ދިވެހި ދައުލަތް ދަރަނިވެރިވާ ގޮތަށް ނުވަތަ ގައުމުގެ ސިޔާދަތަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކާއި ކޮންޓްރެކްޓްތައް މުރާޖާ ކުރުމަށް ކޮމިޓީއެއް އެކުލަވާލައި، އެ މަސައްކަތްތައް ފަށާފައިވާ ކަމަށް އެޓަރނީ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.
އެޓަރނީ ޖެނެރލްގެ އޮފީހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ހާމަކޮށްފައިވަނީ މި ކޮމެޓީގައި ކަމާއިބެހޭ ވުޒާރާތައް ބައިވެރި ވަމުން އަންނަ ކަމަށާއި، އެއްބަސްވުންތައް މުރާޖާކޮށް އެ އެއްބަސްވުންތައް އެކުލަވާލުމުގައި ގާނޫނު ތަކާއި ގަވާއިދު ތަކުގައި ކަނޑައެޅިފައިވާ އިޖުރާއަތްތައް ފުރިހަމަ ކޮށްފައިވޭތޯ ބަލަމުން އަންނަ ކަމަށެވެ.
މިގޮތުން ގައުމުގެ ސިޔާދަތަށް ގެއްލުންވާ ގޮތަށް އެކުލަވާލައި، ސޮއި ކޮށްފައިވާ އެއްބަސްވުންތަކެއް ވާނަމަ އަލުން އެ އެއްބަސްވުންތައް ރީނެގޯޝިއޭޓް ކުރުމުގެ ފުރުސަތު އޮތް މިންވަރެއް ދެނެގަނެ، އެ ފުރުސަތު އޮތް އެއްބަސްވުންތައް އިސްލާހު ކުރާނެ ކަމަށް އެ ނޫސްބަޔާނުގައި ބުނެ އެވެ.
މި ކޮމެޓީން މިހާތަނަށް ކުރެވުނު މަސައްކަތުން މުރާޖާ ކުރަންޖެހޭ ކަމަށް މިހާތަނަށް ފާހަގަ ކުރެވިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި، ލޯނުގެ އެއްބަސްވުންތަކާއި، ސޮވްރިން ގެރެންޓީގެ އެއްބަސްވުންތަކާއި، ހައުސިން އަދި އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތަކާއި ގުޅޭ އެއްބަސްވުންތަކާއި، އާންމު ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ހިދުމަތްތަކާއި ގުޅޭ އެއްބަސްވުންތަކުގެ އިތުރުން ޓޫރިޒަމް ދާއިރާގެ އިންވެސްޓްމަންޓްތަކާއި ގުޅޭ އެގްރީމަންޓުތައް ހިމެނޭ ކަމަށެވެ.
މި އެއްބަސްވުންތައް ދިރާސާ ކުރުމަށް ކުރެވޭމި މަސައްކަތްތަކަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މީގެ އިތުރުން ވެސް އެ މުއްދަތުގެ ތެރޭގައި ސަރުކާރުން ހާސިލް ކުރަން ބޭނުންވާ ކަންކަމުގެ ތެރެއިން އެޓަރނީ ޖެނަރަލްގެ އޮފީހުން ކުރަންޖެހޭ ގިނަ ކަންކަން މިހާރު ފެށިފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް