ޒީޝާން ފިހާރައަކުން ތަރުކާރީކޮޅެއް ގަނެގެން ގެއަށް އަންނަނިކޮށް ފަހަތުން މީހަކު ޒީ އޭ ކިޔާ ގޮވާލި އަޑުއިވުނެވެ. އޭނާ އެބުރި ފަހަތަށް ބަލާލިއެވެ. އެއީ އޭނާ ކޮންމެވެސް ވަރަކަށް ދަންނަ މީހެއް ވައްތަރު ޖަހައެވެ. އެމީހަކު ހުރީ ޒީޝާނާއި ހިސާބަކަށް ދުރުގައި ކަމުން އެއީ ކާކުކަމެއް މުޅިއަކުން ޔަޤީނެއް ނުވެއެވެ. އެމީހަކު އަތުގެ އިޝާރާތުން މަޑުކޮށްލުމަށް އެދުނެވެ. އަދި އަވަސް ފިޔަވަޅު ތަކެއް އަޅަމުން އައިސް އެމީހާ ޒީޝާނާއި އަރާހަމަ ކުރިއެވެ. އެއީ ރިއުމާން އެވެ. ޒީޝާންމެން ރަށު މީހެކެވެ. ޒީޝާން މާލޭގައި ކިޔަވަން އުޅުނު އިރު ރިއުމާން އުޅެނީ ސީ.އެޗް.އެސް.ސީ ގައެވެ. އޭ ލެވެލް ނިއްމުމަށް ފަހު އޭނާ މަތީތަޢުލީމު ޚާސިލް ކުރުމަށް މެލޭޝިޔާއަށް ދިޔައެވެ. ރިއުމާން އާއި ޒީޝާނަކީ ވަރަށް ގާތް ރައްޓެހި ދެކުދިންނެވެ. ކުރިން ރިއުމާނާއި ޒީޝާނާއި ދެމީހުން ޗުއްޓީއަށް ރަށަށް ގޮސްގެން އުޅޭއިރު އުޅޭލެއް ގާތްކަމުން ރަށުގެ ބައެއް ލާނެއް ކުދިން އެދެމީހުން އަޅުވާވެސް ކިޔައެވެ. އޭރު ރިއުމާނާއި ޒީޝާނާއި ދެމީހުންނަށް ވެސް އެކަންވަނީ މަޖަލަކަށްށެވެ. ދެމީހުންވެސް އެކަން މާބޮޑުކަމަށް ނަހަދައެވެ.
''ޒީ. މިހާރު މިރަށުގައިތަ؟'' ރިއުމާން ހިނިތުން ވެލަމުން އަހާލިއެވެ. ''ހޫނ! މިއަދު މިރަށުގަ. އެކަމަކު މާދަމާ އެހެން ރަށެއްގަ. ދަތުރުވެރި މުސާފިރަކަށް ގޮނޑުކޮށްލާނެ އައްސޭރިއެއް ނުލިބިއެއް ނުދާނެތާ!'' ޒީޝާން ސަމާސާ ރާގަކަށް ބުއްޏެވެ. ''ދަތުރުވެރިޔާ އަނެއްކާ މިރަށުގައި ކީއްކުރަނީތަ؟'' ރިއުމާން ވެސް ސަމާސާ ރާގަކަށް ބުނެލިއެވެ. ''މިރަށުގައި އުޅޭ ސަބަބެއް ހަމަ ބުނަށްވީތަ؟ އަޑު އަހަން ތައްޔާރުތަ.'' ޒީޝާން ހިނިތުން ވެލަމުން ބުއްޏެވެ. ''އާނ. މިހިރީ އަޑުއަހާށޭ. ބުނެ ބަލަ.'' ރިއުމާން ހުރީ ޒީޝާން ބުނަށް އުޅޭ ވާހަކައެއް އަޑުއަހާ ހިތުން ކެތްމަދުވެފައި ކަހަލައެވެ.
''ބުނަށްވީ ހަމަ.'' ޒީޝާން އަނެއްކާވެސް އަހާލިއެވެ. ''ދެން ދަންބެރަށް ވުރެ ތަގުޅި ދިގުނުކޮށް ތިވާހަކަ ބުނެ ބަލަ.'' ރިއުމާން އަވަސް އަވަހަށް ބުނެލިއެވެ. ''މިރަށު މީހަކާ އިނދެގެންނޭ އަހަރެން އުޅެނީ.'' ޒީޝާން ހިނި އައިސްފައި ހުރިވަރުން އަނގަމަތީގައި އަތްއަޅާފައި ކެއްސައިގަތެވެ. ''އެހެންތަ؟ ޒީ ވެސް ހާދަ ގޯހޭ. މީހަކާއި އިންއިރުވެސް އަންގާވެސް ނުލާ.'' ރިއުމާން ދެރަވެލާފައި ބުއްޏެވެ.
''އުޅެން ޖެހުނުލެއް ބުރަކަމުން ހަނދާން ނެތުނީ.'' ޒީޝާން ރިއުމާންގެ މޫނަށް ބަލާލަމުން ބުއްޏެވެ. ''އެހެންވީއިރު ރަޙްމަތްތެރިއަކަށް ވެސް ނުބެލީތާތީ ދޯ. ހާދަ ހާދަ ދެރައޭ.ދެން އެވާހަކައެއް ނޫން. ފިރިމީހާވެސް މަށަށް ދައްކައެއް ނުލާނަށްތަ؟ އެއީ ކޮންމެ މީހަކަށް ވިޔަސް ޒީގެ ފިރިމީހާއަށް ވާނީ ވަރަށް ނަސީބު ގަދަ މީހެއް.'' ރިއުމާން މަޑުމަޑުން ބުއްޏެވެ. އޭނާ ޒީޝާންއާއި އައިސް ބައްދަލުކުރިއިރު ހުރި އުފާވެރިކަމެއް މިހާރަކު ނެތެވެ. މިހެން ކަންތައް ވުމުން ޒީޝާންވެސް ވަރަށް ދެރަވިއެވެ.
އޭނާއަށް މިކުރެވުނީ ކޮންކަހަލަ ސަމާސާއެއް ހެއްޔެވެ؟ ''މާން. އަހަރެން އެހެން ބުނީމަ ތިހިރީ ޤަބޫލުކޮށްގެންދޯ.'' ޒީޝާން ރިއުމާންގެ މޫނަށް ބަލާލަމުން ބުއްޏެވެ. ''ޒީ ކީކޭ ބުނީމަތަ؟''ރިއުމާން ނުދެނަހުރި ކަމަށް ހެދިއެވެ. ''ދެންމެ އަހަރެން ބުނީމެއްނު.''
''އެއީ ދޮގުދޯ.'' ރިއުމާން ޒީޝާންގެ ވާހަކަ މެދު ކަނޑާލަމުން އަވަސް އަވަހަށް ބުއްޏެވެ. ޒީޝާން އެއްބަސް ވުމުގެގޮތުން ބޯޖަހާލިއެވެ. ''ދެން ބުނެބަލަ. މިރަށުގައި ކީއްތިކުރަނީ.'' ރިއުމާން އަހާލިއެވެ. ''ކޯހެއްގަ މިއުޅެނީ.'' ޒީޝާން މަޑުމަޑުން ބުއްޏެވެ. ''އަނެއްކާ ކޯހެއްގައޭ ކިޔާފަ ގޯހެއް ނަހަދައްޗޭ.'' ރިއުމާން ހީލަމުން ބުއްޏެވެ. ''އިރާދަކުރެއްވިއްޔާ އެފަދަކަމެއް ނުކުރާނަށް.'' ޒީޝާންވެސް ހިނިތުން ވެލިއެވެ.
''ކޮންކަހަލަ ކޯހެއްތަ ތިހަދަނީ. އަނެއްކާ ނަރުސް..................'' ''ކިހިނެއް އެނގުނީ.'' ޒީޝާން ހައިރާން ވެފާ އަހާލިއެވެ. ''ބަލަ މޮޔަގަނޑާ. ކުޑަކުޑައިރު އަބަދުވެސް ކިޔަމެއްނު އަހަރެން ބޮޑުވެގެންވާނީ ނަރުހަކަށޭ. އަސްލު އެގިގެނެއް ނޫން ބުނީކީ. އެވާހަކަ ހަނދާންވެފަ ބުނީ. ކޮބާ މިފަހަރު މިސިކުނޑިއަށް ވުރެ އަހަރެންގެ ސިކުނޑި މާކުޅަދާނަ ވެއްޖެތާދޯ.'' ރިއުމާން ޒީޝާންގެ ބޮލުގައި ހިފާ ކޮށްޕާލަމުން ބުއްޏެވެ. ''އަހަރެން މާން ހާ ވިސްނުންތޫނެއް ނުވާނޭ.'' ޒީޝާން އެއްބަސްވިއެވެ.
''ދެން އެވާހަކައެއް ނޫނޭ. މިރަށު ކޮންތާކު ހުންނަނީ.'' ރިއުމާން އަހާލިއެވެ. ''އެގެއެއް ނޫން އަހަރެން މާލޭގައި ހުރިގޭގެ މީހުންދޯ. އެމީހުން މިހާރު އުޅެނީ މިރަށުގައޭ. އަސްލު އަހަރެން ވެސް މިރަށަށް ކޯސް ހަދަން އަންނަށް ޖެހުނީ އެމީހުން މިރަށަށް ބަދަލުވީމަ.'' ޒީޝާން އޮޅުން ފިލުވައި ދިނެވެ. ''ޝާހިދައްތަމެން ޒީ އަށް ވަރަށް ރަނގަޅުދޯ.'' ރިއުމާން އަހާލިއެވެ. ''އާނ!ވަރަށް ރަނގަޅު.''ޒީޝާން ބުނެލިއެވެ. ''ކޮބާ ޒީމެންގެ؟ އޭރުން އަންނަށް ވެސް އެނގޭނީ.'' ރިއުމާން އަހާލިއެވެ. ''އެހެރީނުން މަޑުފެހިކުލައިގެ ދޮރާއްޓެއް ލާފައި ހުރި ގެއެއް. އެއީ އަހަރެން ހުންނަ ގެއަކީ. ނާބުނެބަލަ. މާން މިރަށުގައި ކީއްތިކުރަނީ؟'' ޒީޝާން އަހާލިއެވެ. ''އަހަރެން އުޅެނީ މަރަދޫ އިރުޝާދިއްޔާ ސްކޫލްގެ އެސިސްޓެންޓު ޕުރިންސިޕަލަކަށް.''ރިއުމާން ބުއްޏެވެ.
''އޯހ. ތީތަ އެބުނާ ޒުވާން ޕުރިންސިޕަލަކީ.'' ޒީޝާން ދިމާކޮށްލިއެވެ. ''އަނެއްކާ ކާކުތަ އެހެން ބުނީ.'' ރިއުމާން އަވަސް އަވަހަށް ބުއްޏެވެ. ''ގައިމުވެސް އަންހެންކުއްޖެއް.'' ޒީޝާން ހިނިތުން ވެލަމުން ބުއްޏެވެ. ''އަހަރެން ވެސް ނުބުނަމެއްނު ފިރިހެންކުއްޖެކޭ.'' ރިއުމާން ބުނެލިއެވެ. ''އޭ ދެންދަނީއޭ. މިހާރު ބޮޑުދައިތަ އުޅޭނެ ލަސްވެގެން. މާން ވާނެ އަދި އަހަރެމެން ގެއަށް އަންނަށް އިނގޭ.'' ޒީޝާން ގެއާއި ދިމާއަށް ހިނގައި ގަންނަމުން ބުއްޏެވެ. ''އިރާދަކުރެއްވިއްޔާ އަންނާނަށް. ގޭ މީހުންނަށް މަގޭ ސަލާމް ބުނެދެއްޗޭ.'' ރިއުމާން ވެސް ހިނގައިގަތީ ސައިކަލާއި ދިމާއަށެވެ.
''އަވަހަށް އަންނާށޭ ބުނީމަ ހާދަ ލަހަކުން ތިއައީ.'' ނަސީމު ވާހަކަ ދެއްކީ ފިހާރައިގެ ސޭޓު އަޚްމަދާއެވެ. ''ވީގޮތަކީ މަންމައާއި އެކު ހޮސްޕިޓަލަށް ދާންޖެހުނީ.'' އަޚްމަދު ލަސްވީ ސަބަބު އޮޅުން ފިލުވައި ދިނެވެ. ''އަޚްމަދު ވާނެ މިފަހަރު ނަސީމުބެއާއި އެކު ބެންކޮކަށް ދާން. މިފަހަރު ޚަލީމް މިކޮޅުގަ މަޑުކުރާނީ. އޭނަ މަންމަ މިދުވަސްކޮޅު އުޅެނީ ވަރަށް ބަލިވެ. އައިސަދައިތައާއި އަޅާލާނެ މީހަކަށް މިރަށުގައި ހުރީ ޚަލީމް އެކަނި. އަނެއްކާ އަޚްމަދަށް ދެވޭނެތަ؟'' ނަސީމު އަހާލިއެވެ. ''ނަސީމުބެ ބުނީމަ ކީއްވެ ނުދެވެންވީ. ދެވޭނެ.'' އަޚްމަދު އެއްބަސްވިއެވެ.
''ކޮބާ މިހާރު ގޭގެ މަސައްކަތް ނިމުނީތަ؟'' ނަސީމް އަހާލިއެވެ. ''އާނ! މިހާރު ދަނީ މުށިޖަހަމުން. އެކަންތައްވެސް ދެދުވަހެއްގެ ތެރޭގައި ނިމޭނެޔޯ އެމީހުން ބުނި.'' އަހްމަދު ބުއްޏެވެ. ''އެހެންތަ. އަޚްމަދު ނަސީމުބެ އަންނާނަށް ގެއަށް ޖެހިލާފަ. އެއުޅޭ ހަސަނު އައިސްފިއްޔާ މިކޮތަޅު އެސޮރު އަތަށް ދެއްޗޭ.'' ނަސީމު ކޮތަޅެއް ދައްކާލަމުން ބުއްޏެވެ.
ނޫރާ އިނީ ލެޕުޓޮޕު ދަށުގައެވެ. މާދަމާއަށް ނިއްމަށް ޖެހޭ ވޯކުޝީޓެއް އޮތުމުން އެނިއްމާލުމަށްޓަކައެވެ. ކުއްލިއަކަށް އައިސް ކޮޓަރިތެރެއަށް ވަނީ ޒީޝާނެވެ.
''ހާދަ ބުރަކޮށް އުޅޭ ކުއްޖެކޭދޯ.'' ޒީޝާން ގޮސް އެނދުމަތީގައި އިށީއްނަމުން ބުނެލިއެވެ. ''ބަލަ ތިހެން ބުނާއިރު ޒީ ތީ މާ ފުރީމީހެއްތަ؟ އަދި ކިރިޔާކަން ނޭނގެ މިއަދު ނޭވައެއް ލާނެ ވަގުތެއް ތިވީ.'' ނޫރާވެސް ތިމާކޮށްލިއެވެ. ''އޭ މިއަދު ނަވީލްކޮބައިތަ؟ އަހަރެން އަދި މިއަދު އޭނައެއް ނުދެކެން.'' ޒީޝާން އަހާލިއެވެ. ''ކިހިނެއްވީ؟ އަނެއްކާ. މަށެއްވެސް މިއަދަކު ތުއްތުބެއެއް ނުދެކެން.'' ނޫރާ ޒީޝާންގެ މޫނަށް ބަލާލަމުން ބުއްޏެވެ. ''ކަމެއް ނުވެއޭ. ހަމަ އަހާލީ.'' ޒީޝާން ބުއްޏެވެ. ''ތިވާހަކައެއް ނޫނޭ. ބުނީމެއްނު ކޮންމެވެސް ވާހަކައެއް ދައްކަންވެފަ އެބައޮތޭ.'' ނޫރާ ކަމެއް ހަނދާވީމާ ބުނާ ކަހަލަ ގޮތަކަށް ބުއްޏެވެ.
''އާނ! އެވާހަކަދޯ. އެއީ ވަރަށް ބޮޑުވާހަކައެއް.'' ޒީޝާނަށް އެވާހަކަ ފައްޓާނެ ގޮތެއް ނޭގުނެވެ. ''ދެން ބުނެބަލަ. އަނެއްކާ ކޮން ވާހަކައެއް އެއީ.'' ނޫރާ އަހާލިއެވެ. ''ނޫރާ. ނަވީލްއަކީ ނިދީގައި ހިނގާ މީހެއްތަ؟'' ޒީޝާން ކޮށްލީ ސުވާލެކެވެ. ''ކިހިނެއްވީ؟ ''ނޫރާ ހައިރާން ވެފައި އަހާލިއެވެ. ''ހަމަ އަހާލީ.'' ޒީޝާނަށް އަދިވެސް އަސްލު މަޢުޟޫއަކަށް ނުދެވުނެވެ. ''ހަމަ އަހާލީއެއް ނޫން ތީކީ. ޒީތީ އަހަރެން ނުދަންނަމީހެއް ނޫނޭ. ކޮންމެވެސް ކަމެއްވީމަ ޒީ ތިހެން ތިއެހީ. އަނެއްކާ ތުއްތު ޒީއަށް ކަމެއް ކުރީތަ؟'' ނޫރާ އަހާލިއެވެ. ''ނޫނޭ. އަހަންނަކަށް ކަމެއް ނުކުރޭ. އެކަމަކު ކުރީ ރޭ.......''
''ކުރީރޭ އަނެއްކާ ކިހިނެއްވީ؟'' ނޫރާ އަވަސް އަވަހަށް ބުއްޏެވެ. ''ނޫރާ. މިގޭތެރެއިން ވަރަށް އެހެން ކަހަލަކަމެއް އަހަންނަށް ކުރީ ރެއަކު ފެނިއްޖެ.'' ޒީޝާން އެވާހަކަ ބުނީ ކުޑަކޮށް ޖެހިލުންވެ އިދެއެވެ. ''ކޮން ކަމެއް؟'' ނޫރާ އަހާލިއެވެ. ޒީޝާން ކުރީ ރެއަކު ގޭތެރެއިން ފެނުނު ހިޔަނީގެ ވާހަކައާއި ނަވީލް ކަންތައް ކުރިގޮތުގެ ވާހަކަ ކިޔައިދިނެވެ. ނޫރާ އެވާހަކަތައް އަޑުއަހަން އިން ގޮތުން ހީވަނީ އެއީ އޭނާއަށް އާވާހަކަތަކެއް ނޫން ހެންނެވެ. ''އަނެއްކާ ވެސް އެކަންތައް ތުއްތުބެއަށް ލައިގަތީތާދޯ.'' ނޫރާ އަށް މަޑުމަޑުން ބުނެލެވުނެވެ.
''ކޮން ކަން ތައްތަކެއް؟'' ޒީޝާން ހައިރާންވެފައި އަހާލިއެވެ. ''ޒީ. އެއީ ވަރަށް ދިގުވާހަކައެއް. އަހަރެމެންގެ މިކުޑަކުޑަ އާއިލާތެރޭގައި ފޮރުވިފައިވާ ސިއްރެއް އެއީ.'' ނޫރާ ބުނެލިއެވެ. ''ތި ސިއްރު މަށަށް ކިޔައެއް ނުދޭނަށްތަ؟ އަހަރެން ވެސް ސިއްރެއް ވެއްޖެއްޔާ ސިއްރެއްގެ ގޮތުގައި ބާއްވަދޭ ނަމޭ.'' ޒީޝާން ހުރީ އެވާހަކަތައް އަޑުއަހާ ހިތުން ކެތްމަދުވެފައި ކަހަލައެވެ. ''ޒީ އެހާ އޮޅުން ފިލުވަން ބޭނުމިއްޔާ ކިޔައިދީފާނަށް. އެކަމަކު ޒީ ނުވާނެ ތިންވަނަ މީހަކަށް މިވާހަކަތައް ކިޔައިދީގެނެއް. އަދި ޒީ ނުވާނެ އެކަންތައްތައް ޒީއަށް އެގޭކަން ތުއްތުއަށް ވެސް އެނގޭގޮތައް އެއްވެސް ކަމެއް ކޮށްގެނެއް. އެގޮތައް އެއްބަސް ވައްޏާ އަހަރެން ޒީއަށް އެވާހަކަތައް ކިޔައިދީފާނަށް. އެއްމެ ރަނގަޅުތަ؟'' ނޫރާ މަޑުމަޑުން ބުއްޏެވެ. ޒީޝާން އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ.
''ޒީ. ތުއްތުގެ ހަޔާތް އެންމެ ފުރަތަމަ އަނދިރިވެގެން ދިޔައީ އޭނާގެ އުފަން މަންމަގެ ސަބަބުން. ތުއްތުބޭގެ މަންމައަކީ އެހާ ރަނގަޅު މީހެއް ނޫން. ބޮޑުބޭބެ އޭނާ ދެކެ ވަރަށް ލޯބިވެލައްވާނެ. ނަމަވެސް....................''
********** ނުނިމޭ*************
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް