ރައީސް މުއިއްޒު އާއި ސީޝެލްސްގެ ނައިބު ރައީސް -- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު، ސީޝެލްސްގެ ނައިބު ރައީސް ސަބަސްޓިއަން ޕިއްލޭއާއި ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުން އޮތީ ތުރުކީގެ އަންތާލިޔާގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ޔޫ.އެން.އެފް.ސީ.ސީ.ސީ ކޮޕް31) ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދެ ގައުމަށް ކުރަމުންދާ އަސަރުތައް ހިމެނެ އެވެ.
ދިވެހިރާއްޖެއާއި ސީޝެލްސްއަކީ ކުދި ޖަޒީރާ ގައުމުތަކަށް (SIDS) ބައިނަލްއަގުވާމީ މައިދާނުގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށާއި އެހީތެރިކަން އިތުރުކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރާ ދެ ގައުމެވެ.
ރައީސްގެ މި ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގެންނެވީ ރޭގެ ވަގުތެެއްގައި އެވެ. އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ދައުލަތުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ފަރާތުން، ޤައުމީ ބަޔާން އިއްވަވާނެއެވެ. އަދި މަތީ ފަންތީގެ އެކި ޙަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެހެން ޤައުމުތަކުގެ ވެރިންނާއެކު ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވެއެވެ.
ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ދުނިޔޭގެ ލީޑަރުންނާއި ޔޫ.އެން.އެފް.ސީ.ސީ.ސީގެ މެންބަރު ޤައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވާ ސަމިޓެކެވެ. މީގެއިތުރުން، އެންމެންގެ ބައިވެރިވުން އެކުލެވޭ ޖަމަޢީ މަސައްކަތްތަކެއް ކުރުމަށްޓަކައި ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، މޫސުމާ ބެހޭ ސައިންސްވެރިންނާއި، އަދި މަދަނީ ޖަމުޢިއްޔާތަކުން މި ބައްދަލުވުމުގައި އެ ފަރާތްތަކުގެ ތަޖުރިބާތަކާއި ހޯދުންތައް ޙިއްސާކުރާނެއެވެ.
މި ސަމިޓު ކުރިޔަށް ދަނީ މިމަހުގެ 10 ން 14 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް