ވާހަކަ: މިހިތުގެ ލޯތްބޭ ތީ - ނުވަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... *** ކާރުގައި އިން އިޒްވާގެ ސިކުނޑި ހިޞާރުކޮށްފައިވީ  އަރްހާންގެ ވާހަކަތަކުންނެވެ. މިވަގުތު ފިކުރުކުރަން ޖެހޭނީ ގެއާ މެދުގައި ވިޔަސް އަރްހާން މަރިޔަމް ކައިރީ އިނދެ ދެއްކި ވާހަކަ...

09 Jan 2023 | 18:07

ކުރީގެ އަދަދާއި ގުޅޭ...

***

ކާރުގައި އިން އިޒްވާގެ ސިކުނޑި ހިޞާރުކޮށްފައިވީ  އަރްހާންގެ ވާހަކަތަކުންނެވެ. މިވަގުތު ފިކުރުކުރަން ޖެހޭނީ ގެއާ މެދުގައި ވިޔަސް އަރްހާން މަރިޔަމް ކައިރީ އިނދެ ދެއްކި ވާހަކަ އޭނާގެ ހިތުން ނުފިލައެވެ. އަރްހާން އޭނާއަށް ރަނގަޅަށް ފާހަގަވީވެސް އެވަގުތުއެވެ. އަރްހާން އެދެއްކި ވާހަކަ ތަކަކީ އޭނާއަށް އަލަށް އިވިފައިވާ ވާހަކަތަކެއް ނޫނެވެ. ކުރިންވެސް އޭނާއަށް ވަނީ އެފަދަ ވާހަކަތަކެއް އިވިފައެވެ. ކައިސަންގެ ފަރާތުންނެވެ. ތަފާތު ދެމީހެއް ވިޔަސް ކައިސަން އާއި އަރްހާންގެ އެއްގޮތް އެތައް ކަމެއް ހުރިކަމުގައި އިޒްވާއަށް އިހުސާސްވިއެވެ. އެ ދެމީހުންނަށްވެސް އެންމެ ކަމުދާ ކަމުގައި ވަނީ އެއް ކެއުމެކެވެ. އަނެއްކޮޅުން އަރްހާން ހެދުން އަޅައިގެން ހުރިގޮތްވެސް ކައިސަންއާ އެއްގޮތެވެ. އަނެއްކާ އަރްހާން މަރިޔަމް ކައިރީ ދެއްކި ވާހަކަތަކެވެ. މިފަދަ ވިސްނުމެއްގައި އިނދެ އިޒްވާއަށް ކާރުގެ ލޯގަނޑުން ކުރީ ސީޓުގައި އިން އަރްހާންއަށް ބަލާލެވިއްޖެއެވެ. އެހިނދު މުޅި ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ދިޔައެވެ. އަރްހާންގެ ލޯވެސް ހުރީ ސީދާ އިޒްވާއަށް އަމާޒުވެފައެވެ. އިޒްވާގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އަވަސް އަވަހަށް އިސް ޖަހާލައިފިއެވެ.

އަރްހާނާއި އިޒްވާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން ކައިލްގެ ސިކުނޑި ދެމުން ގެންދިޔައީ ނުރައްކާތެރި އިންޒާރެކެވެ. ގޯހެއް ނުވަނިސް އަރްހާނަށް ނަސޭހަތްތެރިވުން މުހިންމުކަމެއް ކަމުގައި އޭނާ ދެކުނެވެ. އެހެންނޫނީ ދެބެއިންގެ ދެމެދުގައި ވަރުގަދަ ފާރެއް ލެވިދާނެއެވެ. އުފަލުގައި ދިރިއުޅެމުން އާއިލާ ބަރުބާދުވެދާނެއެވެ.

ގެއާ ކައިރިވުމާއެކު އަލިފާންގަނޑު ފެންނަން ފަށައިފިއެވެ. އިޒްވާއަށް ރޮއެ ގަނެވުނީ ބޭއިޚްތިޔާރުގައެވެ. އެހިސާބުގައި ކާރު މަޑުކޮށްލުމާއެކު އިޒްވާ ކާރުން ނިކުމެ އެދިމާލަށް ދުއްވައިގަތެވެ. އިޒްވާ ގައިގާ ހިފެހެއްޓީ އެދިމާލަށް އައިސް އައިސް ހުރީ ނަދީމާއެވެ.

" އެކޮއެ ދެން ކުރެވޭނެ ކަމެއް ނެތް.. ސަލާމަތް ކުރެވޭނެ އެއްޗެއް މިހާރު އެތާކު ނުހުންނާނެ.. " ނަދީމާ ރޮއެގަތެވެ. އިޒްވާ ތެޅި ފޮޅޭވަރުން ނަދީމާއަށް ހިފަހައްޓައިލެވެނީ ކިރިޔާއެވެ. އެވަގުތު ދުވެފައި އައި ޖަނާން އަނެއް ފަރާތުން އިޒްވާ ގައިގާ ހިފަހައްޓައިފިއެވެ.

" އިޒީ ޕްލީޒް ކޮންޓްރޯލް ޔުއަރ ސެލްފް.. " ޖަނާން ބުންޏެވެ. އޭރު ކައިލްއާއި ޝިވަންވެސް އައިސް އެމީހުންނާ އަރާ ހަމަވަނީއެވެ. ލަސް ފިޔަވަޅުތަކެއްގައި ކުރިއަށް އައި އަރްހާން ކަޅިޖަހާވެސް ނުލާ ބަލަމުން ދިޔައީ އަނދާ ހުލި ވަމުން ދިޔަ ގެއަށެވެ. ނިތްކުރިމައްޗަށް އަރާފައި ރޫތައް ބަޔާންކޮށްދެނީ އޭނާއަށް ވަމުންދާ ގޮތް ޙުދު އޭނާއަށްވެސް ނޭނގޭ ކަމެވެ. ވަކި ހިސާބަކުން އަރްހާންއަށް ހުއްޓެވުނީ އޭނާގެ ކޯތާފަތް ތެމުނު ކަހަލަ އިހުސާސެއް ކުރެވިފައެވެ. ކޮލުގައި އިނގިލިތައް ހިންގާލެވުނީ އޭނާއަށް ހީވި ހީވުން ޔަގީން ކުރުމަށެވެ. އެނގުމަކާވެސް ނުލާ ލޮލުން ހޫނު ކަރުނަ އޮހެނީއެވެ. އެތަނުގައި މަންޒަރު ބަލާކަށް އަރްހާނަކަށް ނުހުރެވުނެވެ. ސިކުނޑިއާއި ހިތުގައި ވަނި ބޮޑު ހައިޖާނުގަނޑެއް އުފެދިއެވެ. އަލުން ގޮސް ކާރަށް އަރާ އެތަނުން ދިއުމަށް ކާރު އަނބުރައިލިއެވެ. ޝިވަން އެނބުރި ބަލައިލީ ކާރު ސްޓާޓް ކޮށްލި އަޑަށެވެ. އަރްހާނަށް ގޮވައިލުމުގެ ކުރިން އޭނާ ކާރު އަނބުރާލައިފިއެވެ.

" އަހަރެންނަށް ފެންނަނީ އިޒްވާ ގޮވައިގެން ގެއަށް ދާން... މިތާ ހުރެގެން ހިތަށް އިތުރު ވޭނާ ތުރާ ތަކެއް ލިބޭނީ.. " ކައިލް ބުންޏެވެ.

" އަރްހާން ގޮއްސި ކާރުގައި.. މަޑުކުރޭ އަހަރެން އެހެން ކާރެއް އެބަ ގެންނަން... " ޝިވަން ފޯނު ހިފައިގެން ދުރަށް ޖެހިލިއެވެ.

" ޖަންނަ ދާންވީނު އިޒްވާ ގޮވައިގެން ގެއަށް.. އަހަރެންނާ ކައިލް މިތާ އިހަށް މަޑުކޮށްލާނީ.. " އެނބުރި އައިސް އެމީހުން ކައިރިއަށް ހުއްޓެމުން ޝިވަން ބުންޏެވެ.

********

ޖަނާންއާއި އިޒްވާ އެތެރެއަށް ވަންތަން ފެނި އެމީހުންގެ އިންތިޒާރުގައި ސޯފާގައި ތިބި ރައިހާނާއާއި ފާރިހާ އެދިމާލަށް ބަލައިލިއެވެ. ރައިހާނާގެ އުނގުގައި ބޯއަޅައިގެން ނިދިފައި އޮތް މަރިޔަމަށް އިޒްވާ ބަލައިލީ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ. ޖަނާން އިޒްވާގެ އަތުގައި ހިފައިގެން ގެންގޮސް ސޯފާގައި ބޭންދިއެވެ.

" އިޒީމެން ގޭގަ ސަލާމަތުން އެއްވެސް އެއްޗެއް ނެތް.. އެއްކޮށް އަނދާ ހުލިވެއްޖެ.." ޖަނާން ބުނެދިނެވެ. ރައިހާނާއާއި ފާރިހާ އިޒްވާއަށް ބަލައިލީ ހަމްދަރުދީގެ ބެލުމަކުންނެވެ.

" ކަންތައް ތިދިމާވީ ވަރަށް ވެސް ދެރަކޮށް.. އެކަމަކު އިޒްވާ ކަންބޮޑުނުވާތި.. މިއަދަށް ފަހު އިޒްވާ ދިރިއުޅޭނީ މިގޭގައި.. " ރައިހާނާ ބުންޏެވެ.

" ނޫން ދައްތާ! ކައިވެނީގެ ކުރިން މިގޭގަ ދިރިއުޅޭކަށް އަހަރެން ބޭނުމެއް ނޫން. އޭރުން މީހުން ފާޑުފަޑުގެ ވާހަކަ ދައްކާނެ.. " އިޒްވާ ދެކޮޅު ހެދިއެވެ.

" އެހެންވީމަ އިޒްވާ އަހަރެމެން ގެއަށް އަންނަންވީނު.. " ފާރިހާ އެދުނެވެ. އިޒްވާ ވަކި އެއްޗެއް ނުބުންޏެވެ. ވިސްނަމުން ދިޔައީ ޖެހިފައިވާ ދަތި ހާލުން އަރައިގަންނާނެ ގޮތަކާ މެދުގައެވެ.

" އިޒްވާ އަދި މާމަވެސް ހުންނާނީ މިގޭގައި.." އެއިވުނީ އަރްހާންގެ އަޑެވެ. އެއަޑަށް އެންމެން އެދިމާލަށް ބަލައިލިއެވެ.

" އެކަމަކު ދަރިފުޅާ އިޒްވާ ބުނިހެން ކައިވެނީގެ ކުރިން...... " ރައިހާނާ ބުނަން އުޅުނެވެ.

" މީހުން ދައްކާހާ ވާހަކައަކާ މެދު ވިސްނަން ވެއްޖިއްޔާ ސަލާމަތެއް ނޯންނާނެ.. އަހަރެން ބޭނުންވަނީ އިޒްވާވެސް އަދި މާމަވެސް މިގޭގަ ބަހައްޓަން... ޕްލީޒް.." އަރްހާން އެހެން ބުނެލީ އިޒްވާއަށް ބަލައިލަމުންނެވެ. އޭނާގެ ހުއްދައަކަށް އެދޭ ފަދައަކުންނެވެ. ކީއްވެ ކަމެއް ނޭނގުނެވެ. އަރްހާންގެ އެއެދުމަށް ފުރަގަސްދޭން އިޒްވާއަށް ނުކެރުނެވެ. އެހެންވެ ބޯޖަހާލައިފިއެވެ.

******

ފަތިސް ނަމާދުކޮށްލައިގެން އިޒްވާ ބަދިގެއަށް ދިޔައެވެ. މީހެއްގެ ގޭގައި ކުއްޔެއް ދިނުމެއް ނެތި ހިލޭ ކާލައިގެން ނިދާލައިގެން ހުންނާކަށް އޭނާ ބޭނުމެއް ނޫނެވެ. ރައިހާނާ ނިކުތްއިރު އިޒްވާ ހުރީ ރޮށި ފިހެފައެވެ. ހަމަ އެވަގުތު ބަދިގެއަށް އައިސްވަން ސާލިހާގެ މޫނުމަތިންވެސް ކަންބޮޑުވުން ފެންނަން ފެށިއެވެ. އިޒްވާ ލައްވާ އޭނާ މަސައްކަތް ކުރުވީކަމަށް ހީކޮށް ރައިހާނާ ރުޅި އައިސް ދާނެތީއެވެ.

" އިޒްވާ! މީ ކޮންކަމެއް؟ އަނެއްކާ އިޒްވާ ހީކުރީތަ އިޒްވާ މިގޭގެ ކަމެއް ނުކޮށް ހުންނަންޏާ އަހަރެމެން ރުޅި އަންނާނޭ.. " ރައިހާނާ އެހިއެވެ.

" ނޫން އެހެނެއްނޫން.. މިގޭ އުޅޭ މީހެއްގެ ހައިސިއްޔަތުން މިވަރުގެ ކަމެއް ކޮށްލެވިދާނެއްނު.. މަސައްކަތެއް ނުކޮށް ހުރުމަކީ އަހަރެންނަށް ވަރަށް އުނދަގޫ ކަމެއް.. " އިޒްވާ ބުންޏެވެ. ރައިހާނާއަށް ހެވުނެވެ. އިޒްވާއަކީ އޭނާގެ ޝިވަން އެންމެ ރަނގަޅު ހޮވުން ކަމުގައި ޔަގީނެވެ.

" މައްސަލައެއް ނެތް.. ސާލިހާ ހުންނާނެ އިޒްވާއަށް އެހީވާން.." ރައިހާނާ ހިނިތުންވެލަމުން ބުންޏެވެ.

" އަދި އެއް ވާހަކަ ދައްތާ! ކައިވެނީގެ ކުރިން މިގޭގަ ހުންނަ ކޮންމެ ދުވަހަކަށް ކުލި ދޭން އަހަރެން ބޭނުން. ޕްލީޒް މިކަމަށް އިންކާރު ނުކުރާތި.. އަހަރެންގެ ހިތްހަމަޖެހޭނީ އޭރުން.. " އިޒްވާ އެދުނެވެ. ރައިހާނާ ހިތްހަމަނުޖެހުނު ނަމަވެސް އިޒްވާގެ އެ އެދުމަށް އެއްބަސްވިއެވެ.

ހުރިހާ އެންމެން ސައިބޮއެ ނިމުމުން އިޒްވާ މަރިޔަމްއަށް ކާއެއްޗެހި ހިފައިގެން ކޮޓަރިއަށް ދިޔައެވެ. އެނދުގައި އޮތް މަރިޔަމް ނަގާ އެނދުގައި ބައިންދާލުމަށްފަހު ތަށި ހިފައިގެން އިޒްވާ ވެސް މަރިޔަމް ކައިރީގައި އިށީނެވެ. ރޮށިކޮޅެއް ލަވަން ދިމާކޮށްލުމާއެކު މަރިޔަމް މޫނު އަނބުރާލީ އަނެއް ފަރާތަށެވެ.

" ގެއަށް ދާން.... " މަރިޔަމް ރޮއެގެންފިއެވެ. އިޒްވާގެ ހިތަށް އަސަރު ކުރީ އިންތިހާއަށެވެ. ގެ މިހާރު ނެތް ކަމުގައި މަރިޔަމްއަށް ވިސްނައިދީ ދީ ވަރުބަލިވެއްޖެއެވެ.

" މާމާ ހެޔޮނުވާނެ ކާލަބަލަ! ގެ ހެދެން ދެންވެސް މިގޭގަ އުޅެންޖެހޭނީ.. " ގެ ހެދޭނެ ކަމުގެ އުއްމީދެއް ނެތަސް އިޒްވާ ބުންޏެވެ.

" ގެއަށް ދާން.. މަގޭ ކައިސަން ކައިރިއަށް ދާން.. " މަރިޔަމް ގޮތް ދޫ ނުކުރިއެވެ. އެންމެ ފަހުން މާޔޫސްވެފައިވާ ހާލު ތަށި ހިފައިގެން އިޒްވާ އެކޮޓަރިން ނިކުތެވެ. އެރުނީ ވާހަކަ ދައްކަމުން އައި އަރްހާންއާއި ރައިހާނާގެ ކުރިމައްޗަށެވެ. އިޒްވާގެ މޫނު ހުރިގޮތުންނާއި ކާއެއްޗެހި ތަށި ހުރި ގޮތަށް ހުރުމުން މަރިޔަމް ނުކެއީ ކަން އެދެމީހުންނަށް އެނގުނެވެ.

" މާމަ ނުކައި ހުއްޓާ ބަލިވެދާނެތީ އަހަރެން ބިރުގަނޭ... " ގޮތްހުސްވެފައިވާ މީހަކު ފަދައިން އިޒްވާ ބުނިއިރު އޭނާއަށް ރޮވިއްޖެއެވެ.

" ގެނޭ އަހަރެން އަތަށް.. " އިޒްވާގެ އަތުގައިވާ ތަށީގައި އަރްހާން ހިފައިފިއެވެ.

"ޓްރަސްޓް މީ... " އިޒްވާގެ ދެލޮލަށް ނަޒަރު ސީދާ ކޮށްލަމުން އަރްހާން ބުނިގޮތުން އިޒްވާއަށް ތަށިން ދޫކޮށްލެވިއްޖެއެވެ. ތަށި ހިފައިގެން އަރްހާން އެތެރެއަށް ވަނެވެ. މަންޒަރު ބަލަން ރައިހާނާއާއި އިޒްވާ ދޮރުމަތީގައި ތިއްބެވެ.

" މާމާ! ހިނގާ ކާން ދޯ...! " މަރިޔަމް ކައިރީގައި އިށީންނަމުން އަރްހާން ބުންޏެވެ. އެހިނދު މަރިޔަމް އަރްހާންގެ މޫނަށް ބަލާލައިފިއެވެ. އިޒްވާވެސް ދިޔައީ ސިހިގެންނެވެ. އަރްހާން އެހެން އެބުނީ ކައިސަންގެ އަބަދުގެވެސް ރާގުގައެވެ.

" ދަރިފުޅާ ކައިސަން... މާމަ ބޭނުން ގެއަށް ދާން... " މަރިޔަމް ރޯން ފަށައިފިއެވެ. އަރްހާންއަށް ކައިސަން އޭ ކިޔާ މުޚާތަބުކުރުމުން ރައިހާނާއާއި އިޒްވާ އެކަކު އަނެކަކަށް ބަލާލައިފިއެވެ.

" ގެއަށް ދާނަމޭ މާމާ.. މިއުޅެނީ ތަނަކަށް ޗުއްޓީއަކަށް އައިހެއްނު... މިއުޅެނީ ވަރަށް ދިގު ދަތުރެއްގައި އައިސް.. ގެއަށް ދާން ވާނީ މަޖާ ކޮށްލާފައެއްނު.. " އަރްހާން ބުންޏެވެ.

" އެހެންތަ؟ މާމައަށް ތަންތަން ދައްކާލަން ދާނަން ދޯ.. " މަރިޔަމް ބުނެފިއެވެ.

" ޔަގީނެއްނު.. އެކަމަކު އެއީ އެންމެ ގޮތެއްގެ މަތިން.. މާމަ ގަޑިން ގަޑިއަށް ކާން ވާނެ.. " އަރްހާން އެހެން ބުނުމުން މަރިޔަމް ބޯޖަހާލައިފިއެވެ. ރޮށި ކޮޅު ދިއްކޮށްލުމާއެކު މަރިޔަމް އޭތިކޮޅު ކާލުމަށްފަހު އަރްހާންގެ ބޮލުގައި ފިރުމައިލިއެވެ. އަރްހާން މަރިޔަމްއަށް ކާންދީ ނިމެންދެން އިޒްވާއާއި ރައިހާނާ ބަލަހައްޓައިގެން ތިއްބެވެ. އިޒްވާ ކައިސަން މަތިން ހަނދާންވަމުން ދިޔައީ އިންތިހާއަށެވެ. އަރްހާންގެ ކޮންމެ ހަރަކާތެއް ކައިސަން މަތިން ހަނދާންކޮށްދެނީ ކީއްވެ ހެއްޔޭ ހިތަށް އެރިއެވެ.

*******

އިޒްވާ ފެންވަރައިގެން ނިކުމެ ބޯ ހިއްކުމަށްފަހު ތުވާލި ހަރުގައި އަޅުވައިލިއެވެ. ބަލައިލެވުނީ ލައިގެން ހުރި ހެދުމަށެވެ. އިއްޔެއިން ފެށިގެން ހެދުން ބަދަލުނުކޮށް ހުރުމުން އޭނާ ހުރީ އުނދަގޫވެފައެވެ. ފޯނުން އެކައުންޓްގައި ހުރިވަރު ބަލައިލިއިރު އޮތީ އެންމެ ދުއިސައްތަ ރުފިޔާއެވެ. އެވަރުން އޭނާއާއި މަރިޔަމް ލާނެ ހެދުމެއް ނުގަނެވޭނެއެވެ. އެހީއަކަށް އެދޭނީވެސް ކާކު ކައިރިންތޯ ވިސްނާލެވުނެވެ. ފުރަތަމަވެސް ހިތަށް އެރީ ނަދީމާއެވެ. ނަމަވެސް ނަދީމާ ކައިރީ ބުނާނީ ކިހިނެއް ހެއްޔެވެ؟ ޙުދު ނަދީމާއަކީވެސް އެހާ ދަތި ހާލުގައި އުޅޭ މީހެކެވެ. ދެން ވިސްނުމަށް އައީ ޖަނާންގެ ނަމެވެ. ޖަނާން ކައިރީ ބުނެވިދާނެއެވެ. ބުނެފިނަމަ ކޮށްދޭނެ ކަން ވެސް ޔަގީނެވެ. އެހެން ހިތަށް އަރާ ޖަނާންގެ ނަމްބަރަށް ގުޅަން އުޅުނުތަނާހެން ކޮޓަރީގެ ދޮރުގައި ޓަކި ޖަހާ އަޑުއިވިއްޖެއެވެ. އިޒްވާ ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ އަރްހާންއެވެ. އަރްހާންގެ ދެލޯ އިޒްވާއަށް ހުއްޓުނު ހިނދު އިތުރު ހަރަކާތެއްވެސް ކޮށްލަން ނޭނގުނެވެ. ބުނަން އައި ވާހަކަވެސް ހަނދާން ނެތުނު ކަހަލައެވެ. އަރްހާންގެ އެބެލުމުން އުނދަގޫވެގެން އިޒްވާއަށް އިސްޖަހައިލެވުނެވެ. އަރްހާންވެސް މީހާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އިސްޖަހައިލިއެވެ.

" ކަމަކުތަ؟ " އިޒްވާ އެހިއެވެ.

" މިއައީ އިޒްވާ ގޮވައިގެން ތަނަކަށް ދާންވެގެން.. މީ.. ދޮންބެ... ދޮންބެ ބުނީ އިޒްވާ ގޮވައިގެން ގޮސް ހެދުން ކޮޅެއް ގަންނަން.. އޮފީހުގައި ވަރަށް ބިޒީކޮށް އުޅޭތީ ދޮންބެއަށް ނާދެވިގެން.. މަންމަވެސް ވީ އެން ޖީ އޯ ކަމެއްގައި ބޭރަށް ގޮސް.. " އަރްހާން ބުންޏެވެ. އިޒްވާ އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ތައްޔާރުވެގެން އެބަ ނިކުންނަން ކަމުގައި ބުންޏެވެ. މީހަކު ދިން ކޮންމެ އެހީތެރިކަމަކަށް މިއަދު އޭނާ އެވަނީ ބޭނުންޖެހިފައެވެ. ތައްޔާރުވެލައިގެން ނިކުތްއިރު އަރްހާން ދޮރުމަތީގައި ހިނގާލަ ހިނގާލާ ހުއްޓެވެ. އިޒްވާ ގޮސް އަރްހާން ކައިރިއަށް ހުއްޓުނު ވަގުތު އެތެރެއަށް ވަދެގެން އަންނަ އަންހެންކުއްޖާ ފެނި ހުއްޓުން އެރިއެވެ. އެއީ ދެވަނަ އެހެން ކުއްޖެއް ނޫނެވެ. ވީޑިއޯގައި ކައިސަންއާ އެކީ ފެނުނު އަންހެންކުއްޖާއެވެ. މައިރާއެވެ.


ނުނިމޭ... ވާހަކައިގެ އާބައެއް، އިންޝާﷲ، 11 ޖަނަވަރީ ވާ ބުދަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް