ވިލުފުށީގައި ފުލުހުން ކުރިއަށްގެންދިޔަ "ލާމަސީލު ޒުވާނާ" ކޭމްޕު ނިންމާލައިފި

"ލަމަސީލު ޒުވާނާ" ގެ ނަމުގައި ތ.ވިލުފުށީގައި ފުލުހުން ކުރިއަށް ގެންދިޔަ ކޭމްޕް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ. މި ޑިސެމްބަރ މަހުގެ 7 ވަނަ ދުވަހު ތ.ވިލުފުށި ސްކޫލް ހޯލްގައި ބޭއްވި ރަސް...

11 Dec 2017 | 06:18

"ލަމަސީލު ޒުވާނާ" ގެ ނަމުގައި ތ.ވިލުފުށީގައި ފުލުހުން ކުރިއަށް ގެންދިޔަ ކޭމްޕް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

މި ޑިސެމްބަރ މަހުގެ 7 ވަނަ ދުވަހު ތ.ވިލުފުށި ސްކޫލް ހޯލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

މިރަސްމިއްޔާތުގައި ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ދެއްކެވި ވާހަކަފުޅުގައި ޒުވާނުންނަށް އަމާޒްކޮށްގެން މިފަދަ ކޭމްޕްތައް ކުރިއަށް ގެންދިޔުމަކީ މުހިންމުކަމެއް ކަމެކެއެވެ. އަދި ޒުވާނުން ޒިންމާދާރު ބަޔަކަށް ހަދައި ޤާބިލްބަޔަކަށް ހެދުމަށްޓަކައި ކެނޑިނޭޅި ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާތީ އުފާކުރާކަމަށްށެވެ.

މިރަސްމިއްޔާތުގައި ކޭމްޕްގެ ބައިވެރިންގެ އިތުރުން މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވި ފުލުހުންނަށާއި މި ކޭމްޕަށް އެހީތެރިވެދީފައިވާ ފަރާތްތަކަށްވެސް ވަނީ ހަނދާނީ ލިޔުން ދީފައެވެ.

މި ރަސްމިއްޔާތުގައި ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި ތ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަދުނާން އަލީ އާއި ލ.އަތޮޅުގެ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ސުލްޠާން އަޙްމަދު ބިޝާރު އާއި ތ.އަތޮޅު ކައުންސިލްގެ އިސްވެރިންނާއި ތ. އަތޮޅުގެ ރަށްރަށުގެ ކައުންސިލަރުންގެ އިތުރުން ފުލުހުންގެ ބައެއް ސީނިއަރ އޮފިސަރުންނާއި ބްލޫސް ފޮރ ޔޫތް ކޭމްޕްގެ ބައިވެރިންނާއި އެ ބައިވެރިންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

ޒުވާނުންނަށް އަމާޒްކޮށްގެން ހުސްވި ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ތ.ވިލުފުށީގައި ކުރިއަށް ގެންދިޔަ މި ކޭމްޕްގައި އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާއި، ފުރަތަމަ އެހީ އާއި އަލިފާނުގެ ހަދިސާތަކުގައި ޢަމަލުކުރަންވީ ގޮތްތަކާއި ޑޮމެސްޓިކް ހައުސް ވަޔަރިންގ އާއި ދިރިއުޅުމުގެ ރިވެތި އާދަތަކާއި ލީޑަރޝިޕްގެ ބައިތައް އުނގަންނައިދީފައިވެއެވެ. މީގެއިތުރުންވެސް ނަފްސަށްކުރާ އިތުބާރު ބޮޑުކުރުމަށްޓަކައި ތަފާތު ޕްރޮގްރާމްތަކާއި ދީނީ ކަންތައްތަކަށް ހޭލުންތެރިކުރުމަށް ދަރުސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި ކޭމްޕްގައި 49 ޒުވާނަކު ބައިވެރިވެފައިވާއިރު މީގެ ތެރޭގައި 23 އަންހެން ބައިވެރިންނާއި 26 ފިރިހެން ބައިވެރިންވެ ކާމިޔާބުކަމާއިއެކު ކޭމްޕް ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް