ޔާމީން އަޅުގަނޑު އަތުން ނެގި 17 މިލިޔަން ރުފިޔާ ދެއްވާ، ނޫނީ ދާނީ ފުލުހަށް: ޖާބިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އަތުން 17 މިލިޔަން ރުފިޔާ ނަގާފައިވާ ކަމަށާއި އެ ފައިސާ ނުދީފި ނަމަ ފުލުސް އޮފީހަށް މައްސަލަ ހުށަހަޅާނެ ކަމުގައި ޖާބިރު ވި...

11 Dec 2018 | 04:38

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އަތުން 17 މިލިޔަން ރުފިޔާ ނަގާފައިވާ ކަމަށާއި އެ ފައިސާ ނުދީފި ނަމަ ފުލުސް އޮފީހަށް މައްސަލަ ހުށަހަޅާނެ ކަމުގައި ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޖާބިރު ވިދާޅުވެފައިވަނީ ޖާބިރުގެ އަތުން ނަގާފައިވާ 17 މިލިޔަން ރުފިޔާ އަނބުރާ ދެއްވުމަށް ޔާމީނަށް ދަންނަވާ ކަމަށާއި ދެންނެވުމުންވެސް  އެ ފައިސާ ނުދެއްވާތީ މަކަރާ ހީލަތުގެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާނެކަމުގެ ވާހަކަ ދަންނަވާކަމަށެވެ.

މި ކަމާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދާލުމަށް ޖާބިރަށް ގުޅާލުމުން އޭނާ ވިދާޅުވީ އެ 17 މިލިޔަން ރުފިޔާ އަކީ 2013ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޔާމީން ނެންގެވި 17 މިލިޔަން ރުފިޔާ ކަމަށެވެ.

"އެ ފައިސާ ދިންއިރު އަޅުގަނޑަކަށް ނޭނގޭ އެއީ އެހާ ނުބައި ނުލަފާ ބޭފުޅެއް ކަމެއް" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ މި ހިނގާ ސަރުކާރަކީވެސް އޭނާގެ އެހީތެރިކަމާއެކު ގެނެސްފައިވާ ސަރުކާރެއްކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށާއި ނަމަވެސް ރައީސް ޞާލިޙަށާއި އެމްޑީޕީއަށް ކުރާ ހަރަދުތަކަކީ ޖާބިރުވެސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ކަމުގައިވާތީ ޕާޓީ ކުރިއެރުވުމަށް ކުރާ ހަރަދުތައް ކަމުގައި ޖާބިރު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހް ކުރައްވަމުން އެ ގެންދަވަނީ ގައުމީ މަސައްކަތެއް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އަބްދުވެސް އެއްބާރުލުން ދެއްވަމުން ގެންދަވާނެކަމުގައިވެސް ވިދާޅުވިއެވެ.

"ނަމަވެސް ރައީސް މައުމޫނާއި ރައީސް ޔާމީން އަޅުގަނޑު އަތުން ނަގާފައިވާ ފައިސާ މިހާރުން މިހާރަށް ދިނުމަށް ގޮވާލަން، އަދި ރައީސް ޔާމީން މިހާރުން މިހާރަށް ހައްޔަރު ކުރުމަށް ސީޕީ ހަމްދޫނަށްވެސް އަޅުގަނޑު ގޮވާލަން" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ ޔާމީން އަކީ ޖާބިރުގެ ޒިންދަގީ ދުއްވާލި ބޭފުޅެއް ކަމަށާއި ކުރީގެ ރައްޓެއްސެއް ނަމަވެސް މިހާރު ޔާމީނަށް ކުރާ މެސެޖުތަކަށް ޖަވާބުވެސް ނުދެއްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް