މީސްތަކުންގެ ހިތްތަކަށް ޙުކުމް ޖެހުން ﷲ ވަނީ ޙަރާމް ކުރައްވާފަ: އައްޝައިޚް އަޙްމަދު ސަމީރު

މީސްތަކުންގެ ހިތްތަކަށް ޙުކުމް ޖެހުން ﷲ ވަނީ ޙަރާމް ކުރައްވާފައިކަމަށާއި އެކަމަކީ ﷲ ގެ ޛާތު ފުޅަށް ޚާއްޞަ ކަމެއްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރ...

01 Sep 2017 | 05:55

މީސްތަކުންގެ ހިތްތަކަށް ޙުކުމް ޖެހުން ﷲ ވަނީ ޙަރާމް ކުރައްވާފައިކަމަށާއި އެކަމަކީ ﷲ ގެ ޛާތު ފުޅަށް ޚާއްޞަ ކަމެއްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯއިން ރޭ ލައިވްކޮށް ގެނެސްދިން 'އޮނަތިރީސް މިނެޓް' ޕްރޮގްރާމުގައި 'ސަލަފުއްޞާލިޙުންގެ މަންހަޖު'، މިމައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ޝައިޚް ސަމީރު ވިދާޅުވީ އިންސާނުންގެ އެތެރެފުށް ބަލައި، އެޔަށް ޙުކުމް ޖެހުމަކީ މިއަދު ބައެއް 'ދީނީ' ފޭރާމުގައި ތިބޭ ކުދިން ވަރަށް ފަސޭހަކަމާއެކީ ކުރަމުންދާ ކަމެއްކަމަށާއި އެކަން އެކުދިން ކުރަމުން އެދަނީ ސަލަފުއްޞާލިޙުންގެ މަންހަޖު ރަނގަޅަށް ފަހުމް ނުވާތީކަމަށެވެ.

"ﷲ ސުބްޙާނަހޫ ވަތަޢާލާ ޘަވާބު ކަނޑައަޅުއްވަނީ އިންސާނާގެ ބޭރު ފުށަކަށް ނޫން. ދަރުމައާއި ޘަވާބުގައި ﷲ ތަޢާލާ ބައްލަވަނީ އިންސާނާގެ އެތެރެފުށަށް. އިންސާނާގެ އެތެރެފުށް ދެނެވޮޑިގެންވާނީ ﷲ . ޘަވާބަކީ އެކަލާނގެ ޛާތުފުޅަށް ޚާއްޞަކަމެއް. އެއީ އަހަރެމެންނަށް އެނގޭ އެއްޗެއް ނޫން. އެއްވެސް މީހެއްގެ އެތެރޭގެ ބާޠިނީ ހާލަތަށް ބަލައިގެން ބޭރުފުށުން މީސްތަކުންނާއި މުޢާމަލާތް ކުރުން ހުއްދަވިނަމަ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްއަށް ހުއްދަވީސް" ޝައިޚް ވިދާޅުވިއެވެ.

މިއަދު ދިވެހި މުޖްތަމަޢުގައި 'ދީނީ' ފޭރާން ލައިގެން އިސްލާމްދީނުގެ އަސްލު މަފްހޫމްއާއި ޚިލާފަށް އެހެނިހެން މުސްލިމުންގެ މައްޗަށް ތަފާތު ނަންނަމުގަ ޙުކުމްތައް ޖަހައި، މުސްލިމުން ކާފަރުކޮށް، ބިދުޢަވެރިކުރަމުންދާ ދިއުމަށް އިސްލާމްދީނުގެ ބޮޑެތި ޢިލްމުވެރިން ދެއްވާފައިވާ ފަތުވާތަކުގެ އަލީގައި ޝައިޚް ވިދާޅުވީ މުސްލިމެއްގެ ދުލުން ތިމަންނައަކީ ސަލަފުއްޞާލިޙުންގެ ގޮތުގައި ހިފަހައްޓައިގެން ހުރި މީހެއްކަމާއި އަދި އެގޮތަށް ތިމަންނަ ލޯބި ކުރަމޭ، އެއީއޭ ތިމަންނަގެ ގޮތަކީ ބުނެ ދަޢުވާ ކުރަމުންދާހާ ހިނދަކު އެމުސްލިމް މީހާ އެ ދަޢުވާއިން ނެރުން އެހެން ބަޔަކަށް ހުއްދަ ނުވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް