ޖީއެސްޓީގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި

10 Nov 2026 | 22:48
ޖީއެސްޓީގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި

އެއް މިލިއަން ރުފިޔާއަށްވުރެ ގިނަ ޖީއެސްޓީ ނުދައްކައި ހުރި 25 ފަރާތެއްގެ މަޢުލޫމާތު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ( އިން މިއަދު ހާމަކޮށްފިއެވެ.

މީރާއިން މި ނަންތައް ޢާންމުކޮށްފައިވަނީ ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތައް ހާމަކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުންނެވެ. މި ލިސްޓުގައި ހިމެނެނީ 2024 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާއި ޑިސެމްބަރު 2024 އިން ޖޫން 2026 ގެ ނިޔަލަށް ޢާންމު ދާއިރާގެ ޖީއެސްޓީ ދައްކާފައި ނުވާ ފަރާތްތަކެވެ.

މީރާއިން ބުނީ ނަންތައް ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޤާނޫނުގައި ބަޔާންކޮށްފައިވާ އަދަބުތަކާއި އެޅޭނެ ފިޔަވަޅުތައް ސާފުކޮށްދީފައިވާ ކަމަށެވެ. އޭގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ވެސް އެ ކަން އެ ފަރާތްތަކަށް އެންގި ކަމަށް މީރާއިން ބުނެފައިވެއެވެ.

ދައުލަތަށް ލިބެންޖެހޭ ޓެކްސް ފައިސާ ހޯދުމަށްޓަކައި އެ އޮތޯރިޓީގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ކަނޑައެޅިފައިވާ އެހެނިހެން ފިޔަވަޅުތައް ވެސް ތަފާތުކުރުމެއް ނެތި އަޅަމުންދާނެ ކަމަށް މީރާއިން ބުނެފައިވެއެވެ. ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ބަޔާން ހުށަހެޅުމަށާއި ފައިސާ ދެއްކުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓް: https://www.mira.gov.mv/extended/NonCompliers  

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް