ތެލަސީމިއާ ކެރިއަރުކަން އަންގައިދޭ ޑިޖިޓަލް ކާޑު ދޫކުރަން ފަށައިފި

10 Nov 2026 | 23:11
ތެލެސީމިއާ ސެންޓަރު -- ފޮޓޯ: ރައީސް އޮފީސް

ތެލެސީމިއާ ސެންޓަރު -- ފޮޓޯ: ރައީސް އޮފީސް

ކުރިން ޕްރިންޓްކޮށްގެން ދޫކުރަމުން އައި ތެލަސީމިއާ ކެރިއަރ ކާޑުގެ ބަދަލުގައި، ހަތް ބާވަތެއްގެ ސިފަ ހިމެނޭ ޑިޖިޓަލް ކާޑެއް މޯލްޑިވިއަން ބްލަޑް ސަރވިސަސް މެދުވެރިކޮށް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.

މި ޑިޖިޓަލް ކާޑަކީ ތެލަސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އަންގައިދޭ ކާޑެކެވެ. ކާޑުގެ ސައްހަކަން ކަށަވަރުކުރެވޭ ގޮތަށް ޚާއްސަ ކިއުއާރު ކޯޑެއް ވެސް އެ ކާޑުގައި ހިމެނިފައިވެއެވެ.

އެ ކޯޑު ސްކޭންކުރުމުން ތެލަސީމިއާ ކެރިއަރުންނަށް އާއިލާ ރޭވުމާ ގުޅޭ މުހިންމު އިރުޝާދުތަކާއި މައުލޫމާތު ލިބޭނެއެވެ. މިވަގުތު މި ކާޑު ފޯރުކޮށްދެމުން ދަނީ ވަޓްސް އެޕް އަދި އީމެއިލް މެދުވެރިކޮށެވެ.

ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނު (4/2012) ގެ ދަށުން ސްކްރީނިންގ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، ސަރުކާރުގެ ސިއްހީ މަރުކަޒެއްގައި ޑީއެންއޭ ލެބޯރެޓަރީއެއް ގާއިމުކޮށް، 8 ފެބްރުއަރީ 2026 އިން ފެށިގެން އެ ތަނުން ވަނީ ޚިދުމަތް ދޭން ފަށައިފައެވެ. ބައިނަލްއަގުވާމީ ސިއްހީ މިންގަނޑުތަކާ އެއްގޮތަށް ހީމޮގްލޯބިންގެ ގިނަ މިއުޓޭޝަންތައް ދެނެގަންނަ ޑީއެންއޭ ތަހުލީލުގެ ޚިދުމަތް ރާއްޖޭގައި ދެމުން ގެންދަނީ މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ދަށުން ހިންގާ މޯލްޑިވިއަން ބްލަޑް ސަރވިސަސް މެދުވެރިކޮށެވެ.

މިއީ މި ޚިދުމަތް ރާއްޖޭގައި ދޭ ފުރަތަމަ ފަހަރެވެ.

ލޭގެ ބަލިތަކަށް ޚާއްސަ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމުން، މި ދާއިރާގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް