ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ހަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އެސަރަޙައްދަށް އަލިވެގެން ދިޔަކަމުގެ އިޙްސާސް ވީނަމަވެސް އާދަޔާޚިލާފު އެއްވެސް ކަމެއް ނާޝިދަކަށް ނުފެނުނެވެ. ނާޝިދު މަޑުމަޑުން ހިނގަމުންގޮސް ގެއަށްވަނެވެ. ”ދަރިފުޅާ.. ނަމާދުކޮށ...

10 Sep 2023 | 11:54

ކުރީގެ އަދަދާއި ގުޅޭ...

އެސަރަޙައްދަށް އަލިވެގެން ދިޔަކަމުގެ އިޙްސާސް ވީނަމަވެސް އާދަޔާޚިލާފު އެއްވެސް ކަމެއް ނާޝިދަކަށް ނުފެނުނެވެ. ނާޝިދު މަޑުމަޑުން ހިނގަމުންގޮސް ގެއަށްވަނެވެ.

”ދަރިފުޅާ.. ނަމާދުކޮށްފިންތަ... ؟ ކޮންތާކުން ތިއައީ... ؟" ނާޝިދު ފެނުމުން ނާޝިދުގެ މަންމަ ސަމީރާ ސުވާލުކޮށްލިއެވެ.

"މިދަނީ ނަމާދުކޮށްލަން... " މިދިމާ އަތިރިމަތީ ހުރެލާފަމިއީ... " ނާޝިދު މަންމައަށް ޖަވާބު ދިނެވެ.

މިރޭވެސް އަނެއްކާ ދިޔައީ...  ކޮންމެ ރެޔަކު އެއްވަގުތެއްގައި ތިހެން ނުދޭބަލަ....؟ މީ މީހުން އަތިރިމައްޗަށް ދާގަޑިއެއް ނޫނެއްނު... " ކިހިނެތްތަ ތިއުޅެނީ މިހާރު... " ސަމީރާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

ހުރި ހަމައެކަނި ދަރިފުޅާމެދު ސަމީރާގެ ހިތުގައި ކަންބޮޑުވުން އުފެދުނެވެ. ނާޝިދު ގޮސްވަނީ ކޮޓަރިއަށެވެ. ނާޝިދު ކޮޓަރިއަށް ވަންއިރު ކޮންމެވެސް ވަރަކަށް ބޮލުގައި ރިހޭކަމުގެ އިޙްސާސް ކުރެވެމުން ދިޔައެވެ. ހުމޭދާގެ ވާހަކަތަކާއި އަދި އަތިރިމަތިން ދިމާވި ހާދިސާއާމެދު ނާޝިދު ވަރަށްބޮޑަށް ވިސްނަމުން ދިޔައެވެ. ނާޝިދާ ހުމޭދާ ގުޅެން ހުމޭދާގެ މަންމަމެން ބޭނުންނުވާ ސަބަބަކީ ކޮބައިހެއްޔެވެ؟ ނާޝިދު ފެންވަރާލައިގެން ނިކުމެ މަޣުރިބު ނަމާދާއި ޢިޝާ ނަމާދުކޮށްލައިގެން ކޮޓަރިން ބޭރަށް ނިކުމެ ޓީވީ ހުޅުވާލައިގެން ސިޓިން ރޫމުގައި އިށީނދެލިއެވެ.

"ދަރިފުޅާ ކޮންއިރަކުން ކާނީ.... " ސަމީރާ އަހާލިއެވެ.

"މިއުޅެނީ ރާއިދާއެކީ މާލެ ގޮސްލަން ވެގެން... ރާއިދަށް ވަޒީފާ ހަމަޖެހިއްޖެ.... އެހެންވެ އޭނަ ދެތިން ގަމީހާއި ދެތިން ފަޓުލޫނު ގަންނަން ބޭނުންވެގެން.... " މަންމައާ ދިމާއަށް ބަލާލަމުން ނާޝިދު ބުނެލިއެވެ.

"އެހެންތަ... ؟ ދަރިފުޅުގެ ވަޒީފާކަންތައް ކިހިނެތްވަނީ.... ހަމަޖެހޭ ގޮތެއް ނުވޭތަ...؟" ސަމީރާ ސުވާލުކޮށްލިއެވެ.

"މިފަހަރު ވަރަށް ހީވޭ ވަޒީފާ ހަމަޖެހޭނެހެން.... ދެވަނަ އިންޓަރވިއުވެސް ވަރަށް ރަނގަޅަށް ދިޔައީ... " މަންމައާއި ދިމާއަށް ބަލާލަމުން ނާޝިދު ބުނެލިއެވެ.

އެވަގުތު ނާޝިދުގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނުކުރަނީ ރާއިދެވެ.

"ހެލޯ.... ކޮބާ.... " ނާޝިދު ސުވާލުކޮށްލިއެވެ.

"މިހިރީ ބޭރުގަ.... އަވަހަށް ނުކުމޭ... !" ރާއިދު ބޭނުންވީ އަވަހަށް މާލެދާށެވެ.

ނާޝިދު ފޯނު ބޭއްވުމަށްފަހު ބޭރަށް ނުކުތެވެ. އޭރު ރާއިދު ދޮރުމަތީގައި ހުއްޓެވެ. ނާޝިދު ސައިކަލް ދުއްވަމުން ދިޔައިރު މިރޭ އަތިރިމަތިން ދިމާވި ހާދިސާ ރާއިދަށް ކިޔާދެމުން ދިޔައެވެ. ރާއިދުވެސް އެވާހަކަ ކަނުލާ އަޑުއަހަމުން ގެންދިޔައެވެ.

"މަށަކަށް ނުފެނެ ދެން އެއްގޮތަކަށްވެސް ނާޝިދު ހުމޭއާ ބައްދަލުކުރަން އަތިރިމައްޗަށްދާކަށް... ޚާއްސަކޮށް އިރުއޮއްސޭގަޑީގަ... ރަތްވިލާ ލާ ވަގުތަކީ ނާމާން ވަގުތެކޭ މަންމަމެން ކިޔައެއްނު.. ޚާއްޞަކޮށް ދެނަމާދު ދޭތެރޭ..... ހުމޭ އާއި ބައްދަލުކުރަން ކޮންމެވެސް އެހެން ގޮތެއް ހޯދަން މަށަށް ފެންނަނީ... " ރާއިދު ފެރީއަށް އަރަމުން ޚިޔާލެއް ދިނެވެ.

"އަހަންނަކަށް ހަމަ އެއްގޮތަކަށްވެސް ނޭނގުނު ހުމޭގެ މަންމަމެން އަހަރުމެން ގުޅުމަށް އެހާ ނުގަބޫލުވާ ސަބަބެއް... ކިހިނެތް ހަދާނީ.. ހުމޭވެސް ހުރީ ވަރަށް ދެރަވެފައި...  ނާޝިދު ބުނެލިއެވެ.

"މަށަށް ފެންނަނީ ހުމޭގެ މަންމައާއި ނާޝިދު ވާހަކަ ދައްކަން.... ހުމޭ ކައިރީ ބުނެގެން އެކަން ކުރަމާ ހިނގާބަލަ... " ރާއިދު ޚިޔާލު ދިނެވެ.

ހުމޭދާގެ މަންމަ ހަސީނާ އޭނާގެ ރައްޓެއްސެއްގެ ގެއަށް ދިއުމަށްފަހު އައިސްގެއަށް ވަންވަގުތު ހަސީނާއަށް ފެނުނީ ގޮނޑި ސެޓްގެ މައްޗަށް ހުރަހަށް ވެއްޓިފައި އޮތް ހުމޭދާ އެވެ. އަތުގައި އޮތް ދަބަސް މޭޒުމަތީގައި ބެހެއްޓުމަށްފަހު އަވަސް އަވަހަށް ގޮސް ހުމޭދާގެ ކޮނޑުގައި ހިފައި ތަޅުވާލުމަށްފަހު ހޮމޭދާއަށް ގޮވަން ފެށިއެވެ. ހުމޭދާ އެވަގުތު އޮތީ ޚަބަރު ހުސްވެފައެވެ.

"ދަރިފުޅާ... ހުމޭ... ދަރިފުޅާ.... ދަރިފުޅާ....  ކިހިނެތްވީ....؟ ކިހިނެތްވީތަ.....؟ ހަސީނާ ހާސްވެފައި ހުމޭދާއަށް ގޮވަން ފެށިއެވެ.

ޚާލިދުވެސް ގޭގައި ނެތުމާއެކު ހަސީނާ ހަދާނެގޮތް ހުސްވިއެވެ.

"ދަރިފުޅާ.... ދަރިފުޅާ....  ވާހަކަ ދައްކަބަލަ.... ؟ ކިހިނެތްތަވީ.....؟ ދަރިފުޅާ... ހުންވެސް އައިސްސަ މިއޮތީ... ! ހަސީނާ ހުމޭދާގެ ނިތްކުރީގައި އަތްޖައްސާލަމުން ގޭތެރެ އެތަންމިތަން ހޯދާލަމުން ބުނެލިއެވެ.

ސޯފާމަތީގައި ހުމޭދާ މަޑުމަޑުން ބޭއްވުމަށްފަހު، ހަސީނާ ބާރުބާރަށް ގޮސް އައިސްއަލަމާރިން ފިނި ފެންފުޅިއެއް ހިފައިގެން އައިސް ހުމޭދާގެ ނިތްކުރީގައާއި މުޅިބޮލުގައި ފެން ހާކަމުން ހުމޭދާއަށް ގޮވަމުން ގެންދިއެވެ.

"ދަރިފުޅާ ހުމޭދާ... ދަރިފުޅާ......! ލޯހުޅުވާލަބަލަ.... މަންމަ އާއި ވާހަކަ ދައްކަބަލަ... ވެގެން އުޅޭގޮތެއް މަންމައަށް ކިޔާދީބަލަ ... އޭރުން މަންމަ އަށް އެނގޭނީ ދަރިފުޅަށް އެހީއެއްވާންވެސް... ދަރިފުޅާ ލޯހުޅުވާލަބަލަ... " ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން ހަސީނާއަށް އިޙްސާސްވިއެވެ.

ހަސީނާ މަޑުމަޑުން ހުމޭދާ ނަގާ ގޮނޑިގައި ބޭންދުމަށްފަހު ދެއަތްތިލާގައާއި ދެފައިތިލާގައިވެސް ފިނިފެން ހާކަން ފެށިއެވެ. އިރުކޮޅަކުން މަޑުމަޑުން ހުމޭދާ ޙަރަކާތް ކުރަން ފަށައިފިއެވެ. އަދި ހުމޭދާގެ މެރިފައިވާ ދެލޯ މަޑުމަޑުން ހުޅުވާލިއެވެ.

"ދަރިފުޅާ ކިހިނެތްވީ...؟ ވީގޮތެއް މަންމައަށް ކިޔާދީބަލަ... ؟ ހުމޭދާގެ މޫނާގައި ހިފަހައްޓާލަމުން ދެކޮލުގައި ޖަހާލަމުން ހަސީނާ ބުނެލިއެވެ.

ހަސީނާ މަސައްކަތް ކުރަމުން ގެންދިޔައީ ހުމޭދާ ލައްވާ އެއްޗެއް ބުނެވޭތޯއެވެ. އެކަމަކު ހުމޭދާ އިނީ އޭނާގެ މަންމަގެ މޫނަށް ބަލަހައްޓައިގެން ފާޑަކަށް ހުއްޓުން އަރާފައެވެ. ހުމޭދާ އިންގޮތުން ހަސީނާ ބިރުގަތެވެ.

"ދަރިފުޅާ....! ކޮންމެވެސް އެއްޗެއް ބުނެބަލަ... ކިހިނެތް ވީތަ...؟" ވެގެން އުޅޭ ގޮތެއް ސާފުކުރުމުގެ ބޭނުމުގައި އަނެއްކާވެސް ހަސީނާ ސުވާލުކުރިއެވެ.

ހުމޭދާ އެހެން އިނުމަށްފަހު ގިސްލަ ގިސްލާފައި ރޯން ފަށައިފިއެވެ. ހުމޭދާ ރޯތަން ބަލާކަށް ހަސީނާއަކަށް ކެތެއްނުވިއެވެ. ހަސީނާ ހުމޭދާ ގެނެސް މޭގާ ލައްކޮށްލިއެވެ. ހަސީނާ މިފަހަރު ބޭނުންވީ ހުމޭދާ ރޯނެ ވަރަކަށް ރޯން ދޫކޮށްލުމަށެވެ. އެކަމަކު ހަމައެކަނި ހުރި ދަރިފުޅު އެގޮތަށް ރޯތަން ދެކޭކަށް ހަސީނާގެ ހިތަކަށްވެސް ކުޅަދާނައެއް ނުވިއެވެ. ހަސީނާއަށް ވެސް ރޮވެން ފަށައިފިއެވެ. ހަސީނާ މަޑުމަޑުން ހުމޭދާގެ ބުރަކަށީގައި އަތްހާކަމުން ދިޔައެވެ. އެއްވެސް ސުވާލެއް ކުރިއަސް އެވަގުތު އެއްވެސް ޖަވާބެއް ހުމޭދާއަށް ނުދެވޭނެކަން އެނގެއެވެ. ވަރަށް ގިނައިރު ރުއިމަށްފަހު ހުމޭދާ ރުއިން ހުއްޓާލިއެވެ. ހަސީނާ މަޑުމަޑުން ހުމޭދާ އޭނާގެ ގަޔާ ދުރުކޮށްލުމަށްފަހު ހުމޭދާގެ ކޯތާފަތް މައްޗަށް ފައިބާފައިހުރި ކަރުތައް އެއްއަތުން ފޮހެލަމުން އަނެއްއަތުން ހުމޭދާގެ ބުރަކަށީގައި ފިރުމަމުން ގެންދިއެވެ. ހުމޭދާވެސް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން ގެންދިއެވެ.

"މަންމާ.... މަންމާ... އެ... އެ .... އޭތި...! އޭތި... އޭތި އަންނާނެ.. މަންމާ.... ! ބިރުގަންނަނީ.... އަހަރެން... އަހަރެން ސަލާމަތް ކުރޭ... ! މަންމާ... " އަނެއްކާވެސް ރޮމުން ރޮމުން ހުމޭދާ ބޭރު ދޮރާއި ދިމާއަށް އަތްދިއްކޮއްލަމުން ބުނެލިއެވެ.

ނުނިމޭ... ވާހަކައިގެ އާ ބައެއް، ސެޕްޓެމްބަރު 12 ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް