ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ހަތްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ހަސީނާ ގޭގެ ދޮރާދިމާއަށް ބަލާލުމަށްފަހު ޙައިރާންވެފައި ހުމޭދާއަށް ބަލަހައްޓައިގެން އިނެވެ. އަނެއްކާވެސް ހުމޭދާގެ ގައިން ބާރު ދޫވާހެން ހީވިއެވެ. އެވަގުތު ހަސީނާ ހުމޭދާގެ ގައިގައ...

12 Sep 2023 | 05:25

ކުރީގެ އަދަދާއި ގުޅޭ...

ހަސީނާ ގޭގެ ދޮރާދިމާއަށް ބަލާލުމަށްފަހު ޙައިރާންވެފައި ހުމޭދާއަށް ބަލަހައްޓައިގެން އިނެވެ. އަނެއްކާވެސް ހުމޭދާގެ ގައިން ބާރު ދޫވާހެން ހީވިއެވެ. އެވަގުތު ހަސީނާ ހުމޭދާގެ ގައިގައި ބާރަށް ހިފަހައްޓާލުމަށްފަހު މަޑުމަޑުން ގޮނޑީގައި ބޭއްވޭތޯ މަސައްކަތް ކުރިވަގުތު ހަސީނާގެ ފޯނު ރިންގވާން ފެށިއެވެ. ފޯނުކުރަނީ ޚާލިދެވެ. ހަސީނާ، ހުމޭދާ ގޮނޑީގައި ބޭއްވުމަށްފަހު އަވަސް އަވަހަށް ފޯނުނެގިއެވެ.

"ޚާލިދު.... ޚާލިދު...." ފޯނުނެގުމާއެކީ ހަސީނާއަށް ރޮއިގަނެވުނެވެ.

"ކިހިނެތްވީ ހަސީނާ.... ކިހިނެތްތަވީ......؟" ވީގޮތެއް އޮޅުފިލުވުމަށްޓަކައި ޚާލިދު އަވަސް އަވަހަށް ބުނެލިއެވެ.

"ވަރަށް އަވަހަށް ގެއަށް އާދެބަލަ... އާދެބަލަ... !" ހަސީނާ ބުނެލިއެވެ.

"މިދަނީ ހަމަ މިހާރު.. ކިހިނެތްތަވީ..؟ އަނެއްކާވެސް ޚާލިދު ސުވާލުކުރިއެވެ.

"ހުމޭދާއަށް ގޮތެއް ވެއްޖެ.. ޚަބަރު ހުސްވެފަ މިއޮތީ... ވީގޮތެއްވެސް ނޭގުނު.... އަވަހަށް އާދެބަލަ... " ހަސީނާ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.

ހަސީނާ އަނެއްކާވެސް ހުމޭދާގެ މޫނާއި ދެއަތްތިލައާއި ދެފައިތިލައިގައި ފެން އުނގުޅަމުން ގެންދިޔައެވެ. ހަދާނެ ގޮތަކާމެދު ހަސީނާ ދިޔައީ ވިސްނަމުންނެވެ. އަނެއްކާވެސް ކުޑައިރުކޮޅެއްފަހު ހުމޭދާ މަޑުމަޑުން ލޯ ހުޅުވާލައިފިއެވެ.

"މަންމާ... މަންމާ... އަހަރެން ބިރުގަންނަނީ.... އޭތި.. އޭތި އަދި އަންނާނެ..." ހުމޭދާ ރޮމުން ރޮމުން ބޭރު ދޮރާ ދިމާއަށް ބަލަމުން ވާހަކަ ދެއްކިއެވެ.

"ދަރިފުޅާ.. ކިހިނެތްތަވީ... ؟ އެއްވެސް އެއްޗެއް ނާންނާނެއޭ.... މަންމަ މިހިރީ ދަރިފުޅު ގާތުގައެއްނު... މަންމަ މިހެން ހުއްޓަ ދަރިފުޅު ގާތަށްއަށް އެއްވެސް އެއްޗަކަށް އަންނާކަށް ނުކެރޭނެ...." އަނެއްކާވެސް ހުމޭދާ ނަގާ ގޮނޑީގައި ބައިންދަމުން އޭނާ ހިތްހަމަ ޖައްސައިދިނުމަށް ހަސީނާ މަސައްކަތް ކުރިއެވެ.

އެވަގުތު ގެއަށް އައިސްވަނީ ޚާލިދެވެ. ވެގެން އުޅޭގޮތެއް ނޭގޭތީ ޚާލިދުވެސް ހުރީ ވަރަށް ހާސްވެފައެވެ. ހުމޭދާއިންގޮތް ފެނުމުން ޚާލިދު ބާރުބާރަށް އައިސް ހުމޭދާ ކައިރީގައި އިށީނދެ ވާހަކަ ދައްކަން ފެށިއެވެ.

"ކިހިނެތްތަވީ...." ހުމޭދާގެ ބޮލުގައި އަތްޖައްސާލަމުން ޚާލިދު ސުވާލުކޮށްލިއެވެ.

"ނޭނގެ ވީގޮތެއް... އަހަރެންވެސް ގެއަށް އައިއިރު މިގޮނޑިމައްޗަށް ވެއްޓިފައި އޮތީ... ހުންވެސް އެހާގަދަ... މިވަރަށް ފިނިފެން ހޭކި އިރުވެސް ހުންމަޑެއްނުވޭ... " ހުމޭދާގެ ނިތްކުރީގައި އަތް ޖައްސާލަމުން ހަސީނާ ބުނެލިއެވެ.

"ދަރިފުޅު އެއްޗެއް ކައިފިންތަ... ؟ މާބޮޑަށް ބަނޑުހައިވެގެން ވާތާވީތަ.. ؟ ޚާލިދު ސުވާލުކޮށްލިއެވެ.

"މަޑުމަޑުން ތެދުވެގެން ހިނގާބަލަ އެއްޗެއް ކާލެވެތޯ ބަލަން.. ކައިގެން ބޭސްކާނީ... އޭރުން އިރާދަކުރެއްވިއްޔާ ހުންގަނޑުމަޑުވެ ކޮންމެވެސް ވަރަށް ލުއިވެދާނެ..." ހުމޭދާ ގޮނޑިން ނެގުމަށް މަސައްކަތް ކުރަމުން ހަސީނާ ބުނެލިއެވެ.

ހަސީނާ ބޭނުންވީ މިވަގުތު އިތުރު ވާހަކަތައް ނުދައްކާ ހުމޭދާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރާށެވެ. އެކަމަކުވެސް ވަރަށް ބޮޑު ކަމެއް ހިނގައިފިކަން ހަސީނާއަށް ގަބޫލު ކުރެވުނެވެ. ހަސީނާ އާއި ޚާލިދު ބުނި ބުނުމަށް ކޮންމެވެސް ވަރަކަށް ބަތްކޮޅެއް ކާލައިގެން ބޭސްކައިގެން އައިސް އަނެއްކާވެސް ގޮނޑި ސެޓްގައި އިށީނދެލިއެވެ. ހަސީނާވެސް ތަށިތައް ދޮވެ ކާމޭޒު ސާފުކުރުމަށްފަހު އައިސް ހުމޭދާ ކައިރީ އިށީނދެލިއެވެ. އެވަގުތު ޚާލިދު އައިސް ހުމޭދާގެ އަނެއް ފަރާތުގައި އިށީނދެލިއެވެ.

"ދަރިފުޅާ.. މަންމަމެންނަށް ކިޔާދީބަލަ... ކިހިނެތްތަ ދަރިފުޅަށްވީ.. ؟ މަންމަ ގެއަށް އައިއިރު ދަރިފުޅު އޮތީ މިސޯފާ މައްޗަށް ވެއްޓިފަ... " ހުމޭދާގެ ކޮނޑުގައި އަތްބާއްވާލަމުން އޯގާތެރިކަމާއެކު ހަސީނާ އަހާލިއެވެ.

"ދަރިފުޅު މިރޭވެސް އިރުއޮއްސުނު ގަޑީގަ ބޭރަށް ދިޔައިންދޯ... "މިހާރު މާގިނައިން އެގަޑީގަ ދަރިފުޅު ބޭރަށް ތިދަނީ.... އިރުއޮއްސޭގަޑީގައި ބޭރަށް ނުދާން މަންމަވެސް ބޭބެވެސް އަބަދު މިކިޔަނީ ދަރިފުޅަށް ރަނގަޅަކަށޭ... ދަރިފުޅު ކިތަންމެ ބޮޑުވެފައި ހުއްޓަސް ބޭބެމެންނަކަށް އަދި ދަރިފުޅު ބޮޑެއް ނުވޭ... ބަސް ގަބޫލުކޮށްބަލަ...! ދަރިފުޅަށް ކަމެއް ވެއްޖިއްޔާ ބޭބެމެން ކިހާދެރަވާނެ..." ޚާލިދު އޯގާތެރިކަމާއެކު ހުމޭދާ އަށް ވިސްނާދެވޭތޯ މަސައްކަތް ކުރިއެވެ.

"ތެދެއް ދަރިޅުފުޅާ... މަންމަދިޔަ ފަހުން ދަރިފުޅު މިރޭވެސް ބޭރަށް ދިޔައީތަ...؟ އެގަޑީގައި ބޭރަށް ދާން މިހާރު ދަރިފުޅުގެ އާދައަކަށް ވެއްޖެ... ތިކަން ހުއްޓާލަބަލަ ދަރިފުޅާ... " ހަސީނާވެސް ބެލީ ހުމޭދާ އަށް ވިސްނާދެވޭތޯ އެވެ.

"ދެން ބުނެބަލަ... ކިހިނެތްތަވީ ދަރިފުޅަކަށް...." ވީގޮތް ސާފު ކުރުމުގެ ގޮތުން ޚާލިދު އަނެއްކާވެސް ސުވާލުކޮށްލިއެވެ.

ހުމޭދާއަށް ދިމާވިކަންތައް ވަރަށް ބިރުންހުރެ ހުމޭދާ ކިޔާދޭން ފެށިއެވެ.

"އަޅުގަނޑު އިރުއޮއްސެން ކައިރިވެފައި ހުއްޓަ ބޭރަށް ނުކުމެލީ.. މަންމަވެސް ބޭބެވެސް ގޭގަ ނެތީމަ ފޫހިވެގެން ހިނގާލަން ނުކުތީ.. ހިނގަމުން ހިނގަމުން ގޮސް އަތިމައްޗަށްދިޔައިރު އެތަނުން ރައްޓެހި ކުއްޖަކާ ދިމާވެގެން އޭނައާއި ވާހަކަ ދައްކަންހުރީ.. އެހެންހުރެފައި ގެއަށް އަންނަން ހިނގާގަތީ... އެދިމާލުން ގަސްތަކުގެ ތެރެއަށް ވަދެގެން ގޮސް ނިކުމެވޭ މަގުން އައިމަ އަވަހަށް ގެއަށް އާދެވޭނެތީ އެތާ ގަސްތަކުގެ ތެރެއަށް ވަދެގެން ހިނގާފަ އަންނަނިކޮށް ފަހަތުން ވަރަށް ބޮޑަށް އަލިވިހެން ހީވެގެން ފަހަތް ބަލާލީ... އޭރު އެދިމާމަތިން އަލިފާގަނޑެއް ތިރިއަށް ވެއްޓެނީ... އެވަގުތު އަލިފާން ގަނޑު ބިމުގަ ޖެހުމާއެކު ފާޑެއްގެ ނުބައި ސިފައަކަށްހުރި ކަޅު މީހަކަށް ބަދަލުވީ.... " ހުމޭދާ ތުރުތުރު އަޅަން ފެށިއެވެ.

"މާތްކަލާކޯ.... " ހަސީނާ ބިރުން ހުމޭދާ ގައިގައި ބާރަށް ހިފަހައްޓާލަމުން ބުނެލިއެވެ.

"މަންމާ.. އެކަޅުމީހާ އެވަގުތު އަޅުގަނޑާ ދިމާއަށް އަތްދިއްކޮށްލީ... އޭނާގެ އަތް ދިގުވަމުން އަޅުގަނޑާއި ދިމާއަށް އައީ... އަޅުގަނޑަށް ހަދާނެ ގޮތެއް ނޭގުނު.. ހަލޭއްލަވައިގަންފައި ދުއްވައިގަނެވުނީ... އެއްފަހަރު ފަހަތް ބަލާލެވުނު. އޭރުވެސް އަމީހާ އެހުރިތާހުރި.. އެކަމު އޭނަގެ އަތް އަޅުގަނޑާ ދިމާއަށް ދިގުވެގެން އާދޭ... އަޅުގަނޑު ދުވުން ބާރުކޮށްލި ވަގުތު ނުބައި އަޑަކުން ހަޅޭއްލަވައިގަތީ... އަހަރެން އަދިވެސް އަންނާނަމޭ ބުނީ... ކަލެއާއެކީ އަބަދުވެސް ހުންނާނަމޭ..." ހުމޭދާ އަނެއްކާވެސް ރޯން ފެށިއެވެ.

"މަންމާ އެއީ ނުބައި ސިފައެއްގަ ހުރި މީހެއް.... ޔަޤީން އެއީ އިންސާނެއް ނޫން މަންމާ.. އޭނަގެ ލޯ ވަރަށް ބޮޑު ވައްކޮށްހުރީ އަލިފާން އަރާކަހަލަ ގޮތަށް ހުރީ... ބޮޑު އަނގަޔެއް... އަގައިން ބޭރުގައިވެސް ބޮޑެތި ދަތްތަކެއްހުރި..... މުޅި ގައިން ލޭ ފާޑުގެ އެއްޗެއް ފައިބަފައިބަހުރީ.. ވަރަށް ބިރުވެރިގޮތަކަށް ހުރި މީހެއް އެއީ... " ހުމޭދާއަށް ފެނުނު އެތި ސިފަ ކުރެވޭތޯ އޭނާ މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.

"އެވަގުތު ދުވަމުން ދުވަމުން އައިސް ގޭތެރެއަށް ވަދެވުނުކަން އިނގޭ... ދެން ވީގޮތެއް އެއްގޮތަކަށްވެސް ނޭގުނު..." ހުމޭދާ އަށް ފެނުނު ކަންތައްތައް އޭނާ ކިޔައިދިނެވެ.

"ދަރިފުޅާ... ބޭބެމެންގެ ބަސް ޤަބޫލުކުރޭ... ދެން ރޭގަނޑު އެއްގޮތަކަށްވެސް ބޭރަށް ނުނިކުންނާތި.... ކިޔެވުން ނިމުނީމަ ހުސްވަގުތު މާގިނަވާތި ފޫހިވަނީދޯ..... ބޭބެގެ ރައްޓެއްސެއްގެ ކުންފުނިން ދަރިފުޅަކަށް ވަޒީފާއެއް ހަމަޖައްސައިފިން މިހާރު.. އަންނަ ހަފްތާ ފެށޭއިރު ވަޒީފާއަށް ނުކުންނަން ޖެހޭނެ. އޭރުން ދެން ފޫހިވެގެން ބޭރަށްދާކަށްވެސް ނުޖެހޭނެއެއްނު..." ޚާލިދު ބުނެލިއެވެ.

"މަންމަ ދާނަން ދަރިފުޅާއެކު ދަރިފުޅު ކޮޓަރީގައި އޮންނަން... ގޮސް ގައިދޮވެލައިގެން އޮށޯވެލާ... " ހަސީނާ ހުމޭދާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

ހުމޭދާ ގޮސްކޮޓަރިއަށް ވަނެއެވެ. އަދި ފާހާނާއަށް ވަދެ ގައިދޮވެލައިގެން ނިކުމެ ކޮޓަރީގައި ހުޅުވާފައިހުރި ކުޑަދޮރު ލައްޕާލުމަށްފަހު އެނބުރި ހިނގާގަތްވަގުތު ބޭރުން ފެނުނު މަންޒަރެއް ޔަޤީން ނުވެގެން ދެވަނަ ފަހަރަށް ގޮސް އެކުޑަދޮރު ހުޅުވާލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 14 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް