ނަރުހުންގެ ދުވަސް: ރާއްޖޭގައި ހަތަރު ހާހެއްހާ ނަރުހުން - 40 އެއްހާ އިންސައްތައަކީ އަދިވެސް ބިދޭސީ ނަރުހުން

ރާއްޖޭގެ ޞިއްޙީ ޚިދުމަތުގައި މިހާރު ހަރަކާތްތެރިވަނީ 3,907 ނަރުހުން ކަމަށާއި، އޭގެ ތެރެއިން 36 އިންސައްތަ އަކީ ބިދޭސީ ނަރުހުން ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ. ބައިނަލްއަޤުވާމީ ނަރުހުންގެ ދު...

12 May 2026 | 05:29
N/A

N/A

ރާއްޖޭގެ ޞިއްޙީ ޚިދުމަތުގައި މިހާރު ހަރަކާތްތެރިވަނީ 3,907 ނަރުހުން ކަމަށާއި، އޭގެ ތެރެއިން 36 އިންސައްތަ އަކީ ބިދޭސީ ނަރުހުން ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަސް ކަމަށްވާ މެއި 12 އާ ގުޅުވައި ހެލްތު މިނިސްޓްރީން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ރާއްޖޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތާނގައި ތިބި 3,907 ނަރުހުންގެ ތެރެއިން 2,503 ނަރުހުން (64 އިންސައްތަ) އަކީ ދިވެހިންނެވެ. ބިދޭސީ ނަރުހުންގެ ޢަދަދު 1,404 (36 އިންސައްތަ) އަށް އަރައެވެ.

ނަރުހުންގެ ޢަދަދު ފިރިހެނުންނާއި އަންހެނުންގެ ނިސްބަތުން ބަލާ އިރު، 92 އިންސައްތަ ނުވަތަ 3,593 ނަރުހުންނަކީ އަންހެނުންނެވެ. ފިރިހެން ނަރުހުންގެ ޢަދަދު ހުރީ 314 ގައެވެ. އެއީ 8 އިންސައްތަ އެވެ. ކޮންމެ 10 ނަރުހެއްގެ ތެރެއިން ނުވަ ނަރުހަކީ އަންހެނުން ކަމަށް ހެލްތު މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ޤައުމީ ފެންވަރުގައި ނަރުހުން ބެހިފައި ވާ ގޮތަށް ބަލާ އިރު، 1,989 ނަރުހުން (51 އިންސައްތަ) މަސައްކަތް ކުރަނީ ގްރޭޓާ މާލެ ސަރަހައްދުގައެވެ. އެކި އަތޮޅުތަކުގައި 1,918 ނަރުހުން (49 އިންސައްތަ) ހަރަކާތްތެރިވެއެވެ.

ޚިދުމަތްދޭ ތަންތަން ދައުލަތާއި އަމިއްލަ ފަރާތްތަކަށް ބަހާލާ އިރު، 3,291 ނަރުހުން (84 އިންސައްތަ) ވަޒީފާ އަދާކުރަނީ ދައުލަތުގެ ޞިއްޙީ ޚިދުމަތްދޭ ތަންތާނގައެވެ. އަމިއްލަ ޞިއްޙީ ޚިދުމަތްދޭ ތަންތާނގައި ހަރަކާތްތެރިވަނީ 616 ނަރުހުން (16 އިންސައްތަ) އެވެ.

ހެލްތު މިނިސްޓްރީން ބުނީ، ކޮންމެ އަހަރެއްގެ މެއި 12 ވަނަ ދުވަސް ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ޒަމާނީ ނާރުސިންގެ ބާނީ ފްލޮރެންސް ނައިޓިންގޭލްގެ އުފަންދުވަސް ކަމަށްވާތީ އެވެ. މި ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދަކީ ޞިއްޙީ ޚިދުމަތުގައި ނަރުހުން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަން ކުރުމާއި، އެ ބޭފުޅުންގެ ޚިދުމަތަށް ޝުކުރުވެރިވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް