ގެވެށި ފަރުވާ: ކިޑްނީ ސިސްޓާއި ބެހޭގޮތުން އެނގުން މުހިންމު މައުލޫމާތު

ޔޫރޯލޮޖިސްޓެއް ކަމުގައިވާ ޑރ. ޓާން ޔައު މިން، ވެބް އެމްޑީގައި ލިޔެފައި ވެ އެވެ. "ކިޑްނީގައި އުފެދޭ ސިސްޓްތަކަށް ގިނަ ފަހަރު ފަރުވާ ދޭކަށް ނުޖެހެ އެވެ. އެހެންނަމަވެސް ގޯސްވާނަމަ ޑޮކްޓަރެއްގެ އެހީ ހޯދަނ...

11 Dec 2017 | 01:09

ޔޫރޯލޮޖިސްޓެއް ކަމުގައިވާ ޑރ. ޓާން ޔައު މިން، ވެބް އެމްޑީގައި ލިޔެފައި ވެ އެވެ.

"ކިޑްނީގައި އުފެދޭ ސިސްޓްތަކަށް ގިނަ ފަހަރު ފަރުވާ ދޭކަށް ނުޖެހެ އެވެ. އެހެންނަމަވެސް ގޯސްވާނަމަ ޑޮކްޓަރެއްގެ އެހީ ހޯދަން ވާނެ އެވެ"

ކިޑްނީ ސިސްޓަކީ ކޮބާ !؟

މިއީ ކިޑްނީގެ ތެރޭގައި އުފެދޭ ބަބުޅިއަކަށް ނުވަތަ ބަބުޅި ތަކަކަށް ކިޔާ ނަމެކެވެ. ވައި ބަބުޅި ތަކެއް ނޫނެވެ. އެތެރޭގައި ދިޔަ އެއް އެކުލެވޭ ބަބުޅި ތަކެކެވެ. ގިނަ ފަހަރަށް ކިޑްނީ ސިސްޓް އުފެދެނީ ކިޑްނީގެ ބޭރު ދާފަރާ ކައިރިންނެވެ. އަދި ކިޑްނީގެ ތެރޭންވެސް ސިސްޓް އުފެދެ އެވެ.

ސިސްޓެއް އުފެދުނަސް ގިނަފަހަރަށް އެކަމުގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. ސިސްޓް ގިނަ ފަހަރަށް ފެންނަނީ ހެލްތު ޗެކަޕެއް ހަދާލުމުންނެވެ. ނުވަތަ އެހެން ކަމަކަށް އަލްޓްރާ ސައުންޑް ޗެކަޕެއް ހަދާލުމުންނެވެ.

ސިސްޓްގެ ސަބަބުން އެއްވެސް އުނދަގުލެއް ނުވާނަމަ ފަރުވާއެއް ކުރަން ނުޖެހިދާނެ އެވެ. ނަމަވެސް ސިސްޓެއް ހުރިކަން ފާހަގަ ކުރެވިއްޖެ ނަމަ ދޭތެރެ ދޭތެރެއިން ޑޮކްޓަރަށް ދައްކާލުން ބުއްދިވެރިއެވެ.

ޑރ ޓާން ޔައު މިން، ހާމަކުރާގޮތުންނަމަ ސިސްޓަކަށް ފަރުވާ ދޭޏް ޖެހެނީ ތިރީގައިވާ ހާލަތްތަކުގައި އެވެ.

  1. ސިސްޓްގެ ސައިޒަށް ބަދަލު އަންނަ ނަމަ
  2. ހިރުވާ ނަމަ ނުވަތަ ތަދު ވާނަމަ
  3. ލޭ އަންނަ ނަމަ
  4. އިންފެކްޓްވެ އޭގެ ސަބަބުން ހުން އަންނަގޮތް މެދުވެރިވާނަމަ ނުވަތަ ހީކަރުވާ ތުރުތުރު އަޅާގޮތް ވާނަމަ
  5. ކިޑްނީ މަސައްކަތްކުރާ ގޮތަށް ބަދަލު އަންނަ ނަމަ،

މިއެވެ.

ސިސްޓްގެ ސަބަބުން ކެންސަރު ޖެހިދާނެތަ ؟

މި ކަމަށް ބޮސްނިއާކް ކްލެފިކޭޝަން ސްކޯ ނަމަކަށް ކިޔާ ރޭންކެއް ދެވިފައި ވެ އެވެ. މި ރޭންކަކީ ނިއުޔޯކް ޔުނިވާސިޓީގެ މަޝްހޫރު ރޭޑިއޯލޮޖިސްޓް މޯޓޮން ބޮސްނިއާކް އުފައްދާފައިވާ މިންގަނޑުތަކަކަށް ނިސްބަތްކޮށް ދެވޭ ރޭންކު ތަކެކެވެ.

އެގޮތުން

ސިސްޓްގެ ލެވެލް އަކީ ބޮސްނިއާކް ލެވެލްގެ އެކެއް ނަމަ : ކެންސަރު ޖެހުމުގެ އޮތީ އެންމެ އިންސައްތައެކެވެ. މި ހާލަތުގައި ފޮލޯއަޕް ހަދަން ނުޖެހޭ ކަމަށް ބުނެފައި ވެ އެވެ.

ސިސްޓްގެ ލެވެލް އަކީ ބޮސްނިއާކް ލެވެލްގެ ދޭއް ނަމަ: ކެންސަރު ޖެހުމުގެ އޮތީ އެންމެ ފަސް އިންސައްތައެވެ. މި ހާލަތުގައިވެސް ފޮލޯއަޕް ހަދަން ނުޖެހޭ ކަމަށް ބުނެފައި ވެ އެވެ.

ސިސްޓްގެ ލެވެލް އަކީ ބޮސްނިއާކް ލެވެލް 2F  ނަމަ: ކެންސަރު ޖެހުމުގެ 50 އިންސައްތަ ފުރުސަތު އޮވެ އެވެ. މި ހާލަތުގައި ފޮލޯއަޕް ހަދަން ޖެހެ އެވެ.

ސިސްޓްގެ ލެވެލް އަކީ ބޮސްނިއާކް ލެވެލް ތިނެއް ނަމަ: ކެންސަރު ޖެހުމުގެ 50 އިންސައްތަ ފުރުސަތު އޮވެ، ސިސްޓް ނެގުމަށް ސާޖަރީ ހަދަން ޖެހެ އެވެ.

ސިސްޓްގެ ލެވެލް އަކީ ބޮސްނިއާކް ލެވެލްގެ ހަތަރެއް ނަމަ: ކެންސަރު ޖެހުމުގެ 80 އިންސައްތަ ފުރުސަތު އޮވެ އެވެ. އަދި ސާޖަރީއެއް ކޮށް ސިސްޓް ނަގަން ޖެހެ އެވެ.

މި ލެވެލްތައް ކަނޑައެޅުމުގައި އަލްޓްރާ ސައުންޑް ސްކޭން ބޭނުން ކުރެ އެވެ.

ސާޖަރީއެއް ކޮށް ސިސްޓެއް ނަގަން ޖެހިއްޖެ ނަމަ ދެންވާނީ ކިހިނެއް ؟

ޑޮކްޓަރުން ރެކޮމެންޑް ކުރާގޮތުގައި ސިސްޓެއް ނަގަން ޖެހެނީ ބޮސްނިއާކް ލެވެލް ތިނެއް ނޫނީ ހަތަރެއްގަ އެވެ. އަދި ގިނަ ޑޮކްޓަރުން ރެކޮމެންޑް ކުރާ ގޮތުގައި ސިސްޓަކީ 4 ސެންޓިމީޓަރަށްވުރެ ކުޑަ ސިސްޓެއް ނަމަ ކުރަނީ ޕާޝިއަލް ސާޖަރީ އެކެވެ. އެގޮތަށް އެކަން ކުރަނީ ކިޑްނީގެ މަސައްކަތް ސްޓެބަލައިޒް ކުރުމަށާއި މުސްތަގްބަލުގައި ދިމާވެދާނެ ހާލަތްތަކަކުން ރައްކާތެރި ކުރުމަށެވެ.

އަދި އެ ސިސްޓަކީ ކެންސަރަށް ބަދަލުވެފައިވާ ސިސްޓެއް ނަމަ އަދި އެ ސިސްޓެއްގެ ސަބަބުން އިންތިހާއަށް ތަދުވާނަމަ ސާޖަރީގެ ޕްރޮސީޖާއަށް ބަދަލު ގެނެތެވެ. އަދި ސިސްޓްގެ ސަބަބުން ކިޑްނީ ފެއިލްވެދާނެ ކަމަށް ބެލެވޭ ބައެއް ހާލަތްތަކުގައި ކިޑްނީ ނަގަން ޖެހޭ ހާލަތަށްވެސް ދާ ކަމަށް ބުނެފައި ވެ އެވެ.

ގިނަ ސިސްޓްތަކެއް ކިޑްނީގައި އުފެދިފައިވާނަމަ ވާނީ ކިހިނެއް ؟

ގިނަ ސިސްޓްތަކެއް ކިޑްނީގައި އުފެދިފައިވާނަމަ ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށާއި އެގޮތުްނ ކިޑްނީގެ ބަލިތައް ކަމުގައިވާ ޕޮލިސިސްޓިކް ކިޑްނީ ޑިޒީސް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތާއި ކިޑްނީގެ ސިއްހަތު ރަނގަޅު ޓިޝޫތައް ހަލާކު ކޮށްލުމުގެ ފުރުސަތު އޮންނަ ކަމުގައިވެސް ޑޮކްޓަރުން ބުނެ އެވެ.

ކިޑްނީގައި ސިސްޓް އުފެދުނަ ނުދިނުމަށް ކުރެވޭނީ ކޮން ކަމެއް ؟

އެމެރިކާގެ މަރީނާ ޑެލް ރޭ ހޮސްޕިޓަލުގެ ނެފްރޯލޮޖީ ޓީމުން ހާމަކޮށްފައިވާގޮތުގައި ކިޑްނީގައި ސިސްޓް އުފެދޭނަމަ އަމިއްލައަށް ކުރެވޭނެ މާ ބޮޑު ކަންތައްތަކެއް ނޯވެ އެވެ. އެހެންނަމަވެސް ތިމާގެ ދިރިއުޅުމުގެ އާދަތަކާއި ކެއުން ބުއިމުގެ ވައްޓަފާޅި ބައްޓަންކުރާ ގޮތަކުން ސިސްޓްތަކުން ސަލާމަތް ވެވިދާނެ ކަމަށް ބުނެފައި ވެ އެވެ.

  • އެގޮތުން ގިނައިން ފެނާއި ދިޔާ ތަކެތި ބުއިމާއި
  • ކާނާތައްޔާރު ކުރުމުގައި ލޮނު ރަހައަށް ސަމާލުވުމުންނާއި
  • އަސާރަ ކެއުމާއި، ކުޅިކޮށް ކެއުމާއި، ބޭސް ބޭނުންކޮށްގެން ހައްދާ މޭވާ އާއި ތަރުކާރު ނުކެއުމުން ، ކިޑްނީގައި ސިސްޓް އުފެދުމުން ދުރުކޮށްދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް