ދެކުނު އޭޝިއާއިން އެންމެ ގެއްލުންވާނީ ރާއްޖެއަށް: ވޯލްޑް ބޭންކް

ކޯވިޑް-19 ގެ ސަބަބުން ދެކުނު އޭޝިއާ އިން އިގްތިސާދަށް އެންމެ ބޮޑު ގެއްލުމެއް ވާނީ ދިވެހިރާއްޖެ އަށް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ. ވޯލްޑް ބޭންކުން ބުނި ގޮތުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ އިގްތ...

12 Apr 2020 | 08:21

ކޯވިޑް-19 ގެ ސަބަބުން ދެކުނު އޭޝިއާ އިން އިގްތިސާދަށް އެންމެ ބޮޑު ގެއްލުމެއް ވާނީ ދިވެހިރާއްޖެ އަށް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ އިގްތިސާދު "އެންމެ ގޯސް ހާލަތު" ގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް މައިނަސް 8.5 - 13 ޕަސެންޓާ ދެމެދުގެ އަދަދަކަށް ވެއްޓޭނެ އެވެ. މިހާލަތު ކުރިމަތިވާ އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ އިގްތިސާދު ޓޫރިޒަމަށް ބަރޯސާވެފައިވާ މިންވަރު ބޮޑުވެފައި، ކޯވިޑް-19 ގެ ސަބަބުން ޓޫރިޒަމް ދާއިރާ އެއްކޮށް ހުއްޓުމަކަށް އައިސްފައިވުން ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

ވޯލްޑް ބޭންކުން މިގޮތަށް ލަފާކޮށްފައި ވާއިރު މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ރާއްޖޭގެ އިގްތިސާދު "އެންމެ ގޯސް ހާލަތު" ގައި މައިނަސް 17 ޕަސެންޓަށް ވެއްޓޭނެ ކަމަށް ލަފާކޮށްފަ އެވެ.

ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ޕާކިސްތާނާއި އަފްޣާނިސްތާނާއި ސްރީ ލަންކާގެ އުފެއްދުންތެރިކަމުގެ ނިސްބަތް ވެސް ކުރީ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ދެކުނު އޭޝިއާގެ އިގްތިސާދު އެންމެ ބޮޑަށް ދަށްވާނެ ކަމަށް ލަފާކުރާ އަހަރު ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ. ފާއިތުވެދިޔަ އަހަރުތަކުގައި މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑަށް ކުރިއަރަމުން އައި އިގްތިސާދު އޮތް ގައުމުތައް ހިމެނެނީ މި ސަރަހައްދުގަ އެވެ.

އިގްތިސާދަށް އަންނަ މި ބަދަލުގެ ސަބަބުން އާންމު ދިރިއުޅުމުގެ ފަރަގުތައް އިންތިހާ އަށް މަތިވާނެ ކަމަށް ވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެގޮތުން އާމްދަނީގެ ފަރަގު ބޮޑުވުމާ އެކު ފަގީރުންގެ ނިސްބަތް އިތުރުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް