަރަށް ގުޅީ...!" މަންމަ ކައިރީގައި އައިސް އިށީންނަމުން މިފްޒާލް ވާހަކަ ދެއްކިއެވެ.

"މަންމަގެ ދަރިފުޅަށް މަންމަ ގުޅަންޖެހޭނީ ކަމެއްވީތަ..؟ ދަރިފުޅު ގެއަށް ނައިސް އުޅޭނޫޅޭ ތަނެއް ނޭނގޭތީ މަންމަ ގުޅީ...! މިހާރު ކިހިނެއްތަ ދަރިފުޅު ތިއުޅެނީ...؟ ތިހެން ނޫޅެ ރަނގަޅު ދިރިއުޅުމެއް ފަށަން އުޅޭ...! މަންމަ ބޭނުމެއްނޫން ދަރިފުޅު ތިހެން ރަށުތެރެއަށް ގިނަވެގެން އުޅޭތަން ދެކޭކަށް...! މަންމަ ދުނިޔޭގައި ހުއްޓާ އަނެއްކާވެސް ރަނގަޅު ދިރިއުޅުމެއް ފަށާބަލަ...!" މަންމަ އޯގާތެރިކަމާއެކު ވާހަކަ ދެއްކިއެވެ.

"ރަނގަޅު ދިރިއުޅުމެއް ފެށޭތޯއޭ މިބަލަނީ...! އެކަމަކު އަދި އެކަންވާގޮތް ހަމަ ނުވެގެން މިއުޅެނީ...! އިރާދަކުރެއްވިއްޔާ މާލަހެއްނުވެ އެކަން ވެދާނެ...!" މިފްޒާލްވެސް މަންމައަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

"ދަރިފުޅު އަލުން އަންޖަލް އާ ކައިވެނި ކުރަން މަންމައަށް ފެންނަނީ...! ދަރިފުޅު އަންޖަލް އާ ވާހަކަ ދައްކައިދޭން އެދުނީމަ މަންމަ އަންޖަލްއާ ވެސް ވާހަކަ ދައްކައިފިމޭ...! އަންޖަލް ބުނީ ދަރިފުޅު ރަނގަޅު ވެގެން އަންޖަލްގެ ކައިވެންޏަށް އަލުން އެދެފިއްޔާ ކައިވެނި ކުރާނަމޭ...! ދަރިފުޅު ވިސްނާލަބަލަ، އަންޖަލް ކިހާ ރަނގަޅު...! ދަރިފުޅު އެގޮތަށް ކަންތައް ކުރީމަވެސް އަންޖަލް އެހެރީ ދަރިފުޅަށް މާފުކުރަން ތައްޔާރަށް...!" މިފްޒާލްގެ އަތުގައި ހިފަހައްޓާލައިގެން އިނދެ މަންމަ ވާހަކަ ދެއްކިއެވެ.

މަންމަގެ އެދުމަށް އެންމެފަހުން މިފްޒާލް ނިންމީ އަލުން އަންޖަލްއާ ކައިވެނި ކޮށްގެން ގެއަށް ގެނައުމަށެވެ. އައިލީންގެ ހިޔާލުތައް ހިތުން ފޮހެލުމަށް މަސައްކަތް ކުރުމަށް ޢަޒުމް ކަނޑައަޅަމުންނެވެ. އަންޖަލް އާ އަލުން ގުޅެން މިފްޒާލްވެސް ބޭނުންވާތީ އެވެ. ދެވަނަ ފަހަރަށް އަންޖަލްވެސް މިފްޒާލް އާ ކައިވެނި ކުރީ ކުރިން އުޅުނުގޮތް އިޞްލާޙުކޮށް އަލުން އަންޖަލް އާއެކު އުފާވެރި ދިރިއުޅުމެއް އުޅުމަށް ވަޢުދުވުމާ ގުޅިގެންނެވެ.

ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެވެ. ނާޒިމާ ދިޔައީ އޭނާގެ ރައްޓެއްސެއްގެ ގެއަށެވެ. އެގެއަށް ދިޔުމަށްފަހު އެނބުރި ގެއަށް ދިޔުމަށްޓަކައި ބޭރަށް ނުކުމެ ޓެކްސީއެއް ލިބޭތޯ ހުއްޓާ ނާޒިމާ ސިހިގެން ދިޔައީ ރާއިފުގެ އަޑަށެވެ.

"ނާޒިމާ...! މިތާ ކީއްތިކުރަނީ...؟" މަގުމަތީގައި ނާޒިމާ ހުރިތަން ފެނުމާއެކު ރާއިފު ސައިކަލު މަޑުކޮށްލުމަށްފަހު ވާހަކަ ދެއްކިއެވެ.

"މިގެއަށް އައީ ރައްޓެއްސެއް ކައިރިއަށް....! ގެއަށް ދާންވެގެން ޓެކްސީއެއް ހޯދަން ވެގެން މިހިރީ...!" ޖެހިގެންހުރި ގެ ދައްކާލަމުން ނާޒިމާ ބުންޏެވެ.

"ކޮންމެހެން ޓެކްސީއެއްގައި ދާނެ ކަމެއްނެތް...! މަވެސް ގެއަށޭ މިދަނީ...! އަރާ..!" ސައިކަލްގެ ސީޓުން ތަންކޮޅެއް ކުރިއަށް ޖެހިލަމުން ރާއިފު ބުނެލިއެވެ.

"އޯކޭވާނެ...! ޓެކްސީއެއްގައި ހިނގައިދާނަމޭ...!" ރާއިފުގެ ސައިކަލުގެ ފަހަތަށް އަރަން ބޭނުންނުވާތީ ނާޒިމާ ބުންޏެވެ.

"ނޫނޭ...! އަރާ..! އަހަރެންވެސް މިދަނީ ގެއަށޭ...! މައްސަލައެއް ނޫނޭ އެއީ...! ޓެކްސީއެއްގައި ދެން ކޮންމެހެން ކީއްކުރަން ދަނީ...! ބޭކާރު ރުފިޔާއެއް ޚަރަދުވާނީ...!" އަނެއްކާވެސް ރާއިފު ބުނެލިއެވެ.

ރާއިފު އެވަރަށް ބުނުމާއެކު އިތުރު އެހެން ގޮތެއް ނެތިގެން ނާޒިމާ، ރާއިފުގެ ފަހަތަށް ސައިކަލަށް އެރިއެވެ. ރާއިފު ސައިކަލުގައި ގޮސް ގޭދޮށަށް މަޑުކޮށްލިއިރު އައިލީންވެސް ބޭރުން އައިސް ގެއާ އަރާހަމަވަނީއެވެ. ރާއިފުގެ ސައިކަލުގެ ފަހަތުގައި ނާޒިމާ އިންތަން އައިލީން އަށް ފެނުމާއެކު އައިލީން ހިތްހަމަ ނުޖެހުނެވެ. ނާޒިމާއަކަށްވެސް ރާއިފުއަކަށްވެސް އައިލީން ދުރުގައިހުރިތަނެއް ނުފެނެއެވެ. ގޭދޮށަށް ސައިކަލު މަޑުކޮށްލުމަށްފަހު ދެމީހުން އެތެރެއަށް ވަނުމާއެކު އައިލީންވެސް އައިސް ގޭތެރެއަށް ވަނެއެވެ. އޭރުވެސް އައިލީން ހުރީ ހިތްހަމަ ނުޖެހިފައެވެ. ގެއަށް އައިގޮތަށް އައިލީން ސިޓީންގ ރޫމުގައި ސޯފާގައި އިށީނެވެ. ރާއިފު ގެއަށް އައިސް ވަނީ ކޮޓަރިއަށެވެ. އައިލީން އިރުކޮޅަކު ސޯފާގައި އިނުމަށްފަހު ގޮސް ކޮޓަރިއަށް ވަންއިރު ރާއިފު އެނދުގައި އޮށޯވެލައިގެން ފޯނާ ކުޅެން އޮތެވެ.

"ކޮންތާކުން ނާޒިމާ ގޮވައިގެން ތިޔައީ...؟" ރާއިފު ފެނުމާއެކު އައިލީން ސުވާލު ކުރިއެވެ.

"ކިހިނެތްވީ ތިހެން ތިއެހީ...؟ ހަމަ ގައިމުވެސް އައިލީން ކުރާކަހަލަ ކަމެއް ކޮށްފައެއް ނޫން އަހަރެން މިއައީކީ...! ހިތްހަމަ ނުޖެހިފައި އޮވެ ރާއިފު ވާހަކަ ދެއްކިއެވެ.

"އަހަންނަށް އިނގޭ ކަންކަން ވީގޮތުން މިއީ އަހަރެން ކުރަންޖެހޭނެ ސުވާލެއް ނޫންކަންވެސް...! އެކަމަކު އަހަރެން ފިރިމީހާގެ ސައިކަލު ފަހަތުގައި އެހެން އަންހެން ކުއްޖެއް އިންތަން އަހަންނަށް ފެނުނީމަ ހަމަ ކެތް ނުވެގެން މިއަހާލީ...!" އައިލީން، ރާއިފު ގާތުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.

"ބަލަ އެއީވެސް މިގޭގައި އުޅޭ ކުއްޖެކޭ...! އޭނަ ތަނެއްގައި ގެއަށް ނާދެވިފައި ހުއްޓާ ފެނުނީމަ ގެއަށް ގެނެސް ދިނުމަކީ އެހާ ގޯސް ކަމެއް ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން...! އެހެން ނޫނަސް އައިލީން ކުރިކަންތަކާ ބަލާއިރު އެއީ އެއްވެސް ކަމެއް ކަމަކށް އަހަރެން ޤަބޫލެއްވެސް ނުކުރަން...!" ފޯނާ ކުޅެންއޮވެ ފަރުވާކުޑަ ގޮތަކަށް ރާއިފު ބުނެލިއެވެ.

"އަބަދު ދެން ތިވާހަކަ ދެއްކުން ހުއްޓާލަފާނަންތަ...؟ އަހަރެން ދެއްކި ވާހަކަ އާމެދު ވިސްނާލިންތަ...؟" އަނެއްކާވެސް އައިލީން ސުވާލުކޮށްލިއެވެ.

"ކޮންވާހަކަ އެއް...؟" ނޭނގޭ ކަމަށް ހަދަމުން ރާއިފު ސުވާލު ކުރިއެވެ.

"އަހަންނަށް މާފު ކުރުން...! އަހަންނަށް އަންބެއްގެ ލޯބި ދިނުން...! ކުރިން އުޅުނުކަހަލަ އުފާވެރި ދިރިއުޅުމެއް އުޅުން..!" ރާއިފު އާ ދިމާއަށް ބަލަން އިނދެ އައިލީން ވާހަކަ ދެއްކިއެވެ.

"ތިކަމާ މި ވިސްނަނީ...! މިއަދު ތިކަމަށް އަހަރެން ގޮތެއް ނިންމާނަން...!" އަނެއްކާވެސް ފޯނާކުޅެން އޮވެ އައިލީން އާ ދިމާއަށް ބަލާވެސް ނުލާ ރާއިފު ބުނެލިއެވެ.

"ދެން އެންމެ ރަނގަޅު، ބުނެބަލަ...! ނާޒިމާ ގޮވައިގެން ކޮންތާކުންތަ ތިއައީ...؟ އަހަރެން ހަމަ ޖޭ ވާތީ މިވަރަށް މިސުވާލު ކުރެވެނީ...!" އައިލީން ބޭނުންވީ ނާޒިމާ، ރާއިފުގެ ފަހަތަށް އެރުވި ސަބަބެއް ހޯދާށެވެ.

"ބުނެފީމެއްނު އަހަރެން ގެއަށް އައިއިރު އޭނަ ގެއަށް ނާދެވިފަ މަގުމަތީގައި ހުއްޓަ ފެނިގެން ގެނައިއޭ...! ކިހާވަރަކަށްތަ ދެން ބުންނަންވީ...! އަހަރެންވެސް އައިލީން މީހުންނާއެކީ އުޅެފަ ގެއަށް އައިމަ ތިވަރަކަށް ސުވާލެއް ނުކުރަމެއްނު..." އަނެއްކާވެސް ރާއިފު ބުންޏެވެ.

"އެންމެ ރަނގަޅު...! އެންމެ ރަނގަޅު...! ދެން ރުޅި ނާދެބަލަ..!" އައިލީން އެނދުގައި އޮށޯންނަމުން ބުންޏެވެ.

"ރުޅިއައިމަ ރުޅި އަންނަ ވާހަކަ ތިބުނަނީ...! ތިމާ މީހާއަށް އުޅެވޭ ގޮތެއް ނޭގޭތަ...؟" މިފްޒާލް އެނދުގެ އަނެއް ފަރާތަށް އެނބުރެމުން ބުނެލިއެވެ.

"އެހެން އުޅެވުނީމަ މިހާރު ދެރަވެޔޭ...! ވަރަށް ބޮޑަށް ލަދުވެސް ގަނޭ...! އެހެންވެ އެވަރަށް މާފަށްވެސް މިއެދެނީ...! ފިރިޔަކު ހުރެ ފިރިއެއްގެ ލޯބިން މަހްރޫމް ވުމުން ލިބޭ ހިތާމަ ވަރަށް ރަނގަޅަށް އަހަންނަށް އެނގިއްޖެ...! އުއްމީދު ކުރަން ކޮންމެވެސް ދުވަހަކުން އަހަންނަށް މާފުކުރާނެ ކަމަށް...!" އަސަރުން ފުރިގެންވާ ރާގަކަށް އައިލީން ބުންޏެވެ.

"އައިލީން އަށް ވިސްނިއްޖެތަ އައިލީން އެހެން ކަންތައްކުރުމުން އަހަރެންކުރާނެ ހިތާމަ...! އަހަންނަށް ފެނުނު ފޮޓޯތަކަށްވުރެވެސް މާގިނަ ކަންކަން މިހާރު އަހަންނަށްއޮތީ އެނގިފަ...!" އައިލީން އާ ދިމާއަށް އެނބުރިލަމުން ރާއިފު ވާހަކަ ދެއްކިއެވެ.

"ކޮން ކަންތައްތަކެއް...؟" ޙައިރާންވެފައިއޮވެ އައިލީން ސުވާލު ކުރިއެވެ.

"އައިލީން އާއި، އެ މިފްޒާލްގެ ގުޅުމުގެ ކަންކަން...! ދެމީހުން ކޮށްފަހުރި ކަންކަން...! އައިލީން، މިފްޒާލް ދެކެ ލޯބިވާ ވަރު...!" އައިލީން އާ ދިމާއަށް ބަލަހައްޓައިގެން އޮވެ ރާއިފު ވާހަކަ ދެއްކިއެވެ.

"ތިއީ ކާކު ރާއިފު ގާތުގައި ދައްކައިގެންއުޅޭ ވާހަކަ އެއް...! އަނެއްކާ އެ މިފްޒާލް އެއްޗެކޭކީތަ...؟ އޭނަ ބަލާނެ އެއްގޮތެއް ނެތިއްޔާ އަނެއްގޮތަކުންވެސް ދޭތެރެ ޖެއްސޭތޯ...! މިހާރު ހިތަށްއަރާ އެއީ ކިހާވަރެއްގެ މީހެއްކަން ކުރިން އަހަން އެނގުނުނަމައޭ...! އެކަމަކު މިހާރު މިއޮތީ ވަގުތު ފާއިތުފައި...! ބުނެބަލަ އޭނަ އަނެއްކާވެސް ވާހަކައެއް ދެއްކީތަ...؟" އައިލީން ޙައިރާންވެފައި އޮވެ ވާހަކަ ދެއްކިއެވެ.

"މިފްޒާލްއެއް ނޫން ބުނީ...! އައިލީން ބުނީ...!" އައިލީން އާ ދިމާއަށް ބަލަންއޮވެ ރާއިފު ބުންޏެވެ.

"އަހަންނޭ...! އަހަރެން ކޮންއިރަކު ރާއިފު ކައިރީ ތިހެންބުނީ...؟ އަހަރެން ނުބުނަން...! ދޮގުނަގަހދާ ބުނެބަލަ...! ކާކު ދެއްކި ވާހަކައެއް ތިއީ..؟" އައިލީން އޮޅުންފިލުވަން ބޭނުން ވެގެން އަނެއްކާވެސް ސުވާލު ކުރިއެވެ.

"އައިލީން ސީދާ ސީދާ އަހަރެން ކައިރީ ނުބުންޏަސް އައިލީންގެ ހިތުގައިހުރި ހުރިހާ އެއްޗެއް އެއޮތީ ލިޔެފައެއްނު...! ބަލަ، މަ އެކިޔައިފީމޭ...! ސިޓިން ރޫމް ކަބަޑު ތެރޭގައި އައިލީންގެ ޑައިރީ އޮއްވަ އަހަންނަށް ފެނިގެން އަހަރެން އެ ކިޔައިފިން...! އޭގައި އެއޮތީ އައިލީންގެ ހިތުގެ ހުރިހާ ވާހަކައެއް ލިޔެފައެއްނު...! ދެން ކޮން ވާހަކައެއް މިހާރު ތިދައްކަނީ...!" އައިލީން އާ ދިމާއަށް ބަލަންއޮވެ ރާއިފު ވާހަކަ ދެއްކިއެވެ.

އައިލީންގެ ޑައިރީ ރާއިފް ކީ ވާހަކަ ބުނުމުން އައިލީން ހިތް އަވަސް ވެގެން ދިޔައެވެ. ބުނާއެއްޗެއްވެސް އައިލީން އަކަށް ނޭނގުނެވެ. އެއްޗެއް ނުބުނެ އިރުކޮޅަކު އައިލީން އޮތެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 15 ސެޕްޓެމްބަރ، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް