މާލޭ މޭޔަރެވެ. ވަރަށް ސަކަރާތެވެ.

ކޮލަމް : މުޅިން ސަކަރާތް މީދެން ވަރަށްބޮޑުވެއްޖެ ކަމެކެވެ. ހެނދުނު ތެދުވެގެން ބޭރަށް ނުކުންނަ އިރު ޢިމާރާތުގެ ދޮރު ބުޑަށް މިއޮންނަނީ ބުޅާ ސީލާފައެވެ. ހަމައެކަނި ދޮރު ބުޑަށް އެކަންޏެއްނޫނެވެ. ގޯޅި ތެރޭ...

12 May 2019 | 07:39

ކޮލަމް : މުޅިން ސަކަރާތް

މީދެން ވަރަށްބޮޑުވެއްޖެ ކަމެކެވެ. ހެނދުނު ތެދުވެގެން ބޭރަށް ނުކުންނަ އިރު ޢިމާރާތުގެ ދޮރު ބުޑަށް މިއޮންނަނީ ބުޅާ ސީލާފައެވެ. ހަމައެކަނި ދޮރު ބުޑަށް އެކަންޏެއްނޫނެވެ. ގޯޅި ތެރޭގެ އެކި ތަންތަނަށް ސީލާ ނަޖިސްކޮށްފައެވެ. މިއީ އެއްދުވަހަކު ދެދުވަހަކު ދިމާވާ ކަމެއްނޫނެވެ. ހަމަ ކޮންމެ ދުވަހެއްގެވެސް ޙާލަތެވެ.

މާލޭގެ މަގުތަކުގައި ގާއަޅާފައި އޮތުމުން ވެލިގަނޑުގައި ކޮނެގެން ބުޅަލަކަށް ފާޚާނާ ކުރެވޭނެ ގޮތެއް ނޯވެއެވެ. އެހެނަސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އެސޮރުވެސް އެކަން ކުރާނެކަމެވެ. ކުރަން ޖެހޭ ކަމެވެ. އެހެންވެ އެސޮރަށް ފަސޭހައިން ފާޚާނާ ކޮށްލެވޭނެ ދިމާއަކަށް ވަދެ ވަގުވަގަށް ފާޚާނާ ކޮށްލައިފައި ދަނީ އެވެ. އެކަމުން ވާ އުނދަގުލާ ނުތާހިރުކަން ތަޙައްމަލް ކުރަންޖެހެނީ ޢިމާރާތުގައި އުޅޭ މީހުންނާއި އައިސްގޮސް އުޅޭ މީހުންނަށެވެ. ދުވާ ނުބައިވަހާއި މެހީގެ އުނދަގޫވެސް އެހާބޮޑެވެ. ހެނދުނު ތެދުވެގެން މި ޖެހެނީ ކޮންމެވެސް ތަނަކުން ކަޅު ވެލިކޮޅެއް ހޯދައިގެން އެ ނަޖިސްތައް މައްޗަށް އެޅުމަށްފަހު މުޅި އެހިސާބު ސާފުކުރާށެވެ. ސްކޫލަށް ދާން ނުކުންނަ ކުއްޖަކަށް ވިޔަސް އޮފީހަށް ދާން ދާ މީހަކަށްވެސް ފުރަތަމަ މަރުޙަބާ މިކިޔަނީ ބުޅަލުގެ ނަޖިހެވެ.

މާލޭގައި ބުޅާ އިންތިހާއަށް ގިނަވެއްޖެ އެވެ. މަގުމަތީގައި އަޅާލާނެ މީހަކުނެތި އުޅެމުންދާ – މިސްކީނު ބުޅާ – ތަކެކެވެ. ކޮންމެވެސް ތަނަކުން އެއްޗެއް ކައިލައިގެން އުޅެނީއެވެ. ސައިކަލް މަޑިމަތީގައި ނުވަތަ ވަށިގަނޑުތެރޭގައި ވެސް ނިދާލާ ހަދާތަން ފެނެއެވެ.

ބުޅަލު ނަޖިހާއި އޭގެ ކެހެރިއަކީ އިންތިހާއަށް ނުރައްކާ އެއްޗެކެވެ. ލޮލަށް ޖެހޭ ނުރައްކާތެރި ޓޮސްކޯޕްލަސްމާ ކިޔާ ބައްޔެއް ޖެހެނީވެސް ބުޅަލުގެ ނަޖިހުން ނުވަތަ އޭގެ ކެހެރީގެ ސަބަބުންނެވެ. އެއީ ލޮލުގެ ފެނުން ގެއްލުވާލާފަދަ ނުރައްކާތެރި ބައްޔެއްކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި އެއީ މުޅިން ރަނގަޅު ކުރެވޭވެސް ބައްޔެއްނޫނެވެ. މިހާރުވެސް އަޅުގަނޑުމީ އެބަލީގެ ޝިކާރައަކަށްވެފައިވާ މީހަކީމެވެ.

މިކަމަށް މާލޭ ސިޓީކައުންސިލުން އަވަސް ޙައްލެއް ހޯއްދަވައިދެއްވަން ޖެހެއެވެ. ކުރިއަށް އޮތީ ޖޫން ޖުލައިގެ ވިއްސާރައިގެ މޫސުމެވެ. ބުޅަލުގެ ނަޖިހުން ޖެހިދާނެ ބަލިތަކުން ސަލާމަތުގެ އައްސޭރިއަކަށް ރައްޔިތުން ގެންދެވޭތޯ އަވަސް ފިޔަވަޅުތަކެއް އަޅުއްވަން ޖެހެއެވެ. އަޅުގަނޑުމެންނަށް މިހާރުވެސް ދިމާވެފައިވާ ޢާންމު އުނދަގުލުން ސަލާމަތް ކޮށްދެއްވަން ޖެހެއެވެ. އެއީ މާލޭ ސިޓީ ކައުންސިލުގެ ޒިންމާއެކެވެ. މަސްއޫލިއްޔަތެއް ވެސް މެއެވެ. މިކަން ޙައްލު ކުރުމަށްޓަކާ ކޮންމެ ބުޅަލެއްގައި '' ނެޕީ '' ޖައްސައިގެން ވިޔަސް މިކަން ޙައްލުކޮށްދެއްވާށެވެ. ނުވަތަ މާލެ ނޫން އެހެން މާޙައުލަކަށް އެ މައުޞޫމް ބުޅާތައް ބަދަލުކޮށްގެން ވިޔަސް މައްސަލަ އެއް ނެތެވެ. ބުޅަލަކީ ވެލިގަނޑު ކޮނެގެން ފާޚާނާ ކުރާއެއްޗެއް ކަމަށްވާއިރު މާލޭގައި އެ ފަސޭހަކަމެއް އެއަށް ލިބޭކަށް ނެތެވެ. އޭގެ ބަދަލުގައި ފަޅުރަށަކަށް ހުރިހާ ބުޅާތައް ގެންދެވިއްޖެ ނަމަ އެއެއްޗެތި އަރާމުގައި ފާޚާނާ ކޮށްލައިގެން އުޅެފާނެއެވެ. އޭރުން މިހާރު މާލޭގެ އެކި ގޯޅިގޯޅިތެރެއަށް ނުވަތަ ޢިމާރާތްތަކުގެ ސިޑިދަށަށް ، ނޫނީ ދޮރުބުޑަށް ފާޚާނާ ކުރާކަށް އެއަކަށް ނުޖެހޭނެއެވެ. ދޮއްތޯއެވެ.

މާލޭ މޭޔަރެވެ. ހަމަތެދެއް ނަންގަންނަން ތޯއެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވެއެވެ. މިކަމުގެ ޒިންމާ ނަގާނެ އެއްވެސް ފަރާތެއް ނެތީބާއެވެ؟ މިއީ ތިޔަ ކައުންސިލްގެ ޒިންމާއެއް ނޫންތޯއެވެ؟ މިހާރު ތި ކައުންސިލަށްވެސް ގިނަ ބާރުތަކެއް ދެއްވާ މުސާރަވެސް ބޮޑުކޮށް ދެއްވައިފިނޫންތޯއެވެ. ކުރިން ބާރު ނެތިގެން އުޅެންޖެހޭތީ ކަންކަން ނުކުރެވޭ ވާހަކަ ވިދާޅުވިޔަސް މިހާރު ކަންކަން ކުރެވެންވާނެ ނޫންތޯއެވެ؟

ދަންނަވަންތޯއެވެ! މިކަން މިހާރު އޮތީ ވަރަށް ސަކަރާތްކޮށެވެ. ހަމަ ވަރަށް ސަކަރާތްކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް