އަދަދުގެ ދެ ނޫސްވެރިން ޖަލަށް

ކޯޓުގެ ޙުރުމަތް ކެނޑުމާއި ކޯޓު އަމުރާ ޚިލާފުވުމުގެ ތުހުމަތުގައި އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. ހުކުމް ކޮށްފައި ވަނީ، އަދަދު ނޫހުގެ ނޫސްވެރިޔާ މުޙައްމަދު...

12 May 2026 | 15:31
ލީވާން  އަދި ޝަހުޒާން - ފޮޓޯ: އަދަދު

ލީވާން އަދި ޝަހުޒާން - ފޮޓޯ: އަދަދު

ކޯޓުގެ ޙުރުމަތް ކެނޑުމާއި ކޯޓު އަމުރާ ޚިލާފުވުމުގެ ތުހުމަތުގައި އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ހުކުމް ކޮށްފައި ވަނީ، އަދަދު ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން 15 ދުވަހަށް އަދި ނޫސްވެރިޔާ ލީވާން ނާޞިރު 10 ދުވަހަށް ޖަލަށް ލާށެވެ.

ޝަހުޒާންގެ މައްޗަށް ކޯޓުގެ ޙުރުމަތް ކެނޑުމުގެ ތުހުމަތު އައީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން "އައިޝާ" ޑޮކިއުމެންޓަރީ ކޭސް އާ ބެހޭ ގޮތުން ސުވާލު ކުރުމުންނެވެ. ރައީސް ވިދާޅުވީ ޝަހުޒާން ކޯޓު އަމުރާ ޚިލާފުވެފައި ވާ ކަމަށާއި، ނޫސްވެރިންގެ ބައްދަލުވުން ބޭއްވި މާލަމުން ނުކުތުމަށެވެ. އަދި ޝަހުޒާން މާލަމުން ނެރުނީ ސެކިއުރިޓީންގެ އެހީތެރިކަމާ އެކުއެވެ. އެއަށް ފަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ޝަހުޒާންގެ މައްސަލަ ކޯޓުގެ ޙުރުމަތް ކެނޑުމުގެ މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދުމުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރީއެވެ.

ލީވާން ޖަލަށް ލާން އަމުރުކުރީ، "އައިޝާ" ޑޮކިއުމެންޓަރީ އާ ގުޅޭ ކްރިމިނަލް ކޯޓުގެ ގޭގް އޯޑަރާ ޚިލާފަށް ޚަބަރު ލިޔުމުގެ ތުހުމަތުގައެވެ. އޭނާ ވެސް މިއަދު ކޯޓަށް ހާޒިރުކުރިއެވެ.

މި ދެ ނޫސްވެރިންގެ އިތުރުން، "އައިޝާ" ޑޮކިއުމެންޓަރީ ޢާންމު ކުރުމުގައި ހިމެނޭ އަދަދު ނޫހުގެ ސީއީއޯ ޙުސައިން ފިޔާޟް މޫސާ އާއި އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް ޤަޛްފުގެ ދަޢުވާ ޕީޖީން ވަނީ މިދިޔަ އާދިއްތަ ދުވަހު ކޯޓަށް ހުށަހަޅައިފައެވެ. ފިޔާޟް އާއި ޙަސަން ކުރިން ފުލުހަށް ހާޒިރުކުރި އިރު، މަސްދަރު ޙިމާޔަތް ކުރުމުގެ ޙައްޤު ބޭނުންކޮށް، ތަޙުޤީޤު މަރުޙަލާގައި ދެ މީހުން ވެސް ނިންމީ ހަނު ތިބުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް