ވާހަކަ: މިހިތުގެ ލޯތްބޭ ތީ - ދިހަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ތައްޔާރުވެލައިގެން ނިކުތްއިރު އަރްހާން ދޮރުމަތީގައި ހިނގާލަ ހިނގާލާ ހުއްޓެވެ. އިޒްވާ ގޮސް އަރްހާން ކައިރިއަށް ހުއްޓުނު ވަގުތު އެތެރެއަށް ވަދެގެން އަންނަ އަންހެންކުއްޖާ ފެނި ހުއ...

12 Jan 2023 | 07:06

ކުރީގެ އަދަދާއި ގުޅޭ...

ތައްޔާރުވެލައިގެން ނިކުތްއިރު އަރްހާން ދޮރުމަތީގައި ހިނގާލަ ހިނގާލާ ހުއްޓެވެ. އިޒްވާ ގޮސް އަރްހާން ކައިރިއަށް ހުއްޓުނު ވަގުތު އެތެރެއަށް ވަދެގެން އަންނަ އަންހެންކުއްޖާ ފެނި ހުއްޓުން އެރިއެވެ. އެއީ ދެވަނަ އެހެން ކުއްޖެއް ނޫނެވެ. ވީޑިއޯގައި ކައިސަންއާ އެކީ ފެނުނު އަންހެންކުއްޖާއެވެ. މައިރާއެވެ. މައިރާއާއި މިގެއާ އޮންނަނީ ކޮންކަހަލަ ގުޅުމެއް ބާއޭ އިޒްވާގެ ހިތަށް އެރިއެވެ. އަރްހާނަށްވެސް މައިރާ ފެނުމުން ހިތްހަމަނުޖެހެވޭ ގޮތްވިއެވެ. ނަމަވެސް ކޮންމެވެސް މީހެއްގެ އެހީއަކަށް ބޭނުންވެފައިވުމުން މައިރާއަށް ހިނިތުންވެލިއެވެ. އަރްހާންގެ ހިނިތުންވެފައިވާ މޫނު ފެނުމުން މައިރާއަށް ލިބުނީ ހައިރާންކަމެކެވެ. ކުރިން ދުވަހަކުވެސް ފެނިފައިނުވާ މަންޒަރެއް ނޫންވިއްޔާއެވެ.

" ހެލޯ މައިރާ! ރަނގަޅު ގަޑިއެއްގަ ތިއައީ... އަހަރެމެން ބޭރަށް ގޮސްފައި އަންނަން ދެން މާމަ ކައިރީ މަޑުކޮށްލެވޭނެތަ؟ " އަރްހާން ބުންޏެވެ.

" އޯހް.. އަހަރެން މިއައީވެސް ތިކަމުގައި.. މިއަދަށްފަހު އަހަރެން ބަލަން ޖެހޭ މީހަކީ އަރްހާން އެއް ނޫން. ޝިވަން ސަރ އަހަރެން އެހެން ޖޮބަކަށް ހަޔަރ ކޮށްފައިވަނީ.. މިގޭގައި އޮތް އުމުރުން ދުވަސްވީ މީހަކު ބަލަން.." މިހެން ބުނެ މައިރާ ބަލައިލީ އިޒްވާއަށެވެ. އިޒްވާ ވީ ފޫހިން ދަތްކުޑިވިކައިލިއެވެ.

" އަހަރެންގެ މާމަ އަހަރެންނަށް ބެލޭނެ.. " ރުޅި ފޮރުވަން މަސައްކަތް ކުރަމުން އިޒްވާ އެހެން ބުނި ނަމަވެސް އޭނާ އަޑުގައި ހަރުކަށިކަމެއްވިއެވެ. އެހިނދު މައިރާ އިޒްވާ އާ ގާތްވެލިއެވެ. ކުޑަކޮށް އިޒްވާގެ ކަންފަތްދޮށައް ގުދުވެލިއެވެ.

" އަހަރެންނަށް އިތުބާރުކުރޭ އިޒްވާ! ކައިސަންގެ މާމައަށް އަހަރެން ގޮތެއް ނުހަދާނަން.. " މައިރާގެ އަޑުގައި މޮޅިވެރިކަމެއްވިއެވެ. އިޒްވާގެ ހިތަށް އިންތިހާއަށް އަސަރުކޮށްފިއެވެ. ރުޅިވެސް އައެވެ. އެކަމަކުވެސް އެރުޅި އިސްކޮށްގެން މިއަދު ވާނެ ފައިދާއެއް ނެތެވެ. އޭނާ ކައިސަން ދެކެ ވާ ލޯތްބާއި މައިރާ ކައިސަން ދެކެ ވޭ ލޯބި އަޅާ ކިޔާކަށް ނޭނގޭނެ ނޫން ހެއްޔެވެ؟ މައިރާގެ އަޑުން އޭނާ ދެރަވެފައި ހުރިކަން ސާބިތުވެއެވެ. ކައިސަންގެ މަރުން އޭނާގެ ހިތަށް އަސަރު ކުރާ ފަދައިން މައިރާވެސް ކައިސަން ދެކެ ލޯބި ވަންޏާ ދެރަވާނެކަން ޔަގީނެވެ.

ވަކި އެއްޗެއް ނުބުނެ ހިންދިރުވާލަމުން އިޒްވާ ކުރިއަށް ހިނގައިގަތެވެ. އިޒްވާގެ ފަހަތުން ހިނގައިގަތް އަރްހާންގެ ހިތުގައިވީ އެތަކެއް ސުވާލެއް އުފެދިފައެވެ. މައިރާ، އިޒްވާގެ ކަންފަތް ދޮށައް ތިރިވެލާ އެބުނި އެއްޗެއް އެނގެން ބޭނުންވިއެވެ. އެވަގުތު އިޒްވާގެ މޫނަށް އަރާ ފޭބި ކުލަވަރު އަރްހާން ރަނގަޅަށް ދުއްޓެވެ. މައިރާ ބުނި އެއްޗަކަށް އިޒްވާ ޖަވާބު ނުދީ ދިޔަގޮތުން އެދެމެދުގައި ކޮންމެވެސް ކަހަލަ ގުޅުމެއްވާކަށް އަރްހާންއަށް ޤަބޫލުކުރެވުނެވެ. ކާރުގައި އިން އިޒްވާއަށް އިރުއިރުކޮޅާ އަރްހާން ބަލައިލައެވެ. އިޒްވާ ކައިރީ ސުވާލު ކުރަން ބޭނުންވެ އިނދެވެސް ސުވާލުކުރާކަށް ނުކެރުނެވެ. އިޒްވާގެ ޒާތީ ކަމަށް ވެދާނެތީއެވެ. ފިހާރައަށް ވަދެ އިޒްވާ ހެދުން ގަންނަންދެން އަރްހާން ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ. ހެދުމުގެ ބާވަތުން އޭނާ ހުރެފިނަމަ އިޒްވާއަށް ގަންނަން ނުކެރިދާނެތީއެވެ. ބޭނުންވާ އެއްޗެހި ވަށިގަނޑަކަށް އަޅައިގެން އައިސް އިޒްވާ ކައުންޓަރަށް ދިއްކޮށްލިއެވެ. އެންމެ ވަށިގަނޑެއްގެ އެއްޗެހި ފެނުމުން އިޒްވާއާއި އެވަރުން މާމައަށް ނުފުދޭނެކަން އަރްހާންއަށް އެނގުނެވެ. އެހެންކަމުން އޭނާ އަމިއްލައަށް ގޮސް މަރިޔަމް އަށް އިތުރު ފަސްހެދުމާއި އިޒްވާއަށްވެސް ހެދުންކޮޅެއް ހިފައިގެން އައިސް ކައުންޓަރަށް ދިއްކޮށްލުމަށްފަހު ލާރި ދެއްކުމަށް ބުނެ އޭނާގެ ކާޑު ދިއްކޮށްލިއެވެ. އިޒްވާ ހައިރާންވެފައި އަރްހާންއަށް ނަޒަރެއް ދެވުނެވެ. ދެވަނަ ހިނދުގައި އަވަހަށް އިސްޖަހާލައިފިއެވެ. އަރްހާންއަށް ޝުކުރުއަދާކުރާނެ ގޮތެއްވެސް އިޒްވާއަށް ނޭނގުނެވެ.

ގޭ ކައިރިއަށް ކާރު މަޑުކޮށްލުމާއި އެކު އިޒްވާ ފޭބިއެވެ. ފަހަތު ޝީޓުގައި ހުރި ކޮތަޅުތައް ނެގުމަށް އިޒްވާއަށް އަރްހާން އެހީތެރިވެދިނެވެ. ބާކީ ހުރި ކޮތަޅުތައް ހިފައިގެން އިޒްވާގެ ފަހަތުން އަރްހާން ހިނގައިގަތެވެ. ކޮޓަރިން ނިކުތް ރައިހާނާއަށް އެތެރެއަށް ވަދެގެން އައި އަރްހާންއާއި އިޒްވާ ފެނުމުން ހައިރާންވިއެވެ. އިތުރު ހައިރާންކަމެއް ލިބުނީ އަތުގައިވާ ކޮތަޅުތައް ފެނުމުންނެވެ.

" މަންމަ ބުނި ކަންތައް ކުރެވިފަ މިހުރީ.. އިޒްވާ ދާންވީނު ކޮޓަރިއަށް.. އަހަރެން ކޮތަޅުތައް ގެންގޮސް ދޭނަން.." އަރްހާން ބުންޏެވެ. އެބުނި ވާހަކައިން ރައިހާނާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އިޒްވާގެ ކުރިމަތީގައި އިތުރު ސުވާލެއް ނުކުރީ އެދަރިފުޅު ލަދުގަންނަ ކަމަކަށް ވެދާނެތީއެވެ. ރައިހާނާއަށް ހިނިތުންވެލާ ޝުކުރުއަދާކުރުމަށްފަހު އިޒްވާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

" އަރްހާން ދަރިފުޅާ ތީ ކޮންކަމެއް.. އިޒްވާ ގޮވައިގެން ކޮންތާކަށް ގޮސްފައި ތިއައީ... " ރައިހާނާ ހައިރާންވެފައި އެހިއެވެ. އެވަގުތު ޝިވަންވެސް ގެއަށް ވަދެގެން އަންނަނީއެވެ.

" އަރްހާން!! މީ ކޮން ކޮތަޅުތަކެއް.. މި ކޮން އަންހެން ހެދުންތަކެއް... " ކޮތަޅުތެރެ ބަލައިލަމުން ޝިވަން އެހިއެވެ.

" މަންމަމެން ކުރަން ޖެހޭ ކަމެއް އަހަރެން ކޮށްދިނީމަ ޝުކުރެއްނު އަދާކުރަންވީ.. އިޒްވާ މިގެއަށް ގެނައިރު އޭނާގެ ހާލަތު ހުރިގޮތް މަންމަމެންނަށް ނުވިސްނުނީތީ ދެރައީ.. އިންނަން އުޅޭ އަންހެންކުއްޖާގެ ގެ އަނދާހުލިވެގެން ދާއިރު އެގޭގައި ސަލާމަތުން ހުރި އެއްވެސް ނެތްކަން އެނގޭއިރު އެމީހުން ލާނެ އަންނައުނެއް ނުހުންނާނެކަން ރަނގަޅަށް އެނގޭނެ.. ދޮންބެއާއި މަންމަގެ ވިސްނުމަށް އެވަރު ނަގައިނުގަނެވުނީމަ އިޒްވާގެ ކުރިމަތީގައި ތިދެމީހުންގެ ޤަދަރު ކުޑަވެދާނެކަމަށް އަހަރެން އިޒްވާ ގޮވައިގެން ފިހާރައަށް ގޮސް ބޭނުންވާ އެއްޗެހި ގަނެދީގެން މިއައީ.. " އަރްހާން ތިރީގައި ކޮތަޅުތައް ބެހެއްޓިއެވެ. " އަހަރެން ބުނިން ދޮންބެ ބުނެގެންނޭ ގަންނަން މިދަނީ:"

" އަރްހާން ކަންތައް ތިކުރީ ހަމަ އެންމެ ރަނގަޅަށް.. މިފަހަރު އަހަރެންނާ މަންމައަށް ގޯހެއް ހެދިއްޖެ.. ލަދެއްގައި ބެދުމުން ސަލާމަތްކޮށްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ އަރްހާން.. " ޝިވަން ބުނެލިއެވެ. ރައިހާނާ އަރްހާންއަށް ބަލަހައްޓައިގެން ހުރީ އޭނާއާ މެދު ފަހުރުވެރިވާ ފަދައަކުންނެވެ.

" ކޮންމެހެން ޝުކުރުއަދާ ނުކުރިޔަސް ހެޔޮ.. ހިލޭ ކޮށްދިން ކަމެއް ނޫން.. އަހަރެން އަތުން ދިޔަ ލާރިއާ އެކީ ގޮވައިގެން ދިޔަމަތިން އިތުރު އެއްހާސް ރުފިޔާއާ އެކު މުޅި ޖުމްލަ ފަސްހާސް ރުފިޔާ އަހަރެންގެ އެކައުންޓަށް ޓްރާންސްފަރ ކުރަން ޖެހޭނެ.. " އަރްހާން މިހެން ބުނެލަމުން އިތުރަށް އެތާ މަޑުނުކޮށް ސިޑިއާ ދިމާލަށް ހިނގައިގަތެވެ.

***************

އިޒްވާ ބަދިގޭގައި އުޅެނިކޮށް ރައިހާނާއަށް އައިސް ދޮރަށް އެރިއެވެ. އިޒްވާ ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ސާލިހާ ކައިރިން ރައިހާނާ އެދުނީ މެންދުރުގެ ކެއުމަށް އަރްހާންއަށް ކަނޑުކުކުޅު ތައްޔާރު ކުރުމަށެވެ.

" އަހަރެން ކަނޑުކުކުޅު ހެދިޔަސް އެންމެ ރަނގަޅުތަ..؟ ވަރަށް ދުވަސްވެއްޖެ އެކަހަލަ އެއްޗެއް ނުކަކައްކާތާ.." އިޒްވާ އެހިއެވެ.

" އާނ މައްސަލައެއް ނެތް..! އެކަމަކު ދައްތަ ބޭނުމެއްނުވޭ އިޒްވާ ލައްވާ އެހާ މަސައްކަތް ކުރުވާކަށް.. އަނެއްކޮޅުން ކޮންމެ ކޮންމެ މީހަކު ކައްކައިގެން އަރްހާންއަށް ކަމަކަވެސް ނުދާނެ.. ކިރިޔާވެސް ރަހަ މަޑުވިއްޔާ ނުކާނެ.. އެކަމަކު ދެން މިފަހަރު އިޒްވާ ކައްކާނީ.. އެނގިދާނެތާ އިޒްވާގެ ކަނޑުކުކުޅުގައި ހުރި ފެންވަރެއްވެސް.." ރައިހާނާ ބުޏްނެވެ.

*************

މެންދުރުގެ ކެއުމުގައި ގޭ އެންމެންގެ އިތުރުން ފާރިހާ ބައިވެރިވިއެވެ. ކައިރި ފިހާރައަކަށް ވަދެފައި ފާރިހާ އެގެއަށް އައީ ރައިހާނާ ބުނެގެން ކެއުމުގައި ބައިވެރިވާށެވެ. އިޒްވާ ވަރަށް ރަނގަޅަށް ކެއްކި ވާހަކަ ބުނެފައެވެ. ކަނޑުކުކުޅު ބޯތަށި ހިފައިގެން އިޒްވާ ބަދިގެއިން ނިކުތުމާއެކު މުޅި ތަނުގައި ހިފައިލީ ބަނޑުފުރޭ ކަހަލަ މީރު ވަހެކެވެ. މޭޒުމަތީގައި ބޯތަށި ބެހެއްޓުމަށްފަހު އިޒްވާ އުޅުނީ އަލުން ބަދިގެއަށް ދާށެވެ. ނަމަވެސް ރައިހާނާ ގަދަކަމުން އިޒްވާ ގޮނޑިއެއްގައި ބައިންދަން އުޅުނެވެ.

" އެންމެން ކެއިމަ އަހަރެން ކާނަމޭ ދައްތާ! " އިޒްވާ ބުނެލިއެވެ.

" މިގޭގައި ނޯކަރުން މަދުވެގެން ނޫޅެން... ނޯކަރަކަށް ބޭނުންވިޔަސް ހަމަ ގައިމުންވެސް އިޒްވާއަކަށް ވަޒީފާއެއް ނުދޭނަން.. މިގޭގައި ވަޒީފާ އަދާކުރާނީ އެވަޒީފާއެއް ރޮނގުން މަތީ ތައުލީމު ހާސިލްކޮށްފައި ތިބި މީހުންނަށް.. " އެހެން ބުނެލީ އަރްހާންއެވެ. އޭނާގެ އަޑުގައިވީ ރުންކުރު ކަމެވެ. އެހިނދު ރައިހާނާ އަރްހާންއަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ. ޝިވަންވެސް އެއްފަހަރު އަރްހާންއަށް ބަލައިލުމަށްފަހު އަނެއްފަހަރު އިޒްވާއަށް ބަލައިލިއެވެ. އިޒްވާ އިންގޮތުން އޭނާ އެއިނީ ދެރަވެފައިކަން ޝިވަންއަށް އެނގުނެވެ.

" އަރްހާން އެބުނީ އިޒްވާ ތީ މިގޭ ނޯކަރެއް ނޫނޭ.. މިގޭގެ ފަރުދެކޭ.. އިޒްވާ ބަދިގޭގެ ބައެއް މަސައްކަތް ކުރިޔަސް ކައިބޮއެ ހަދަންވާނީ އަހަރެމެންނާ އެކު... " މާހައުލަށް ވެރިވެފައިވީ ކަންބޮޑުވުން ނައްތާލަން މަސައްކަތް ކުރަމުން ޝިވަން ބުންޏެވެ.

" އެއީ ތެދެއް އިޒްވާ..! ޝިވަންއާއި އަރްހާން ފަދައިން ދައްތަ ޤަބޫލުކުރަނީ އިޒްވާވެސް ތީ ދައްތަގެ ދަރިއެއް ކަމަށް.. " ރައިހާނާ އިޒްވާގެ ކުރިމަތީގައި ތައްޓެއް ބެހެއްޓިއެވެ. އެއަށްފަހު ތައްޓަށް ބަތް އަޅަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އިޒްވާ ރައިހާނާ އަތުން ސަމްސާ އަތުލައި ބަތް އަޅަން ފެށިއެވެ.

ހިމޭންކަމާއެކު އެންމެން ކަމުން ދިޔައެވެ. އެންމެން ބަލަބަލާ ތިއްބާ އަރްހާން ދެވަނަ ފަހަރަށް ބަތް އަޅައިގެން ކާން ފަށައިފިއެވެ. ދުވަހަކުވެސް ނުފެންނަ މަންޒަރަކަށް ވުމުން ރައިހާނާއާއި ޝިވަން އެކަކު އަނެކަކަށް ބަލާލައިފިއެވެ. އެވަގުތު އިޒްވާއަށް ވެސް އިނދެވުނީ އަރްހާންއަށް ބަލަހައްޓައިގެންނެވެ. ލޯމަތިން ފެންނަމުން ދިޔައީ އޭނާގެ ކައިސަންގެ އިތުރު އާދައެކެވެ. އޭނާ ކަނޑުކުކުޅު ހަދައިފިނަމަ ދެވަނަ ފަހަރަށް ނާޅާ ކައިސަންއަކަށް ނުފުދޭނެއެވެ. ހަނދާންވީ ކައިސަން މަރުވި ދުވަހު ކަނޑުކުކުޅު ތައްޔާރުކޮށް އޭނާގެ އިންތިޒާރުގައި އިޒްވާ ހޭދަކުރި ވަގުތުތަކެވެ. އޭގެ ފަހުން އިޒްވާ ކަނޑުކުކުޅު ތައްޔާރު ކުރީ ފުރަތަމަ ފަހަރަށެވެ. އެހާ މީރުކޮށް އަރްހާން ކާތަން ފެނުމުން ދުވަސްތަކަކަށްފަހު އިޒްވާގެ ހިތަށް ފިނިކަމެއް އިހުސާސްކުރެވެމުން ދިޔައެވެ.

" މި މީރު ކަމުން ބަހެއްކިޔަންވެސް ހަނދާންނެތިފައި މިއިންނަނީ.. ނޫނޭ އިޒްވާ ތީ ހަމަ ކެއްކުމަށް އެއްވަނަ.. ކަނޑުކުކުޅު ހާދަ މީރޭ.. ދުވަހަކުވެސް މިހާ  މީރު ކަނޑުކުކުޅެއް ނުކަން.. " ފާރިހާ އެހެން ބުނެލިއިރު އަރްހާން އެންމެ ފަހު ބަތްކޮޅު އަނގަޔަށް ލަނީއެވެ. އަރްހާން އިޒްވާއަށް ބަލައިލީ ކުޑަކޮށް ސިހިފައެވެ. އިޒްވާއާ ދިމާލަށް އެގަޑީ ބުނެވުނު އެއްޗެހިން އަރްހާން ދެރަވިއެވެ. އަދިވެސް ކާން ބޭނުންވެފައި އިންނަމަވެސް ދެން އިތުރަށް އަޅަން ނުކެރި އަރްހާން ތެދުވެގެން ގޮސް އަތްދޮވެގެން އެތެރެއަށް ވަނެވެ.

*********************

އިޒްވާއާއި ޖަނާން ވާހަކަ ދައްކަން ތިބީ ޖަނާންގެ ކޮޓަރީގައެވެ. ޓައިލްސްތައް މައްޗަށް ކުޅޭއެއްޗެހިތައް އަޅާލައިގެން ކައިވާ ކުޅެން އިނެވެ.

" ހަމަ ހިތަށް އަރަނީ އަހަރެންނަށް ޝިވަން ދެކެ ލޯބިވެވިދާނެ ބާއޭ..  " އިޒްވާ ބުނެލިއެވެ.

" ކީއްވެ ނުވެވެންވީ.. އިންޝާﷲ އަހަރެންނަށް ޔަގީން ވެވޭނެކަން.. ޝިވަން ދޮންބެގެ ހަޔާތުގެ ބައިވެރިއަކަށް ވާމީހަކަށް ޝިވަން ދޮންބެ ދެކެ ލޯބި ނުވެވި ނުހުންނާނެ.. އެހާވެސް ވޯތް ލަވިންގް މީހެއް އެއީ... " ޖަނާން ބުންޏެވެ.

" ޝިވަން ވަރަށް ރަނގަޅު.. އެކަމަކު ޝިވަން އާއި އޭނާގެ ކޮއްކޮ އުޑާއި ބިމާހާ ތަފާތު... " އެވަގުތުވެސް އިޒްވާގެ ހިތަށް އައިސް ވަނީ އަރްހާންގެ ނަމެވެ.

" އަރްހާން ދޯ.. އަސްލު އަރްހާންވެސް އެއީ ވަރަށް ސަކަ މިޒާޖެއް ހުންނަ މަޖާ ކުއްޖެއް.. ކުއްލިއަކަށް ބަލިވާން ފެށުމުން އެނގުނީ ހިތުގެ ވަރަށް ބޮޑު މައްސަލަތަކެއް ހުންނަކަން.. އެފަހުން މަޑުމޮޅިވާން ފެށީ.. ޝިވަންބެ ވަރަށް ލޯބިވާނެ އަރްހާން ދެކެ.. އަރްހާންގެ ސާރޖަރީ ހެދީ ބޭރުން ޑޮކްޓަރުންނާ އިކުއިޕްމެންޓްތައް ގެނެސްގެން.. ނޫހުގައިވެސް އެވާހަކަ އޮތެއްނު.. އިޒީ ނުދެކެންތަ"

" އެދުވަސްކޮޅު އެހާ ބޮޑަށް ނޫސް ކިޔާކަށް ނޫޅެވޭ... "

" އެންމެންވެސް ހީކުރީ ސާރޖަރީއަށްފަހު އަރްހާން ކުރީގެ މިޒާޖަށް އެނބުރި އަންނާނޭ...، އެކަމަކު އެހެނެއްވެސް ނުވި... ކުރިން އަބަދު ކައިލްއާ އެކީ އުޅޭ މީހާ މިހާރު ކައިލްއަށް ގުޅާވެސް ނުލާ.. މޭ ބީ އަރްހާން ޑިޕްރެޝަނަށް ދަނީ ކަންނޭނގެ.. " ޖަނާން ކިޔައިދިނެވެ. އިޒްވާ ވަކި އެއްޗެއް ނުބުންޏަސް އޭނާގެ ހިތާއި ސިކުނޑި ހިޞާރުކޮށްފައިވީ އަރްހާންގެ ހިޔާލުތަކުންނެވެ.


ނުނިމޭ.. ވާހަކައިގެ އާބައެއް، އިންޝާﷲ 16 ޖެނުއަރީ ވާ ހޯމަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް