ވާހަކަ: މަ ހާދަ ލޯބިވެއޭ - ހަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "އަހަރެން މިއުޅެނީ ފުރަން" ދެދުވަސް ވަންދެން ވިސްނުމަށްފަހު އަހަރެން ގޮތެއް ނިންމީމެވެ. ޒަހަމްވެފައިވާ އަހަރެންގެ ހިތަށް ކުޑަ ނަމަވެސް  ޝިފާއެއް ލިބޭނީ ޒިޔާންގެ ހަނދާންތަކާއި ދ...

12 Apr 2017 | 02:50

ކުރީގެ އަދަދާއި ގުޅޭ...

"އަހަރެން މިއުޅެނީ ފުރަން" ދެދުވަސް ވަންދެން ވިސްނުމަށްފަހު އަހަރެން ގޮތެއް ނިންމީމެވެ. ޒަހަމްވެފައިވާ އަހަރެންގެ ހިތަށް ކުޑަ ނަމަވެސް  ޝިފާއެއް ލިބޭނީ ޒިޔާންގެ ހަނދާންތަކާއި ދުރުވެވިގެންނެވެ. އެ ހަނދާންތަކާ ދުރުވެވޭނީ މި ފަސްގަނޑުން ދުރަށް ގޮސްގެންނެވެ.

"ޒިޔާނަކީ ހާދަ ހެއްވާ މީހެކޭ ދޯ! ތިކަން ކުރަންފެށިއިރު ވެސް އޭނައަށް އެނގެންވާނެ އެއްނު ލަމްހާ އެބަހުރިކަން؟ ލަމްހާ އަށް ޝައްކު ވެދާނެކަން؟" އާޒިމް ޒިޔާން ކުށްވެރިކުރިއެވެ. "އަހަރެން ހީކުރީ އެނގުނަސް ވަރިހަމަ ވީމަކަށް އެހާވަރުން އަފޫއާ ގުޅުން ނުބޭއްވިގެން އުޅުނީ!"

"ތިހެން ނުބުނޭ! ސިއްރު ލޯބިވެރިޔަކު ގެންގުޅުމަކީ މަސްލަހަތު މާ ރަނގަޅުވާނެ ކަމެއް ނޫން. އަހަރެން ވެސް ބޭނުން ވަނީ މިކަން މިހިސާބުން ނިންމަން" ހިތާދެކޮޅަށް އަހަރެން ބުނީމެވެ. އިތުރު ގޮތެއް އަހަންނަކަށް ނެތެވެ. މިކަން ބޭޒާރުވެއްޖެނަމަ ޒިޔާންގެ އަގު ވެއްޓޭނެއެވެ. ބައްޕަމެން އަހަންނަށް ކުރާ އިތުބާރު ގެއްލޭނެއެވެ. ވަގުތުފާއިތުވުމުގެ ކުރިން މި އެޅުނީ ރަނގަޅު ފިޔަވަޅެކެވެ.

"އަހަރެން ބޭނުންވީ ޒިޔާންގެ ލޯބި. ޒިޔާން ވަރަށް ފުރިހަމައަށް އެ ލޯބި އަހަންނަށް ދިން. މިވަރުން އަހަންނަށް ފުދޭ!" ހިތުގައި އަތްއަޅައިގެން، ހުރިހާ އިހުސާސެއް ފޮރުވަން މަސައްކަތްކުރަމުން އަހަރެން ބުނީމެވެ. މިންވަރަށް ޝުކުރުނުކުރާ މީހަކަށް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ.

"އަހަރެން ހީކުރީ ލޯތްބަކީ އެއްވެސް މީހަކަށް ގިނަވާ އެއްޗެއް ނޫން ކަމަށް" އާޒިމް ސަމާސާއެއް ކޮށްލިއެވެ. "މީހުން ކިޔައެއްނު އިންސާނުންގެ ހިތެއް ނުފުރޭނޭ!"

"ވެދާނެއެއްނު އަހަރެންގެ އޮންނަނީ ވަރަށް ކުޑަ ހިތެއް ކަމަށް!" އަހަރެން އޭނާއާ ބައިވެރިވެ ހިނިތުންވީމެވެ. އަހަރެން ބޭނުމީ އަބަދުވެސް ހިނިތުންވެފައި ހުންނާށެވެ. އިހުސާސް ކުރަން ބޭނުންވަނީ ޒިޔާންގެ ލޯބިން ލިބުނު ފޮނިކަމެވެ. ޒިޔާންގެ ލޯބި ބީވުމުގެ ހިތްދަތިކަމެއް ނޫނެވެ. އެކަމަށް އަހަރެން ޖެހޭނީ ހިތްވަރާއެކު މަސައްކަތްކުރާށެވެ.

ވަރަށް ވިސްނުމަށްފަހު އަހަރެން އެންމެ ފަހުގެ ނިންމުން ނިންމީމެވެ. ބާލީސް ދަށުގައި އޮތް ފޯނު ނަގައިގެން ނަމްބަރަކަށް ގުޅާލީމެވެ. އެކަމަކު ޖަވާބެއް ނުދިނެވެ. ފުންނޭވާއެއް ދޫކޮށްލަމުން ހިތް ހަމަޖައްސައިދެވޭތޯ މަސައްކަތް ކުރީމެވެ. އެކަމަކު ސުވާލު ގިނަވެފައިވާ ހިތް ވަނީ ނުތަނަވަސްވެފައެވެ. ދެން ވާނެ ގޮތެއް ނޭނގޭތީއެވެ. ޒިޔާނާ ވަކިން އަހަންނަށް ދިރިއުޅެވޭނެ ހެއްޔެވެ؟ ޒިޔާންގެ ލޯތްބާނުލައި އަހަންނަށް ދިރިއުޅުމެއް ފެށިދާނެ ހެއްޔެވެ؟ ނޭނގެއެވެ. އަހަރެންގެ ހިތް އާނއެކޭ ނުބުންޏެވެ. އަމިއްލަ ނަފުސުގެ މައްޗަށް އެވަރުގެ އިތުބާރެއް ނެތީއެވެ. މަޑުމަޑުން އަހަރެން ބަލިކަށިވާން ފެށިއެވެ. ހިތުގެ ވޭން ގަދަވެ، ގިސްލެވެން ފެށިއެވެ.

އެވަގުތު އަތުގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށިއެވެ. އެންމެ ފުރަތަމަ ހަދަންވީ ގޮތެއް ނޭނގިފައި ފޯނުގެ ސްކްރީނަށް ބަލަން އިނދެވުނީއެވެ. އިރުކޮޅެއް ފަހުން ފޯނު ނެގީމެވެ.

"އަފޫ! ކިހިނެއްވީ؟" ފޯނު ކަންފަތުގައި ޖައްސާލުމުން ނައުޝާދުގެ އަޑު އިވުނެވެ. އެ އަޑުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އެކުލެވިފައިވެއެވެ. އަހަންނަކީ އިސްވެ އޭނާ އަށް ގުޅާ މީހެއް ނޫނެވެ. އެހެން ކަމުން ބޮޑުކަމެއް ދިމާވީ ކަމުގައި އޭނާ އަށް ހީކުރެވުނީ ކަންނޭނގެއެވެ.

"އަފޫ! ކަމަކުތަ ގުޅީ؟" އަހަރެން ޖަވާބެއް ނުދިނުމުން ދެވަނަފަހަރަށް ނައުޝާދު އެހިއެވެ.

"އަހަރެން ބޭނުން ވަރަށް އަވަހަށް މެރީ ކުރަން" އެއްވެސް ހިފެހެއްޓުމެއްނެތި ދެލޮލުން ކަރުނަ ފައިބަމުން ދިޔަނަމަވެސް އަޑުން އެކަން ސިއްރުކުރަން މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ.

"އަނެއްކާ ކިހިނެއް ވީ؟ މީހަކު އެއްޗެކޭ ބުނީތަ؟" ގަބޫލުނުކުރެވިގެން އުޅޭ ކަހަލަ ގޮތަކަށް ނައުޝާދު އެހިއެވެ. އޭނާ ހީކުރީ ކައިވެނި އަވަސްކުރަން ބައްޕަ އެދުނީކަމުގައެވެ.

"ނޫން. ހަމަ ބޭނުން ވަނީ. . . މާ ބޮޑަށް އެކަނި ވަނީ!" ވަރަށް ހިތްވަރު ކޮށްފައި އަހަރެން ވާހަކަދެއްކީމެވެ.

"އެހެންތަ؟ ވީއެންމެ އަވަހަކަށް އަހަރެން މާލެ ދާނަން" ނައުޝާދުގެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.

އޭނާގެ ހިތް އުފަލުން ނަށާނެކަން އަހަންނަށް ޔަގީނެވެ. ކައިވެނި ލަސްކުރީ އަހަރެންގެ އެދުމަކަށެވެ. ނައުޝާދު ފުރަން އުޅުނީ އަހަންނާ ކައިވެނި ކޮށްފައެވެ. ބައްޕަ ވެސް ބޭނުންވީ އެގޮތެވެ. އެކަމަކު ނައުޝާދަކީ ކޮންމެ ކަމެއްގައި ވެސް އަހަރެންގެ އުފާ އިސްކުރާ މީހެކެވެ. އޭނާ އަހަންނަށްޓަކައި، އަހަރެންގެ ލޯތްބަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއް ވެސް ވެދާނެއެވެ. އޭނާ ވާލޯބި ފެނިފައި ބައެއްފަހަރު އަހަރެން ހައިރާންވެއެވެ. ލޯބިން ލޯބި ހޯދާ ވާހަކަ މީހުން ދައްކައެވެ. އެކަމަކު އަހަންނަކަށް އެހެންނެއް ނުވިއެވެ. ނައުޝާދެވެ. އަހަންނަށް މަޢާފުކުރާށެވެ. ޒިޔާނަށް މިހިތުން ދިން މަޤާމު އިތުރު އެހެން މީހަކަށް ނުދެވޭނެއެވެ.

ހެނދުނު ހޭލެވުމާއެކު އަހަރެން އާޒިމަށް ގުޅީމެވެ. ބުނަން ބޭނުންވާ ވާހަކަ ބުނާނެ ގޮތެއް ނުވިސްނިގެން އުޅެނިކޮށް އާޒިމް ފޯނު ނެގިއެވެ.

"މަ ބުނީ މިއަދު މިއުޅެނީ ފުރަންވެގެންނޭ!" މިއަދު ފުރަން އުޅޭ ވާހަކަ ކުރިން ވެސް އާޒިމް ކައިރީގައި ބުނީމެވެ.

"ހޫމް. . . ދެން؟" އާޒިމް އެހިއެވެ. "އެއަރފޯޓަށް ގޮސްދޭންވީތަ؟" ސަމާސާކުރާކަހަލަ ރާގެއްގައި އާޒިމް އެހިއެވެ.

"ނޫނޭ! ލިއުގެ ބައްޕަ ދާނެ އަހަރެން ގޮވައިގެން. . . މީ. . . އާޒިމް. . ." ބުނާނެގޮތެއް އަހަންނަކަށް ނޭނގުނެވެ. އާޒިމް ހީކުރާނެ އެއްޗެއް ނޭނގޭތީއެވެ.

"އާނ. . ބުނެބަލަ! ޒިޔާން ކައިރީގަ ފުރާ ވާހަކަ ބުނަންވީތަ؟" އަހަރެން ވާހަކައެއް ބުނަން އުޅޭކަން އާޒިމަށް ވިސްނުނެވެ. ފުރަން އުޅޭކަން ޒިޔާނަށް ނޭނގުމަށް އަހަރެން އޮންނާނީ އެދިފައެވެ.

"އަހަންނަށް ޒިޔާންގެ މަންމައާ ބައްދަލުކޮށްލެވިދާނެތަ؟" ވަރަށް ހިތްވަރުކޮށްފައި އަހަރެން އެހީމެވެ.

އާޒިމް ހިނިގަނޑެއް ޖަހާލިއެވެ. "މައްސަލައެއް ނޯންނާނެ. ރެޑީ ވޭ! މިދަނީ ބަލާ!"

އަހަރެން ހީކުރިވަރަށްވުރެ މާ އަވަހަށް އާޒިމް ހުރިހާކަމެއް ހަމަޖެއްސިއެވެ. ޒިޔާންވީ ސްކޫލުގައިތޯ ވެސް ޔަގީން ކުރިއެވެ.

އަހަރެން ތައްޔާރުވެގެން ނުކުތްއިރު އާޒިމް ސިޓިންގ ރޫމުގައި އިނެވެ. މުނާ ހީނހީފައި އެކި ގޮތްގަތަށް އޭނާއާ ދިމާކުރިއެވެ.

"ފުރަންވާއިރަށް ބުރެއްޖަހާލަން ދާން ބަލާއައިސް މީނީ!" އަހަރެން ފެނުމުން މުނާ ބުންޏެވެ.

"މުނާ މެންނަށް އަހަރެން ގޮވައިގެން ތަނަކަށް ދާން ވަގުތު ނުވަންޏާ ދެން އާޒިމާ އެކީގަތާ ދެވޭނީ!" އަވަސްއަވަހަށް ފައިވާނަށް އަރަމުން އަހަރެން ބުނީމެވެ.

"އަފޫ ފުރާތީ މިއަދު މިހުރީ އޮފީހަށް ނުގޮސް" އަހަރެމެން ގޯތިތެރެއަށް ނުކުތުމުން މުނާ ދޮރުން ބޯދިއްކޮށްލިއެވެ. "އާޒިމޫ. . . އަނެއްކާ ބާރުބާރަށް ދުއްވާފަ މި މަންޖެ ފުނޑުފުނޑު ކޮށްނުލާތި!" އަހަރެމެން ބޭރަށް ނުކުތުމުން މުނާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ.

މީހުންގެ ލޯތަކުގައި އަޅައިނުގަންނާނެ ގޮތަކަށް ދާން ވެގެން އަހަރެމެން ދިޔައީ ކާރެއްގައެވެ. ކާރު މަޑުކުރީ އެގެއާ ތަންކޮޅެއް ދުރަށެވެ. ދެން  ދިޔައީ ހިނގާފައެވެ.

"އެއީ އެ ގެ!" މަގުގެ އެންމެ ފަހު ގެ އަށް އިޝާރާތްކޮށްފައި އާޒިމް ބުންޏެވެ.

ތިން ފޫޓަށް ރާނާފައިވާ ގޭގެ އިންފާރުގެ ސަބަބުން ގޯތިތެރެ ވަރަށް ރީތިކޮށް ފެންނަން އޮތެވެ. ގޯތިތެރޭގެ ހުސް ޖާގަ ގުޅިފައި ވަނީ ވަލުތެރެއާއެވެ. ބޮޑެތި ހިރުދުގަސްތަކުން މުޅި ގޯތިތެރެއަށް ވަނީ ހިޔާވެފައެވެ. ބިންމަތި އޮތީ ދޮންވެލި ލައި ހުދުކޮށްފައެވެ. އެންމެ ބޮޑުކޮށް ހުރި ހިރުނދުގަހުގެ ހިޔަލުގައި ހުރި ހޮޅުއަށީގައި އަންހެނަކު ރޯނު ވަށަން އިނެވެ.

"އެއީ ދޯ ޒިޔާންގެ މަންމަ!" އަހަރެން އެހީމެވެ. "އާޒިމް މިތަނުގަ މަޑުކުރޭ! އަހަރެން އަންނާނަން" އެކަނި ދާން ހިތް އެދުނީ ކީއްވެ ކަމެއް ނޭނގެ އެވެ. ވަރަށް މަޑުމަޑުން ހިނގާފައި ގޮސް އަހަރެން ސަލާމް ގޮވާލީމެވެ. އެ އަންހެން މީހާ އިސްއުފުލައި ބަލައިލަމުން ސަލާމަށް ޖަވާބު ދިނެވެ.

"ކީއްކުރާ ކުއްޖެއް؟" ހައިރާންކަމާއެކު އޭނާ އެހިއެވެ.

އޭނާ އަހަރެންގެ މޫނަށް ބަލައިލި ގޮތުން އަހަރެންގެ ހިތުގައި އާދަޔާހިލާފު ގޮތަކަށް ވިންދު ޖަހާލިއެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން ރޫޖެހިފައިވާ ހަންގަނޑާއި، ނުރަވެފައިވާ އިސްތަށިގަނޑަށް ބަލަން އިރުކޮޅަކު އަހަންނަށް ހުރެވުނެވެ. އެއަށްފަހު އޭނާއާ ހަތަރުކަޅި ހަމަކޮށްލީމެވެ. އެ ދެ ލޮލުގައި ވަނީ މައިވަންތަ ކަމުގެ ކުލުނެވެ. އެ ލޯތްބަށް އެދި އަހަރެންގެ ހިތް ރޮއެ، އާދޭސްކުރާ ލޯތްބެވެ.

"ޒިޔާންގެ ރައްޓެއްސެއް!" އަހަންނަށް ޖަވާބު ދެވުނީ އިރުކޮޅެއް ފަހުންނެވެ.

"ޒިޔާން ގެއަކު ނޫޅެ! ސްކޫލްގައި ވީ!" ހިތްހެޔޮކަމާއެކު އޭނާ ބުންޏެވެ.

އަހަރެން ވެސް ހިނިތުންވެލީމެވެ.

"ބުނެދޭތި އަހަރެން އައި ވާހަކަ!" އަހަރެންގެ މަޤުޞަދަކީ ޒިޔާންގެ މަންމައާ ބައްދަލުކުރުން ނަމަވެސް އަހަރެން އެކަން ހާމައެއް ނުކުރަމެވެ.

އަހަރެން ސަލާމްކުރަން އަތް ދިއްކޮށްލީމެވެ. މަސައްކަތް ކޮށްކޮށް ހަން ބޯވެ، ކުރަކިވެފައިވާ އަތްތިލައިގައި ހިފާލެވުމުން އަހަރެންގެ އިހުސާސްތަކުގެ މައްޗަށް ބާރުނުފޯރުވޭ ހިސާބަށް ދިޔައެވެ. ދެ ލޯ ފެންކަޅިވިއެވެ. އެހެންވެ އެކަން ފޮރުވަން އަހަރެން އިސްދަށަށް ޖެހީމެވެ.

"ތިޔައީ މިރަށު ކުއްޖެއް ނޫން ދޯ!" އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރެ ޒިޔާންގެ މަންމަ އެހިއެވެ. އޭރު ވެސް އޭނާ ބަލަން ހުރީ އަހަރެންގެ މޫނަށެވެ.

އާނއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯޖަހާލީމެވެ.

"މިއަދު ފުރަން އުޅޭތީ ޒިޔާނާ ބައްދަލުކޮށްލަން މިއައީ. . . ދެން ދަނީ" އޭނާގެ އަތުން ދޫކޮށްލަމުން އަހަރެން ފުރަގަސްދިނީމެވެ. އެ ވަގުތު ދެލޮލުން ދެ ކަރުނަތިކި ވެއްޓުނެވެ. އަހަރެން ހަލުވި ފިޔަވަޅުތަކެއް އަޅަމުން މަގުމައްޗަށް ނުކުތީމެވެ. އޭރު އާޒިމް އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ.

ފޮށްޓަށް އެއްޗެހި އަޅަން ހުރިއިރު ވެސް އެއްވެސް ހިފެހެއްޓުމެއްނެތި އަހަރެންގެ ދެ ލޮލުން ކަރުނަ ފައިބައެވެ. އަހަރެން ޒިޔާނާ ވަކިވަނީ އެވެ. އަބަދުގެ އަބަދަށެވެ. އެއީ އަހަރެން އެންމެ ލޯބިވާ ފަރާތެވެ. އެހެނަސް އެންމެ ކުޑަމިނުން އޭނާގެ ހަނދާނަކަށް ގެންދާނެ މާއްދީ އެއްޗެއް ވެސް އަހަރެންގެ އަތަކު ނެތެވެ. އޭނާގެ ފޮޓޯއެއް ވެސް ނެތެވެ. އަހަންނާއެކު ހަމައެކަނި ވަނީ ފޮނިފޮނި ހަނދާންތަކެވެ.

ފަހަރަކު ހެދުމެއް ފޮށްޓަށް ލަމުން ގެންދަނިކޮށް އެންމެ ފުރަތަމަ ޒިޔާނާ ބައްދަލުކުރިރޭ ލައިގެން ހުރެވުނު ލައިލަކް ކުލައިގެ ހެދުމާއި، ދޯޕައްޓާ ފެނުނެވެ. އަހަރެން އެ ހެދުމުން ވަސް ބަލައިލީމެވެ. ވަހަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަހަންނަށް އިހުސާސް ކުރެވުނީ ޒިޔާނާ ނުހަނު ގާތުގައި ހުރެވޭކަމެވެ. އަހަރެން ދެލޯ މަރާލީމެވެ. ޒިޔާންގެ ހަނދާނަކަށް ރައްކާކޮށްފައި ބާއްވަން މިއަށްވުރެ ވަކި ރަނގަޅު އެއްޗެއް ކޮބާ ހެއްޔެވެ؟

ޒިޔާންގެ ރަށަށް އަހަރެން އަލްވަދާޢު ކީ މޮޅިވެރިކަމާ އެކުގައެވެ. މިއީ ތަޤުދީރެވެ. އަހަންނަށް ޒިޔާން ލިބެންނެތީއެވެ. ޖެހޭނީ ޝުކުރުކުރާށެވެ. ކެތްތެރިވުމަށް އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ހިތުގެ މައްޗަށް ބާރު ފޯރުވީމެވެ.

އަހަރެން މާލެ އަށް ދިޔައީ އެކަންޏެވެ. އެއްވެސް މީހަކަށް އަންގާނުލާ ދިޔުމުން ބައްޕަ ހުންނާނީ ހިތްހަމަނުޖެހިފައި ކަމަށް ހީކުރެވުނެވެ. އެކަމަކު ކަންތައް ވީ އަހަރެން ހީކުރިގޮތަކަށް ނޫނެވެ. އަހަރެން އަންނަކަން އެންމެންނަށް އޮތީ އެނގިފައެވެ. މުޅި ގޭތެރެ ވަނީ އަހަންނަށްޓަކައި ވަރަށް ބޮޑަށް ޒީނަތްތެރި ކުރެވިފައެވެ. ބައްޕަމެން އަހަންނަށް ވަރަށް ހޫނު މަރުޙަބާއެއްކިއެވެ.

"ކައިވެންޏަށް ފިލަންވެގެން ރާއްޖެތެރެއަށް ދިޔަ މީހާ އަށް ކިހިނެއް ތިވީ؟" ތުއްތުބޭބެ ވަރަށް ސިއްރުން އަހަރެންގެ ކަންފަތްދޮށުގައި ބުނެލިއެވެ.

ކަންވީގޮތް އޮޅުންފިލީ އެހިސާބުންނެވެ. އަހަރެން ކައިވެނި އަވަސްކުރަން އެދުނުކަން ނައުޝާދު ވަނީ އެންމެންނަށް އަންގާފައެވެ. އެންމެން އެކަމާ ތިބީ އިންތިހާއަށް އުފާވެފައެވެ.

"އެރަށަށް ދިޔައިމަ އަފޫ މާބޮޑަށް އެކަނިވީ ދޯ!" އަހަރެން އަނގައިން ނުބުނެ ހުރުމުން ދޮންބޭބެ ބުންޏެވެ.

އަހަރެން ހިނިތުންވެލީމެވެ. ވަކި ޖަވާބެއް ނުދެމެވެ. ދޭނީ ވެސް ކޮން ޖަވާބެއް ހެއްޔެވެ؟ އެންމެ މަހެއްގެ ތެރޭގައި އަހަރެންގެ ދިރިއުޅުމަށް މިފަދަ ބޮޑު ބަދަލެއް އައުމުން ޚުދު އަހަރެން ވެސް މިހުރީ ހައިރާންވެފައެވެ. މިކަން އިތުރު އެއްވެސް މީހަކާ ހިއްސާއެއް ނުކުރެވޭނެއެވެ. މިއީ ސިއްރެކެވެ. މީހުން ބުނެ އުޅެއެވެ. މާޒީ އަށް ބަލާ މީހަކަށް މުސްތަޤުބަލެއް ނުފެންނާނެއެވެ. މާޒީ އަށް ބަލާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު މާޒީ ހަނދާންނައްތާލެވޭކަށް ވެސް ނެތެވެ. އެއީ އަހަރެންގެ އަލަތު ލޯތްބެވެ. ލޯބިނުވާ މީހަކާ ކައިވެނިކުރަން މިނިންމީ ޒިޔާންގެ ފަރާތުން ލިބުނު ލޯބީގެ އެހީގައި އެކަން ފޫބެއްދިދާނެކަމަށް ދެކިގެންނެވެ. މިއީ އެއްވެސް މީހެއްގެ މަޝްވަރާއެއް ނުހޯދާ އަހަރެން ނިންމި ނިންމުމެކެވެ. ކަންކަން ވާނެ ގޮތެއް ނޭނގެއެވެ.

*** ނުނިމޭ ***

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް