މިލަންދޫ ކައުންސިލްގެ ކުރީގެ ބޮޑުކަތީބެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ފޮނުވައިފި

ށ.މިލަންދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަމަށްބުނާ މައްސަލަ ތަޙްޤީޤްކުރުމ...

11 Dec 2017 | 09:15

ށ.މިލަންދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަމަށްބުނާ މައްސަލަ ތަޙްޤީޤްކުރުމަށްފަހު، އެ މަސައްކަތަށް ހުށަހަޅާފައިވާ ބިޑުތައް އިވެލުއޭޓްކުރި މެމްބަރުން އަދި ށ.މިލަންދޫ އޮފީހުގެ އޭރުގެ ބޮޑުކަތީބު ގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފިއެވެ.

އޭސީސީން ބުނެފައިވަނީ މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ހދ.ކުޅުދުއްފުށީ އޮފީސް ފިޔަވައި ހދ.އަތޮޅުގެ ރަށު އޮފީސްތަކާއި، ހއ.އަތޮޅާއި، ށ.އަތޮޅު އޮފީހާއި، ރަށު އޮފީސްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމަށް މިލަދުންމަޑުލު އުތުރުބުރީ އަތޮޅު އޮފީހުން ރަށު އޮފީސްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެންމެ ފަހުން ކުރި އިޢުލާނާ ގުޅިގެން ށ.މިލަންދޫ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް 14 ފަރާތަކުން މަޢުލޫމާތު ސާފުކޮށް 08 ފަރާތުން ހުށަހެޅި ބިޑްތައް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކޮށްފައިވީ ނަމަވެސް، އިވެލުއޭޓްކުރުމުގައި އަގަށާއި، ކަމަށް އެކަށޭނަ މިންވަރާއި، ހުށަހަޅާފައިވާ ބިޑްގެ ފުރިހަމަކަމަށް މާކުސް ދިނުމުގައި ބަލާފައިވަނީ ކޮން އުޞޫލަކަށްކަން އެނގޭކަށް ނެތް ކަމަށެވެ. މިގޮތުން، އަގަށް މާކުސް ދިނުމުގައި ޢާންމު އުޞޫލާ ޚިލާފަށް އިވެލުއޭޝަން ކޮމިޓީގެ މެންބަރުން ހިތުހުރި ވަރަކަށް މާކުސް ދީފައިވާކަން ފާހަގަކުރެވޭ ކަމުގައި ބުނެފައި ވެ އެވެ.

އޭސީސީން އިތުރަށް ބުނެފައިވަނީ ށ.މިލަންދޫ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމަށް ހުށަހެޅި ބިޑްތައް އިވެލުއޭޓް ކުރުމުގައި ބައިވެރިވި އިވެލުއޭޝަން ކޮމިޓީގެ މެންބަރުން އަދި ށ.މިލަންދޫ އޮފީހުގެ އޭރުގެ ބޮޑުކަތީބު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިންކަމަށް ބެލެވޭވަރަށް ހެކި ލިބިފައިވާތީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނު) ގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން އިސްވެ ބަޔާންކުރެވުނު ފަރާތްތަކުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށްޓަކައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރެލްގެ އޮފީހަށްވަނީ ފޮނުވާފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް