ގޭތެރޭގެ ސާފު ތާހިރު ކަމަށް ކޮންމެ މީހަކުވެސް ލޯބިކުރާނެ އެވެ. ގިނަ ބަޔަކު ގޭތެރޭގައި ބޭނުންކުރާ ކޮންމެ އެއްޗަކީވެސް ވަރަށް ސާފުތާހިރުކޮށް ގެންގުޅެންޖެހޭ އެއްޗެއްގެ ގޮތުގައި ޤަބޫލުކުރެއެވެ. އަލަށް އެއްޗެއް ބޭނުން ކުރުމުގެ ކުރިން އެކި ސައިބޯނި ބޭނުންކޮށްގެން ފަސް ފަހަރު ދޮވެލުމަށްފަހު އެއެއްޗެއް ބޭނުންކުރާއިރު، ބައެއް މީހުން އެންމެ ފަހަރަކު ދޮވެލުމަށްފަހުވެސް ބޭނުންކުރެއެވެ.
ދިރިއުޅޭތަން ސާފުތާހިރުކޮށް ބެހެއްޓުމަކީ ސިއްހީ ގޮތުންވެސް ފާއިދާކުރާނެ ކަމެކެވެ. ލޮލަށް ނުފެންނަ ވަރަށް ގިނަ ބެކްޓީރިއާ ތަކާއި ޖަރާސީމްތައް ގޭތެރޭގައި އުޅޭނެއެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި އިންޓެސްޓިނަލް ބެކްޓީއާރ ގޭތެރޭގައި ހުންނަނަމަ މީހާ ވަރަށް އަވަހަށް ބަލިވެ ތަފާތު ސިއްހީ މައްސަލަތަކާއި ކުރިމަތިވެއެވެ. އެގޮތުން ބޭރަށް ހިންގުން ދިމާވެ ގިނަގިނައިން ފާހަނާ ބޭނުންކުރަން ޖެހުމަކީ ސާފު ތާހިރު ކަމަށް ސަމާލުކަންދޭންވީ ކަމެކެވެ.
އެނދުގައި އަޅާފައި އޮންނަ ބެޑްޝީޓަކީ ކޮންމެ ހަފްތާއަކުން އެއް ފަހަރު ބަދަލު ކުރަންޖެހޭ އެއްޗަކަށް ވާންޖެހޭނެއެވެ. ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި ކޮޓަރީގައި ހުންނަ ބެކްޓީރިއާ، ފަންގަސް ފަދަ ތަކެތި އެންމެ އަވަހަށް ހަރުލާނީ ބެޑްޝީޓުގައެވެ. އަދި ނިދާއިރު ބޮލުގައި ހާކާފައި ހުންނަ ތަފާތު ޖެލްތަކުން ނިކުންނަ ތެލާއި، ބޮލުގައި ޑެންޑްރަފް ހުންނަ މީހުންގެ އިސްތަށިގަނޑުން ފާއިބާ ޑެންޑްރަފްގެ ސަބަބުން ހަމުގެ މައްސަލަތަކާއިވެސް ކުރިމަތިވެއެވެ. އެހެންކަމުން ކޮންމެ ހަފްތާކުން އެއްފަހަރު ހޫނު ފެނުން ބެޑްޝީޓް ދޮވެލަން ވާނެއެވެ. އަދި ކޮންމެ ދުވަހަކުވެސް ބެޑްޝީޓް ފޮޅާސާފުކޮށްލުމަށްފަހު ތަންމަތި އަޅަންވާނެއެވެ.
ބަދިގޭގައި ބޭނުންކުރާ ސިންކާއި، ފާހާނާގައި ބޭނުންކުރާ ސިންކަކީ އޭގައި އެންމެ ގިނަ އަދަދެއްގެ ބެކްޓީރިއާ ހަރުލާ އެއްތަނެވެ. ފާހާނާ ބޭނުންކުރުމަށްފަހު އަތް ދޮވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު އެއް ފަހަރު ސިންކު ސާފުކުރަން ވާނެއެވެ.
ސިޓިން ރޫމު ފަދަ ތަންތަނުގެ ރީތި ކަމާއި ސާފުތާހިރު ކަމަށް ބޭނުންކުރާ ރަގު ކޮންމެ ހަފްތާއަކު އެއްފަހަރު ވެކިއުމް ކުރަންޖެހޭއިރު ކޮންމެ ދެހަފްތާއިން އެއް ފަހަރު ތަށިމުށި ރީއްޗަށް ފެން ހޭކުމަށްފަހު ދޮވެ ސާފުކުރަންވާނެ އެވެ. ޖަރާސީމަކީ ވަރަށް އަވަހަށް އަށަގަންނަ އެއްޗަކަށްވާއިރު ބަލިން ރައްކާތެރިވުމަކީ އެމީހެއްގެ އަމިއްލަ ޒިންމާއެކެވެ.
އެނގޭތަ؟ ޖަރާސީމް އެންމެ ގިނައިން ހުންނަނީ ކޮންތާކު ކަން؟ ޖަރާސީމަކީ ލޮލަށް ނުފެންނަ އެއްޗަކަށްވާއިރު ޖަރާސީމް ހަބެއްގެ ގޮތުގައި ސައިންސްވެރިން ބުނަމުންދަނީ ފާހަނާއެވެ. އެހެންކަމުން ކޮންމެ ހަފްތާއަކު އެއް ފަހަރު ފާހަނާ ދޮވެ ސާފުކުރަން ސައިސްވެރިން ލަފާދެއެވެ.
މީގެ އިތުރުން ގެންގުޅޭ ތުވާއްޔަކީ އޭގެ ޒާތުގެ ގޮތުން ވަރަށް ގިނަ ޖަރާސީމް ހަރުލާނެ އެއްޗަކަށްވާއިރު ކޮޓަރި ސާފު ތާހިރުކޮށް ގެންގުޅޭ ނަމަ ތުވާލި ދޮންނަން ވަކި މުއްދަތެއް ނޯވެއެވެ. ތުވާލި ރަނގަޅަށް ހިއްކާފައި ބޭއްވުން މުހިއްމެވެ. ސަބަބަކީ ރަނގަޅަށް ފެން ނުހިކި އޮންނަ ނަމަ ޖަރާސީމް ވަރަށް ފަސޭހައިން ހަރުލާނެތީ އެވެ.
މިއީ ވަރަށް މުހިއްމު ވާހަކައެކެވެ. ކޮންމެ ގެއެއްގެ ބަދިގޭގައިވެސް ތަށިތައް ދޮވެ ސާފުކުރަން ސޮޕޮންޖް ގެންގުޅެއެވެ. އެހެންނަމަވެސް ސޮޕޮންޖްވެސް އެންމެ ރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ ހަފްތާ ނުވަތަ ދެހަފްތާއެއްހާ ދުވަހަށް ގެންގުޅެވިދާނެއެވެ. ސްޕޮންޖްގެ އެންމެ އިންޗިއެއްގައިވެސް އެތައް ބިލިއަން ބެކްޓީރިއަރ ހަރުލާފައި ހުންނައިރު މީގެ ތެރޭގައި ގިނަ ބެކްޓީރިއަރ ތަކަކީ އޭގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެ ބެކްޓީރިއާއެއް ކަމުގައި ނުވި ނަމަވެސް ސްޕޮންޖް ބާއްވަން ޖެހޭނީ ސާފުކޮށްފައެވެ. ސްޕޮންޖް ބޭނުންކުރާއިރު ސައިބޯނި ބޭނުންކޮށްގެން ދޮވެވުނު ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ދެ މިނިޓް ވަންދެން ހޫނު ފެނަށް ލުމަށްފަހު ދެ މިނިޓަށް އަވަނަށް ލުމެވެ. އަދި ކޮންމެ ދެހަފްތާއަކުން އެއް ފަހަރު ސޮޕޮންޖް ބަދަލުކޮށްލުންވެސް ރަނގަޅުވާނެ އެވެ.
މީގެ އިތުރުން ގެއަށް ޒިޔާރަތް ކުރާ މީހުންނާއި ގޭގައި އުޅޭ މީހުން އެންމެ ގިނައިން ބޭނުންކުރާނެ އެކައްޗަކަށްވާނީ ދޮރުގައި ހުންނަ ތަޅެވެ. މިއީ އެކެއްގެ އަތުގައި ހުންނަ ޖަރާސީމް އަނެއްކާގެ އަތަށް އެންމެ އަވަހަށް އަރާނެ އެއް ގޮތެވެ. އެހެން ކަމުން ހަފްތާއަކު އެއް ފަހަރު ފެންފޮތިން ދޮރުތަކުގެ ތަޅު ސާފުކޮށްލަންވާނެ އެވެ.
މިލިޔުމުގައި މިގޮތަށް ވަކި މުއްދަތުތަކެއް ކިޔައިދީފައިވީ ނަމަވެސް ރަނގަޅު ގޮތަކީ އަބަދުވެސް ކޮންމެ ދުވަހަކުވެސް ވީ ވަރަކުން ގޭތެރެ ސާފުކޮށް ބެލެހެއްޓުމެވެ. މިކަމުގެ ސަބަބުން ޖަރާމީސާއި ބެކްޓީރިއާއިން ޖެހޭ ބަލިތަކުން ދުރުހެލިވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް