ފޮޓޯ: ހައްޖު ކޯޕަރޭޝަން
ހައްޖު ކޯޕަރޭޝަނުގައި މިހާރު ނަން ނޯޓުކުރާ ފަރާތްތަކަށް ހައްޖަށް ދެވޭނީ 17 އަހަރު ފަހުން 2043 ވަނަ އަހަރު ކަމަށް އެ ކޯޕަރޭޝަނުން މިރޭ ބުނެފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މާކެޓިން އެންޑް ޕީއާރު ހެޑް ޢަބްދުﷲ މުއާޒު ވިދާޅުވީ، ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ ގޮތަށް ޤާނޫނު ބަދަލުވި ނަމަވެސް ހައްޖު ކިޔޫގެ ތަރުތީބަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ޖާގަ ކަށަވަރުވާނީ ފައިސާ ދައްކާ ތަރުތީބުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ކިޔޫ ތަރުތީބަށް ބަލާއިރު މިހާރު ހައްޖަށް ދިޔުމުގެ ކިޔޫ ތަރުތީބުން ޖާގަ ލިބޭނީ 2043 ވަނަ އަހަރަށް ކަމަށް މުއާޒު ވިދާޅުވި އެވެ.
ރިޓަޔަމަންޓު ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ފަރުޟު ޙައްޖަށް ބޭނުންކުރެވޭ ގޮތަށް ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން ހެދި ގަވާއިދަށް ޢަމަލުކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޕެންޝަން އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި އުޞޫލުން ޖާގަ ހޯދުމަށް ޝަރުތަކީ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައި ނުވުމާއި ރިޓަޔަމަންޓު އެކައުންޓުގައި މަދުވެގެން 336,000 ރުފިޔާ ހުރުމެވެ. ބޯހިޔާވަހިކަމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ ނަމަ، އެ ޢަދަދު އުނިކޮށްފައި ވެސް 336,000 ރުފިޔާ ހުންނަން ޖެހެއެވެ.
މި އުޞޫލުން ޙައްޖަށް ދާން ބޭނުންވާ މެންބަރުން ފުރަތަމަ ހައްޖު ކޯޕަރޭޝަނަށް ދަތުރުގެ އަގުގެ 20 އިންސައްތަ ދެއްކުމަށް ފަހު، ބާކީ ބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން ތަރުތީބުން ޖާގަ ރިޒާވްކޮށްދެއެވެ. ޕެންޝަން އެކައުންޓުން ފައިސާ ވަގުތުން ނުކެނޑޭނެ ކަމަށާއި، ހައްޖު ކޯޕަރޭޝަނާ ފައިސާ ޙަވާލުކުރެވެންދެން އެ ފައިސާ އިންވެސްޓްކުރެވެމުންދާނެ ކަމަށް ޕެންޝަން އޮފީހުން ބުނެފައިވެއެވެ.
ސަޢޫދީ ސަރުކާރުން ރާއްޖެއަށް ކޮންމެ އަހަރަކު ދޫކުރަނީ 1,000 މީހުންގެ ހައްޖު ކޯޓާއެކެވެ. އެ ކޯޓާތަކަށް މީހުން ފޮނުުމުގެ ހުއްދަ މިހާޜު ހަމައެކަނި ދެނީ ހައްޖު ކޯޕަރޭޝަނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް