މަޝްހޫރު މެންޗެސްޓާ ޑާބީ މެޗުން މޮޅު މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގު ތާވަލުގެ އެއް ވަނައިގައި 11 ޕޮއިންޓްގެ ބޮޑު ލީޑެއް ނަގައިފިއެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-1 ގެ ނަތީޖާއިންނެވެ.
ކުރިންވެސް ބެލެވުނު ފަދައިން މެޗު ފެށުނު އިރުއްސުރެ ސިޓީން ދިޔައީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުރިއަށް ޖެހި ކުޅެމުންނެވެ. ނަމަވެސް މާ އެދެވޭ ނުރައްކާތެރި ހަމަލާތަކެއް އުފެއްދޭގޮތް ނުވިއިރު، ކައުންޓާ އެޓޭކްގައި ޔުނައިޓެޑުންވެސް ސިޓީއަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރިއެވެ.
ސިޓީއަށް ފުރަތަމަ ފަހަރު ލީޑު ނަގައިދިނީ އެ ޓީމުގެ ސްޕެނިޝް މިޑްފީލްޑަރ ޑޭވިޑް ސިލްވާ އެވެ. 43 ވަނަ މިނިޓުގައި ސާނޭ ނަގައިދިން ކޯނަރ ކްލިއަރ ކޮށްލަން ލޫކާކޫ ޖައްސާލި ނަމަވެސް އެ ބޯޅަ ލިބުނީ ގޯލު ކުރިމަތީގައި ހުރި ސިވްލާ އަށެވެ. އޭނާ ވަނީ ޔުނައިޑެޓްގެ ކީޕަރ ޑެ ހެއާ އަށް ފުރުސަތެއް ނުދީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
ސިޓީން ލީޑު ނެގިތާ މާކަ ގިނައިރުތަކެއް ނުވެ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޔުނައިޓެޑުން ލަނޑެއް ޖަހައި އެއްވަރު ކުރިއެވެ. މިއީ ސިޓީގެ އޭރިޔާގެ ތެރެއަށް ހުރަސްވި ބޯޅައެއް ފުލްބެކަށް ކުޅޭ ޑެލްފްއަށް ސާފުކޮށް ނުލެވުމުގެ ފައިދާ ނަގައި ޒުވާން ކުޅުންތެރިޔާ ރަޝްފޯޑް ކާމިޔާބުކޮށްދިން ލަނޑެކެވެ.
ސިޓީއިން ދެ ވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 54 ވަނަ މިނިޓުގައެވެ. މިފަހަރުވެސް ސިޓީން އޭރިއާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ލޫކާކޫއަށް ރަނގަޅަށް ސާފުކޮށް ނުލެވުނު އިރު، އޭނާ ޖެހި ބޯޅަ ޔުނައިޓެޑްގެ ޑިފެންޑަރ ސްމޯލިންގެ ގައިގާ ޖެހިފައި ލިބުނީ ނިކޮލަސް އޮޓަމެންޑީ އަށެވެ. އޭނާ ވަނީ އެއް ފަހަރު ބޯޅަ ގޯލަށް ފޮނުވާލާފައެވެ.
މި މޮޅާއެކު ޖެހިޖެހިގެން 14 މޮޅު ހަމަކޮށް، ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި ޖެހިޖެހިގެން އެންމެ ގިނަ މޮޅު ހޯދުމުގެ ރެކޯޑެއް ސިޓީން ގާއިމް ކުރިއިރު، މި ސީޒަނުގައި އަމިއްލަ ދަނޑުގައި ބަލިނުވެ އޮތް އޮތުން ޔުނައިޑެޓަށް ވަނީ ނިމުމަކަށް އަހިސްފައެވެ.
މެންޗެސްޓާ ޑާބީ މެޗަށް ފަހު ޓަނަލްގެ ތެރޭގައި ދެ ޓީމުގެ ކުޅުންތެރިންނާއި ސްޓާފުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މި ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ ޕޯސްޓް-މެޗް ޕްރެސް ކޮންފަރެންސަށް ދާންދިޔަ މޮރީނިއޯ ސިޓީގެ ޑްރެސިން ރޫމަށް ވަނުމުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މެޗަށް ފަހު މޮރީނިއޯ ވަނީ ލީގު ހޯދުމުގެ ރޭސް ގާތްގަނޑަކަށް ނިމިއްޖެކަމަށް އެއްބަސް ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް