ބޮޑު ހިޔާނާތާ ގުޅުން ހުރި އެމްއެމްޕީއާރުސީގެ މުއާމަލާތްތަކާ ގުޅޭގޮތުން ފޮރެންސިކް އޮޑިޓެއް ހެދުމަށް ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖެއިން ބޭރުގެ ކޮންސަލްޓަންސީ ފާރމެއް ކަމުގައިވާ ރުޑެލޮއިޓް ސިންގަޕޯރ އައްޔަންކޮށްފިއެވެ.
ޑެލޮއިޓް ސިންގަޕޯރ އަކީ އޮޓިޑް އަދި މާލީ ދާއިރާއިން 150 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯދާފައިވާ ކުންފުންޏެކެވެ.
ބޭންކުން ބުނެފައިވާގޮތުގައި ޑެލޮއިޓް ސިންގަޕޯރ އިން އެމް.އެމް.ޕީ.އާރ.ސީ އަދި އެސްއޯއެފް އާ ދެމުދު ހިނގާފައިވާ ހުރިހާ މުއާމަލާތްތަކާއި، ޓްރާންސެކްޝަންސް އަދި އެންޑޯރސް ކުރެވިގެން ދިޔަ ޗެކްތަކުގެ އިތުރުން މި މުޢާމަލާތްތައް ކުރެވުނު މުއްދަތުގައި ބޭންކުގެ ރިޕޯޓިންގ އަދި ކޮންޓްރޯލް ޕްރޮސީޖަރ ބަލާނެއެވެ. މީގެ އިތުރުން ބޭންކުގައި މިހާރު އަމަލު ކުރަމުންދާ ޕޮލިސީތަކާއި ޕްރޮސީޖަރތަކާ، ރިސްކް މެނޭޖް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި، ބޭންކުން އަމަލު ކުރަމުން އަންނަނީ ބައިނަލް އަގުވާމީ މިންގަޑުތަކާއި އެއްގޮތަށްތޯ ބަލައި މިނިވަން އޮޑިޓެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބޭންކުގެ މި ނިންމުމުން ދައްކުވައިދެނީ ދާދި ފަހުން އެކުލަވައިލެވުނު ބޭންކުގެ ބޯޑު އާއި އަލަށް އައްޔަން ކުރެވުނު ސީއީއޯގެ އަމާޒަކީ ބޭންކް އޮފް މޯލްޑިވްސް އަކީ އިތުބާރު ކުރެވޭ ނަޒާހަތްތެރިކަން އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓާނެ އިދާރާ އެއްކަން ޔަގީން ކޮށްދިނުން ކަމެވެ. މިއީ ބޭންކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކާ ކުރާ މަސައްކަތުގެ ތެރެއިން ކުރެވިގެންދާ އޮޓިޑެއް ކަމަށާއި މީގެ ތެރޭގައި ބޭންކުގެ ރިސްކް އަދި ކޮންޕްލައަންސް ޕޮލިސީތައް ބެލުމަށް އާ ޗީފް ރިސްކް އޮފިސާ އެއްވެސް އައްޔަން ކުރެވިގެންދާނެ ކަމުގައި ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ.
ބޭންކު އޮފް މޯލްޑިވްސްއިން ނުގަވައިދުން އަދި ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށް ތަކުރާރުކޮށް އެ ބޭންކުން އައީ ބުނަމުންނެވެ. އަދި މިހާތަނަށް ކޮށްފައިވާ ތަފާތު އޮޑިޓް ތަކުންވެސް ބޭންކުގެ އިހުމާލެއް އޮތްކަމަށް ފާހަގަކޮށްފައެއް ނުވާކަން އެ ބޭންކުން ފާހަގަކުރެއެވެ. އެމް.އެމް.ޕީ.އާރ.ސީ ގެ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދިޔުމާއެކު، ބޭންކާ އަދި ގުޅުންހުރި އެންމެހާ ފަރާތްތަކެއްގެ މަސްލަހަތަށް ބަލައި އެ ބޭންކުގެ ބޯޑުން ވަނީ އެމް.އެމް.ޕީ.އާރ.ސީ ގެ މުޢާމަލާތްތަކާ ގުޅޭ ގޮތުން ރާއްޖެއިން ބޭރުގެ މިނިވަން އިދާރާ އެއް މެދުވެރިކޮށް ތަހުގީގީ އޮޑިޓް އެއް ކުރިޔަށް ގެންދިއުމަށް ނިންމާފައި ކަން އެ ބޭންކުން ފާހަގަކުރެއެވެ.
"މިބޭންކުން ބޭނުންވަނީ ވީހާވެސް އަވަހަކަށް މިއޮޑިޓް ނިމި، ކުރިއަށްދާ ތަހްގީގުގައި ކަމާގުޅުންހުރި އިދާރާތަކަށް ފުރިހަމައަށް އެހީތެރިކަންދިނުމެވެ." ބޭންކް އޮފް މޯލްޑިވްސް އިން ބުނެފައިވެއެވެ.
ފޮރެންސިކް އޮޑިޓަކީ އެ އޮޑިޓެއްގައި ކުންފުންޏެއްގެ މާލީ ހިސާބުތަކާއި އެންޓްރީ ތައް ތަހުގީގު ކޮށް އިތުރަށް ހޯދާ ބަލައި ޝަރުއީ މަރުހަލާއެއްގައި ވަކާލާތު ކުރެވޭވަރަށް ހެއްކެއް ވާނަމަ އެ ހެއްކެއް ހޯދޭވަރުގެ އޮޑިޓެކެވެ. ފޮރެންސިކް އޮޑިޓިން އަކީ އެކައުންޓިން ދާއިރާގައި ވަކި ހާއްސަ ދާއިރާއެކެވެ. އެކައުންޓިން އަދި ކޮންސަލްޓެންސީގެ ބޮޑެތި ކުންފުނިތަކުގައި ފޮރެންސިކް އޮޑިޓިންއަށް ހާއްސަ ޑިޕާޓްމެންޓް ހުރެއެވެ. ފޮރިންސިކް އޮޑިޓިންގގައި ބައިވެރިވާ އެކައުންޓެންޓުންނާއި އޮޑިޓަރުންނަކީ އެކަމާއި ގުޅުން ހުރި ލީގަލް ފްރޭމްވޯކަށްވެސް ފަރިތަ ބައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް