މިއަދު ރާއްޖޭގައި ޖުމްހޫރީ ދުވަސް ފާހަގަކުރަމުން އަންނައިރު ރާއްޖޭގެ ރައްޔިތުންގެ ބާރުވެރިކަމަށާއި ޖުމްހޫރިއްޔަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިހެން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަޙުނިޔާ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކޮށް އެ ޕާޓީން ނެރެފައިވާ ބަޔާނެއްގަ އެވެ.
"ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުވެވަޑައިގަތް ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ބަޔަކު ބައިވެރިވެގެން ވައްޓާލުމަށްފަހު ރައްޔިތުންގެ ތާއީދު ނެތް ފަރާތްތަކެއް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންފައިވަނީ ޤާނޫނު އަސާސީއާއި ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލެއްވުމަށްފަހުގައިކަން ފާހަގަކުރަން، މިގޮތުން ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު ވެރިކަމާ ޙަވާލުވެވަޑައިގަތް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ރިޔާސީ އިންތިޚާބުން އެންމެ5% ވޯޓު ގެ ތާޢީދު ލިބިވަޑައިގަތް އިރު، މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގެންފައިވަނީ އެންމެ 25% ވޯޓުގެ ތާޢީދުކަން ފާހަގަކުރަން، އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފައިވަނީ ސްޕްރީމް ކޯޓާއި ފުލުހުން މެދުވެރިކޮށް ރިޔާސީ އިންތިޚާބުގެ ސައްޙަ ނަތީޖާ ޤާނޫނު އަސާސީއާ ޚިލާފަށް ބާތިލުކޮށް އަދި އިންތިޚާބުގެ އެކި ބުރުތައް ހުއްޓުވައި، މުޅި އިންތިޚާބު ޚަރާބުކުރެއްވުމަށްފަހުގައިކަން ފާހަގަކުރަން، މިގޮތުން ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވެރިކަމުގެ ހުވާކުރައްވައި މި ޖުމްހޫރިއްޔަތުގެ ވެރިކަމާ ޙަވާލުވެވަޑައިގެންފައިވަނީ ވެސް ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ތާރީޚު ފަހަނާޅައި ދިއަފަހުންކަން ފާހަގަކުރަން" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އިންތިޚާބުތައް ޚަރާބުކުރެއްވުމަށްފަހު ރައްޔިތުންގެ ތާޢީދު ނެތި ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ދެން ފެންނަންފެށި މަންޒަރަކީ ރާއްޖޭގެ ރައްޔިތުންގެ ބާރުވެރިކަން އިތުރަށް ކަނޑުވާލައި، ރާއްޖޭގެ ޖުމްހޫރިއްޔާ އެއްކޮށް ފަނާކުރެއްވުމުގެ މަސައްކަތްޕުޅުކަން ފާހަގަކުރާ ކަމަށެވެ. މިގޮތުން އިދިކޮޅު ސިޔާސީ ލީޑަރުން ނުޙައްޤުން ޖަލަށްލެއްވުމާއި، ސިޔާސީ ދަޢުވާތައްކުރެއްވުމާއި، އިދިކޮޅު ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގުމުގެ ޖާގަ ހަނިކުރެއްވުން ހިމެނޭ ކަމަށާއި އަދި އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ނުފުރެނީސް ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވުމާއި، ޤައުމުގައި ސުލްޙައާއި އަމާންކަމާއި ރައްކާތެރިކަމާއި އަދި ޢަދަލު އިންސާފު ޤާއިމުކޮށްދެވިފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ. ހަމަ އެފަދައިން އެއްދައުރުގެ މިހާތަނަށް ދެ ނައިބް ރައީސުން ވަކިކުރައްވައި، ދެ ޑިފެންސް މިނިސްޓަރުން ވަކިކުރައްވައި، އުއްތަމަ ފަނޑިޔާރާއި އަދި ސްޕރީމް ކޯޓުގެ އެހެން ފަނޑިޔާރަކު ވަކިކުރައްވައި، އޯޑިޓަރ ޖެނެރަލް ވަކިކުރައްވައި، ޕްރޮސިކިޔުޓަރ ޖެނެރަލް ވަކިކުރައްވާފައިވާކަން ފާހަގަކުރަމެވެ. އަދި މީގެ ތެރެއިން ބައެއް ބޭފުޅުން ޖަލަށްލައްވާފައިވާކަން ވެސް ފާހަގަކުރާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
"މި ޙަޤީޤައްތައް މިހެންހުރުމުގެ ސަބަބުން، ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމިން ދެއްވި ތަޤުރީރު ބިނާވެފައި ވަނީ ވެސް އެ ބޭފުޅާ ރައްޖޭގެ ރައްޔިތުންގެ ކުރިމަތީގައާއި މުޅި ދުނިޔޭގެ ކުރިމަތީގައި ޑިފެންސަށް ވެއްޓިވަޑައިގެންފައިވާކަމުގެ މައްޗަށްކަން ފާހަގަކުރަން، އަދި މީގެ ކުރިއެކޭ އެއްފަދައިން އެކި އެކި ބަލިތަކުގެ ނަން ގެންނަވައި ރާއްޖޭގެ ރައްޔިތުންނަށް ފުރައްސާރަކުރައްވާފައިވާކަން ފާހަގަކުރަން، މިގޮތުން މީގެ ކުރިން “އޯޓިޒަމް” އާ ގުޅުވައި ރައްޔިތުންނަށް ފުރައްސާރަކުރައްވާފައިވާއިރު، ރޭގައި ފުރައްސާރަކުރައްވާފައިވަނީ “ބައިޕޯލާ” އާ ގުޅުވައިގެންކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. މިއީ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅެއްގެ ފަރާތްޕުޅުން އިވުމަކަށް ރައްޔިތުން އެދޭ ޒާތުގެ ފެންވަރުގެ ވާހަކަފުޅެއް ނޫން" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ސަރުކާރަށް ދެ އަހަރު ފުރެމުންދާއިރު، އިޤްތިޞާދުގެ ވާހަކަފުޅު ދެއްކެވުން ފިޔަވައި އިޤްތިޞާދީ އެއްވެސް ތަރައްޤީއެއް ޤައުމަށް ގެނެވިފައިނުވާކަން ފާހަގަކުރާ ކަމަށެވެ. މިކަން މިހެން އޮތްއިރު، ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާކަން ވެސް ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށެވެ. އަދި ރާއްޖެއާއި އަވައްޓެރި ޤައުމުތަކާއި އެނޫންވެސް ދުނިޔޭގެ ފަރާތްތަކާ ގުޅުންކެނޑޭ ސިޔާސަތުތައް އިސްކުރައްވައި އެގުޅުންތައް ޚަރާބުކުރައްވަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށާއި މިކަންކަން މިހެން މެދުވެރިވާންޖެހުނު ސަބަބަކީ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ނާޤާބިލުކަމުންނާއި ރައްޔިތުންގެ ތާޢީދެއް ނެތި ވެރިކަމުގައި ހުންނެވުމުންކަމަށް ދެކޭ ކަމަށާއި އަދި މިގޮތުން މިޤައުމަށާއި ޖުމްހޫރިއްޔަތަށް ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ ސިދާ ރައީސް ޢަބްދުﷲ ޔާމިން ނަންގަވަން ޖެހިވަޑައިގަންނަވާނޭކަމަށް އެމްޑީޕީން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް