ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުގެ ގުރު މިއަދު ނެގިއިރު، ސްޕެއިންގެ ތިން ކްލަބަށް ވަރުގަދަ ޓީމުތަކާ ލައްވާލައިފިއެވެ.
ޗެމްޕިއަންސް ލީގު އެންމެ ފަހުން ދެ އަހަރުވެސް ކާމިޔާބު ކޮށްފައިވާ ރެއަލް މެޑްރިޑަށް ގަދަ 16 ގެ ބުރުގައި ނުކުންނަން ޖެހޭނީ ފްރާންސްގެ އެންމެ ވަރުގަދަ ކްލަބް ޕީއެސްޖީ އާ ދެކޮޅަށެވެ. ފާއިތުވި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވަނިކޮށް ބާސެލޯނާ އަތުން ހިތްދަތިގޮތަކަށް ދެ ވަނަ ލެގުގައި ބަލިވެ، މުބާރާތުން ކެޓި ޕީއެސްޖީ ވަނީ މި ސީޒަނަށް ވަރަށް ބޮޑަށް ޓީމު ވަރުގަދަ ކޮށްފައެވެ. އެ ޓީމުން 222 މިލިއަނުގެ ރެކޯޑް އަގަކަށް ބާސެލޯނާއަށް ކުޅުނު ނޭމާ ގެނައިއިރު، ލޯނު އެއްބަސްވުމެއްގެ ދަށުން ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ކިލިއަން އެމްބާޕޭވެސް ޕީއެސްޖީން ވަނީ ހޯދާފައެވެ. އަނެއްކޮޅުން ޖެހިޖެހިގެން 3 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އުންމީދުގައި އޮތް ރެއަލް މެޑްރިޑަށް މި ސީޒަންގައި އެންމެ އެދެވޭ ނަތީޖާތަކެއް ނުނެރެވޭއިރު މިއީ ކުރިމަތިވާނެ ބޮޑު އިމްތިހާނެކެވެ.
ސްޕެއިން އަނެއް ގަދަބާރު ކަމަށްވާ ބާސެލޯނާއަށްވެސް ލައްވާލީ ވަރުގަދަ ޓީމެކެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީއާ ދެކޮޅަށް އެ ޓީމުން ނުކުންނަން ޖެހޭއިރު އޮތް އެންމެ ބޮޑު ބޮލު ރިހުމަކީ ޗެލްސީއާ ދެކޮޅަށް ބާސާގެ ތަރި މެސީގެ ރެކޯޑް ރަނގަޅު ނުވުމެވެ. ޗެލްސީއާ ދެކޮޅަށް މީގެ ކުރިން ކުޅުނު 8 މެޗުން އެންމެ ލަނޑެއްވެސް މެސީއަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައެވެ. އެފަހަރު އެގްރިގޭޓުން ކުރި ހޯދީ އެ އަހަރުގެ ޗެމްޕިއަންކަން ހޯދި ޗެލްސީއެވެ.
ސްޕެއިންގެ އަނެއް ކްލަބް ކަމަށްވާ ސެވިއްޔާއަށްވެސް ލައްވާލީ އިނގިރޭސިންގެ ގަދަބާރެއް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑެވެ.
ގަދަ 16 ޓީމުގެ ބުރުގެ އެހެން މެޗުތަކަށް ބަލާއިރު، ޗެމްޕިއަންސް ލީގުގައި އެންމެ ކާމިޔާބު އިނގިރޭސި ކްލަބް ކަމަށްވާ ލިވަޕޫލަށް ކުޅެން ޖެހޭނީ ޕޯޗުގަލްގެ ޕޯޓޯއާ ދެކޮޅަށެވެ. ދެން އޮތް އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ކްލަބުގެ ތެރެއިން ޓޮޓެންހަމްއަށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ލައްވާލިއިރު، މެންޗެސްޓާ ސިޓީއަށް ޖެހުނީ ނިސްބަތުން ފަސޭހަ ޓީމަކާއެވެ. އެ ޓީމު ނުކުންނާނީ ސްވިޒަލޭންޑްގެ ބަސެލް އާ ދެކޮޅަށެވެ.
ގަދަ 16 އަށް ދަތުރުކުރި ޖަރުމަނުގެ ހަމައެކަނި ކްލަބް ކަމަށްވާ ބަޔާން މިއުނިކަށް ތުރުކީގެ ބެސިކްޓަސް ލައްވާލިއިރު، އިޓަލީގެ ރޯމާ ނުކުންނަން ޖެހޭނީ ޔޫކްރެއިންގެ ޝަހްތަރު ޑޮކެސްކް އާ ދެކޮޅަށެވެ.
ރައުންޑް އޮފް 16 ގެ މެޗްތައް ކުރިއަށް ދާނެގޮތް:
ނޯޓް: ފުރަތަމަ ނަން ލިޔެފައިވާ (ކަނާއަތުން ވާއަތަށް ބަލާއިރު) ޓީމަކީ ހޯމް ޓީމެވެ.
# ފުރަތަމަ ލެގު: 13 ފެބްރުއަރީ 2018
ޔުވެންޓަސް – ޓޮޓެންހަމް
ބަސެލް – މެންޗެސްޓާ ސިޓީ
# ފުރަތަމަ ލެގު: 14 ފެބްރުއަރީ 2018
ޕޯޓޯ – ލިވަޕޫލް
ރެއަލް މެޑްރިޑް – ޕީއެސްޖީ
# ފުރަތަމަ ލެގު: 20 ފެބްރުއަރީ 2018
ޗެލްސީ – ބާސެލޯނާ
ބަޔާން މިއުނިކް – ބެސިކްޓަސް
# ފުރަތަމަ ލެގު: 21 ފެބްރުއަރީ 2018
ސެވިއްޔާ – މެންޗެސްޓާ ޔުނައިޓެޑް
ޝަހްތަރު ޑޮނެސްކް – ރޯމާ
# ދެވަނަ ލެގު: 6 މާރިޗު 2018
ލިވަޕޫލް – ޕޯޓޯ
ޕީއެސްޖީ – ރެއަލް މެޑްރިޑް
# ދެވަނަ ލެގު: 7 މާރިޗު 2018
ޓޮޓެންހަމް – ޔުވެންޓަސް
މެންޗެސްޓާ ސިޓީ – ބަސެލް
# ދެވަނަ ލެގު: 13 މާރިޗު 2018
މެންޗެސްޓާ ޔުނައިޓެޑް – ސެވިއްޔާ
ރޯމާ – ޝަހްތަރު ޑޮނެސްކް
# ދެވަނަ ލެގު: 14 މާރިޗު 2018
ބެސިކްޓަސް – ބަޔާން މިއުނިކް
ބާސެލޯނާ – ޗެލްސީ
*މެޗްތައް ކުޅޭނެ ގަޑިތައް ޔޫއެފާއިން އަދި އިޢުލާނު ކޮށްފައެއް ނުވޭ!
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް