އއ. ރަސްދޫ -
އއ. ރަސްދޫގައި ބަޔަކު ހިންގި މާރާމާރީއެއްގައި ދަރިފުޅަށް ދިން ހަމަލާ ފެނި ޝޮކް ޖެހުނު މަންމަ، އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ނިޔާވީ ރަސްދޫ، ކާމިނީ ވިލާ، ޒާހިދާ އިދުރީސް އެވެ. ރަސްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ނާހިދު މީޑިއާ އަށް ވިދާޅުވީ، ޒާހިދާ ނިޔާވީ ޝޮކާ ގުޅިގެން ސިކުނޑިއަށް ލިބުނު ގެއްލުމަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް ކަމަށެވެ.
"ސިކުނޑިއަށް ލޭ އެޅިފައި ހުރެގެން ވެންޓިލޭޓަރުގައި ދެ ދުވަހަކު މި އޮތީ. އަނެކަކު (ދަރިފުޅު) ހާލު ރަނގަޅު. އޭނަ އިއްޔެ ދޫވެސް ކޮށްލައިފި ހޮސްޕިޓަލުން" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މި މަހުގެ ނުވަ ވަނަ ދުވަހުގެ ދަންވަރު ހިންގި މި މާރާމާރީ ހިންގީ ރަސްދޫގައި ގެސްޓްހައުސް އާއި ވޯޓާ ސްޕޯޓްސްގެ ވިޔަފާރި ހިންގަމުންދާ ޗައިނާ ބައެއް ކަމަށް ވެއެވެ. އެ މީހުން ދަގަނޑު ބުރިއަކުން ހަމަލާ ދިނީ އެ ތަނުގައި ޑިންގީ ދުއްވުމަށް މަސައްކަތްކުރި ޒުވާން ދިވެހި ފިރިހެނަކަށެވެ. މަޢުލޫމާތު ލިބިފައި ވާ ގޮތުގައި އެ ޒުވާނާ އަށް ހަމަލާ ދިނީ ދޭންޖެހޭ ފައިސާތަކެއް ހޯދަން ދިއުމުންނެވެ.
މާރާމާރީ ހިންގި ވަގުތު ޒާހިދާ ހުރީ އެ ސަރަހައްދުގައެވެ. ދަރިފުޅުގެ ގަޔަށް ދަގަނޑު ބުރި ޖެހި ތަން ފެނުމުން ޒާހިދާ ވަގުތުން ހޭ ނެތިގެން ވެއްޓުނެވެ. ޙާލު ދެރަވުމުން މާލެ ގެނެސް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗްގައެވެ.
މި މައްސަލައިގައި މާރާމާރީ ހިންގި ދެ މީހުން ހައްޔަރުކޮށްފައި މިހާރު ވަނީ ދޫކޮށްލައިފައެވެ. އެކަމާ ގުޅިގެން ރަސްދޫގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް