އިޒްރޭލުގެ ޑޭކެއާ ސެންޓަރެއްގައި ތުއްތު ކުދިންތަކަކަށް ލާއިންސާނީ އަނިޔާދީ ނޭވާ ހާސްކުރި މައްސަލައެއް

10 Nov 2026 | 21:07
އިޒްރޭލުގެ ޑޭކެއާ ސެންޓަރެއްގެ ބޭރު - އެގައުމުގެ ވަރަށް ގިނަ މިގފަދަ ސެންޓަރުތަކުގައި ކުޑަކުދިންނަށް މިފަދަ އަނިޔާދޭ --

އިޒްރޭލުގެ ޑޭކެއާ ސެންޓަރެއްގެ ބޭރު - އެގައުމުގެ ވަރަށް ގިނަ މިގފަދަ ސެންޓަރުތަކުގައި ކުޑަކުދިންނަށް މިފަދަ އަނިޔާދޭ --

އިސްތިއުމާރީ އިޒްރޭލުގެ ހިފާފައިވާ ހުޅަނގު އައްސޭރީގެ އެރިއެލް އާބާދީގައި ހިންގި އަމިއްލަ ޑޭކެއާ ސެންޓަރެއްގައި އުމުރުން ހަ މަހާއި ތިން އަހަރާ ދެމެދުގެ 17 ތުއްތު ކުއްޖަކަށް 400 އަށް ވުރެ ގިނަ ފަހަރު އަނިޔާކުރި ކަމުގެ ދައުވާ ތިން އަންހެނެއްގެ މައްޗަށް އުފުލައިފިއެވެ.

ޖެރޫސަލެމް ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނޮވެމްބަރު އަށެއްގައި ލޮޑްގެ ސެންޓްރަލް ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅި ދައުވާގައި ހިމެނެނީ އެ ސެންޓަރުގެ ޑައިރެކްޓަރު ނެޓާލިއާ ކެސިލެވްސްކީ (37 އަހަރު) އާއި ދެ ކެއާގިވާ ކަމުގައިވާ ޑެރީނާ ހެލޫފާ (37 އަހަރު) އާއި އެނާ ޕެގެލްސްކީ (40 އަހަރު) އެވެ. ތުއްތު ކުދިންނަށް ދިގު މުއްދަތަކަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމަށް ބެލެވޭތީ ޝަރީޢަތް ނިމެންދެން ތިން މީހުން ވެސް ބަންދުގައި ބައިތިއްބައިދިނުމަށް ޕްރޮސެކިއުޓަރުން އެދިފައިވެއެވެ.

ދައުވާ ލިޔުމުގައިވާ ގޮތުން، މި ތިން އަންހެނުން ތުއްތު ކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ ތަފާތު އަނިޔާތައް ދީފައިވެއެވެ. އޭގެ ތެރޭގައި ކުދިންގެ އަނގައާއި ނޭފަތް އަތުން ނުވަތަ ކަރުދާހާއި ފޮތިން ބައްދައި ނޭވާ ހާސްކުރުން ހިމެނެއެވެ. ހަމައެއާއެކު ކުދިން ބާރަށް ހެލުވައި، ބޯ ގެންގޮސް ގޮދަޑިތަކުގައި ގިނަ އިރު ފިއްތައިގެން ގެންގުޅުނު ކަމަށް ދައުވާގައި ބުނެފައިވެއެވެ. ނޭވާ ނުލެވިގެން ކުދިން ތެޅިފޮޅި ރަތްވި ވަގުތު ވެސް އެ އަމަލު ހުއްޓައި ނުލި ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މީގެ އިތުރުން ބައެއް ކުދިން ބާރަށް ރަޖާގައި އޮޅައި އެއްވެސް ގުނަވަނެއް ހަރަކާތް ނުކުރެވޭ ގޮތަށް ބޭއްވުމަށް ފަހު ގަދަކަމުން ކާންދިން ކަމުގެ ތުހުމަތު ވެސް ހިމެނެއެވެ. ބައެއް ކުދިން ބެލެހެއްޓުމެއް ނެތި އަނދިރި، ބަންދު ކޮޓަރިއެއްގައި ގިނައިރު ބައިތިއްބާފައިވާ ކަމަށާއި، ކުދިން ރޮމުން ނިކުންނަން މަސައްކަތް ކުރިނަމަވެސް އެ ކޮޓަރިން ނެރެފައި ނުވާ ކަމަށް ދައުވާ ލިޔުމުގައިވެއެވެ. ޕްރޮސެކިއުޓަރުން ބުނެފައިވާ ގޮތުގައި ސެންޓަރުގައި ތިބި އެހެން ކުދިންގެ ކުރިމަތީގައި ތަކުރާރުކޮށް މި އަނިޔާތައް ހިންގީ ނަފްސާނީ ގެއްލުން ދިނުމުގެ ގޮތުންނެވެ. އަނިޔާ ލިބުނު ކުދިން ފެނިގެން ބައެއް ކުދިން ރޮއި، އެ ކުދިންގެ ގާތަށް ދިޔަ ކަމަށް ވެސް ބުނެފައިވެއެވެ.

މި ތިން މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޒިންމާ އުފުލާ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުޑަކުދިންނަށް އަނިޔާކުރުމާއި، ޖިސްމާނީ ގެއްލުން ދިނުމާއި، ބޮޑެތި ހާލަތްތަކުގައި ހަމަލާ ދިނުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް