ފެލިވަރުގައި ގާއިމްކުރި މަސްވެރިންގެ މެރީނާ ރައީސް ޔާމީން ހުޅުއްވައިދެއްވައިފި

ފެލިވަރުގައި ޤާއިމްކުރި މަސްވެރިންގެ މެރީނާ، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމް ‏މިއަދު މެންދުރު ހުޅުއްވައިދެއްވައިފިއެވެ. މި މެރީނާ ހުޅުއްވައިދެއްވުމަށްފަހު ރައީސް ޔާމީން ވިދާޅުވ...

11 Dec 2014 | 10:26

ފެލިވަރުގައި ޤާއިމްކުރި މަސްވެރިންގެ މެރީނާ، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމް ‏މިއަދު މެންދުރު ހުޅުއްވައިދެއްވައިފިއެވެ.

މި މެރީނާ ހުޅުއްވައިދެއްވުމަށްފަހު ރައީސް ޔާމީން ވިދާޅުވީ ‏މަސްވެރިންގެ މެރީނާއަކީ ‏‏މަސްވެރިންނަށް ފަސޭހަކަން ހޯދައިދިނުމަށް ސަރުކާރުގެ ‏‏މެނިފެސްޓޯގައި ހިމަނުއްވާފައިވާ ވަޢުދެއް ‏‏ފުއްދައިދިނުމަށްޓަކައި، ސަރުކާރުން ކުރެއްވެވި މަސައްކަތެއްކަމަށެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ‏‏ކުރިއެރުވުމަށް އެމަނިކުފާކުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަންތައްތައްތަކެއް ޙާސިލުވެގެންދާތަން ‏‏ފެނުމަކީ އެމަނިކުފާނު ނުހަނު އުފާފުޅުކުރައްވާކަމެއް ކަމުގައިވެސް ބަޔާންކުރެއްވިއެވެ. ‏މިގޮތުން، މިއަދު ‏‏ފެލިވަރުގައި ހުޅުވިގެންދިޔަ ރާއްޖޭގެ ފުރަތަމަ މަސްވެރިންގެ މެރީނާއަކީ، މަސްވެރިން ފެލިވަރަށް ‏‏އައިސް ބަނދަރުކުރުމުން އެތަކެއް ފަސޭހަތަކާއި، ތަފާތު ޚިދުމަތްތަކެއް ‏‏ލިބިގެންދާނެ ‏‏ވަޞީލަތެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ‏

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ސަރުކާރުގެ ހަކަތައާއި ހިތްވަރަކީ ‏‏ދިވެހި ޒުވާނުންކަމުގައި ސިފަކުރައްވަމުން، އެކި ސިނާޢަތްތަކުގައި ޒުވާން ފަންނުވެރިން ‏‏އުފެއްދެވުމަށް ސަރުކާރުން ދެއްވަވާ އިސްކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ‏‏މަސްވެރިންގެ މެރީނާ ހުޅުވިގެންދިއުމަކީ ‏މަސްވެރިކަމުގެ ސިނާޢަތަށް ދިވެހި ޒުވާނުން ‏‏ނެރުމަށްޓަކައި ‏‏ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ‏‏މަގުފަހިކޮށްދޭނެ ކަމެއްކަމުގައި އެމަނިކުފާނު ‏‏ފާހަގަކުރެއްވިއެވެ. މީގެއިތުރަށް، ޒުވާނުން މުނިފޫހިފިލުވުމަށާއި، މިދާއިރާއަށް ޝަޢުގުވެރިކަން ‏‏އިތުރުކޮށްދޭނެ ފަދަ އެތައްކަމެއް މި މެރީނާގައި އެކުލެވިގެންވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވިއެވެ.‏

ރައީސް ޔާމީން އިތުރަށް ވިދާޅުވީ މަސްނުބާނާ ދުވަސްތަކުގައި މަސްވެރިންގެ ‏‏އާއިލާތައް ބަލަހައްޓައިދޭނެ ރައްކާތެރި ‏‏ނިޒާމެއްގެ ޤާއިމްވެގެން މެނުވީ، ދެމެހެއްޓެނިވި ގޮތެއްގައި ‏‏މަސްވެރިކަމުގެ ސިނާޢަތު ކުރިއަށް ގެންދެވޭނެކަމަކަށް މިސަރުކާރުން ޤަބޫލުފުޅު ނުކުރައްވާކަމުގައި ‏‏ވިދާޅުވިއެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދެވަމުން، މަސްވެރިންނަށް ‏‏ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ތަޢާރަފުކޮށްފައިވާ '‏ބެޔަސް ‏‏ނުބެޔަސް'‏ މަސްވެރިންގެ އިންޝިއުރަންސް ސްކީމުގައި ދޯނިފަހަރު ރަޖިސްޓަރީކުރުމުގެ މަސައްކަތް ‏‏މެކުހަށް ޖެހުމަށް އިލްތިމާސްކުރެއްވިއެވެ. ‏

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް