މާބަނޑުވުމާއި ފްލޯކްވާހަކަތައް

މާބަނޑުވުމަކީ އެހާމެ އުފާވާ އަދި އެހާމެ ބިރުވެސް ގަންނަ ކަމެކެވެ. ލޯބި ލޯބި ދަރިފުޅަކު ލިބޭތީ އުފާވާއިރު ކުރެވޭކަމަކުން ނުވަތަ ކެވޭ އެއްޗަކުން އެ ތުއްތު ދަރިފުޅަށް އޭގެން ނޭދެވޭ އަސަރެއް ކޮށްފާނެތީ އެ...

11 Dec 2019 | 05:30

މާބަނޑުވުމަކީ އެހާމެ އުފާވާ އަދި އެހާމެ ބިރުވެސް ގަންނަ ކަމެކެވެ. ލޯބި ލޯބި ދަރިފުޅަކު ލިބޭތީ އުފާވާއިރު ކުރެވޭކަމަކުން ނުވަތަ ކެވޭ އެއްޗަކުން އެ ތުއްތު ދަރިފުޅަށް އޭގެން ނޭދެވޭ އަސަރެއް ކޮށްފާނެތީ އެހާމެ ހާސްވެއެވެ. މިހާސްކަން އިތުރުވަނީ މީހުން ދައްކާ ނުވަތަ އިވޭ ތޯތޯ ވާހަކަތަކުންނެވެ. ޚާއްސަކޮށް މުސްކުޅި ފުރައިގެ މީހުން ދައްކާ ބައެއް  ވާހަކަތަކުންނެވެ. މިގޮތުން އަޅުގަނޑަށް އިވިފައިވާ ބައެއް ވާހަކަތަކަށް ބަލައިލާނަމެވެ.

އަލަނާސިކާނަމަ ދަރިވެއްޓުން:

މިއި ދިވެހިންގެ ތެރޭގައި އެންމެ އާންމުކޮށް ދެކެވޭ އެއް ވާހަކައެވެ. މާބަނޑު މީހަކު އަލަނާސި ފަނި ބުއިމަކީ މުޅިން މަނާކަމެކެވެ. އަލަނާސި ކެއުމަކީ މުޅިން މަނާކަމެކެވެ. މިކަމުގެ ޙަޤީޤަތައް ބަލާލަމާ ހިނގާށެވެ. ބުނެވޭގޮތުގައި އަލަނާސީގައި ހިމެނޭ މައްދާއެއްކަމަށްވާ "ބްރޮމެލެއިން" އަކީ ރަހިމުގެ ދޮރުގެ މަސްތައް މަޑުކޮށް ވިހެއުމުގެ ރިހުން ދަށްކޮށްދޭ މާއްދާއެކެވެ. އަދި މިމާއްދާގެ ބޮޑުބައެއް ހިމެނެނީ އަލަނާސީގެ މެދުގައި ހުންނަ ބައިގައެވެ. އަލަނާސީގެ ކެއުމަށް ބޭނުންކުރާ ބައިގައި މިމާއްދާ ހިމެނެނީ ވަރަށް މަދުންނެވެ. އިންޓަރގްރޭޓިވް މެޑިސިން (ހަތަރުވަނަ އެޑިޝަން) 2018ގައި އެމްޑީ ޑ.ޖިލް މެލޯރީ ލިޔުއްވާފައިވަނީ" ނޯ ނޮވްން ރިސްކްސް އާ އެސޯސިއޭޓެޑް ވިތް ޕައިނެޕަލް ޔޫސް އިން ޕްރެގްނެންސީ". މާނައަކީ، މާބަނޑުއިރު އަލަނާސި ކެއުމުން ދިމާވާނެ ނުރައްކަލެއް އޮތްކަމަށް އަދި ފެނިފައެއްނުވެއެވެ. އަލަނާސިއަކީ ވިޓަމިން ސީ ލިއްބައިދޭ މޭވާއެކެވެ. ދުވާލަކު އެއް ޖޯޑު އަލަނާސިން މާބަނޑު މީހުންނަށް ބޭނުންވާ ވިޓަމިން ސީ ފުރިހަމައަށް ލިއްބައިދެއެވެ. އަދި މިނޫނަސް ބޮޑުކަމުދިޔުމަށް ފަސޭހަވުމާއި މާބަނޑު އިރު ބޭނުންވާ ފޮލިކްއެސިޑް ފަދަ މައްދާތައްވެސް ލިއްބައިދެއެވެ.

ކޭތަހިފާއިރު މަސައްކަތްނުކުރުން:

މިއީ ކޭތަހިފާއިރު އަލަފަތުން ތަޅައި ބަސްނާހާކުދިން ރަނގަޅުކުރުން ފަދަ ވާހަކައެކެއެވެ. މާބަނޑުމީހުން ކޭތަ ހިފާގަޑީގައި ވަޅީގައި އަތްނުލުމަށާއި، އަތްލައިފިނަމަ ކުއްޖާއަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް ބުނެ ވާހަކަތައް ދައްކައެވެ. އަދި ހަމަ އެހެންމެ، ފުޅިމަތިމަޖަހައި އެފަދަ ކަންކަންވެސް ނުކުރުމަށް ބުނެއެވެ. އަދި ބައެއް ރަށްރަށުގައި ދެކެވޭ ވާހަކަ ތަކުގެ ތެރޭގައި، ކޭތަ ހިފާފައި ހުރި ވަގުތު މިފަދަކަމެއްކޮށްފިނަމަ ދެން ޖެހޭނީ ކޭތަ ވީއްލަންދެން ރަން ފުނޑާށެވެ. އަދި މިފަދަ ވާހަކަ ދައްކާމީހުން ބާރު އަޅަނީ މާބަނޑުމީހުން ކޭތަނަމާދުގައި ބައިވެރި ނުވެވޭނެނަމަ ކޭތަ ހިފުމުން، ކޭތަ ވީއްލަންދެން ޤުރުއާން ކިޔެވުމަށެވެ. ބެލެވޭ ގޮތުގައި މިގޮތަށް ވާހަކަތައް ފަތުރާފައި އެހުންނަނީ ކޭތަ ނަމާދަށް ދިޔުމަކީ މާބަނޑު މީހުންނަށް ފަސޭހަކަމަކަށް ނުވެފައި، އެވަގުތުގައި ތަކުބީރުކިޔައި، ދުޢާކޮށް ހެދުމަށް އިސްލާމްދީނުގައި ބާރުއަޅާފައިވާތީ އެކަމަށް ބާރުއެޅުމުގެ ގޮތުންނެވެ. ކީރިތިރަސޫލާ  ﷴ ﷺ ޙަދީޘް ކުރެއްވިއެވެ. " އިރުކޭތަ ހިފުމާއި ހަނދުކޭތަ ހިފުމަކީ ﷲ ތަޢާލާގެ ހެކިތަކުގެ ތެރެއިންވާ ދެހެއްކެވެ. މީހަކު މަރުވުމަކުން އަދި މީހަކު އުފަންވުމަކުން އެ 2 ކޭތަ ނުހިފާހުއްޓެވެ. ތިޔަބައިމީހުނަށް ކޭތަ ހިފާފައި ހުއްޓާ ފެނިއްޖެނަމަ، ﷲއަށް ދުޢާ ދަންނަވާ، ތަކުބީރު ކިޔައި، އަދި ޞަދަޤާތްކޮށް އުޅޭށެވެ."

ބޯވަކައިފިނަމަ މަސްތުރަނުވުން:

ބޯވައިގެ ފައިތަކަކީ އެގައި ވަރަށް ތަތްކަން ގަދަ ބައިތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ދެކެވޭ ވާހަކައަކީ މާބަނޑު މީހުން ބޯވަ ކައިފިނަމަ ބޯވައިގެ ފައިތައް ހިއްޕާލާގޮތަށް މަސްވެސް އަންހެން މީހާގެ ބަނޑުގައި ހިއްޕާލާނޭ ވާހަކައެވެ. މީގެ ސަބަބުން މަސްތުރަނުވެ އޮޕަރޭޝަންކުރަން ޖެހިދާނެކަމުގެ ބިރުއޮވެއެވެ. އިހުޒަމާނުގައި އޮޕަރޭޝަންކުރުމަކީ ކޮންމެ މީހަކަށް ކުރެވެން އޮތްކަމެއް ނޫނެވެ. މަސްތުރަ ނުވެގެން ވަރަށް ގިނަ އަންހެނުން މިދުނިޔެއަށް އަލްވަދާޢު ކިޔައެވެ. ނަމަވެސް މާބަނޑުއިރު ބޯވަކެއުމާއި މެދު މިދެކެވޭ ވާހަކައަކީ ފުލޯކު ވާހަކައެކެވެ. މާބަނޑުމީހުން ބޯވަ އަދި އެނޫންވެސް މަހުގެ ބާވަތްތައް ކާންވާނީ ވަރަށް ރަނގަޅަށް ކައްކައިގެންނެވެ. މިބާވަތުގެ ތަކެތީގައި ހުންނަ ބެކްޓީރީއާއެއްކަމަށްވާ "ލިސްޓްރިއޯސިސް"ގެ ސަބަބުން ބައިގެން ދިޔުމަށް މަގުފަހިވާކަމަށް ހޯދުންތަކުން ދައްކައެވެ. މިބާވަތްތަކުގެ ކާނާ ކެއުމުގެ ކުރިން މި ބެކްޓީރީއާ ނައްތާލަން މަދުވެގެން °70 ސެލްސިއަސްގައި ކާނާ ކައްކަން ޖެހޭކަމަށް ވެއެވެ.

މިނޫންވެސް އެތައް އެތައް ވާހަކަތަކެއް މާބަނޑުވުމާއި ގުޅިގެން ދިވެހިންގެ ތެރޭގައި ދައްކައެވެ. އޭގެ ތެރެއިން ބައެއް ވާހަކަތަކަކީ ހަމަ ޙަޤީޤަތަށް ވުންވެސް އެކަށީގެން ވެއެވެ. އަޑެއްކިއްޔާ ރެނދެއްލާނޭ ބުނާހެން ކޮންމެ ވާހަކައެއްވެސް އުފެދޭނީ އެކަމާ ގުޅުން ހުރި ހާދިސާއެއް ދިމާވެގެންނެވެ. އަދި އެފަދަ ހާދިސާއެއް ދިމާވި މީހެއް އެނގޭ މީހުން އެފަދަ ވާހަކަތައް ޤަބޫލުކުރާނެވެސް މެއެވެ. މާބަނޑު އަންހެނާއަކީ ވަރަށް ނާޒުކު ހާލަތެއްގައި ހުންނަ މީހަކަށް ވުމުން އޭނާގެ ހުރިހާވެސް ވިސްނުމެއް ހުންނާނީ ކުޑަ ދަރިފުޅަށް ކިރިޔާވެސް ގެއްލުމެއް ނުވާނޭހެން ކަންކަންކުރުމެވެ. ވީމާ މިދަފަ ވާހަކަތައް ޙަޤީޤަތް ބަލާނުލާ ޤަބޫލުކުރެވޭ ފަހަރު އާދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް