ވާހަކަ: ޑައިރީ – ސާޅީސް އަށްވަނަބައި

ކުރީގެ އަދަދާއި ގުޅޭ... "އަހަރެން މި ގެއަށް ދޭތެރެ ދޭތެރޭން ވަދެލާނަން...! އޭރުން ގޭތެރޭގައި ހިނގާނުހިނގާ ކަންތައްތައް ނާޒިމާއަށް ވީ ވަރަކުން މަށަށް ކިޔާލަދިނީމަ ހުންނާނީ ރަނގަޅަށް...! އޭރުން ރާއިފުއަ...

10 Sep 2024 | 07:12

ކުރީގެ އަދަދާއި ގުޅޭ...

"އަހަރެން މި ގެއަށް ދޭތެރެ ދޭތެރޭން ވަދެލާނަން...! އޭރުން ގޭތެރޭގައި ހިނގާނުހިނގާ ކަންތައްތައް ނާޒިމާއަށް ވީ ވަރަކުން މަށަށް ކިޔާލަދިނީމަ ހުންނާނީ ރަނގަޅަށް...! އޭރުން ރާއިފުއަށްވެސް އެ ކޮށްދެވުނީ ވަރަށް ބޮޑުހެޔޮކަމެއް...!" މިފްޒާލްގެ ލޮލުން ދެއްކުންތެރިކަމުގެ ކަރުނަ ފައިބަމުން ދިޔައެވެ.

އެވަގުތު ގޭތެރެއަށް އައިސްވަނީ ރާއިފު އެވެ. ރާއިފު ފެނުމާއެކު މިފްޒާލް ދިޔައީ ސިއްސައިގެންނެވެ.

"ކަލޭ...! ކާލޭ މިގޭގައި ކީއްކުރަނީ...؟ އަހަރެންގެ ދިރިއުޅުން ފުނޑުފުނޑު ކޮށްލާފައި ކަލޭ މިގެއަށްވެސް އަންނަން ފެށީތަ..؟ މިއީ ދެން ކިހާބޮޑު ކަމެއް..! ހަމަ މިހާރު މިގެއިން ނިކުމޭ...! ކަލޭ ކިތަންމެ ވަރަކަށް އުޅުނަސް ތި ބޭނުންވެގެން އުޅޭ ކަންތައް ކަލެއަކަށް ނުވާނެ...! ނާޒިމާ ކީއްކުރަން އޭނަ މިގެއަށް ވައްދައިގެން އޭނައަށް ކާންދީ ބޯންދީ ތިހަދަނީ...؟" މިފްޒާލް ރުޅިއައިސްފައި ހަޅޭއްލަވައި ގަތެެވެ.

"އަޅުގަނޑު ނުވައްދަމޭ...! ރާއިފުގެ ބޭބެއެއްވީމާ ފެންތައްޓެއް ދިނީ..." ބިރުންހުރި ނާޒިމާ ބުންޏެވެ.

"ބޭބެއެކޭ...! ކޮން ބޭބެއެއް...!" ރާއިފު ރުޅިއައިސްގެން މިފްޒާލްގެ ގައިގައި ޖެހުމަށްޓަކައި އަތްމަޅާލިއެވެ.

މިފްޒާލް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ރާއިފު، މިފްޒާލްގެ ގައިގައި ޖެހުމަށްޓަކައި އަތްމަޅާލުމާއެކު މިފްޒާލް ގޮނޑިން ތެދުވެގެން ގެއިން ނުކުތުމަށްޓަކައި ބާރުބާރަށް ހިނގައިގަތެވެ.

"ނުކުމޭ... ހަމަ މިހާރު މިގެއިން ނުކުމޭ...! ލަދެއް ނުގަނޭދޯ އައިސް މިގެއަށް ވަދެ އޮންނާކަށް...! ކަލޭ ބޭނުންހާ ގޮތެއް ދެނެއް ނުހެދޭނެ..." ރާއިފު އަނެއްކާވެސް ހަޅޭއްލަވައި ގަތެވެ.

މިފްޒާލް ގަތްފައިހުރި ބިރުން ދިޔައީ އޭނާ ނެގި ޑައިރީވެސް ހަނދާން ނެތިގެން ސޯފާމަތީގައި ބާއްވާފައެވެ. މިފްޒާލް ގެއިން ނުކުތުމުން ރާއިފު ބާރުބާރަށް ހިނގާފައިދިޔައީ ކޮޓަރިއާ ދިމާއަށެވެ. އެވަގުތަކީ އައިލީން ބޭރުން އައިސް ގެއަށް ވަން ވަގުތެވެ. އޭރު މިފްޒާލް ގެއިން ނުކުންނަނީއެވެ.

"ކަލޭ މިގެއަށްވެސް އަންނަން ފެށީތަ...؟ ތިއީ ދެން ކިހާބޮޑުކަމެއް...! ކަލެއާ ހެދި އަހަންނަށް މިހާރު ހަމަ ނޭވާވެސް ލެވޭކަށް ނެތެއްނު.." އައިލީން ރުޅިވެރިކަމާއެކު ބުންޏެވެ.

"އާނ...! ޚަބަރެއް ނުވަންޏާ މިގެއަށްތާ ދެން އަންނަން ޖެހޭނީ...! ކުރިންއުޅުނުހެން އަހަންނަށް ޚަބަރުވެ އަހަންނާއެކު ވަގުތު ހޭދަކޮށްބަލަ...! އޭރުން މިގެއަކަށް އަންނާކަށް ނުޖެހޭނެ...! މިގެއަށް އަންނަން މި ޖެހުނީ އައިލީންގެ ސަބަބުންނޭ...! އައިލީން ނުފެންނާތީ އަހަންނަށް ހަމަނިދި ނުލިބޭތީ...! ކިތައް ފަހަރު އަހަރެން މިހެން ބުނާނީ...!" އައިލީން އާ ދިމާއަށް ބަލަންހުރެ މިފްޒާލް ވާހަކަ ދެއްކިއެވެ.

"އަހަރެން ނޫޅެން ދެން ކަލޭ ފަހަތަކުން ދުވާކަށް...! ކަލެއާ އެކީ އުޅޭކަށް...! ކުރިން އަހަންނަށް އެހެން އުޅެވުނީތީ އަހަރެން މުޅި ދިރިއުޅުން މި ހަލާކުވީ...!" އައިލީން ގޭތެރެއަށް ވަންނަމުން މިފްޒާލް އާ ދިމާއަށް ބަލާވެސް ނުލާ ވާހަކަ ދެއްކިއެވެ.

އައިލީން ގޭތެރެއަށް ވަދެގެން އައިއިރު ފުރަތަމަވެސް ފެނުނީ ސޯފާ މަތީގައިއޮތް އައިލީން ޑައިރީއެވެ. އައިލީން ވަރަށް ބޮޑަށް ޙައިރާންވިއެވެ.

"މި ފޮތް ކާކު ނަގާފަ ސޯފާމަތީގައި ބާއްވާފައި މިއޮތީ...! ރާއިފު ގޭގައި އެބައުޅޭތަ...؟" ފޮތް ނަގައިގެންހުރެ އައިލީން، ނާޒިމާ ކައިރީގައި އަހާލިއެވެ.

"ރާއިފު ދެންމެ ގެއަށް އެއައީ...! ކޮޓަރީގައި ވީ..! ކުރިން ތިފޮތް ސޯފާގައި އޮއްވައެއް އަޅުގަނޑެއް ނުދެގެން...! ނޭނގެ ކާކު ތިތާ ބޭއްވި ފޮތެއް ކަމެއް...!" އައިލީން އާ ދިމާއަށް ބަލާލުމަށް ނާޒިމާ ބުންޏެވެ.

ރާއިފު ކޮޓަރީގައި އުޅޭތީ، އައިލީން އެޑައިރީ ގެންގޮސް ސިޓިން ރޫމުގައި ހުރި ތަޅުލާފައި ހުރި ކަބަޑުގެ ވަތްގަނޑު ތެރެއަށް ލުމަށްފަހު އައިލީން ބިރުންހުރެ ދިޔައީ ކޮޓަރިއަށެވެ. ކޮޓަރިއަށް ދިޔައިރު ރާއިފު ފާހާނާއިން ނުކުންނަނީއެވެ.

"ކޮންތާކުން ތިއައީ...! ގެއަށް އަންނަން ލޯބިވެރިޔާއަށް ގަޑިކިޔާފައި އެގަޑީގައި ބޭރަށް ދިޔައިމަ ކަމަކު ނުދާނެއެއްނު...! އޭނަ އައިއިރު އައިލީން ގޭގައި ނެތީމަ އެކަމާ ވަރަށް ދެރަވެގެން މިގެއިން ނުކުމެގެން އެދިޔައީ...! އެހެން ހަދާކަށް ނުވާނެއެއްނު...! މަލާމާތުގެ ރާގަކަށް ރާއިފު ވާހަކަ ދެއްކިއެވެ.

"އަހަރެން ބުނެގެނެއްނޫން އޭނަ މިގެއަށް އައިކީ...! އަހަރެން ނުބުނަން އޭނަ ކައިރިއަކު މިގެއަކަށް އަންނާކަށް...!" ރާއިފު އާ ދިމާއަށް ބަލާލުމަށްފަހު އައިލީން ބުންެޏެވެ.

"ދެން ކީއްކުރަން...؟ މަ ހޯދަން...؟ އަހަރެން ހޯދާކަށް އޭނައެއް ނާންނާނެ...!" އަނެއްކާވެސް މަލާމާތުގެ ރާގަކަށް ރާއިފު ވާހަކަ ދެއްކިއެވެ.

"ރާއިފު...! ހެޔޮ ނުވާނެ، އަހަންނަށް އިނގޭ ރާއިފު ދުވަހަކުވެސް އަހަންނަށް މާފު ނުކުރާނެކަން...! އަހަންނާ އޭނަ އާއި ގުޅުމެއް އޮތީ މާކުރިން...! އަހަންނާ އޭނައާ އެއްވެސް ގުޅުމެއް މިހާރު އޮތްނަމަ ކީއްކުރަން އޭނަ އެގުޅުން ރާއިފު އަށް އަންގަން އެފޮޓޯތަކެއް ފޮނުވަންވީ..! ޤަބޫލުކޮށްބަލަ...! އަހަރެން ކުރި ކުށަށް އަހަރެން އެއްބަސްވަމޭ...! ޕްލީސް...! އަހަންނަށް ތިހެން ނަހަދާ އަހަންނަށް މާފުކޮށްބަލަ...! މިހާރު އަހަންނަށް ވަރަށް އަނިޔާ ކުރެވިއްޖެއެއްނު...!" އާދޭސްކުރާ ރާގަކަށް އައިލީން ވާހަކަ ދައްކަމުން ގެންދިޔައެވެ.

"އަނިޔާއޭ...! އައިލީން އެހުރިހާ ނުބައިކަމެއް ކުރިއިރު އަހަރެން އައިލީން ކޮން އަނިޔާއެއް ކުރީ...! އަހަރެން ކުރި އަނިޔާއެއް ބުނެބަލަ...!" ފަރުވާކުޑަ ރާގަކަށް ރާއިފު ވާހަކަ ދެއްކިއެވެ.

"އަނިޔާއަކީ ހަމައެކަނީ ތަޅާ އަނިޔާ ކުރުމެއް ނޫނޭ...! ނަފްސާނީ ގޮތުން ކިޔާ އަނިޔާއެއް ތިކުރަނީ...! ޕްލީސް، އަހަރެން އާދޭސްކޮށްފައި މިބުނަނީ އަހަންނަށް ދެން ތިހެން ނުހަދަބަލަ...! ރާއިފު ބުނިގޮތެއް ހަދައިގެން އަހަރެން އުޅޭނަން...!" އައިލީންގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ.

"އަހަރެން ޖެހޭނީ ތިކަމާ ވިސްނަން...!" ރާއިފު އެނދުގައި އިށީންނަމުން ބުންޏެވެ.

"ޕްލީސް...! ވިސްނާނެ ވަރަކަށް ވިސްނާފަވެސް އަހަންނަށް މާފުކުރޭ...! އަހަންނަށް އެނގޭ ރާއިފުއަކީ އެހާ ހިތްހަރު މީހެއް ނޫންކަން...! އަހަރެން އެހާބޮޑު ކުށެއްކުރިއިރު ރާއިފު އަހަރެން ވަރިނުކުރީވެސް އަހަރެން ދެކެ ލޯބިވާތީކަންވެސް އެނގޭ...! އަދި އަހަންނަކީ ދުވަހަކުވެސް ދެން ކުއްޖެއްވެސް ލިބޭނެ މީހެއް ނޫންކަން އެނގޭއިރުވެސް އެކަމާވެސް އެއްވެސް ޝަކުވާއެއް ނުކޮށް ރާއިފު ތިހުންނަނީ ގައިމު ކަމެއްވީމަތާ...!" ރޮމުން ރޮމުން އައިލީން ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އަހަރެން ކުރިންވެސް ބުނިން އަހަރެން އައިލީން ވަރިއެއް ނުކުރާނަމޭ...! އެއީ ކޮންމެހެން އައިލީން ދެކެ ލޯބިވާތީ، އައިލީން ދޫކޮށްލަން ނުކެރިގެނެއް ނޫން...! އަހަންނަށް އެވަރުގެ ބޮޑު ލަނޑެއް ދިން މީހަކަށް އައިލީން ލިބެން އަހަރެން ބޭނުން ނުވާތީ...!" ރާއިފު ބުންޏެވެ.

"އަހަރެން ބޭނުމެއް ނޫން އޭނައާއެކު އުޅޭކަށް...! އަހަރެން ބޭނުންވަނީ އަބަދުވެސް ރާއިފުގެ އަންބެއްގެ ގޮތުގައި ހުންނަން..! ރާއިފު ދަރިޔަކު ބޭނުންވާނަމަ ދެވަނަ ކައިވެންޏެއް ކުރަންވެސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް...! ރާއިފުގެ އަންބެއްގެ މަޤާމުގައި ހުރެވިއްޖިޔާ އަހަރެންގެ ހުރިހާ އުފަލެއް އެފުރިހަމަ ވީ...! ރާއިފުއަކަށް ނޭނގޭނެ އަހަރެން މިހާރު ކުރާ ހިތާމައެއް...! އަހަރެން ބުންނަ އޮތީ ހަމަ އެންމެ ވާހަކައެއް...! އަހަންނާ މިފްޒާލް އާ އެއްވެސް ގުޅުމެއްނެތް...! އޭނަ މިގެއަށް އެއައީވެސް ގޭގައި މީހަކު ނޫޅޭ ވަގުތު ބަލާފަ ކޮންމެ ރޭވުންގަނޑެއް ރާވަން ވެގެން...! އެއީ ކޮން ކަހަލަ މީހެއްކަން ވަރަށް ރަނގަޅަށް އަހަންނަށް އެނގޭ...!" އައިލީން ގޮސް މިފްޒާލް ގާތުގައި އެނދުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.

"އެންމެ ރަނގަޅު އަހަރެން ތިކަމާ ވިސްނާފަ ޖަވާބެއް ދޭނަން...! މިހާރު ބޭނުންވަނީ ނިދާލަން...!" އެނދުގައި އޮށޯންނަމުން ރާއިފު ބުންޏެވެ.

ރާއިފުގެ މިޖަވާބުން ދުވަސްތަކަކަށްފަހު އައިލީން ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހުނެވެ.

"އަހަރެން ތިޖަވާބަށް އިންތިޒާރު ކުރާނަން...! އެއްޗެއް ކައިގެން ނިދާނީ...! އަހަރެން އެބައަންނަން ކާން ހަދާފައި..." އެނދުން ތެދުވެގެން ހިނގައި ގަންނަމުން އައިލީން ބުންޏެވެ.

އައިލީން ކޮޓަރިން ނުކުންއިރު ސިޓީންގ ރޫމް ކުނިކަހަން ނާޒިމާ އުޅެއެވެ.

"ދެންމެ މިގެއިން ނުކުމެގެން އެދިޔައީ ކީއްކުރަން އައި މީހެއްތަ..؟ ނާޒިމާ ފެނުމުން އައިލީން ސުވާލުކުރިއެވެ.

"ބުނި، ރާއިފުގެ ތިމާގެ މީހެކޭ...! ނާދެވޭތާ ގިނަ ދުވަސްވީމަ އައިސްލީޔޭ...!" އައިލީން އާ ދިމާއަށް ބަލާލުމަށްފަހު ނާޒިމާ ބުނެލިއެވެ.

"ދެން އިތުރު އެއްޗެއް ނުބުނޭތަ..؟" އަނެއްކާވެސް އައިލީން ސުވާލުކޮށްލިއެވެ.

"މިގެއަށް ގިނަގިނަ އިން ނާދެވޭތީ، ރާއިފު އޭނަ ދެކެ ހިތްހަމަ ނުޖެހިފަޔޯ ހުންނަނީ...! އެހެންވެޔޯ މިއައީ ބުނީ...! މާގިނައިން ގެއަށް ނާދެވުނަސް ގޭތެރޭގައި ހިނގާ ކަންކަން އޭނައަށް އަނގާލައްޗޯވެސް ބުނި...! އެގަޑީގައި ރާއިފު ގެއަށް އައިމަ ބިރުން ކަންނޭނގެ މަޑުމަޑުން ނުކުމެގެން އެދިޔައީ...!" ނާޒިމާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އެއީ ދޮގެއް..! އެއްވެސް ވާހަކައެއް އޭނައަށް އަންގާނެ ކަމެއް ނެތް..." އައިލީން ބަދިގެއަށް ވަދެ ތަށިތައް ނަގަމުން ބުންޏެވެ.

އައިލީން ކާން ހަދަނިކޮށް ރާއިފު ކޮޓަރިން ނުކުމެގެން ބަދިގެއަށް އަތުވެއްޖެއެވެ.

"ކޯއްޗެއް ކާންހުރީ...؟" ނާޒިމާ އާ ދިމާއަށް ބަލާލުމަށް ރާއިފު ސުވާލު ކުރިއެވެ.

"ތަރުކާރީ ކިރުގަރުދިޔަ އާއި ފިހުނު މަސްހުރީ...! އައިލީން ދިޔައީ ކިރުގަރުދިޔަ ކައްކާފަ...! އަޅުގަނޑު މަސް ފިހުނީ...! ރިހަކޮޅެއްވެސް ކައްކަން އުޅުނީ...! އެކަމަކު ހަވާދު ހުސްވެފަހުރީމަ ރިހަކޮޅެއް ނުކެއްކުނީ...!" ކުނިކަހާ ނިމިގެން ފިހިގަނޑު ގެންގޮސް ބަހައްޓަމުން ނާޒިމާ ބުންޏެވެ.

"ގެއަށް ބޭނުންވާ ބައެއް ސަމާނު ހުސްވެފަހުރީ...! މާދަމާ ވާނެ ހުރިހާ އެއްޗެއް ގަންނަން...! ނާޒިމާވެސް އަހަރުމެންނާ އެކީ ކާން އާދޭ..." ތަށިތައް މޭޒުމަތީގައި އަތުރަމުން އައިލީން ބުންޏެވެ.

"ފެންވެސް ނުވަރަ އަދި މިހިރީ..! ފެންވަރައިގެން ކާނީ...! ފެންވަރާލައިގެން އައިސް ކައިގެން ތަށިތައް ނަގާނަން...!" ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ނާޒިމާ ބުންޏެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 12 ސެޕްޓެމްބަރ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް