އެޑިޓަރުގެ ނޯޓް: މި ވާހަކަ މި ގެނެސްދެވެނީ އެއް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހުގަ އެވެ. މި ވާހަކަ ނިމެންދެން ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުދަ ދުވަހު ވާހަކައިގެ އާ ބައެއް ގެނެސްދެވޭނެ އެވެ.
ކުރީގެ ބައިތައް:
ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރު ވަނަ ވައި
އަހަރެން ނުދިޔަޔަސް މުނާމެން މޫދަށް ދިޔައެވެ. އެމީހުން ދިޔުމުން އަހަރެން އެކަނި ގޮސް ހުރީ ކުޅި ކައިރީގައެވެ. އެތަނަށް ދިޔުމުން ހިތުގެ ނުތަނަވަސްކަން ކުޑަވިއެވެ. ރީތި ފިލްމެއް ފަދައިން ކުރީ ދެ ރޭގެ މަންޒަރުތައް ވަކިވަކިން އަހަރެންގެ ހިތަށް ފެންނަމުން ދިޔައެވެ. ޒިޔާން އަހަރެންގެ ނިތްކުރީގައި ބޮސްދިން ލޯބިވެތި ގޮތެއެވެ. އަހަރެންގެ ގައިގައި ބައްދާލިގޮތެވެ. ފެންގަނޑުގައި ބޮއްކުރާ ދުއްވި ހާއްސަ ވަގުތުކޮޅެވެ. އަހަރެންގެ ލޮލުން ކަރުނައެވެ. ދެ އިހުސާސް އެކުލެވޭ ކަރުނައެކެވެ. އުފަލާއި ނުތަނަވަސްކަމެވެ. ޒިޔާނަށް ކިހިނެއްވީ ހެއްޔެވެ؟ މިހާރު ޚަބަރެއް ނުވާތާ ދެ ދުވަސްވަ ނީއެވެ. އަނެއްކާ މާބޮޑަށް ބަލިވީ ނޫންބާއެވެ؟ އެހެން ހިތަށް އެރުމުން އަހަރެންގެ ހަރަކާތްތައް އަވަސްވިއެވެ. ދެވަނަ ފަހަރަށް އާޒިމް ހޯދަން ދިޔައިމެވެ. އޭރު އާޒިން މުނާމެންގެ ގެއިން ނުކުންނަނީއެވެ.
"އާޒިމް!" އަހަރެން ތަންކޮޅެއް ބާރަށް ގޮވާލީމެވެ. އަދި ހަލުވި ފިޔަވަޅުތަކެއް އަޅަމުން އައިސް އޭނާއާ ހަމަކުރީމެވެ.
"މަންމަ ބުނި ހެނދުނު ހޯދަން އައި ވާހަކަ. އަހަރެން ވެސް މިހުރީ އަފޫއާ ބައްދަލުކުރަން ވަރަށް ބޭނުންވެފައި" އާޒިމްގެ މޫނުމަތިން އަހަންނަށް ފެނުނީ ހާސްކަމެވެ.
"ޒިޔާނަށް ކިހިނެއްވީ؟" އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. ރޮވޭގޮތް ވިއެވެ.
"މިކަންތައްގަނޑު ލަމްހާއަށް އެނގުނީ" އާޒިމް ބުންޏެވެ.
"އަހަންނާ ޒިޔާންގެ ގުޅުން؟" އިތުރަށް ޔަގީންކުރުމުގެ ގޮތުން އަހަރެން އެހީމެވެ.
"އެނގުނީކީ ނޫން. ޝައްކުވީ" އާޒިމް އިތުރަށް ކިޔައިދިނެވެ. އަހަންނަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.
"ޒިޔާންގެ ފޯނުގަ އިން މެސެޖެއް ފެނުނީ"
އަހަރެންގެ ހިތަށް އެރިއެވެ. އެއީ އެހާބޮޑު ކަމެއް ހެއްޔެވެ؟ އެވަރުގެ ކަމަކާ ޒިޔާން އަހަންނާ ގުޅުންކަނޑާލައި، އަހަރެންގެ ހިތް ނުތަނަވަސް ކުރުވީއެވެ. ދޮގެއް ހަދައިގެން ވެސް އެވަރުގެ ކުޑަކުޑަ މައްސަލައެއް ޒިޔާނަށް ހައްލުކުރެވެން ޖެހޭނެއެވެ. އެއީ ދެމަފިރިންނެއް ނޫނެވެ. އުޅެނީ ދެގޭގައެވެ. ވަގުތެއް ހޯދައިގެން ވެސް އަހަންނަށް ގުޅާފައި އަންގާލެވޭނެ ނޫން ހެއްޔެވެ؟
"ދެން ގުޅާފަ ބުނެލިނަމަ. . ." އަހަންނަށް ޝަކުވާކުރެވުނެވެ.
"ލަމްހާ އަކީ ފިސާރި އަންހެނެއް! ރޭގަނޑު ދަންވަރުވެސް ޒިޔާނަށް އެބަގުޅާ ކޯލް ވެއިޓިންގަ ތޯ ބަލާލަން" އާޒިމް ބުންޏެވެ. "ކިތަންމެ ލޯބިވިޔަސް އަހަންނަކަށް ނޫޅެވޭނެ އެވަރަށް ދަށުވެގެންނެއް! އަސްލު ޒިޔާނަށް އަހަރެމެން އުޅޭހެން އުޅެން ނުކެރެނީވެސް ލަމްހާ ދެކެ ބިރުން"
އާޒިމް ޒިޔާނަށް ދިނީ 'ފިނޑިއެއްގެ' ލަޤަބެވެ. އެކަމަކު އަހަރެން އެކަން ގަބޫލެއް ނުކުރަމެވެ. ޒިޔާނަކީ އެވަރުގެ ނުކެރޭ، ޖެހިލުންވާ މީހެއް ނަމަ އޭނާގެ ހިތުގައި އަހަރެންގެ މައްޗަށް އުފެދުނު ލޯބި ހާމައެއް ނުކުރާނެއެވެ. ރޭގަނޑު ދަންވަރު އަހަންނާ ބައްދަލުކުރާކަށް ވެސް ނުކެރޭނެއެވެ. ޒިޔާނަކީ ލޯތްބަށް އިޚުތިރާމަކުރާ އިޚުލާސްތެރިއެކެވެ. ޒިޔާން ލަމްހާ ދެކެ ނިހާޔަތަށް ލޯބިވެއެވެ. ލަމްހާ ގެއްލިދާނެތީ ކަންބޮޑުވެއެވެ. ޒިޔާން ލަމްހާގެ ދަށުވެގެން އުޅޭހެން އެހެން މީހުންނަށް ހީވާ ސަބަބަކީ އެއީއެވެ.
އެރޭ އެކެއްޖެހިފަހުން ޒިޔާންގެ މެސެޖެއް ލިބުނެވެ. ދެބަދޭތެރޭގައި އޮވެފައި މެސެޖު ލިބުނު އަޑަށް އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. އޭގައި އޮތީ ހުކުރުވިލޭރޭ ބައްދަލުކުރާނެ ވާހަކައެވެ. އިތުރަށް މެސެޖުކޮށް ނުހެދޭނެ ވާހަކައެވެ. އެކަމަކު ޒިޔާންގެ ލޯބިވެތި ބަސްތަކާ ވަކިން އަހަރެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ ޒިޔާން ކޮށްލާ ކުދިކުދި ސަމާސާތަކުން މުނިފޫހިފިލައެވެ. ބުނެލާ ހަންހާރަވެތި ލަފުޒުތަކުން ހިތަށް ދިރުންލިބެއެވެ. އަހަރެންދެކެ އިންތިހާއަށް ލޯބިވާ މީހަކު ހުރިކަން އިހުސާސް ކުރެވި، ފަޚުރުވެރިވެވެއެވެ.
ދިގުލައި ވެހެމުންދިޔަ ވާރޭ އެރޭގެ ދިހައެއްޖެހިއިރު ވެސް ހުއްޓައެއްނުލައެވެ. އަހަރެން ވަރަށް ކަންބޮޑުވިއެވެ. ޒިޔާނާ ބައްދަލު ނުކުރެވިދާނެތީއެވެ. ވާރޭ ހުއްޓާނުލައިފިނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ހަދަންވީ ގޮތެއް ޒިޔާން ކައިރީގައި އަހަންވީ ހެއްޔެވެ؟ ނޫނެކެވެ. އޭރުން ކަމަކުނުދާނެއެވެ. މިހާރު އޭނާ އިންނާނީ ލަމްހާ ކައިރީގައެވެ. ކިތަންމެ ވިއްސާރަޔަސް ލަމްހާ ކައިރިއަށް ދެވެއެވެ. އެހެން ވެއްޖެނަމަ އަހަރެން ކައިރިއަށް ވެސް އާދެވޭނެއެވެ.
ވަގުތު ކައިރިވާން ފެށުމުން އަހަރެން ތައްޔާރުވީމެވެ. އަހަރެންގެ ހިތް ބުނީ ޒިޔާން އަންނާނެ ވާހަކައެވެ. ކަންވީވެސް އެހެންނެވެ. ބާރަޖަހަން ވަރަށް ކައިރިވީފަހުން ޒިޔާންގެ މެސެޖެއް ލިބުނެވެ.
"މިހުރީ ތިގެއާ ދިމާ ގޮނޑުދޮށުގަ. . ."
އަހަރެން އަވަސްއަވަހަށް ކުޑައެއް ހިފައިގެން ނުކުތީމެވެ. އޭރު ވާރޭ ވަރަށް ތުނިކޮށްލައިފިއެވެ. ވައިވެސް މާ ބާރެއް ނޫނެވެ. އެކަމަކު ދޭތެރެއަކުން ވިދުވަރުގެ އަލިކަންވެއެވެ.
އަހަންނަށް ދެފަސްބެދުނު ހިސާބަށް ދެވުނުތަނާ ފޯނު ވައިބްރޭޓް ވާންފެށިއެވެ. ގުޅަނީ ޒިޔާނެވެ.
"ކަނާއަތް ފަރާތުގަ ހުރި ހަރުގެތެރޭގަ މިހުރީ" ކަންފަތުގައި ފޯނު ޖައްސާލުމުން ޒިޔާން ބުންޏެވެ.
އަހަރެން ގޮސް ހަރުގެއަށް ވަންއިރު ޒިޔާން ހުރީ އިންތިޒާރުގައެވެ. އެކަމަކު ކުރިން ދެ ރޭ ކީފަދަ ހޫނުމަރުޙަބާއެއް އޭނާ ނުކިޔައެވެ. އެ މޫނުން ފެންނަނީ ނުތަނަވަސްކަމެވެ. މޮޅިވެރިކަމެވެ. އިރުކޮޅަކު އަހަރެންގެ މޫނަށް ބަލަން ހުރެފައި އޭނާ އަހަރެން ހިފައިގެން ހުރި ކުޑަ އަތުލުމަށްފަހު ހަރުގެ ތެރޭގައި އޮތް ދޯނިމަތީގައި ބޭއްވިއެވެ.
"ޝީން. ކިތަންމެ ވިއްސާރަޔަސް މިރޭ ކޮންމެހެން ވެސް ބައްދަލު މިކުރީ ވަރަށް މުހިއްމު ވާހަކައެއް ބުނަން ވެގެން!" އަހަންނާ ހަތަރުކަޅި ހަމަކޮށްގެން ހުރެ ވާހަކަދައްކާނެހާ ހިތްވަރު ޒިޔާނަށް ނުލިބުނީ ކަންނޭނގެއެވެ. އޭނާ ހުރީ ފަސްދީގެންނެވެ.
"އަހަރެން ވަރަށް ލޯބިވޭ ލަމްހާ ދެކެ. ބޭނުމެއް ނޫން އޭނައާ އެއްވެސް މައްސަލައެއްޖެހޭކަށް. އޭނަ އަހަންނަށް ކުރާ އިތުބާރު ގެއްލޭކަށް. . " ޒިޔާން ލަސްލަހުން ވާހަކަދެއްކިއެވެ.
"ދެން؟" ކެތްނުވެގެން އަހަންނަށް އަހާލެވުނެވެ.
"ޝީން ދެކެ ވެސް ވަރަށް ލޯބިވޭ! އެކަމަކު ނާހާތި ކާކުދެކެހޭ ބޮޑަށް ލޯބި ވަނީ؟ އަހަންނަކަށް ޖަވާބެއް ނުދެވޭނެ!" ޒިޔާންގެ އަޑު ބެދުނެވެ. އަހަރެން ގޮސް އޭނާގެ ކުރިމައްޗަށް އެރީމެވެ. އެ ދެލޮލުގައި ވަނީ ވޭނީ އަސަރެކެވެ. އެ ހިތުގެ ރިހުން ދެލޮލުންނާއި، މޫނުމަތިން ވަރަށް ރަނގަޅަށް ހާމަވެއެވެ.
"ޒިޔާން ބަލާބަލަ!" އަހަރެންގެ ވާއަތްތިލަ ޒިޔާނަށް ދައްކާލީމެވެ. "މީ އަހަރެންގެ މުސްތަޤުބަލު އޮތް ގޮތް. އަހަރެންގެ ދިރިއުޅުމުގެ ބިންގާ މިވަނީ އެޅިފައޭ ބުނުން ދޮގަކަށް ނުވާނެ. އެކަން އެންމެ ވަގުތުކޮޅަކަށް ވެސް އަހަރެން ހަނދާނެއް ނުނެތޭ!" ކަށި އިނިގިލީގައި އިން އަނގޮޓި އަށް އިޝާރާތްކޮށްފައި އަހަރެން ބުނީމެވެ.
"މި ހިތުގައި ލޯބީގެ ވިންދު ޖެހީ ޒިޔާނަށްޓަކައި. . . ހަމަ އެކަނި ޒިޔާނަށްޓަކައި" އަހަރެން ޒިޔާންގެ ހަށިގަނޑުގައި ބާރަށް ބައްދައިލީމެވެ. އެވަގުތު ވިދުވަރުގެ ގަދަ އައްޔާއެކު ގުގުރީގެ ބާރު އަޑުފަށްގަނޑު އިވިގެން ދިޔައެވެ.
"މި ކުޑަކުޑަ އުފާ އަހަރެންގެ އަތުން ފޭރިނުގަނޭ!" އަހަރެން އާދޭސްކުރީމެވެ. އަހަންނާ ވާހަކަދެއްކުން ހުއްޓާނުލުމަށް އެދުނީމެވެ. ލަމްހާ އަށް ސިއްރުން މިގުޅުން ކުރިއަށް ގެންދަން ބުނީމެވެ.
ޒިޔާން ކުޑަކޮށް އަހަންނާ ދުރަށް ޖެހިލިއެވެ. "ޝީން. . . މިފަހަރު ދޮގެއް ހަދައިގެން ސަލާމަތް ވެއްޖެ! އެކަމަކު އަބަދު ކިހިނެއް އެހެން އުޅޭނީ؟" މީހުން ބުނެ އުޅޭ ނޫން ހެއްޔެވެ؟ ވަގަކަށް ހާސްދުވަހެވެ. ވެރިއަކަށް އެއްދުވަހެވެ. ކިތަންމެ ސިއްރުން ކުރިޔަސް، އަބަދު ކުރާކަމެއްނަމަ ކޮންމެވެސް ދުވަހަކުން ފަޅާއަރާނެއެވެ. ހައްލު ނުކުރެވޭފަދަ މައްސަލަތައް ކުރިމަތިވާނެއެވެ. އެއީ ޒިޔާން ދެކޭގޮތެވެ.
"ޝިން އަށް އެނގޭތަ؟ ނިދަން އޮށޯވެފަ ޝީން އަށް ކޮށްލާ މެސެޖަކުން އަހަރެންގެ ހިތެއް ނުފުރެ! ޝީންގެ އަޑު އަހާލާ ހިތްވެ! އެކަމަކު ލަމްހާ އަށް އެނގިދާނެތީ ބިރުން އެކަން ވެސް ނުކުރެވެނީ. އަހަރެން މިގަޑީގަ ޝީންއާ ބައްދަލު މިކުރަނީ ވެސް ވަރަށް ބިރުން ހުރެ. މިކަން އެހެން މީހަކަށް އެނގިއްޖެނަމަ ކިހިނެއް ވާނީ؟" ޒިޔާން މަސައްކަތް ކުރީ އަހަންނަށް ވިސްނައިދެވޭތޯއެވެ. އެއީ ތެދެކެވެ. ޒިޔާން ހިލޭ އަންހެން ކުއްޖަކު ގޮވައިގެން މެންދަމު އަތިރިމަތީގައި ހުރި ވާހަކަ ރަށުތެރެއަށް ފެތުރިއްޖެނަމަ ޒިޔާންގެ އަބުރަށް ހުތުރުވާނެއެވެ. ހީނަރު ވާނީ ލަމްހާއާ ދެމެދުގައި އޮތް ގުޅުން އެކަންޏެއް ނޫނެވެ. އޭނާގެ މައިންބަފައިން ވެސް ލަދުގަންނާނެއެވެ. މީގެކުރިން ވެސް ޒިޔާން ވަނީ އެ ވާހަކަތައް ހަމަ އެގޮތަށް ދައްކާފައެވެ. އަހަންނަށް ވިސްނައިދެވޭތޯއެވެ.
"މިއީ ހަޤީގަތް ގަބޫލުކުރަންވީ ވަގުތު. މިކަމުގަ އަހަރެމެން ދެމީހުންގެ ކުށެއް ނެތް. ދެމީހުންނަށް ވެސް ލޯބި ވެނުވީ އިޚުތިޔާރަކާ ނުލާ. . ." ޒިޔާންގެ ދެއަތުން އަހަރެންގެ ދެ ކޮނޑުގައި ހިފަހައްޓާލިއެވެ.
"ޒިޔާން ބޭނުން ވަނީ ކޮން ގޮތެއް!" ރޮވިފައިވާ ދެލޮލުން އަހަރެން ޒިޔާންގެ މޫނަށް ބަލައިލީމެވެ. ޒިޔާންގެ ނިންމުން އަހަންނަށް އެނގެއެވެ. އިހުސާސް ކުރެވެއެވެ.
"ފާއިތުވެގެން މިދިޔަ އުފާވެރި ވަގުތުތަކަކީ އުފާވެރި ހުވަފެނެކޭ ހީކުރާނީ. . ." ކިތަންމެ ހިތްވަރުކޮށްގެން ހުރިނަމަވެސް ޒިޔާންގެ ކެތްތެރިކަން ކޮޅުންލިއެވެ. ގިސްލަމުން އޭނާ އަހަރެންގެ ގައިގައި ބައްދައިގަތެވެ. ވަރަށް ބާރަށެވެ. ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާފަދަ ގޮތަކަށެވެ. މީގެކުރިން އަހަރެމެން އެކަކު އަނެކަކުގެ ގައިގައި ބައްދައިގެން ތިބީ އުފަލުންނެވެ. އެކަމަކު މިފަހަރު ހިތާމައިންނެވެ. ވަކިވާންޖެހޭތީއެވެ.
"ޝީން. . . ކެތްތެރިވުން ނޫން ގޮތެއް އަހަރެމެންނަކަށް ނެތް!" އަހަންނަށް ހިތްވަރުދިނުމުގެ ގޮތުން ޒިޔާން މަޑުމަޑުން ބުނެލިއެވެ.
ދެން އައީ ހިމޭންކަމުގެ ވަގުތެވެ. ވަރަށް ގިނައިރު އެގޮތުގައި ތިބުމަށްފަހު އަހަރެން މަޑުމަޑުން ޒިޔާންގެ މޫނަށް ބަލައިލީމެވެ. އޭރު އޭނާ ވެސް ހުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. އަހަރެންގެ ދެއަތުން ޒިޔާންގެ މޫނުގައި ހިފަހައްޓާލީމެވެ. އަދި މަޑުމަޑުން ދެފައިތިލަ ހިއްލައިލީމެވެ. އަހަރެން ބޭނުންވާ ގޮތް ޒިޔާނަށް އެނގުނީއެވެ. ނުވަތަ އެގޮތަށް އޭނާ ވެސް ބޭނުންވީއެވެ. އޭނާ މަޑުމަޑުން ބޯ ތިރިކޮށްލުމަށްފަހު އަހަންނަށް އިޖާބަދިނެވެ. ވަރަށް ލޯތްބާއެކު އަހަރެންގެ ތުންފަތުގައި ބޮސްދިނެވެ. އަހަރެން ބޭނުން ވަނީ ލޯތްބެވެ. ވަކިވުމުގެ ކުރިން ޒިޔާންގެ ލޯބިން މި ހިތް ފުރާލާށެވެ. އަހަރެންގެ ހިތާއި، ޖިސްމު ޒިޔާނަށް ޤުރުބާންކުރާށެވެ.
ޒިޔާން އަހަންނަށް ލޯބި ދިނެވެ. ދުވަހަކު ވެސް ހަނދާންނުނެތޭނެ މިންވަރަށެވެ. އަހަރެމެން ލޯބީގެ ކަނޑުގެ އެންމެ ފުނަށް ފީނީމެވެ. ވަކިވުމުގެ ކުރިން ކުރެވުނު ވަދާޢީ ސަލާމެއްގެ ގޮތުންނެވެ.
ޒިޔާނަކީ އަހަރެންގެ ހަޔާތަށް އައި މެހުމާނެކެވެ. ދިރިއުޅުގެ މި އަޑިގުޑަން ދަތުރުގައި ބައްދަލުވި މުސާފިރެކެވެ. ހިތް ނޭދުނަސް މި ހަޤީގަތް ބަދަލެއް ނުކުރެވޭނެއެވެ. ޖެހޭނީ ގަބޫލުކުރާށެވެ. އަހަރެން ބޯ އަޅައިގެން އޮތް ބާލީސް ކަރުނައިން ފޯވަމުންދިޔައެވެ. ރުއިމާއި، ގިސްލުން ނޫން އިތުރުކަމެއް އަހަންނަކަށް ނުކުރެވެއެވެ. އަހަންނަށް ޒިޔާން ދެކެ ލޯބި ނުވެނުނަމައެވެ.
ބޭއިޚުތިޔާރުގައި އިރުއިރުކޮޅުން ފޯނަށް ބަލައިލެވޭތީ ފޯނު ނިއްވާލީމެވެ. ކުޑަ ނަމަވެސް އުއްމީދެއް ނެތް ކަމަކަށް އިންތިޒާރު ކޮށްގެން އިތުރަށް ހިތް ނުތަނަވަސް ކުރުވަންވީ ކީއްކުރަން ހެއްޔެވެ؟ ދެން އަހަރެންގެ ފޯނަށް ޒިޔާންގެ މެސެޖެއް ނުލިބޭނެއެވެ. އެ އަސަރުގަދަ އަޑު އެހުމުގެ ފުރުސަތެއް ނުލިބޭނެއެވެ. އެ ލޯބިވެތި ސޫރަ ދުށުމުގެ ނަސީބެއް ނުލިބޭނެއެވެ. ޒިޔާން އަހަންނާ ވަކިވީއެވެ. އަބަދުގެ އަބަދަށެވެ.
**ނުނިމޭ**
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް