ޔޫއެފާ ޗެމްޕިއަންސްލީގުގެ ގުރޫޕް ޖީގައި ރޭ ރޯމާ ބަލިކޮށް ޖެހިޖެހިގެން 2 ވަނަ ސީޒަނަށް މެންޗަސްޓަރ ސިޓީއިން ނޮކްއައުޓް ސްޓޭޖަށް ކޮލިފައިވެއްޖެއެވެ.
އިޓަލީގައި ކުޅުނު މެޗުން ދެޓީމަށްވެސް މޮޅަކަށް ބޭނުންވެފައިވީއިރު، މެޗުން ސިޓީ މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ ސިޓީއިން ޗެމްޕިއަންސް ލީގު މެޗެއްގައި އިޓަލީގައި މޮޅުވި ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރަތަމަ ހާފްގައި ޖާރވީނިއޯގެ ދުވެލި ވެފައިވަނީ ސިޓީއަށް ކުރިމަތިވި ނުރައްކަލަކަށެވެ. ދެޓީމުންވެސް ފުރަތަަމަ ހާފްގައި ނުރައްކާ ކުރިނަމަވެސް، ހާފް ނިންމާލަންޖެހުނީ 0-0 ގެ ނަތީޖާއަކުންނެވެ.
ސިޓީއިން މެޗަށް ނިކުތީ މުހިއްމު ގިނަ ކުޅުންތެރިންތަކަކާއި ނުލައެވެ. އެގޮތުން އަގުއޭރޯ އަދި ޔާޔާ ޓޯރޭގެ އިތުރުން ކޮމްޕަނީވެސް މެޗުގައި ކުޅެފައެއްނުވެއެވެ. ސިޓީއިން މެޗުގެ ފުރަތަމަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 60 ވަނަ މިނެޓުގައެވެ. ސިޓީގެ ގޯލް ކާމިޔާބުކޮށްދިނީ ސާމިރު ނަސްރީއެވެ.
ސިޓީއަށް 2 ވަނަ ގޯލާއެކު ޗެމްޕިއަންސްލީގުގެ ގަދަ 16 ޔަގީން ކޮށްދިނީ 86 ވަނަ މިނެޓުގައި ޒަބަލެޓާއެވެ.
މި ގްރޫޕްގެ އަނެތް މެޗުގައި ބަޔާރން އަދި ސީއެސްކޭ މޮސްކޯ ބައްދަލުކޮށް ބަޔާރން މޮޅުވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. ގްރޫޕް ސްޓޭޖް ނިމިފައިވާއިރު، މި ގުރޫޕްގެ 1 ވަނަ ޓީމެއްގެ ގޮތުގައި ނޮކްއައުޓަށް ދަތުރު ކޮށްފައިވަނީ ބަޔާރން މިއުނިކެވެ. ދެވަނަ ޓީމެއްގެ ގޮތުގައި ނޮކްއައުޓަށް ދިޔައީ މެންޗަސްޓަރ ސިޓީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް