ޑްރޯންގައި ބޭސް އުފުލުމުގެ ޓެސްޓުތައް އަންނަ އަހަރު ފަސް ސަރަހައްދެއްގައި

10 Nov 2026 | 22:43
ސްޓޭޓް ފާމާގެ ބޭސް ގުދަން -- ފޮޓޯ: ދުވަސް

ސްޓޭޓް ފާމާގެ ބޭސް ގުދަން -- ފޮޓޯ: ދުވަސް

އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް އުފުލުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފަށާނެ ކަމަށް ދައުލަތުގެ ބޭސް ކުންފުނި ސްޓޭޓް ފާމާއިން ބުނެފި އެވެ.

މި ޕައިލެޓް ޕްރޮޖެކްޓު ފުރަތަމަ ކުރިޔަށް ގެންދަން ނިންމާފައިވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެވެ.

ސްޓޭޓް ފާމާގެ މައި ބޭސް ގުދަނުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު އަޙުމަދު އިމާދު ވިދާޅުވީ، ޑްރޯން ބޭނުންކޮށްގެން ބޭސް ޑެލިވަރީ ކުރުމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ. އޭނާ ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ޓެސްޓުތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އަދި ނަތީޖާއަށް ބެލުމަށްފަހު ރާއްޖޭގެ އިތުރު ސަރަހައްދަކަށް ރޭވުންތެރި ޕްލޭނެއްގެ ދަށުން ޑްރޯން ޚިދުމަތް ފުޅާކުރެވޭނެ ކަމަށް ވެސް އިމާދު ވިދާޅުވިއެވެ. ފުރަތަމަ މި ޓެސްޓުތައް ކުރަން ނިންމާފައިވާ ސަރަހައްދުތަކެއް އަދި ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން، ރައްޔިތުންނަށް ބޭސް ހޯދުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، ރަށްރަށުގެ ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން ޑޭޓާބޭސްއެއް ތައްޔާރުކުރުމުގެ މަސައްކަތް ސްޓޭޓް ފާމާއިން ކުރަމުންދާ ކަމަށް އިމާދު ވިދާޅުވިއެވެ. އެ ގޮތުން ބޭސް ހުރި މިންވަރާއި ތަން ޑިޖިޓަލްކޮށް ބެލޭނެ "ސިޓިޒިން ޕޯޓަލް" އެއް ނޮވެމްބަރު މަހުގެ ނިޔަލަށް ތައާރަފުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ޑްރޯން މެދުވެރިކޮށް ބޭސް ފޮނުވުމުގެ މަސައްކަތަކީ ރާއްޖެއަށް މުޅިން އާ ކަމެއް ނޫނެވެ. ސްވިޒަލޭންޑުގެ ރިޖިޓެކް ކުންފުންޏާ ގުޅިގެން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހުވަދު އަތޮޅަށް ބޭސް ފޮނުވުމުގެ ޤާބިލުކަން ހުރި ޑްރޯނެއް ތައާރަފުކޮށް، އިތުރު ސަރަހައްދުތަކަށް ޚިދުމަތް ފުޅާކުރާނެ ކަމަށް ސަރުކާރުން އެ ފަހަރު ވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް