ހިތް އެދޭވަރުން: ހަތަރުވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.... ޒީޝާނާއި ނީލާ އަދި ދިމްނާ ތިބީ ކޮލެޖުކެމްޕަހުގެ ގޯތިތެރޭގައި ހުރި ހިޔާދޭ ބޮޑުގަހެއްގެ ހިޔަލުގައި ބަހައްޓާފައި ހުރި މޭޒެއްގެ ދޮށުގައެވެ. އެއީ އިންޓަރވަލް ވަގުތު ކަމުން ބައެއް ކ...

08 Jun 2017 | 07:05

ކުރީގެ އަދަދާއި ގުޅޭ....

ޒީޝާނާއި ނީލާ އަދި ދިމްނާ ތިބީ ކޮލެޖުކެމްޕަހުގެ ގޯތިތެރޭގައި ހުރި ހިޔާދޭ ބޮޑުގަހެއްގެ ހިޔަލުގައި ބަހައްޓާފައި ހުރި މޭޒެއްގެ ދޮށުގައެވެ. އެއީ އިންޓަރވަލް ވަގުތު ކަމުން ބައެއް ކުދިން ކެމްޕަހުގެ ގޯތިތެރޭގައި ތިއްބެވެ. މަޖާ ވާހަކަ ތަކުގައެވެ. ދިމްނާއާއި ޒީޝާނަކީ އެއްއަތޮޅެއްގެ ދެކުދިންނަށްވެފައި މާލޭގައި އުޅުނު އިރުވެސް ދެކުދިންވެސް ކިޔެވީ އެއްސްކޫލަކުން ކަމަށް ވުމުން ދެކުދިންނަކީވެސް ވަރަށް ގާތްއެކުވެރި ދެކުދިންނެވެ. ނީލާއަކީ އެކުދިންނަށް އައްޑު އަތޮޅުން ލިބުނު އާރަޚްމަތްތެރިއެވެ. އެކުދިންގެ މިޒާޖާއި ނުހަނު ގުޅޭ ކުއްޖެކެވެ. ކޮންމެ ކަމެއްގައިވެސް އެކުދިންނަށް އެހީތެރިވެދޭ ކުއްޖެކެވެ. ތިންކުދިންވެސް ތިބީ އެހެން ކުދިންނެކޭ އެއްފަދައިން މަޖާ ވާހަކަތައް ދެއްކުމުގައެވެ.

''އޭތް. ޒީ. ކުރީ ދުވަހަކު އަހަރެން ތިގެއަށް ޒީ ހޯދަން ދިޔައިރު ތިގޭން ވަރަށް ސަޅި ބިޓެއް ދުށިން. އެއީ އަނެއްކާ ކާކުތަ؟'' ދިމްނާ ވާހަކައިގެ ތެރޭން އަހާލިއެވެ. ''އަހަރެމެން ގޭގައި ފިރިހެން ކިޔާ އުޅޭނީ ތިންމީހުން. އެއީ ނަސީމުބެއާއި ހިޝާމްބެއާއި ނަވީލް. އެތަނުން އަނެއްކާ ކާކުއާއި ދިމާވީ.'' ޒީޝާން އަހާލިއެވެ. ''ޒީ. މަށަށް ހީވަނީ ދިމް އާއި ދިމާވެގެން އެއުޅެނީ އެތަނުން ނަސީމުބެއާއިހެން.'' ނީލާ ބާރަށް ހީގަންނަމުން ބުއްޏެވެ. ''ނީލް! މަށަށްވެސް ނަސީމުބެ އިނގެއޭ. އެއީ ނަސީމުބެއެއް ނޫނޭ.'' ދިމްނާ އަނގައަށް ވައްތަރެއް ޖައްސާލަމުން ބުއްޏެވެ. ''އަނެއްކާ ހިޝާމްބެތަ؟'' ޒީޝާންވެސް ހެމުން ހެމުން އަހާލިއެވެ.

''މަށަށްވެސް ވަރަށް ހީވޭ ޒީ ތިބުނި ގޮތަށް އެއީ ހިޝާމުބެހެން.'' ނީލާ އަދިވެސް އިނީ ސަމާސާ މޫޑެއްގައެވެ. ''އެކަމަކު ދިމް. އެއީ މީހެއްގެ ފިރިއެކޭ. ކުޑަކުޑަ ކުއްޖެއްގެ ބައްޕައެއް. އެނޫން މީހަކުވެސް ދިމްއަށް ނުފެނުނީތަ ރީތިވާން.'' ޒީޝާން ހިނިގަނޑު މައިތިރި ކުރަމުން ބުއްޏެވެ. ''އާނ! ތިހެން ބުނީމަ ހަނދާން ވެއްޖޭ. އޭނަ ގާތުގަ ހުއްޓޭ ކުޑަކުޑަ ލޯބި ލޯބި އަންހެންކުއްޖެއްވެސް. އެކުއްޖާ އައިސް މަށާ ވާހަކަވެސް ދެއްކި. އެކަމަކު އެފިރިހެންމީހާގެ މަށަށް ހާދަ ރީއްޗޭ. ވަރަށް  ސަޅި ލުކެއް އޭނަގެ ހުރޭ. ''ދިމްނާ މަޑުމަޑުން ބުއްޏެވެ. ''އެކަމަކު ދިމް ދިޔަ ދުވަހު ހިޝާމްބެއެއް ގެއަކު ނޫޅޭނެ. ހިޝާމުބެ ނެތީމަ އަހަރެންވެސް ޝާހިދާދައްތައާއި އެކު ފިހާރައަށް ދިޔައީ. ''ޒީޝާން ކަމެއް ހަނދާންވީމާ ބުނާ ކަހަލަ ގޮތަކަށް ބުނެލިއެވެ.

''މަށަށް ހީވަނީ އެއީ ހަމަ ނަސީމުބެހެން.'' ނީލާ އަދިވެސް އިނީ ހިނިއައިސް ފައެވެ.''އޭ ނީލް. ދެން ތިހާވަރަށް ދިމާ ނުކޮށް ބަލަ. އެއީ ނަސީމުބެއެއް ނޫނޭ. މަށަށްވެސް ނަސީމުބެ އެނގެއޭ. ވާރޭ ވެހުނު ދުވަހަކު ގެއަށް ނުދެވިފަ ކެމްޕަހުގަ ތާށިވެފަ ތިއްބާ ޒީގުޅީމަ ކާރުގަ ބަލާއެއީ ނަސީމުބެއެއް ނޫންތަ؟'' ދިމްނާ ބުނެލިއެވެ. ''ނޫނޭ! އެއީ ހަމަ ނަސީމުބެއޭ. މަށަށް ހީވަނީ ދިމްއަށް ފެނިގެން ތިއުޅެނީ ނަވީލްހެން. އެކަމަކު ނަވީލް ............''

''ނަވީލް އެއީ ކާކު؟'' ދިމްނާ އަވަސް އަވަހަށް އަހާލިއެވެ. ''ސާބަހޭ! މިކުއްޖާއަށް އެގެއިން އެފެނުނު ކުއްޖެއްގެ ސަބަބުން ވަރެއް ވެއްޖެތާދޯ. އެއީ ނަސީމުބެގެ އެންމެ ހަނގުދަރި. ކުޑަކޮށް ބޯ ސަކަރާތް ގޮލައެއް އެއީ ދޯ ޒީ.''  ނީލާ މަޑުމަޑުން ބުއްޏެވެ. ''ބޯ ސަކަރާތް މީހެއް ވައްތަރެއް އޭނައެއް ނުޖަހާ. އެއީ ހަމަ ވަރަށް ރަނގަޅު މީހެއް. މިއިން ދުވަހަކުވެސް މީހަކު އަހަރެންނާއި މުޚާތަބު ނުކުރާހާ ތީރިކޮށް އޭނަ މަށާއި ވާހަކަދެއްކި.  އަސްލު ވަރަށް އުފާވި އެދުވަހު.'' ދިމްނާ ނަވީލަށް ތަޢުރީފުކޮށް ވާހަކަދައްކާތީ ޒީޝާން އިނީ ވަރަށް ހިތްހަމަ ޖެހިފައެވެ.

އެކަމަކު ހަމަ ދެންމެއަކު ނީލާ ބުނި އެއްޗަކުން އޭނާ ވަރަށް ހިތްހަމަވެސް ނުޖެހުނެވެ. ނަވީލްއާއި ދިމާއަށް ބޯސަކަރާތޭ މޮޔައެކޭ ކިޔުމަކީ އޭނާ އެހާ ހިތްހަމަ ޖެހޭ ކަމެއް ނޫނެވެ. ތިންކުދިން ވާހަކައިގައި ތިއްބާ އިންޓަރވަލް ގަޑި ދިޔަގޮތެއްވެސް ނޭނގެއެވެ. ގަޑިޖެހުމާއެކު ތިންކުދިންވެސް ފަޔަށް ބާރުލާފައި ހިނގައިގަތީ ކްލާހާއި ދިމާއަށެވެ.

ނަވީލް އެކަނި މާއެކަނި ގޭގެ ސިޓިންރޫމުގައި އިށީއްދެލައިގެން އިނެވެ. ޓީވީއިން އޭރު ދޭއްގެ ޚަބަރު ކިޔަމުން ދެއެވެ. ނަމަވެސް ނަވީލްގެ އިނީ އެއަށް ގެއްލިފައެއް ނޫނެވެ. އޭނާ އޮތީ އެހެން ކޮންމެވެސް ޚިޔާލަކަށް ގެއްލި ހުސްވެފައެވެ. ބޭރުން ގެއަށް އައިސް ވަން ނޫރާއަށް އެމަންޒަރު ފެނުމުން ބޭނުންވީ ނަވީލްއާއި ސަމާސާ ކޮށްލާށެވެ. އޭނާ މަޑުމަޑުން ނަވީލްގެ ފަހަތުން ގޮސް ލޯމަތީގައި އަތްއެޅިއެވެ. އެވަގުތު ނަވީލް ސިހިފައި ހަޅޭލަވައިގަތީ ބިރުވެރި އެއްޗެއް ފެނުނީމަ މީހަކު ހަޅޭލަވައި ގަންނަ އުސޫލުންނެވެ. ނަވީލް ހަޅޭލަވައިގަތްލެއް ބާރުކަމުން ނޫރާވެސް ބިރުގަތެވެ. އޭނާ ސިހިފައި ނަވީލްގެ ލޯމަތިން އަތްނެގިއެވެ.

''ކަލޭމެން މަށަށް ކީއްކުރާނަމޭ ހިތާ ތިއުޅެނީ. އަހަރެން ކަލޭމެންނަށް ކޮންކަމެއްތަ ކުރީ.'' ނަވީލް ހަޅޭލަވައި ގަތެވެ. ''ތުއްތުބޭ! ވަރަށް ބޮޑަށް ސޮރީ.'' ނޫރާ ހުރީ ބިރުންނެވެ. ''ކޮންމެ ކަމެއްވެސް ކޮށްފަ ސޮރީއޭ ބުނީމަ އެނިމުނީތަ؟ އަޅެ ކީއްވެތަ އެންމެން މަށަށް ތިއުދަނގޫކުރަނީ. ޕުލީޒް. އަހަރެން އެންމެ ހިނދުކޮޅަކުވެސް އުފަލުގަ އުޅުނަދީބަލަ.'' ނަވީލްގެ އަޑު ހިނދުކޮޅަކަށް ފަހު ހިނދުކޮޅެއް ދިޔައީ ބާރުވަމުންނެވެ. ''ތުއްތުބޭ. އަޅުގަނޑަށް މަޢާފުކުރޭ! ދެން ދުވަހަކުވެސް އަހަރެން އެފަދަ ކަމެއް ނުކުރާނަށް.'' ނޫރާ މަޢާފަށް އެދުނުނަމަވެސް ނަވީލްގެ ރުޅިގަނޑު ކޮންޓުރޯލް ވާގޮތެއް ނުވިއެވެ.

''ހެޔޮ ނުވާނެ މިތަނުންދޭ! އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކަށް މަޢާފުކުރާކަށް.'' ނަވީލް ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން ހިނގައިގަތެވެ. ހީވަނީ އޭނާގެ ބޮލުގައި ރިއްސަނީއެވެ. ނޫރާ ހުރީ މިކުރެވު ކަމަކުން ވަރަށް ބޮޑަށް ދެރަވެފައެވެ. އޭނާގެ ފަރާތުން މިއިން ދުވަހަކުވެސް ތުއްތުބޭ ރުޅިއަންނަފަދަ ކަމެއް ކުރެވިފައެއް ނެތެވެ. އެކަމަކު މިއަދު މިވީ ކިހިނެއް ހެއްޔެވެ؟ އޭނާ މަޖަލަކަށް ކޮށްލިކަމަކުން ތުއްތުބޭ އެދިޔައީ ވަރަށް ރުޅިއައިސް ގެންނެވެ. އެއީ އެހެން މީހުން ފަދަ ހުރިހާ ކަމެއް ފުރިހަމަ މީހެއްގެ ގޮތުގައި އޭނާއަށް އެބެލުނީ ކީއްވެގެން ހެއްޔެވެ؟ ތުއްތުބޭ އެންމެ ރަނގަޅަށް އެނގޭނެ އެކަކަށް އޭނާވާއިރު އެވަގުތު އޭނާއަށް އެކަން ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ ކުޑަކުޑައިރުން ފެށިގެން ތުއްތުބެއާއި އެންމެ ގާތްކޮށް އުޅުނު އެކަކަށް އޭނާވާނެއެވެ. އޭނާ ތުއްތުބެއާއި ވަކިވިތާ އަދިވާނީ އެންމެ ދެއަހަރެވެ. އެއީ އޭނާ ޓީޗިން ހެދުމަށް ލަންކާއަށް ދިޔުމާއި ހިސާބުންނެވެ. ދެއަހަރަށް ފަހު ރަށަށް އައި އިރު އޭނާއަށް ތުއްތުބޭގެ މިޒާޖު ހަނދާން ނެތުނީ ކީއްވެހެއްޔެވެ؟ ނޫރާ އޭނާއަށް މިކުރެވުނު ކަމަކުން އަމިއްލަ ނަފުސު ދެކެވެސް ރުޅި އާދެވުނެވެ. އޭނާ މަޑުމަޑުން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

ދަންވަރުގެ ހަމަ ހިމޭން ވަގުތެވެ. ގޭގެ އެއްމެންވަނީ ގަދަ ނިދީގައެވެ. ޒީޝާނަށް ހޭލެވުނީ ކަރުހިއްކައި ގަނެގެންނެވެ. އޭނާ ތެދުވެގެން ގޮސް ޑުރެސިން ޓޭބަލްމަތީގައި ހުރި ޖަގުން ތައްޓަށް ފެންއަޅަން ބަލާލިއިރު ޖަގުގައި އެންމެ ފެންފޮދެއްވެސް ނެތެވެ. އޭނާ ޖަގުހިފައިގެން ކޮޓަރިން ނިކުމެގެން ކާގެއަށް ދާން ހިނގައިގަތެވެ. ޒީޝާން ކާގެއަށް ވަދެފައި ބޮކިޖައްސާލި ވަގުތުދިޔައީ ސިއްސައިގެންނެވެ. ކާގޭމޭޒު ދޮށުގައި އިށީއްދެލައިގެން ނަވީލް އިނެވެ.

''ނަވީލް. ކިހިނެއްވެފަ މިތާގަ ތީނީ.'' ޒީޝާން ހައިރާވެފާ އަހާލިއެވެ. ''ކަމެއް ނުވޭ.'' ނަވީލް މަޑުމަޑުން ބުއްޏެވެ. ''ކޮންމެވެސް ކަމެއްވީމަތާ މިތާގަ ތީދީ. އަނެއްކާ މިރޭ ނުނިދާ ރެއެއްތަ؟'' ޒީޝާން ޖަގަށް ފެން އަޅަމުން ވާހަކަ ދެއްކިއެވެ. ނިދިނައިސްގެން މިރޭ މިއުޅެނީ.''ނަވީލް ބުއްޏެވެ. ''އެއީ ކީއްވެ؟'' ޒީޝާން އަހާލިއެވެ. ''އެކަމެއްވެސް ޒީ ގާތު ބުނަށްޖެހޭތަ؟'' ނަވީލް ބަލާލިގޮތުން ޒީޝާން ކުޑަކޮށް ބިރުގަންނަގޮތްވިއެވެ. ''ކޮންމެކަމެއް އަހަރެން ގާތު ބުނާކަށް ވެސް ނުޖެހޭނެތާދޯ. އެކަމަކު........................''

''އެކަމަކު މިކަމަކުއެއް ކިޔާނެ ކަމެއްނެތޭ. ދެން ޒީވެސް އަވަހަށް މިތަނުންދޭ. އެހެންނޫނީ ފަހަރުގައި ދެރަގޮތެއް މެދުވެރި ވެދާނެ. އެއީ އަހަރެން އެދޭގޮތެއް ނޫން.'' ނަވީލް ވާހަކަ ދެއްކި މަޑުމަޑުންނެވެ. ހީވަނީ ގޭގައި ނިދާފައި ތިބިމީހުންނަށް އެގަޑީގައި އުނދަގޫކުރަން އޭނާ ބޭނުން ނުވާހެންނެވެ. ''ޒީޝާން ވެސް އިތުރު އެއްޗެކޭ ނުބުނެ ފެންޖަގު ހިފައިގެން ކާގެއިން ނިކުތުމަށް ހިނގައިގަތެވެ. ''ބޮކި ނިއްވާލާފަ ދައްޗޭ.''  ކާގެއިން ނިކުމެނިކުމެ ހުރި ޒީޝާނަށް ނަވީލްގެ އެޖުމުލަ އަޑުއިވުމުން ސުވާލުން ފުރިގެންވާ ފަދަ ގޮތަކަށް ނަވީލަށް ބަލާލެވުނެވެ.

ނަވީލްގެ ބެލުމުގައި ވަނީ އާދޭހެވެ. ޒީޝާން ބޮކި ނިއްވާލާފައި ކާގެއިން ނިކުތް ވަގުތު އަނދިރި ހިޔައްޏެއް އޭނާއާއި ދާދިގާތުން ހުރަސްކޮށް ކާގެއަށް ވަންހެން އޭނާއަށް ހީވީ ކީއްވެގެން ކަމެއް ނޭނގެއެވެ. އެވަގުތު އޭނާ ވަރަށް ބިރުވެސް ގަތެވެ. އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. އޭނާއަށް ހަމަ ނޭވާ ލެވުނީވެސް ކޮޓަރިއަށް ވަދެ އެނދުގައި އިށީއްދެލެވުމުންނެވެ. ޒީޝާނަށް އެހިޔައްޏާއި ދޭތެރޭވިސްނެތް ފަށައިފިއެވެ. އަނެއްކާ އެއީ ކޯއްޗެއްބާއެވެ؟ ނަވީލް އަނދިރީގައި ކާގެ ތެރޭގައި އެއިނީ ކީއްވެ ބާއެވެ؟ އަނެއްކާ އެހިޔައްޏާއި ނަވީލްއާއި އޮތީ ކޮން ގުޅުމެއް ބާވައެވެ؟ ޖަވާބު ނޭނގޭ އެތަކެއް ސުވާލުތަކެއް އޭނާގެ ސިކުނޑީގައި ދިޔައީ ގުގުމަމުންނެވެ. އެންމެ ފަހުން ޒީޝާން އެނދުގައި އޮށޯވެލިއެވެ. ނަމަވެސް މިރޭ މިދިމާވި ކަމެއްގެ ސަބަބުން އޭނާގެ ލޮލަކަށް ނިއްޖެއް އަންނަގޮތެއް ނުވިއެވެ. އޭނާ އެނދުމަތީގައި ދެފަރާތަށް ފޮރޮޅިލާ ފޮރޮޅިލާ އޮތެވެ.އެހެން އޮއްވާ އޭނާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ.

ނޫރާއަށް ހޭލެވުނީ ޒީޝާން އައިސް ގޮވީމައެވެ. އޭރު ގަނޑިން ހަޔެއް ޖަހަނީއެވެ. އަވަސް އަވަހަށް ތެދުވެ ފާޚާނާއަށް ވަނެވެ. ނޫރާ ފެންވަރައިގެން ނިކުތްއިރު ޒީޝާންވެސް ކޮޓަރި ތެރޭގައި އިނެވެ. ''މިއަދު ހާދަ އަވަހަކަށް ކެމްޕަހަށް ދާން ތިއުޅެނީ.'' ނޫރާ ޒީޝާނަށް ބަލާލަމުން ބުއްޏެވެ. ''އާން! މިއަދު ޖެހޭ އަހަރެމެން ގުރޫޕުން ގުރޫޕު މަސައްކަތް ހުށައަޅަން. އެހެންވެ ތަންކޮޅެއް އަވަހަށް ގޮސް ކުޑަކޮށް ފަރިތަކޮށްލަން ވެގެން.'' ޒީޝާން އިނީ ކޮލެޖު ޔުނިފޯމުގައެވެ. ''އެހެންތަ. ކިޔަވަން އުޅޭއިރު ހާދަ މަޖަލޭދޯ.'' ނޫރާ ވާހަކަ ދެއްކީ ޑުރެސިންޓޭބަލް ކައިރީ ހުރެއެވެ. ''ހޫނ!ވަރަށް މަޖާ. އާ ރައްޓެހިން ތަކެއް ލިބޭ. އެއީ ކޮންމެ މީހެއްގެ ހަޔާތުގަވެސް ލިބޭނެ އަންނާނެ އެންމެ މަޖާދުވަސްކޮޅު ދޯ.'' ޒީޝާން ވެސް ނޫރާގެ ވާހަކައާއި އެއްބަސްވިއެވެ.

''ހޫނ! ވަރަށް.'' ނޫރާ ބުނެލިއެވެ. ''އެވާހަކައެއް ނޫނޭ. ކިހިނެއް ސްކޫލް. ރަނގަޅުތަ؟'' ޒީޝާން އަހާލިއެވެ. ''އާނ! ވަރަށްމަޖާ. އެއްމެންވެސް ވަރަށްގުޅޭ. ވަރަށް ޅަޕުރިންސިޕަލެއް ހުންނަވަނީވެސް. އޭނަވެސްހުރިހާ މުދައްރިސުންނާ ވަރަށް ގުޅޭނެ.'' ނޫރާ ބުއްޏެވެ. ''މަށަށް ހީވަނީ އެއްމެފަހުން ތިޕުރިންސިޕަލަށް ނޫރާގެ ހިތްކަން ނޭނގެ ދެވޭނީ.'' ޒީޝާން ދިމާކޮށްލިއެވެ. ''އޭ.ތިކަހަލަ އެއްޗެހި ކިޔާކަށް ނުވާނެ. އެއީ މީހެއްގެ ފިރިޔަކަށް ވެސް ވެދާނެ.'' ނޫރާ ޒީޝާން ބުނި އެއްޗަކުން ރަކިވާގޮތްވިއެވެ.

''އޯހް! ނޫރާމެންނަށް އެވަރުވެސް ހަމަ ނޭނގޭތަ؟ ނޫނީ އެނގުނަސް އަހަރެން ދިމާކޮށްފާނެތީ ގަސްދުގައި ނުބުނީ ދޯ.'' ޒީޝާން ވާހަކަ ދެއްކީ ދިމާކުރާ ކަހަލަ ރާގެއްގައެވެ. ''އޭ ދެން ތިވާހަކަ ހުއްޓާލާ. ހިނގާދަމާ.''  ނޫރާ ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ. ދެމީހުންނަށް ކޮޓަރިން ނިކުމެވުނީ ނަވީލްގެ ކުރިމައްޗަށްށެވެ. އެވަގުތު ޒީޝާންގެ ހިތުގައި ރޭގެ ކަންތައްގަނޑު އާވެގެން ދިޔައެވެ. ނޫރާ ތުއްތުބޭއޭ ކިޔާގޮވާލުމުން ނަވީލް އެމީހުންނާއި ދިމާއަށް ބަލާލީ ފަރުވާކުޑަ ގޮތަކަށްށެވެ. ''ނޫރާ! އަދި އަހަރެން އެބައޮތޭ ނޫރާ ގާތު ވަރަށް ބޮޑުވާހަކައެއް ދައްކަންވެފަ.'' ޒީޝާން ގެއިން ބޭރަށް ނިކުމެވުމާއި އެކު ބުނެލިއެވެ. ''އަނެއްކާ ކޮންވާހަކައެއް. ''ނޫރާ އަވަސް އަވަހަށް އަހާލިއެވެ.  ''ފަހުންދޯ! ''ޒީޝާން އެވަގުތުގެ ގޮތުން އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.

'އެކަމަކު ފަހަކީ ވެއްޔޭ ބުނެއެއްނު.'' ނޫރާ ހިނިތުން ވެލަމުން ބުއްޏެވެ. ޒީޝާންވެސް ހިނިތުންވެލިއެވެ. ދޮރާށި ދޮށަށް ނިކުތް އިރު ޒީޝާން އެކުވެރި ކުދިންކޮޅު އޭނާގެ އިންތިޒާރުގައި ދޮރާށި ދޮށުގައި ތިއްބެވެ. ހިޝާމްބެވެސް ނޫރާގެ އިންތިޒާރުގައި ސައިކަލުގައި އިނެވެ. ނޫރާ އެކުދިން ގާތު ކިހިނެއް އަހާލާފައި ގޮސް ސައިކަލަށް އަރާއިށީއްދެއްޖެއެވެ. ނޫރާ އެރުމާއެކު ހިޝާމުވެސް ސައިކަލް ދުއްވާލައިފިއެވެ. ޒީޝާންމެންވެސް ވާހަކަ ދައްކަމުން ހިނގައިގަތެވެ.

+++++++ ނުނިމޭ +++++++++

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް