ގާނޫނުން ރައްޔިތުންނަށް ލިބިދޭ ޙައްޤުތައް ބޭނުންކުރެވޭނީ ވާޖިބުތަކާ އެކުގައި: އުޝާމް

10 Nov 2026 | 21:56
އަހުމަދު އުޝާމް -- ފޮޓޯ: ރައީސް އޮފީސް

އަހުމަދު އުޝާމް -- ފޮޓޯ: ރައީސް އޮފީސް

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އެހެން ފަރާތްތަކުގެ އަބުރު ނަގައިލުމަކީ ޤާނޫނުއަސާސީ ޖާގަ ދޭ ކަމެއް ނޫން ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ޢާންމުކުރި ވީޑިއޯ މެސެޖެއްގައި އުޝާމް ވިދާޅުވީ ޙައްޤުތަކާއި ވާޖިބުތަކަކީ އެއް ފައިސާ ފޮއްޗެއްގެ ދެ ފުށް ކަމަށެވެ. ޤާނޫނުއަސާސީގެ 67 ވަނަ މާއްދާ ބުނާ ގޮތުން ކޮންމެ ރައްޔިތަކަށް ލިބިދޭ ޙައްޤުތަކާ ވަކިނުކުރެވޭ ގޮތުގައި ވާޖިބުތައް ވެސް ލާޒިމުވެއެވެ. އޭގެ ތެރޭގައި ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތުމާއި، ދައުލަތުގެ މުދަލާއި ތިމާވެށި ޙިމާޔަތްކުރުމާއި، އެހެން މީހުންގެ ޙައްޤުތަކަށް ބެލުން ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ކޮންމެ މީހަކަށް ވެސް ދަތުރުފަތުރު ކުރުމުގެ ހައްގު ގާނޫނުއަސާސީން އެބަ ލިބިދޭ. ނަމަވެސް އެ މިނިވަންކަން ލިބިގަތުމުގައި އަނެކުންގެ ހައްގުތަކަށް ވެސް އިހްތިރާމްކޮށް ސަމާލުވާން ޖެހޭނެ. އާންމު ތަންތަން ބޭނުން ކުރުމުގައި ޒިންމާދާރުވާންޖެހޭނެ. ދަތުރުފަތުރުކުރުމުގައި އެހެން މީހުންނަށް ނުރައްކަލެއް ނުވާނެކަން މިއީ ކަށަވަރު ކުރަން ޖެހޭނެ ކަންކަން،" އުޝާމް ވިދާޅުވިއެވެ.

"ހަމަ އެގޮތަށް މުޒާހަރާކުރުމަކީ ވެސް ގާނޫނުއަސާސީން ލިބިދޭ ހައްގެއް ނަމަވެސް އެ ހައްގު ބޭނުން ކުރަން ޖެހޭނީ ސުލްހަވެރިކަމާ އެކު ގާނޫނުތަކަށް އިހްތިރާމްކޮށްގެން."

ވަރުގަދަ ޑިމޮކްރެޓިކް ނިޒާމެއް ބިނާވަނީ ހަމައެކަނި ޙައްޤުތަކުގެ މައްޗަކަށް ނޫން ކަމަށާއި، ކޮންމެ މީހަކު ވެސް ޒިންމާދާރުކަމާ އެކު ޙައްޤުތައް ބޭނުންކޮށް، އެކެއް އަނެކެއްގެ ވާޖިބުތައް ފުރިހަމަކުރުމަކީ އެ ނިޒާމުގެ ބައެއް ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ބަންޑާރަ ނައިބު މި ވާހަކަފުޅު ދެއްކެވިއިރު، ސަރުކާރުން ވަނީ އަބުރާ ބެހުން މަދަނީ ކުށަކަށް ހަދާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.

އެ ބިލުގެ ދަށުން ދޮގު މަޢުލޫމާތެއް ފެތުރުމުގެ ސަބަބުން މީހެއްގެ ޤަދަރަށް ގެއްލުން ލިބިއްޖެ ނަމަ، މާއްދީ ބަދަލުގެ އިތުރުން ފަސް ލައްކަ ރުފިޔާއާ ހަމައަށް މައުނަވީ ބަދަލު ވެސް ކޯޓު މެދުވެރިކޮށް ނެގޭނެއެވެ. ބިލުގައި ކުށުގެ ޖޫރިމަނާ ކަނޑައަޅާފައި އޮތީ 50,000 ރުފިޔާ އާއި 500,000 ރުފިޔާއާ ދެމެދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް